ހިޒްބުالله ގެ މުޖާހިދުންނާއި އިސްރާއީލު ސިފައިންނާ ދެމެދު ވަރުގަދަ ކުރިމަތިލުމެއް؛ އިސްރާއީލު ސިފައިންގެ އެކަކު މަރު
9 އޮކްޓޯބަރު 2026 | ހުކުރު 04:44ލުބުނާނުގައި ހިނގަމުންދާ ހަމަލާތައް ހުއްޓާލުމަށް އެކުލަވާލި އެއްބަސްވުމާ އިސްރާއީލުން ޚިލާފުވަމުންދާއިރު، މިދިޔަ މާރިޗު މަހުން ފެށިގެން ދިން ހަމަލާތަކުގައި 4,380 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައި. އެމެރިކާ މެދުވެރިވެގެން ސޮއިކުރި އެއްބަސްވުމުގެ ދަށުން ލުބުނާނުގެ ބިންތަކުން ފޭބުމަށް އިސްރާއީލުން އިންކާރު ކުރަމުންދާތީ، އެ ޤައުމުގެ ދެކުނުގެ ބޮޑު ސަރަހައްދެއް އަދިވެސް އޮތީ ޔަހޫދީންގެ އިސްތިއުމާރީ ބާރުގެ ދަށުގައި


ދެކުނު ލުބްނާންގައި ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ އިސްރާއީލުގެ ފައުޖުގެ ސިފައިންގެ މީހަކު، ބޯޑަރު ސަރަހައްދުގައި އަސްކަރީ ޓޭންކެއް މަރާމާތު ކުރަނީ | ރޮއިޓަރސް
ލުބްނާނާއި އިސްރާއީލު ސަރުކާރާ ދެމެދު އެކުލަވާލާފައިވާ އެއްބަސްވުމާ ޚިލާފަށް ލާއިންސާނީ ޖަރީމާތަކެއް ހިންގަމުން ދިޔަ އިސްރާއީލުގެ ސިފައިންނަށް އަމާޒުކޮށް ހިޒްބުالله ގެ މުޖާހިދުން ދިން ކަމަށް ބެލެވޭ ވަރުގަދަ ހަމަލާތަކެއްގައި އިސްރާއީލު ސިފައިންގެ އެކަކު މަރުވެއްޖެ އެވެ. ދެކުނު ލުބްނާންގައި ޖަރީމާތައް ހިންގަމުންދިޔަ އިސްރާއީލުގެ ސިފައިންނާއި ހިޒްބުالله ގެ މާހިދުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި އިސްރާއީލު ސިފައިންގެ އިތުރު ތިން މީހުން ޒަޚަމުވި ކަމަށް ވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ބުންޏެވެ.
ޒަޚަމުވި ސިފައިން ހަސްފަތާލަށް ގެންގޮސްފައިވާ ކަމަށް، އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. ނަމަވެސް، މި ކުރިމަތިލުންތައް ހިނގި ގޮތުގެ އިތުރު ތަފުސީލެއް އިސްރާއީލުގެ ފައުޖުން ހާމަކޮށްފައެއް ނުވެ އެވެ.
މާރިޗު މަހުގެ 2 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ލުބުނާނަށް ދެމުންދާ ނިރުބަވެރި ހަމަލާތަކުގައި 4،380 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ. އަދި, މި އުދުވާންތަކުގައި 12،410 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައިވާ ކަމަށް، ލުބުނާނުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވެ އެވެ.
އެމެރިކާގެ އިސްނެގުމުގެ މަތިން ބައިރޫތާއި ތެލް އަވީވާ ދެމެދު ޖޫން މަހުގެ 26 ވަނަ ދުވަހު ވޮޝިންގޓަންގައި ވަނީ، ޔަހޫދީ ސިފައިންގެ ލާއިންސާނީ ޖަރީމާތައް ހުއްޓައިލުމަށް "ނަމެއްގައި" އެއްބަސްވުމެއްގެ އޮނިގަނޑެއް އެކުލަވާލާ، ސޮއިކޮށްފަ އެވެ. މި ގޮތުން, ލުބުނާނުގެ ސަރަހައްދުތަކުން އިސްރާއީލް ސިފައިން މަރުހަލާތަކަކަށް ބަހާލައިގެން ފޭބުމަށާއި، އިސްރާއީލްގެ ފައުޖުތަކުން ހުސްކުރާ ސަރަހައްދުތަކުގައި ލުބުނާނުގެ އަސްކަރިއްޔާ ރުކުރުވާލުމަށް މި އެއްބަސްވުމުގައި ކަނޑައަޅާފައިވެ އެވެ.
މި އެއްބަސްވުން އޮތް ނަމަވެސް، އިސްރާއީލުން ދެކުނު ލުބުނާނަށް ދެމުންދާ ނިރުބަވެރި ހަމަލާތައް ހުއްޓާލާފައެއް ނުވެ އެވެ. އަދި، އެ ސަރަހައްދުން ފޭބުމަށް ވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ދަނީ އިންކާރު ކުރަމުންނެވެ. ދެކުނު ލުބްނާންގެ ބޮޑު ސަރަހައްދެއް އަދިވެސް އޮތީ އިސްތިއުމާރީ ސިފައިންގެ ބާރުގެ ދަށުގަ އެވެ. އޭގެ ތެރޭގައި މީގެ އެތައް އަހަރެއް ކުރިން އަތްގަދަ ކޮށްފައިވާ ބިންތަކާއި، މާރިޗު 2 ގެ ފަހުން އަރައި، ހިފާފައިވާ ބޮޑެތި ބިންތައް ހިމެނެ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











