މެދުކެނޑުމަކަށްފަހު އިރާގަށް އަލުން ޑޮލަރުގެ ނަގުދު ފައިސާ ފޮނުވަން އެމެރިކާއިން އެއްބަސްވެއްޖެ
27 ސެޕްޓެމްބަރު 2026 | އާދީއްތަ 07:12އިރާގުގެ ބޮޑުވަޒީރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ޑޮލަރުގެ ނަގުދު ފައިސާ ފޮނުވުމާ ގުޅޭގޮތުން އެއްބަސްވުމަކަށް އާދެވިފައިވާއިރު، މީގެ ސަބަބުން ބޭރު ފައިސާއަށް އޮތް ޑިމާންޑް ފުއްދުމަށް މަގުފަހިވާނެ. މި އެއްބަސްވުމަކަށް އާދެވުނީ ފައިސާގެ މުއާމަލާތްތައް ބެލެހެއްޓުން ހަރުދަނާކޮށް ޑިޖިޓަލް ނިޒާމަށް ބަދަލުވުމަށް އިރާގުން އެޅި ފިޔަވަޅުތަކާ ގުޅިގެން. ނަގުދު ފައިސާއަށް ބަރޯސާވާ އިރާގުގެ އިގްތިސާދަށް މި ޝިޕްމަންޓްތަކަކީ ވަރަށް މުހިންމު އެއްޗެއް


އިރާގުގެ ބޮޑުވަޒީރު ޢަލީ އަލް-ޒަޢިދީ އެމެރިކާގެ ނިއު ޔޯކުގައި ރައީސް ޑޮނަލްޑް ޓްރަމްޕާއި އެމެރިކާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވަނީ | އިރާގުގެ ބޮޑުވަޒީރުގެ އޮފީސް
މަސްތަކެއްގެ މެދުކެނޑުމަކަށް ފަހު، އިރާގަށް ޑޮލަރުގެ ނަގުދު ފައިސާ ފޮނުވުން އަލުން ފެށުމާ ގުޅޭގޮތުން ބަޣުދާދުން އެމެރިކާއާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އިރާގު ސަރުކާރުގެ ތަރުޖަމާނަކު ހޮނިހިރު ދުވަހު ވިދާޅުވެއްޖެ އެވެ.
އިރާގުގެ ރަސްމީ ނޫސް އޭޖެންސީއަށް މައުލޫމާތު ދެއްވަމުން ހައިދަރު އަލް-އަބޫދީ ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި މި އެއްބަސްވުމަކަށް އާދެވުނީ އެ ގައުމުގެ ބޮޑުވަޒީރު ޢަލީ ފާލިހް އަލް-ޒަޢިދީ އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައި ކަމަށެވެ. މި ޝިޕްމަންޓްތަކުގެ ސަބަބުން ބޭރު ފައިސާއަށް އިރާގުގެ އެތެރޭގެ ބާޒާރުގައި އޮތް ޑިމާންޑް ފުއްދުމަށް އެހީތެރިވެދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުރިއަށް އޮތް ދުވަސްތަކުގައި އާ ޝިޕްމަންޓެއް އަންނާނެ،" ފައިސާގެ އަދަދާއި އެ ތަކެތި ލިބޭނެ ވަކި ތާރީޚެއް ހާމަނުކުރައްވައި އަލް-އަބޫދީ ވިދާޅުވި އެވެ.
އިރާގުގެ އިގްތިސާދު މަޑުމަޑުން ޑިޖިޓަލް ނިޒާމަކަށް ބަދަލުވަމުން އަންނައިރު، މި އެއްބަސްވުމަކަށް އާދެވުނީ ޑޮލަރު ދޫކުރާ މިންވަރު ބެލެހެއްޓުން ހަރުދަނާކޮށް، ބޭރު ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށާއި، އިލެކްޓްރޯނިކް ޕޭމަންޓްތައް ފުޅާކުރުމަށް އިރާގުން އެޅި ފިޔަވަޅުތަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އީރާނުގެ މަދަދު ލިބޭ ހަތިޔާރުއެޅި ޖަމާއަތްތަކުގެ ނުފޫޒު ކުޑަކުރުމަށް ބަޣުދާދަށް ވޮޝިންގޓަނުން ޕްރެޝަރު ކުރަމުންދިޔަ ދަނޑިވަޅެއްގައި، އެމެރިކާއިން އިރާގަށް ޑޮލަރުގެ ނަގުދު ފައިސާ ފޮނުވުން މެދުކަނޑާލީ އެޕްރީލު މަހު އެވެ. އޭގެ ތެރޭގައި ގާތްގަނޑަކަށް 500 މިލިއަން ޑޮލަރުގެ ޝިޕްމަންޓެއް ވެސް ހިމެނެ އެވެ.
ޑޮލަރުގެ ޝިޕްމަންޓްތަކަކީ ނަގުދު ފައިސާއަށް ބޮޑަށް ބަރޯސާވާ އިރާގުގެ އިގްތިސާދަށް ވަކިން ޚާއްސަކޮށް މުހިންމު އެއްޗެއްގެ ގޮތުގައި އިގުތިސާދީ ދާއިރާގެ މާހިރުން ފާހަގަކުރެ އެވެ. ތެލުގެ ވިޔަފާރިން އިރާގަށް ލިބޭ ފައިސާއާއި އެ ގައުމުގެ ބޭރު ފައިސާގެ ރިޒާވް ބަަހައްޓަމުން ދަނީ އެމެރިކާގެ ނިއު ޔޯކްގައި ހުންނަ ފެޑެރަލް ރިޒާވް ބޭންކުގެ އެކައުންޓެއްގަ އެވެ. މިއީ، އެމެރިކާއިން ގެންގުޅޭ ނިއޯ-ކޮލޮނައިޒޭޝަންގެ ހީލަތްތެރި އުކުޅެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











