އަނިޔާވެރިކަމަށް ހިތްވަރުލިބޭ އެއްވެސް ވިޔަފާރި ގުޅުމެއް ނުބޭއްވުމަކީ ފަލަސްތީނުގެ ހައްގުގައި ދިވެހިން ދަމަހައްޓަންޖެހޭ ސާބިތު އުސޫލެއް: ޑރ. އިނާޒް
10 އޮކްޓޯބަރު 2026 | ހޮނިހިރު 04:55އިގުތިސާދީ ގުޅުންތަކުގެ އަސާސަކީ އިންސާނިއްޔަތުކަން ކަމަށްވާތީ، އަނިޔާވެރިކަމަށް ހިތްވަރުލިބޭ އެއްވެސް ވިޔަފާރީގެ ގުޅުމެއް ނުބޭއްވުމަކީ ދިވެހިންގެ ސާބިތު އުސޫލަކަށް ވާންޖެހޭނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. އަހުމަދު އިނާޒް ވިދާޅުވެއްޖެ. އިނާޒް މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއު ހަވާލުކުރި އީގަލް ހިލްސް ކުންފުނީގެ ވެރިޔާއާ އިސްރާއީލާ ގުޅުން އޮންނަ ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި


އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު ޑރ އަހުމަދު އިނާޒް | ސޯޝަލް މީޑިއާ
އަނިޔާވެރިކަމަށް ހިތްވަރުލިބޭ އެއްވެސް އިގުތިސާދީ އަދި ވިޔަފާރީގެ ގުޅުމެއް ނުބޭއްވުމަކީ، ފަލަސްތީނުގެ ހައްގުގައި ދިވެހިން އަބަދުވެސް ދަމަހައްޓަންޖެހޭ ސާބިތު އުސޫލެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. އަހުމަދު އިނާޒް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެބިނެޓުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި ޑރ. އިނާޒް މިހެން ވިދާޅުވީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ޑރ. އިނާޒް ވިދާޅުވީ، އިގުތިސާދީ ގުޅުންތަކުގެ އަސާސަކީ އިންސާނިއްޔަތުކަން ކަމަށެވެ. އަދި އިންސާނިއްޔަތުކަން ނެތިގެންދާ ހިނދު، އެފަދަ އެއްވެސް ގުޅުމެއް ބޭއްވުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، ފަލަސްތީނުގެ ބިމަށް އޮހޮރެމުންދާ ލެޔާއި، އެ ގައުމުގެ އަޚުންނާއި އުޚުތުން އުފުލަމުންދާ ނުހަނު ބޮޑު ވޭނާއި ކެކުޅުމަކީ މުޅި އިސްލާމީ އުންމަތަށާއި މުޅި އިންސާނިއްޔަތަށް ލިބެމުންދާ ވަރަށް ބޮޑު ހިތާމައެއް ކަމަށް ވެސް ޑރ. އިނާޒް ވިދާޅުވި އެވެ.
އިނާޒް މިފަދައިން ވިދާޅުވެފައި މިވަނީ، ރަސްމާލެއިން ބޮޑު ސަރަހައްދެއް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމާ ގުޅިގެން އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. ހާއްސަކޮށް، އެ ކުންފުނީގެ ވެރިޔާ މުޙައްމަދު އަލައްބާރަކީ އިސްރާއީލާ ގުޅުން އޮންނަ ފަރާތެއްކަން ހާމަވާ ފަދަ އިންޓަވިއުތަކެއް ސޯޝަލް މީޑިއާގައި އާންމުވެ، އެކަމާ ގުޅިގެން ރައްޔިތުންގެ ފާޑުކިޔުމާއި ނުރުހުން އޭނާއަށް ވަރަށް ބޮޑަށް އަމާޒުވެފައިވާ ވަގުތެއްގަ އެވެ.
މި ފަހުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އިންޓަވިއުއެއްގައި އަލައްބާރު ވިދާޅުވީ، ޣައްޒާ އަލުން އާރާސްތުކުރުމާ ބެހޭގޮތުން އެއްވެސް ފަރާތަކުން އޭނާއާ މަޝްވަރާކޮށްފައިނުވާ ކަމަށެވެ. އަދި އޭނާ ގަބޫލުކުރާ ފަލްސަފާއަކީ ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.











