ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!
9 އޮކްޓޯބަރު 2026 | ހުކުރު 17:11ޣައްޒާ އާރާސްތުކުރުމުގައި އެމާރް ކުންފުނީގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށާއި، އެ ސަރަހައްދު ސުންނާފަތިކުރުމުގެ ޒިންމާ އުފުލަންޖެހޭނީ އެކަން ކުރި ބަޔަކު ކަމަށް އީގަލް ހިލްސްގެ ވެރިޔާ މުޙައްމަދު އަލައްބާރު ވިދާޅުވި. އޭނާގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ ވިޔަފާރިން ބިލިއަނުން ފައިދާ ހޯދައި ހިއްސާދާރުންނަށް މަންފާ ހޯދައިދިނުން ކަމަށް ވިދާޅުވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައި


އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު | ސޯޝަލް މީޑިއާ
ޣައްޒާ ސުންނާފަތިކޮށް، އެތަނުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށާއި، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ވިޔަފާރިތަކުން ފައިދާ ހޯދުމަށް ކަމަށް ވިދާޅުވެ، ރަސްމާލެ މަޝްރޫއުގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ މުޙައްމަދު އަލައްބާރު ދެއްކެވި ވާހަކަތަކާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން އޭނާއަށް އަމާޒުވެއްޖެ އެވެ.
އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު، އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އެ ސަރަހައްދު އަލުން އާރާސްތުކުރުމުގެ މަސައްކަތުގައި އެ ކުންފުނީގެ އެއްވެސް ބައިވެރިވުމެއް ނެތްކަން ހާމަކުރައްވައި ދެއްކެވި ވާހަކަތައް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އިންޓަވިއުއެއްގައި އަލައްބާރު ވިދާޅުވީ، ޣައްޒާ އަލުން އާރާސްތުކުރުމާ ބެހޭގޮތުން އެއްވެސް ފަރާތަކުން އޭނާއާ މަޝްވަރާކޮށްފައި ނުވާ ކަމަށެވެ. އަދި އޭނާ ގަބޫލުކުރާ ފަލްސަފާއަކީ ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. މިސާލެއްގެ ގޮތުން އޭނާގެ މައިންބަފައިން ދީފައިވާ ނަސޭހަތް ހިއްސާކުރައްވަމުން ވިދާޅުވީ، ތިމާ ނިދާ އެނދު ރީތިކުރުމާއި ކެއުމަށްފަހު ތަށި ދޮވުމަކީ ވެސް އަމިއްލަ ޒިންމާއެއް ކަމަށެވެ.
ޣައްޒާ އަލުން އާރާސްތުކުރުމުގެ ބޮޑު ބައެއްގެ ޒިންމާ އިސްރާއީލުން އުފުލަންޖެހޭނެތޯ ސުވާލުކުރުމުން އަލައްބާރު ވިދާޅުވީ، މި ހުރިހާ ހަމަނުޖެހުމެއްގެ ތެރޭގައި ހިމެނޭ ފަރާތްތަކުން، އެކަމުގެ ސަބަބުން ލިބުނު ގެއްލުންތައް އިއާދަކުރުމުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށެވެ. ނަމަވެސް އިންސާނީ ގޮތުން އެހީތެރިކަމަކަށް އެދިއްޖެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ތަފާތު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމާރް ކުންފުނިން މި މަސައްކަތުގައި ބައިވެރިނުވާނެކަން ސާފުކޮށްދެއްވަމުން އަލައްބާރު ވިދާޅުވީ، ޣައްޒާ ސުންނާފަތި ކުރުމަކީ އޭނާ ކުރި ކަމެއް ނޫން ކަމަށާއި، އެ ހާލަތު މެދުވެރިވުމުގައި އެމާރްގެ އެއްވެސް ދައުރެއް ނެތް ކަމަށެވެ. އޭނާގެ މިހާރުގެ މައިގަނޑު އަމާޒަކީ އެމެރިކާއާއި އެހެނިހެން ގައުމުތަކުގެ ބޮޑެތި ވިޔަފާރިވެރިން ފަދައިން ބިލިއަނުން ފައިދާ ހޯދައި، ކުންފުނީގެ ހިއްސާދާރުންނަށް މަންފާ ހޯދައިދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
މި ވަގުތު އޭނާ ހުރީ އެ މަސައްކަތުގައި ވަރަށް ބޮޑަށް މަޝްއޫލުވެގެން ކަމަށާއި، ވިޔަފާރީގެ ފައިދާ އިތުރުކުރުމަކީ މިވަގުތުގެ އެންމެ އިސް އަމާޒު ކަމަށް ވެސް އަލައްބާރު ވަނީ ވިދާޅުވެފަ އެވެ.
އަލައްބާރުގެ މިވާހަކަތަކަށް ނުރުހުން ފާޅުކޮށް ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވަނީ މިއަދު ދެކެމުން މިދަނީ އިންސާނިއްޔަތުކަމެއް ނެތް، އިންތިހާ ދަރަޖައިގެ ކެޕިޓަލިޒަމްގެ ނުބައި ނަތީޖާ ކަމަށެވެ. މުދަލާއި ފައިސާއަށް ކުރާ ދަހިވެތިކަމުގެ ސަބަބުން އެންމެން މިދަނީ ހަލާކުވަމުން ކަމަށެވެ. ވިޔަފާރީގެ ބޮޑެތި މަހުޖަނުންގެ ބަސްމަގާއި ވިސްނުން ހުންނަ ގޮތުން، އިންސާނީ ކަރާމާތަށްވުރެ އެމީހުންނަށް މުހިންމީ މާލީ މަންފާކަން ވަރަށް ބޮޑަށް ހާމަވާ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.
އަލައްބާރުގެ އެ ވާހަކަތަކަށް ރައްދު ދެމުން މީހަކު ބުފައިވަނީ، އޭނާގެ އަޑު އިވުމުން އުނދަގޫތަކެއް އިހުސާސްވާއިރު، އޭނާގެ ރާގާއި ބޮޑާކަމުގެ ސަބަބުން އެކަން އިތުރަށް ގޯސްވާ ކަމަށެވެ.
މި އިންޓަވިއުއިން ފެނިގެންދިޔައީ އޭނާ އިންސާފަށް ފުރަގަސްދީ، އިސްރާއީލުގެ އަނިޔާވެރިކަން ދިފާއުކުރަން މަސައްކަތްކުރި މަންޒަރު ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ޣައްޒާއަށް ދީފައިވާ ބޮޑެތި ގެއްލުންތަކުގެ ޒިންމާ އިސްރާއީލުން ނަގަންޖެހޭނެތޯ އިންޓަވިއުކުރި ފަރާތުން ސުވާލުކުރުމުން، އަލްއައްބާރު ވަނީ ސީދާ ޖަވާބެއް ނުދެއްވާ، މައުޟޫއު އޮޅުވާލަން މަސައްކަތްކުރައްވާފައި ކަމަށް ވެސް މީހަކު ލިޔެފައިވެ އެވެ. "އާނއެކެވެ، އިސްރާއީލުން އެކަން ކުރަންޖެހޭނެ އެވެ" ބުނުމުގެ ބަދަލުގައި، އޭނާ ވަނީ އެ ސުވާލު އޮޅުވާލާފައި ކަމަށެވެ. އަދި ޣައްޒާ އަލުން އާބާދުކުރަންޖެހޭނީ އިސްރާއީލުން ކަމަށް ބުނަން އޭނާ ވަނީ ކަނޑައެޅިގެން އިންކާރުކުރައްވާފައި ކަމަށާއި، މިއީ ހަމަބުއްދި ހުރި ކޮންމެ އިންސާނަކު ވެސް ކަންބޮޑުވާނެ ކަމެއް ކަމަށެވެ.
ޝުޢޫރު ފާޅުކުރި ފަރާތުން ސުވާލު އުފައްދަމުން ބުނެފައިވަނީ، "މުޙައްމަދު އަލްއައްބާރެވެ! ތިބާ އެކަމަށް އިންކާރުކުރުމުގެ މާނައަކީ ކޮބައިހެއްޔެވެ؟ ޣައްޒާގެ ކުށެއްނެތް ރައްޔިތުން، އެމީހުންގެ ވަޒަން އަމިއްލައަށް އަލުން އާރާސްތުކުރަން ޖެހޭނެ ކަމަށް ހެއްޔެވެ؟ އިސްރާއީލުގެ އަނިޔާވެރި ބޮންއެޅުންތަކާއި ހަނގުރާމައިގެ ޖަރީމާތަކުގެ ސަބަބުން ސުންނާފަތިވެފައިވާ ޣައްޒާގެ މި ހިތާމަވެރި ހާލަތަކީ އިސްރާއީލުގެ ސަބަބުން ދިމާވި ކަމެއް ނޫން ކަމަށާއި، އެއީ އެ ރައްޔިތުން އަމިއްލައަށް ކުރިމަތިކުރުވި ހާލަތެއް ކަމަށް ތިބާ ދެކެނީ ހެއްޔެވެ؟"
މިއަށްވުރެ ވެސް މުހިންމު ސުވާލަކީ، މުސްލިމް ބިލިއަނަރެއްގެ ގޮތުގައި ހުންނަވާ ތިބާ އަދާކުރައްވާ ދައުރާ މެދުގަ އެވެ. ޚަބަރުތަކުން އެނގޭ ގޮތުގައި އިސްރާއީލުގެ ހޮސްޕިޓަލްތަކަށާއި އެމީހުންގެ ކާބޯތަކެއްޗަށް އެހީތެރިކަން ފޯރުކޮށްދިންއިރު، އަނިޔާ ލިބެމުންދާ ޣައްޒާގެ އަޚުންނާއި އުޚުތުންނަށް އެހީވުމުގައި ތިބާގެ އެއްވެސް ހިއްސާއެއް ނެތީ ހެއްޔެވެ؟ އެމީހާ ސުވާލުކޮށްފައިވެ އެވެ.
ރަސްމާލޭގެ ބޮޑު ސަރަހައްދެއް 99 އަހަރަށް އީގަލް ހިލްސް އަށް ދިން މައްސަލާގައި އެތައްބަޔަކު ދަނީ މި އަޑިނޭނގޭ ޑީލުގެ ތަފްސީލުތައް ހާމަކުރުމަށް ގޮވާލަމުންނެވެ.











