ރަސްމާލޭގެ މަޝްރޫއަކީ "ދިވެހީންގެ ރާއްޖެ" ނޫން ގޮތަކަށް މުޅި ގައުމު ބަދަލުކުރަން ފަށާފައިވާ ސިލްސިލާގެ ފުރަތަމަ ބޮޅު: މެންބަރު މީކާއީލް
9 އޮކްޓޯބަރު 2026 | ހުކުރު 07:15ރަސްމާލޭގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދިގު މުއްދަތަކަށް ދޫކުރި މައްސަލައިގައި ސަރުކާރުން ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ ކަމަށް މެންބަރު މީކާއީލް ވިދާޅުވި. ވިޔަފާރި ކުންފުނިތަކުން ފައިދާ އިސްކުރި ނަމަވެސް، ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާއި މިހާރު ފެންނަނީ ވެފައިވާ ވައުދުތަކާ ދިމާ އިދިކޮޅަށް ކަންކަން ހިނގަމުންދާ މަންޒަރު ކަމަށް އޭނާ ފާހަގަކުރެއްވި


ދިވެހީންގެ ބިން ދިވެހީންނަށް ޚާއްސަ ކަވަރޭޖްގައި ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ
ރަސްމާލޭގެ ބޮޑު ބައެއް 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދީފައިވާ ކަމަށް ބުނާ މައްސަލައިގައި ސަރުކާރު ޖަވާބުދާރީވާންޖެހޭ ކަމަށާއި، މިހާރު ފެންނަމުންދަނީ "ދިވެހީންގެ ރާއްޖެ" ނޫން ގޮތަކަށް މުޅި ގައުމު ބަދަލުކުރަން ފަށާފައިވާ ސިލްސިލާގެ ފުރަތަމަ ބޮޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
"ދިވެހީންގެ ބިން ދިވެހީންނަށް" ޚާއްސަ ކަވަރޭޖުގައި ވާހަކަދައްކަވަމުން މެންބަރު މީކާއީލް ވިދާޅުވީ، އެ އެއްބަސްވުމުގައި ހުރި ޝަރުތުތަކާއި ތަފްސީލުތައް ސަރުކާރުން ރައްޔިތުންނަށް ސާފުކޮށް ހާމަކޮށްދޭންޖެހޭ ކަމަށެވެ. އަދި ބޭރުގެ ކުންފުންޏަކަށް އެއްޗެއް ބުނުމުގެ ކުރިން، ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީވާން ޖެހޭނީ ދިވެހި ސަރުކާރު ކަމަށް މެންބަރު މީކާއީލް ވިދާޅުވި އެވެ.
މެންބަރު މީކާއީލް ވިދާޅުވީ ދިވެހި ރައްޔިތުން އިންތިޚާބުކުރީ އީގަލް ހިލްސް ކުންފުންޏެއް ނޫން ކަމަށާއި، މިވަގުތު ވެރިކަން ކުރަމުންދަނީ ޕީއެންސީގެ ސަރުކާރުން ކަމަށްވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. އަދި ވިޔަފާރި ކުންފުނިތަކުން އަބަދުވެސް ބަލާނީ އެންމެ ބޮޑު ފައިދާއެއް ހޯދޭނެ ގޮތްތައް ބެލުމަށް ކަމަށާއި، އެފަދަ ކަންކަމުން ރައްޔިތުންގެ މަސްލަހަތު ރައްކާތެރިކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ ގައުމުގެ އިންޓްރެސްޓް ގެއްލޭނެ އެއްވެސްކަމެއް ނުކުރާނެކަމުގެ އެ ޔަގީންކަމާއެކު ނެގޯސިއޭޝަންތަކަށް ދިވެހި ސަރުކާރުގެ ފަރާތުން ބަޔަކު އިތުބާރުކޮށް އަޅުގަނޑުމެން އިންތިޚާބުކޮށް މި ފޮނުވަނީ އެ ވައުދާ އެކު. އެހެންނަމަވެސް އަޅުގަނޑުމެންނަށް މިހާރު މި ފެންނަނީ އިނގޭތޯ، އޭގެ ދިމާ އިދިކޮޅަށް. ދިވެހީންގެ ރާއްޖެއޭ ކިޔައިގެން އައި ބަޔަކު، ހަމަ ދިވެހީންގެ ރާއްޖެ ނޫން ގޮތަކަށް މުޅި ގައުމު ބަދަލުކުރަން ފަށާފައިވާ މި ސިލްސިލާ ބޮޅުތަކެއްގެ އެންމެ ފުރަތަމަ ބޮޅު އަޅުގަނޑުމެންނަށް މި ފެންނަނީމީކާއީލް އަހުމަދު ނަސީމް
މީގެއިތުރުން، ގައުމުގެ މަސްލަހަތު ގެއްލޭނެ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަމާ އެކު ރައްޔިތުން ވެރިކަމަށް ބަޔަކު އިންތިޚާބުކުރި ނަމަވެސް، މިއަދު ފެންނަމުންދަނީ ވެފައިވާ ވައުދުތަކާ ދިމާ އިދިކޮޅަށް ކަންކަން ހިނގަމުންދާ މަންޒަރު ކަމަށްވެސް މެންބަރު މީކާއީލް ވިދާޅުވި އެވެ.










