ލިބޭހާ ޑޮލަރެއް ރަސްމާލެ އަށް ޚަރަދުކުރުމަށްފަހު މިހާރު އެތަނުން ބައެއް އެ ވިއްކާލީ ރައްޔިތުންނަށް ތަފްސީލެއް ވެސް ނުދީ: ރިޔާޒް
9 އޮކްޓޯބަރު 2026 | ހުކުރު 12:54ބަޖެޓުގައި އަންދާޒާކުރި މިންވަރަށް ބޭރުގެ އެހީ ނުލިބުމާއި، ރުފިޔާ އިތުރުކޮށް ޑޮލަރުގެ އާމްދަނީ ރަސްމާލެ މަޝްރޫއަށް ހުސްކުރާތީ އިގުތިސާދީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާ ކަމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ރިޔާޒް މަންސޫރު ވިދާޅުވެއްޖެ. ސަރުކާރުގެ ނާގާބިލު ސިޔާސަތުތަކުގެ ސަބަބުން މާކެޓުގައި ޑޮލަރު މަދުވެ، ރަސްމާލެއިން ބޮޑު ބައެއް ބޭރު ބަޔަކަށް ވިއްކާލީ ދިވެހިންނަށް ފައިދާނުވާ ގޮތަށް ކަމަށް އޭނާ ފާހަގަކުރެއްވި


އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ރިޔާޒް މަންސޫރު | ރާއްޖެއެމްވީ
މިއީ ނާގާބިލު ސަރުކާރެއް ކަމަށާއި ލިބޭހާ ޑޮލަރެއް ރަސްމާލެ މަޝްރޫއަށް ޚަރަދުކުރުމަށް ފަހު އެތަނުގެ ބޮޑު ބައެއް ބޭރު ބަޔަކަށް ސަރުކާރުން ވިއްކާލީ އެއްވެސް ތަފްސީލެއް ނުދީ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ރިޔާޒް މަންސޫރު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރިޔާޒް ވިދާޅުވީ އެއްވެސް ފަރާތަކުން މި ސަރުކާރަކަށް ފައިސާ އެއް ނުދޭ ކަމަށެވެ. މި ސަރުކާރުން ބަޖެޓުގައި 600 މިލިއަން ނުވަތަ 900 މިލިއަން ބޭރުން ހޯދާނެ ކަމަށް ޖެހި ނަމަވެސް އެ ފައިސާ ނުލިބޭ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
އޭގެ ސަބަބުން ޑޮލަރުގެ ސަޕްލައި އަށް ދަތިތައް ކުރިމަތިވަމުންދާ ކަމަށާއި މިދިޔަ ދެ އަހަރު ވެސް އަންދާޒާ ކުރި މިންވަރަށް ފައިސާ ނުލިބޭ ކަމަށެވެ.
އަޅުގަނޑު ހަނދާންވާ ގޮތުން މިދިޔަ 2 އަހަރު، 2026 އާއި 2025 އާ އެ ބޭފުޅުން ބަޖެޓުގަ ޖެހި އަދަދާ އަޅާބަލާއިރު ހަމަގައިމު ވެސް 1 ބިލިއަނެއް ވަރު ޑޮލަރު ނުލިބުނު. އެއީ މާކެޓުގައި އަސްލު އަންދާޒާ ކުރެވުނު ގޮތުން އެނބުރެން ޖެހޭނެ ފައިސާ. ލިބިފައި ހުންނަން ޖެހޭނެ ފައިސާ. އެކަމު އެއެއް ނެތް. އެހެންވީމާ ޑޮލަރު މަދުވާނެ ނޫންތޯ. ދެން އެކަމާ ހެދި ދެން މި ސަރުކާރުން ކަންތައް ކުރާ ގޮތް އަދި މާ ގޯސް. ޑޮލަރު ނުލިބުނީމާ ސަރުކާރުން މި ކުރާ ކަމަކީ ދިވެހި ބޭންކުން ނުވަތަ އެހެން މުއައްސަސާއަކުން ވިޔަސް ރުފިޔާ އިން ފައިސާ މި ނަގަނީ. ނަގައިގެން ޚަރަދު ކުރަނީ. އެހެންވީމާ ޑޮލަރު މަދުވަނީ. ރުފިޔާ ގިނަ މި ވަނީ. ވަރަށް ބޮޑު އިމްބެލެންސް އެއް އެބަ އުފެދޭ. ސީދާ މި ސަރުކާރުގެ ނާގާބިލު ކަމުން. ސީދާ މި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުންރިޔާޒް މަންސޫރު
ރިޔާޒް ވިދާޅުވީ އޭގެ އިތުރުން ޑޮލަރުން ލިބޭ އާމްދަނީ ދަނީ ކޮންތާކަށް ތޯ ވެސް ބަލަން ޖެހޭ ކަމަށެވެ. އެ ފައިސާއަށް ވާގޮތެއް ނޭނގޭ ކަމަށާއި، ޕީއެސްއައިޕީ މަޝްރޫއުތަކަށް ވެސް މި ސަރުކާރުން ފައިސާ ޚަރަދުނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ލިބޭހާ ޑޮލަރެއް މި ސަރުކާރުން ޚަރަދުކުރަމުން ދަނީ ރަސްމާލެ މަޝްރޫއަށް ކަމަށާއި އެންމެ ފަހުން އެތަނުން ވެސް ބޮޑު ބައެއް ދިވެހީންނަށް ފައިދާނުވާ ގޮތަށް ވިއްކާލާފައިވާ ކަމަށެވެ.
އެކަމުގެ އެއްވެސް ތަފްސީލެއް ވެސް ސަރުކާރުން ހާމަނުކުރާއިރު މި ހުރިހާ ކަމަކުން ވެސް ހާމަވަނީ މި ސަރުކާރުގެ ސިޔާސަތުތައް ގޯސް ކަން ކަމަށާއި މި ސަރުކާރުގެ ނާގާބިލުކަން ކަމަށް ރިޔާޒް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.











