އީރާނުގައި ހަނގުރާމައިގެ ކުށްތައް ހިންގާފައިވާކަމަށް އެމެރިކާއަށް ކުރެވުނު ތުހުމަތާއެކު ހިއުމަން ރައިޓްސް ކައުންސިލުން އެމެރިކާ ވަކިވެއްޖެ
18 ސެޕްޓެމްބަރު 2026 | ހުކުރު 16:50އީރާނުގެ އާންމުންނަށް އަމާޒުކޮށް އެމެރިކާ ސިފައިން ދިން ހަމަލާތަކަކީ ހަނގުރާމައިގެ ކުށްތަކެއް ކަމަށް އދ. އިން ތުހުމަތުކުރުމާ ގުޅިގެން، އެމެރިކާއިން ހިއުމަން ރައިޓްސް ކައުންސިލުން ވަކިވެއްޖެ. އާންމުންގެ ގިނަ ބަޔަކު މަރުވި މި ހަމަލާތަކުގައި ބޭނުންކުރި ހަތިޔާރަކީ އެމެރިކާގެ އުފެއްދުމެއްކަން ހާމަވެފައިވީ ނަމަވެސް، ވޮޝިންޓަނުން ވަނީ އެ ތަހުގީގީ ރިޕޯޓުގެ ސައްހަކަމާ މެދު ސުވާލު އުފައްދައި އެކަން ދޮގުކޮށްފައި

އދ. ގެ ހިއުމަން ރައިޓްސް ކައުންސިލް (އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަން) ގެ ބައްދަލުވުމެއް ކުރިއަށްދަނީ | ގެޓީ އިމޭޖަސް
އީރާނުގައި އާންމުން ދިރިއުޅޭ ދެ ސަރަހައްދަކަށް އެމެރިކާގެ ސިފައިން ދިން ހަމަލާތަކެއްގައި ހަނގުރާމައިގެ ކުށްތަކެއް ހިންގާފައިވާ ކަމަށް ބެލެވޭ "އެކަށީގެންވާ ސަބަބުތަކެއް" އެބަހުރި ކަމަށް އދ. ގެ ފެކްޓް-ފައިންޑިން މިޝަނަކުން ހާމަކުރިތާ 24 ގަޑިއިރު ނުވަނީސް، އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުން އެމެރިކާ ރަސްމީކޮށް ވަކިވެއްޖެ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އިއުލާންކޮށްފައިވާ ގޮތުގައި، ވޮޝިންޓަނުން ވަނީ އެ ކައުންސިލްގެ މެންބަރުކަމާއި ކައުންސިލްގެ ހަރަކާތްތަކުގައި ބައިވެރިވުން ނިމުމަކަށް ގެނެސްފަ އެވެ. އެމެރިކާ ސަރުކާރުން އެ ކައުންސިލަށް ތުހުމަތުކޮށްފައިވަނީ، އެއީ "އެމެރިކާއާ ދެކޮޅު ވާހަކަތައް" ފެތުރުމަށް ހިތްވަރުދޭ އަދި އަމިއްލަ ރައްޔިތުންނަށް އަނިޔާވެރިވާ ކަމަށް ތުހުމަތުކުރެވޭ ސަރުކާރުތަކާ މެދު މާ ބޮޑަށް ދޫދޭ އިދާރާއެއްގެ ގޮތުގަ އެވެ.
އެމެރިކާއިން މި ނިންމުން ނިންމާފައިވަނީ ޖެނީވާގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ފެށިގެން ކުރިއަށްދާ ހިއުމަން ރައިޓްސް ކައުންސިލްގެ 63 ވަނަ އާންމު ސެޝަންގެ ތެރެއިންނެވެ. މި ސެޝަން އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
އދ. ގެ ކައުންސިލުން ވަކިވާން އެމެރިކާއިން ނިންމީ، 2026 ވަނަ އަހަރުގެ ފެބްރުއަރީ 28 ގައި އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ޓެރަރިސްޓް ހަނގުރާމައިގައި އެ ގައުމުގެ އަމަލުތައް ހުރި ގޮތް ބެލުމަށްފަހު، އީރާނާ ބެހޭ މިނިވަން ބައިނަލްއަގުވާމީ ފެކްޓް-ފައިންޑިން މިޝަނުން ނެރުނު ރިޕޯޓަކާ ގުޅިގެންނެވެ.
އދ. ގެ ތާއީދާއެކު މި މައްސަލަ ތަހުގީގުކުރި ފަރާތްތަކުން ބުނެފައިވަނީ، އީރާނުގެ އާންމުންނާއި އާންމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް އެމެރިކާ ސިފައިން ދިން ދެ ހަމަލާއަކީ، ވަކި އަމާޒެއް ނެތި ދީފައިވާ ހަމަލާތަކެއް ކަމަށް ބެލެވޭ "އެކަށީގެންވާ ސަބަބުތަކެއް" އެބަހުރި ކަމަށެވެ.
މީގެ ތެރެއިން އެއް ހާދިސާއަކީ އީރާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ މިނާބްގައި ހުންނަ "ޝަޖަރޭ ތައްޔިބާ" ޕްރައިމަރީ ސްކޫލަށް ޓޮމަހޯކް މިސައިލުން ދިން ހަމަލާ އެވެ.
މި ހަމަލާގައި 160 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 120 އެއްހާ ކުޑަކުދިން ހިމެނެ އެވެ.
އެ މިޝަނުން ބުނި ގޮތުގައި އެ ސްކޫލަކީ އާންމުން ބޭނުންކުރާ ތަނެއްކަން ވަރަށް ސާފުކޮށް އެނގެން ހުރި ތަނެކެވެ. އަދި ހަމަލާދިން ވަގުތު އެތަނަކީ އަސްކަރީ ބޭނުމަކަށް ބޭނުންކުރަމުންދިޔަ ތަނެއް ކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށްވެސް ރިޕޯޓުގައިވެ އެވެ.
ތަހުގީގު ކުރި ފަރާތްތަކުން ފާހަގަކުރި ގޮތުގައި، ސްކޫލްގެ ބޯޑުތަކާއި، ކުޑަކުދިންނާ ގުޅޭ ކުރެހުންތަކާއި، ކުޅޭ ސަރަހައްދުތައް ހުރުމުން އެއީ ކުޑަކުދިން ކިޔަވާ ތަނެއްކަން ވަރަށް ސާފުކޮށް އެނގެން އޮތެވެ.
އެހެންކަމުން، އެ ތަނަށް ހަމަލާދިނުމުގެ ކުރިން އެއީ އަސްކަރީ އަމާޒެއްތޯ ކަށަވަރުކުރުމަށް އެމެރިކާއިން އަޅަންޖެހޭ އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް އެ މިޝަނުން ވަނީ ނިންމާފަ އެވެ.
ދެވަނަ ހާދިސާ ހިނގާފައިވަނީ ފާރްސް ޕްރޮވިންސްގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ލާމެރްދުގަ އެވެ. އެ ސިޓީގެ ކުޅިވަރު ކޮމްޕްލެކްސްއަކަށާއި މީހުން ދިރިއުޅޭ ސަރަހައްދަކަށް އެމެރިކާއިން ދިން ހަމަލާ އދ. ގެ މިޝަނުން ވަނީ ދިރާސާކޮށްފަ އެވެ.
އެމެރިކާއިން ބޭނުންކުރި ޕްރެސިޝަން ސްޓްރައިކް މިސައިލްތަކުން އެ ސަރަހައްދަށް "ޓަންގްސްޓަން ޕެލެޓްސް" (ކުދި ދަގަނޑު ބޯޅަތަކެއް) ބުރައިގެން ގޮސް، އާންމުންގެ 22 މީހަކު މަރުވެ، މީހުން ދިރިއުޅޭ އިމާރާތްތަކަށާއި ކުޅިވަރު ކޮމްޕްލެކްސްއަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
ތަހުގީގު ކުރި ފަރާތްތަކުން ނިންމާފައިވަނީ، މި ހަމަލާއަކީ ވެސް ވަކި އަމާޒެއް ނެތި ދީފައިވާ ހަމަލާއެއް ކަމަށާއި، މިއީ ހަނގުރާމައިގެ ކުށެއް ކަމަށެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މި ހަމަލާ ދީފައިވަނީ އާންމުންގެ ތަނަކަށް ގެއްލުން ލިބިދާނެ ފަދަ ބޮޑު ނުރައްކަލެއް އޮތްކަން އެނގި ތިބެ އެވެ. އެހެންކަމުން މިއީ ހަމައެކަނި އިހުމާލެއްގެ ގޮތުގައި ބެލެވެން ނެތް ކަމަށްވެސް ރިޕޯޓުގައިވެ އެވެ.
ނަމަވެސް، ވޮޝިންޓަނުން ވަނީ މި ހޯދުންތަކަށް ފާޅުގައި އިންކާރުކޮށްފަ އެވެ. ވައިޓް ހައުސްއާއި ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ވަޒަންކުރުންތައް ބަލައިނުގަނެ، އެ ހޯދުންތަކުގެ އިތުބާރާ މެދު ސުވާލު އުފައްދާފަ އެވެ.
މީގެ އިތުރުން، އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ، އދ. ގެ މިޝަނުން ބެލި ތާރީޚުގައި ލާމެރްދުއަށް އެމެރިކާ ސިފައިން އެއްވެސް ހަމަލާއެއް ދީފައިނުވާނެ ކަމަށް ބުނެ އެކަން ދޮގުކޮށްފަ އެވެ.
އެހެންނަމަވެސް، އީރާނުގެ ދެކުނުގެ އެ ސިޓީއަށާއި ލާމެރްދުގެ "ޝަހީދު ނައިމީ" ސްޕޯޓްސް ކޮމްޕްލެކްސް ސަރަހައްދަށް ވެއްޓިފައިވާ މިސައިލްތަކުގެ ބައިތަކުން ފެންނަން ހުރި ނިޝާންތަކަކީ، އާންމުންގެ ފުރާނައަށާއި ހަނގުރާމައިގެ ގާނޫނުތަކަށް އެމެރިކާއިން އެއްވެސް އިހުތިރާމެއް ނުކުރާކަން ހާމަކޮށްދޭ އެންމެ ސާފު ހެކިތަކެވެ.
މި ހަމަލާގައި ބޭނުންކުރި ހަތިޔާރަކީ، އެ އުފެއްދި ލޮކްހީޑް މާޓިން ކުންފުނިން ބުނާ ގޮތުގައި، ދުރު ރާސްތާއަށް ދަތުރުކުރާ، އަމާޒަށް ވަރަށް ސައްހަ ހަތިޔާރެކެވެ. އަދި އެމެރިކާގެ އަސްކަރިއްޔާއިން މީގެ ކުރިން ވަނީ، "ތާރީޚީ ފުރަތަމަ ފަހަރަށް" އީރާނުގައި ޕްރެސިޝަން ސްޓްރައިކް މިސައިލް (PrSM) ބޭނުންކޮށްފައިވާ ކަމަށް އިއުލާންކޮށްފަ އެވެ.
މިނިވަން ހަތިޔާރުގެ މާހިރުން ވެސް ވަނީ ލާމެރްދުއަށް ދިން ހަމަލާގައި ބޭނުންކުރި ހަތިޔާރުގެ ސިފަތަކާއި އެމެރިކާގެ މިސައިލާ ގުޅުމެއް ހުރި ކަމަށް ބުނެފަ އެވެ.
"ދަ ނިއު ޔޯކް ޓައިމްސް" އަށް މައުލޫމާތު ދިން އެމެރިކާގެ އޮފިޝަލަކު ކަށަވަރުކޮށްދީފައިވާ ގޮތުގައި، އެ ހަމަލާގައި ބޭނުންކޮށްފައިވަނީ PrSM މިސައިލެވެ. އަދި މިއީ ހަނގުރާމައިގެ މައިދާނުގައި އެ ހަތިޔާރު ޓެސްޓުކުރި ފުރަތަމަ ފަހަރެވެ.
އެއާވޯސް (Airwars) އާއި، ހަތިޔާރުގެ މާހިރުންނާއި، ނޫސްވެރިން ވަނީ އެ ހަމަލާގެ ވީޑިއޯތަކާއި ލިބިފައިވާ ގެއްލުންތައް ދިރާސާކޮށްފައެވެ. އެ ދިރާސާތަކުން ދައްކާ ގޮތުގައި، ވައިގެ ތެރޭގައި ގޮވުމާއި ގިނަ އަދަދެއްގެ "ޓަންގްސްޓަން ޕެލެޓްސް" ބުރައިގެން ދިއުން ފަދަ ކަންކަމަކީ އެމެރިކާގެ އެ މިސައިލްގެ ސިފަތަކާ ދިމާވާ ކަންކަމެވެ.
މި ދިރާސާއިން އެނގުނު ގޮތުގައި، މިސައިލް ގޮވި ތަނުން ފެށިގެން 50 މީޓަރު ދުރުގައި ތިބި އާންމުން ވެސް ވަނީ މަރުވެފަ އެވެ. އަދި އޭގެ ގެއްލުންތައް އެއަށްވުރެ މާ ދުރަށް ފޯރާފައިވެ އެވެ.
ވޮޝިންޓަނުން މީގެ ކުރިން ވެސް ވަނީ އދ. ގެ ބައެއް އިދާރާތަކުން ވަކިވުމަށް އަމުރުކޮށްފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިނުލާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ.











