ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށަށް ވަރުގަދަ ހަމަލާތަކެއް، އަށް މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއް
7 އޮކްޓޯބަރު 2026 | ބުދަ 08:51ރަޝިޔާއިން 130 އަށްވުރެ ގިނަ ޑްރޯނާއި މިސައިލް ބޭނުންކޮށްގެން ޔޫކްރެއިންގެ އަސްކަރީ ސިނާއީ މަރުކަޒުތަކަށާއި އާންމުން ދިރިއުޅޭ އިމާރާތްތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި. މި ހަމަލާތަކުގައި ގިނަ ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ޔޫކްރެއިންގެ ވައިގެ ދިފާއީ ނިޒާމުން ވަނީ ގިނަ އަދަދެއްގެ މިސައިލްތައް ވައްޓާލާފައި


ޔޫކްރެއިންގެ ކީވްއަށް ރަޝިޔާއިން ދެމުންދާ ހަމަލާތަކުގެ ތެރެއިން މިސައިލެއް އަރައި އާންމުންގެ ކާރުތައް ބަހައްޓާ ގަރާޖުތަކަކަށް ލިބިފައިވާ ގެއްލުންތައް، އެ ސަރަހައްދުގައި ހުރި މީހަކު ބަލަނީ. | ރޮއިޓަރސް
ބުދަ ދުވަހު ރަޝިޔާއިން ޔޫކްރެއިންއަށް ގިނަ އަދަދެއްގެ ޑްރޯން އަދި މިސައިލް ބޭނުންކޮށްގެން ދިން ހަމަލާތަކެއްގައި އަށް މީހުން މަރުވެއްޖެ އެވެ. މި ހަމަލާތަކުގައި މީހުން ދިރިއުޅޭ އިމާރާތްތަކަށާއި، ސިނާއީ ކާރުޚާނާތަކުގެ އިތުރުން އުމްރާނީ ބިނާތަކަށް ގެއްލުންވެފައިވާ ކަމަށް ޔޫކްރެއިންގެ އޮފިޝަލުން ބުންޏެވެ.
ވެރިރަށް ކީވްގައި ދެ މީހަކު މަރުވެފައިވާއިރު، އުތުރުގެ ސަހަރެއް ކަމަށްވާ ޕްރީލޫކީގައި ހަތަރު މީހަކު އަދި މެދުތެރޭގެ ޕޮލްތަވާ ސަރަހައްދުގައި ދެ މީހަކު މަރުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުންޏެވެ. "ޔޫކްރެއިންއަށް އަނެއްކާ ވެސް މި ވަނީ މުޅި ރޭގަނޑު ރަޝިޔާގެ މިސައިލް ހަމަލާތައް އަމާޒުވެފައި،" ޓެލެގްރާމް އެޕް މެދުވެރިކޮށް ޔޫކްރެއިންގެ ޕާލަމެންޓަރީ ކޮމިޝަނަރ ފޯ ހިއުމަން ރައިޓްސް، ޑިމިޓްރޯ ލުބިނެޓްސް ވިދާޅުވި އެވެ.
ނިދިން މަހުރޫމުވި އިތުރު ރެއެއް
"ނިދިން މަހުރޫމުވި އިތުރު ރެއެއް، އަދި ޓެރަރިޒަމްގެ އިތުރު އަމަލެއް، މި ހުރިހާ ކަމަކާ އެކުގައި ވެސް މީހުންނަށް މަޖުބޫރުވަނީ އެ މީހުންގެ މަސައްކަތު ދުވަސް ރާވަން،" ލުބިނެޓްސް ވިދާޅުވި އެވެ.
ރަޝިޔާއިން 130 ޑްރޯނާއި 48 ކްރޫޒް މިސައިލްގެ އިތުރުން ބެލިސްޓިކް މިސައިލްތައް ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމަށް ޔޫކްރެއިންގެ ވައިގެ ސިފައިން ބުންޏެވެ. އަދި, ވައިގެ ދިފާއީ ނިޒާމުތަކުން 161 މިސައިލެއް ވައްޓާލާފައިވާ ކަމަށް ވެސް ޔޫކްރެއިން ސިފައިން ބުންޏެވެ.
ރަޝިޔާގެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ ޔޫކްރެއިންގެ މެދުތެރޭގައިވާ ކީވް އަދި ޕޮލްތަވާއަށާއި، އިރުދެކުނުގައިވާ ދްނިޕްރޯޕެތުރޮވްސްކް ސަރަހައްދުގެ އިތުރުން އިރުއުތުރުގައިވާ ޚަރްކީވްއަށް ކަމަށް ޔޫކްރެއިންގެ ވައިގެ ސިފައިން ބުންޏެވެ.
މަތީ ފެންވަރުގެ ސީދާ އަމާޒަށް ވާސިލްވާ އެއްގަމާއި ކަނޑު އަދި ވައިގެ ހަތިޔާރާއި ޑްރޯން ބޭނުންކޮށްގެން، ކީވްއާއި ޔޫކްރެއިންގެ އެހެނިހެން ސަރަހައްދުތަކުގައިވާ އަސްކަރީ ސިނާއީ މަރުކަޒުތަކަށް "ވަރުގަދަ ހަމަލާއެއް" ދީފައިވާނެ ކަމަށް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުންޏެވެ. މި ހަމަލާތަކުގެ އަމާޒުތަކުގެ ތެރޭގައި ޔޫކްރެއިންގެ ދިފާޢީ ކުންފުންޏެއް ކަމަށްވާ ފަޔަރ ޕޮއިންޓުން ފްލެމިންގޯ މަރުކާގެ ކްރޫޒް މިސައިލާއި މެދު އަދި ދުރު-ރާސްތާގެ ޑްރޯން އުފައްދައި ރައްކާކުރާ ކީވްގެ މަރުކަޒުތަކުގެ އިތުރުން ކީވް، ޗެރްނިހިވް، ކިރޮވޮހްރަދް، ދްނިޕްރޯޕެތުރޮވްސްކް، ޕޮލްތަވާ އަދި ޚަރްކީވް ފަދަ ސަރަހައްދުތައް ހިމެނޭ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
ޔޫކްރެއިންގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ، އަދި ފަޔަރ ޕޮއިންޓުން އުފައްދާފައިވާ ފުރަތަމަ ބެލިސްޓިކް މިސައިލް ހަނގުރާމައިގެ މައިދާނުގައި ބޭނުންކޮށްފައިވާ ކަމަށް ރައީސް ވޮލޮދެމީރް ޒެލެންސްކީ ފާއިތުވި ހަފްތާގައި ވިދާޅުވި އެވެ. މޮސްކޯއާ ހަމައަށް ފޯރާނެ ކަމަށް އެ ކުންފުނިން ބުނާ، ދުރު-ރާސްތާގެ އެފްޕީ-9 މިސައިލް، މި އަހަރުގެ ފަހުކޮޅު އެ ކުންފުނިން ތައްޔާރުކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.
އެޕާޓްމަންޓް އިމާރާތަކަށް މިސައިލް ހަމަލާއެއް
އުތުރުގެ ޗެރްނިހިވް ސަރަހައްދުގައި އޮންނަ ޕްރީލޫކީގައި، މީހުން ދިރިއުޅޭ ފަސް ބުރީގެ އިމާރާތަކަށް ރަޝިޔާގެ މިސައިލެއް އަރާފައިވާ ކަމަށް ސަރަހައްދީ އިދާރާތަކުން ބުންޏެވެ. މަދުވެގެން ހަތަރު މީހަކު އެ ވަގުތު މަރުވެފައިވާއިރު އިތުރު 20 މީހަކަށް އަނިޔާވެފައިވާ ކަމަށާއި، އަދި އިމާރާތުގެ ފުރާޅުދަށުގައި އިތުރު ބަޔަކު ތާށިވެފައި ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުންޏެވެ. އިމާރާތުގެ ބައިތަކުގެ ދަށުން މީހުން ސަލާމަތްކުރާ މަންޒަރު ވީޑިއޯތަކުން ފެންނެވެ.
ޔޫކްރެއިންގެ އޮފިޝަލުންނާއި އަސްކަރީ ޖާސޫސީ އިދާރާތަކުން ކުރިއަށް އޮތް ހަމަލާތަކުގެ އިންޒާރު ދިނުމާއެކު، ކީވްގެ ގިނަ ރައްޔިތުން ވަނީ ސިޓީގެ ބިމުއަޑީގައިވާ މެޓްރޯ ސްޓޭޝަންތަކުގައި ރައްކާތެރިކަން ހޯދާފަ އެވެ. ރޭގަނޑުގެ ވަގުތުގައި ބާރުގަދަ އެތައް ގޮވުންތަކެއްގެ އަޑު ވެރިރަށުގެ ތެރޭގައި ގުގުމާފައިވާ ކަމަށް ރޮއިޓަރސްއަށް މައުލޫމާތުދިން މީހުން ބުންޏެވެ.
"މެޓްރޯ މާ ރަނގަޅު، ސަބަބަކީ އަޅުގަނޑުމެން ދިރިއުޅެނީ އުސް އިމާރާތެއްގެ 9 ވަނަ ބުރީގައި ކަމަށް ވުމުން، އަދި, 9 ވަނަ ބުރީގައި ހުންނައިރު މިސައިލްތައް އަންނަ ތަން ފެނުމަކީ ވަރަށް ބިރުވެރި ކަމެއް،" ކީވްގައި ދިރިއުޅޭ އުމުރުން 49 އަހަރުގެ މީހަކު ބުންޏެވެ.
ޑްރޯންތަކުގެ އިތުރުން ރަޝިޔާގެ ބެލިސްޓިކް މިސައިލްތައް ވެސް ކީވްއަށް އަމާޒުކޮށްފައިވާ ކަމަށް ޔޫކްރެއިންގެ އޮފިޝަލުން ބުންޏެވެ. މަސްތަކެއް ވަންދެން ޔޫކްރެއިންއަށް ވައިގެ ދިފާޢީ ނިޒާމުގެ ބޮޑު ދަތިކަމަކާ ކުރިމަތިލާން ޖެހިފައިވާއިރު، މި ކަމާ ގުޅިގެން ޒެލެންސްކީއާއި އެހެނިހެން އޮފިޝަލުން ވަނީ އެހީތެރިކަމަށާއި އިތުރު ހަތިޔާރަށް ތަކުރާރުކޮށް އެދިވަޑައިގަންނަވާފަ އެވެ.
ރޭގަނޑުގެ ވަގުތެއްގައި އިރުދެކުނުގައިވާ ދްނީޕްރޯ ސިޓީއަށް ދިން ވައިގެ ހަމަލާތަކުގައި ސިނާއީ ކާރުޚާނާއަކަށް ގެއްލުންވެފައިވާއިރު، ޒަޕޮރީޜިއާގެ ދަތުރުފަތުރުގެ ނިޒާމަށާއި ކްރެމެންޗުކްގެ އެޕާޓްމަންޓް އިމާރާތްތަކަށް ގެއްލުންވެފައިވާ ކަމަށް ސަރަހައްދީ އޮފިޝަލުން ބުންޏެވެ.
މަސްދަރު: ރޮއިޓަރސް











