ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެންނަން ތުރުކީވިލާތުން ތައްޔާރު: އުރުދުޣާން
24 ސެޕްޓެމްބަރު 2026 | ބުރާސްފަތި 01:14ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުވައި ދެމެހެއްޓެނިވި ސުލްހަ ގާއިމުކުރުމަށް ކުރާ މަސައްކަތުގައި ތުރުކީވިލާތުން ފުރިހަމަ އެހީތެރިކަން ދޭނެކަމުގެ ޔަގީންކަން ރައީސް އުރުދުޣާން ދެއްވައިފި. މީގެ އިތުރުން ކަޅު ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ހަކަތައާއި ދިފާއީ ދާއިރާއިން ޔޫކްރެއިނާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ތުރުކީވިލާތުން ވަނީ ނިންމާފައި

ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާން ނިއު ޔޯކްގައި ހުންނަ ޓާކިޝް ހައުސްގައި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާ ބައްދަލުކުރައްވަނީ | އެކްސް/ޒެލެންސްކީ
ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ހިނގަމުންދާ ހަނގުރާމައަށް ދެމެހެއްޓެނިވި ސުލްހައެއް ގެނައުމަށް ޓަކައި، އެ ޤައުމުގެ ކުޅަދާނަކަން ތަންދިން އެންމެ މަތީ ދަރަޖައަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަންކަރާ އަދިވެސް އޮތީ ތައްޔާރަށް ކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ. އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައި، ރައީސް އުރުދުޣާން ވަނީ ނިއު ޔޯކުގައި ހުންނަ 'ޓާކިޝް ހައުސް' ގައި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާ ބައްދަލުކުރައްވާފަ އެވެ.
ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި، ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ އަދި ސަރަހައްދީ ކަންކަމާ ގުޅޭގޮތުން ދެ ރައީސުން މަޝްވަރާކުރެއްވި ކަމަށް ތުރުކީވިލާތުގެ ސަރުކާރުން ބުންޏެވެ. "މި ބައްދަލުވުމުގައި ރައީސް އުރުދުޣާން ވަނީ ޔޫކްރެއިން-ރަޝިޔާ ހަނގުރާމަ ދެމެހެއްޓެނިވި ސުލްހައަކުން ނިންމުމަށް ޓަކައި އެންމެ ފުރިހަމައަށް މަސައްކަތްކުރުމަށް ތުރުކީވިލާތް އަބަދުވެސް އޮތީ ތައްޔާރަށް ކަމަށާއި، ސީދާ މަޝްވަރާތައް އަލުން ފެށުމަށް ކުރާ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ވިދާޅުވެފައި،" ތުރުކީވިލާތުގެ މުއާސަލާތާ ބެހޭ އިދާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ކަޅު ކަނޑުގައި އުޅަނދުފަހަރު ދަތުރުފަތުރުކުރުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތައް އެޅުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އުރުދުޣާން އަލިއަޅުއްވާލެއްވި އެވެ. މި ގޮތުން، ވިޔަފާރި އުޅަނދުފަހަރަށް ހަމަލާދިނުމަކީ އެއްވެސް ގޮތަކުން "އުޒުރެއް ދެއްކޭނެ" ކަމެއް ނޫންކަމަށް ޒެލެންސްކީގެ އަރިހުގައި އުރުދުޣާން ވިދާޅުވި އެވެ. އަދި، މި ކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކުން ވެސް ޒިންމާދާރުކަމާއެކު އަމަލުކުރުމަށް ތުރުކީވިލާތުން އުންމީދުކުރާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ޔޫކްރެއިނާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އަންކަރާއިން ކުރަމުންދާ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށް އުރުދުޣާން ވިދާޅުވި އެވެ. މިއާއެކު، ހަކަތައާއި، މައިނިންގ އަދި ދިފާޢީ ސިނާއަތް ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމަކީ ދެ ޤައުމަށް ވެސް އޭގެ ފައިދާ ކުރާނެ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











