ޓްރަމްޕް ވިދާޅުވީ ތެލުގެ އަގު ބޮޑުވަނީ ޑިމޮކްރެޓުންނާއި ޔޫކްރެއިނުގެ ސަބަބުން ކަމަށް!
6 އޮކްޓޯބަރު 2026 | އަންގާރަ 08:38އެމެރިކާގައި ތެލުގެ އަގު އުފުލެނީ ޑިމޮކްރެޓުން ކާރުޚާނާތައް ބަންދުކުރުމާއި ޔޫކްރެއިނުން ރަޝިޔާގެ ކާރުޚާނާތަކަށް ހަމަލާދޭތީ ކަމަށް ޓްރަމްޕް ތުހުމަތުކުރައްވައިފި. ނަމަވެސް، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެޔޮ ލިބުން ދަތިވެފައިވާއިރު، ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތުގައި އިގްތިސާދީ މި ހީނަރުކަމުގެ ޒިންމާ އުފުލަންޖެހެނީ ޓްރަމްޕްގެ ސިޔާސަތުތަކުން


އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައިވާއިރު، އެ ގައުމުގައި ތެލުގެ އަގުތައް އަދިވެސް ހުރީ މީގެ މަހެއްހާ ދުވަސް ކުރިއާ އަޅާބަލާއިރު މަތީގައި | އޭއެފްޕީ
އެމެރިކާގެ މިޑްޓާމް އިންތިޚާބު ކައިރިވަމުން އަންނަ ދަނޑިވަޅެއްގައި، ތެލުގެ އަގު އުފުލުމުގެ ޒިންމާ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ބަދަލުގައި، ޑިމޮކްރެޓުންނާއި ރަޝިޔާގެ ރިފައިނަރީތަކަށް ޔޫކްރެއިނުން ދެމުންދާ ހަމަލާތަކުގެ ކޮނޑުގައި އެޅުވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތް ކުރައްވައިފި އެވެ.
"ޕެޓްރޯލްގެ އަގު އުފުލެމުން ދަނީ މިހާރު ހުރްމުޒް ކަނޑުއޮޅީގެ ސަބަބަކުން ނޫން، ސަބަބަކީ [ހުރްމުޒް ކަނޑުއޮޅީން] ގާތްގަނޑަކަށް ކޮންމެ ދުވަހަކު ރެކޯޑް އަދަދަކަށް ފީފާ މިހާރު ނެރެމުންދާތީ. އެކަމަކު އޭގެ ސަބަބަކީ 'ރިފައިނަރީތައް'. ރަޝިޔާގެ ރިފައިނަރީތައް ޔޫކްރެއިނުން ގޮއްވާލަމުންދާއިރު، ކެލިފޯނިއާ ފަދަ ބްލޫ ސްޓޭޓްތަކުގައި ހުރި އަޅުގަނޑުމެންގެ ރިފައިނަރީތައް ޑިމޮކްރެޓުން ދަނީ ބަންދުކުރަމުން،" ހޯމަ ދުވަހު ޓްރުތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވި އެވެ.
ތެލުގެ އަގު އުފުލެމުން ދަނީ އެމެރިކާގައި ހުރި ރިފައިނަރީތައް ނުވަތަ ތެޔޮ ސާފުކުރާ ކާރުޚާނާތައް ބަންދުކުރުމުން ކަމަށް ޓްރަމްޕް ދައުވާކުރެއްވި ނަމަވެސް، އިރާން ހަނގުރާމަ ފެށުނު ފަހުން ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ދުވާލެއްގެ މައްޗަށް އެކްސްޕޯޓްކުރާ މިންވަރު ވަނީ %97 ދަށަށްގޮސްފަ އެވެ. މީގެ ސަބަބުން މުޅި ދުނިޔެއަށް ތެޔޮ ފޯރުކޮށްދިނުމަށް ވަނީ ބޮޑެތި ހުރަސްތަކަކާ ކުރިމަތިވެފަ އެވެ.
އެމެރިިކާގެ ކަސްޓަމަރުންނަށް ޕެޓްރޯލްގެ އަގުތައް އަދިވެސް ދަނީ އުފުލެމުންދެ އެވެ. ކޮންމެ ދުވަހެއްގެ ޕެޓްރޯލްގެ އަގުތައް ބަލަމުންދާ އެމެރިކަން އޮޓޯމޮބައިލް އެސޯސިއޭޝަންއިން (އޭއޭއޭ) ބުނީ، ޕެޓްރޯލް ގެލަނެއްގެ (3.79 ލީޓަރުގެ) އެވްރެޖް އަގު މިހާރު ވަނީ 4.36 ޑޮލަރަށް އަރާފައި ކަމަށެވެ. މިއީ، މީގެ މަހެއްހާ ދުވަސް ކުރިން ހުރި 4.14 ޑޮލަރާއި، އެމެރިކާއާއި އިސްރާއީލުން ފުރަތަމަ ފަހަރަށް އީރާނަށް ހަމަލާދިން ފެބުރުވަރީ 28 ވަނަ ދުވަހު ހުރި 2.98 ޑޮލަރާ އަޅާބަލާއިރު ވަރަށް ބޮޑު އަދަދެކެވެ.
"އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާއި ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެއްކަމެއް އަނެއްކަމަކަށް ބާރުދީ، ތެލުގެ އުފެއްދުންތަކުގެ ބާޒާރުތަކަށް ދަނީ ގެއްލުންވަމުން. ނަމަވެސް މެދުއިރުމަތީގެ ބާޒާރުތަކުގެ އޮއިވަރު އާދައިގެ ހާލަތަކާ ގާތްވެސް ނުކުރޭ،" ސެންޓަރ ފޯރ އަ ނިއު އެމެރިކަން ސެކިއުރިޓީގެ ސީނިއަރ އެޖަންކްޓް ފެލޯ ރޭޗަލް ޒިއެމްބާ ވިދާޅުވި އެވެ.
ވައިޓް ހައުސްގެ ޕްރެޝަރާއެކު، ކުއްލި ހާލަތުގައި ބޭނުންކުރަން ރައްކާކޮށްފައި ހުރި ތެލުގެ ތެރެއިން 100 މިލިއަން ފީފާގެ ޑީސަލާއި ސާފުނުކުރާ ތެޔޮ ނެރުމަށް ޖީ7 ގެ ގައުމުތަކުން ހުކުރު ދުވަހު ވަނީ އެއްބަސްވެފަ އެވެ. މިއާއެކު، އެމެރިކާގެ ސްޓްރެޓީޖިކް ޕެޓްރޯލިއަމް ރިޒާވް ވަނީ 1982 ވަނަ އަހަރަށްފަހު އެންމެ ދަށް މިންވަރަކަށް ވެއްޓިފަ އެވެ.
"ސްޓްރެޓީޖިކް ރިޒާވް ނެރުމަށް ނުވަތަ އެމެރިކާއިން ޑީސަލް އެކްސްޕޯޓްކުރުން މަނާކުރުމުގެ ފުރުސަތަކާ ކުރިމަތިލުމަށް އެމެރިކާއިން ވިލާތުގެ އިއްތިހާދުގެ ބައެއް މެމްބަރުންނަށް އެންގި. އޭގެ ނަތީޖާއެއްގެ ގޮތުން ފަރަންސޭސިވިލާތް އަދި ޖަރުމަނުވިލާތުން އެ ގޮތަށް އަމަލުކުރުމަށް މަޖުބޫރުވެ، ތެލުގެ އަގުތަކާއި ޕެޓްރޯލް އަދި ޑީސަލް ފިއުޗަރސްގެ އަގުތައް ވަރަށް ބޮޑަށް ވަނީ ދަށަށްގޮސްފައި،" ގޭސްބަޑީގެ ހެޑް އޮފް ޕެޓްރޯލިއަމް އެނަލިސިސް ޕެޓްރިކް ޑިހާން ވިދާޅުވި އެވެ.
ރަޝިޔާގެ ކާރުޚާނާތަކަށް ޔޫކްރެއިންގެ މެދުކެނޑުމެއް ނެތް ވަރުގަދަ ހަމަލާތައް
ރަޝިޔާގެ ހަކަތައިގެ އުމްރާނީ ވަސީލަތްތަކަށް ޔޫކްރެއިނުން ދިން ހަމަލާތަކުގެ ސަބަބުން ވެސް ތެލުގެ އަގުތައް، ޚާއްސަކޮށް ޑީސަލްގެ އަގު ވަނީ އުފުލިފަ އެވެ. ރަޝިޔާގައި ތެޔޮ ސާފުކުރާ މިންވަރުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ތަންތަން ހުއްޓުވާލާފައިވާކަމަށް ޔޫކްރެއިންގެ ދިފާއީ ވުޒާރާއިން އާދީއްތަ ދުވަހު ވަނީ ބުނެފަ އެވެ.
"ރަޝިޔާގެ ކާރުޚާނާތަކަށް ލިބުނު ގެއްލުންތަކާއި، ރަޝިޔާގެ ތެޔޮ ސާފުކުރާ ފަރާތްތަކަށް އެމެރިކާއިން އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމުގެ ނުރައްކަލުގެ ސަބަބުން ހާލަތު ދަނީ ގޯސްވަމުން. ނަމަވެސް، އަސްލު މައްސަލައަކީ އަދިވެސް މެދުއިރުމަތިން ތެޔޮ ލިބުމުގައި އުޅޭ ހަމަނުޖެހުންތަކާއި، ތެލުގެ އުފެއްދުންތައް ބޭރަށް ނެރުމުގައި ހުރި ބޮޑެތި ދަތިތަކާއި އަދި ރައްކާކުރެވިފައި ހުރި މިންވަރު މަދުވުން،" ޒިއެމްބާ ވިދާޅުވި އެވެ.
އެންމެ ފަހުގެ ހަމަލާތައް އައިސްފައި ވަނީ 2022 ވަނަ އަހަރު ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމަ ފެށުނު ފަހުން ދެމުންދާ ސިލްސިލާ ހަމަލާތަކުގެ ތެރެއިންނެ އެވެ. އިންޓަނޭޝަނަލް އެނާޖީ އޭޖެންސީގެ (އައިއީއޭ) ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ ވިހި އަހަރު ދުވަހުގެ ތެރޭގައި ރަޝިޔާގެ ކާރުޚާނާތަކުން ތެޔޮ އުފެއްދި މިންވަރު އެންމެ ދަށްވެފައިވަނީ ޖޫން މަހު އެވެ. އަދި، ފާއިތުވި 18 މަސް ދުވަހުގެ ތެރޭގައި ޑީސަލް އުފައްދާ މިންވަރު %30 ދަށަށް ގޮސްފައިވާ ކަން ވެސް އެ ތަފާސްހިސާބުތަކުން ވަނީ ހާމަވެފަ އެވެ.
ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ދެ ކާރުޚާނާއެއް ބަންދުކޮށްފައިވާ ކެލިފޯނިއާ ފަދަ ޑިމޮކްރެޓުން އިސްކޮށް ހަރަކާތްތެރިވާ ސްޓޭޓްތަކުގައި ތެޔޮ ސާފުކުރާ މިންވަރު މަދުވުމަކީ ވެސް އަގުތައް އުފުލުމުގެ ސަބަބެއް ކަމަށް ޓްރަމްޕް ވަނީ ތުހުމަތުކުރައްވާފަ އެވެ. އެސްއެންޑްޕީ ގްލޯބަލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ކާރުޚާނާތައް ބަންދުކުރުމުގެ ސަބަބުން އެ ސްޓޭޓްގެ ތެޔޮ ސާފުކުރާ ކެޕޭސިޓީ ނުވަތަ މިންވަރު %17 ދަށަށްގޮސް، ސަޕްލައިއަށް ވަނީ ހުރަސްތަކެއް އެޅިފަ އެވެ.
ނަމަވެސް، ޑިމޮކްރެޓުންގެ ކޮނޑުގައި މި ކަމުގެ އިލްޒާމް އެޅުވުމަށް ޓްރަމްޕް މަސައްކަތްކުރައްވަމުން މި ގެންދަވަނީ ވޮޝިންގޓަންގެ ބާރުތަކުގެ ބެލެންސް ބަދަލުކޮށްލާނެ ފަދަ މުހިންމު މިޑްޓާމް އިންތިޚާބުތަކެއް ކުރިއަށް އޮއްވަ އެވެ. ހަމަމިއާއެކު، ގިނަ އެމެރިކާ ރައްޔިތުންނަށް ފެންނަ ގޮތުގައި އަގުތައް އުފުލުމުގެ ޒިންމާ ނަގަންޖެހެނީ ސީދާ ޓްރަމްޕެވެ. އޭޕީ-އެންއޯއާރްސީއިން އެންމެ ފަހުން ނެގި ޚިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި، އެމެރިކާގެ %65 ރައްޔިތުން ވަނީ އަގުތައް އުފުލުމުގެ ޒިންމާ ޓްރަމްޕްގެ ސިޔާސަތުތަކުގެ ކޮނޑުގައި އަޅުވާފަ އެވެ. އަދި، ޓްރަމްޕް އަލުން ވެރިކަމަށް ވަޑައިގެންނެވިއިރަށްވުރެ އެމެރިކާގެ އިގްތިސާދީ ހާލަތު މިހާރު ގޯސްކަމަށް %61 މީހުން ވަނީ ބުނެފަ އެވެ.
މަސްދަރު: އަލް ޖަޒީރާ











