ޖަޕާނުގެ އިރުމައްޗަށް ތިން ގަޑިއިރު ތެރޭގައި ދެ ބިންހެލުން، ސުނާމީއެއްގެ ނުރައްކަލެއް ނެތް!
8 އޮކްޓޯބަރު 2026 | ބުރާސްފަތި 04:48ޖަޕާނުގެ ޗީބާ އަދި އިބަރާކީ ޕްރިފެކްޗަރަށް ބުރާސްފަތި ދުވަހުގެ ހެނދުނު ރިކްޓަރ މިންގަނޑުން 4.8 އާއި 4.0 ގެ ދެ ބިންހެލުމެއް އައިސްފި. މި ހާދިސާތަކާ ގުޅިގެން ސުނާމީގެ ނުރައްކަލެއް ނެތްކަމަށް އެ ޤައުމުގެ މޫސުމާބެހޭ އިދާރާއިން ކަށަވަރުކޮށްދީފައިވާއިރު، ފަހަކަށް އައިސް ޖަޕާނުގެ އިރުމަތީ ސަރަހައްދުތަކަށް އަންނަނީ މިފަދަ ބިންހެލުންތައް އިތުރުވަމުން


2026 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 23 ވީ އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި، ޓޯކިޔޯއަށާއި އެ ސިޓީއާ އިންވެގެންވާ ސަރަހައްދުތަކަށް އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން ފެން ހޮޅިއެއް ފަޅައިގެން ގޮސް، މަގުމަތީގައި ފެންބޮޑުވެފައިވާ ސަރަހައްދެއްގައި ޓޯކިޔޯ ފަޔަރ ޑިޕާޓްމަންޓުގެ ފަސްޓް ރެސްޕޮންޑަރުން ހަރަކާތްތެރިވަނީ. | އޭޕީ
ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޖަޕާނުގެ އިރުމަތީ ސަރަހައްދަށް 3 ގަޑިއިރުގެ ތެރޭގައި ދެ ބިންހެލުމެއް އައިސް ޗީބާ އަދި އިބަރާކީ ޕްރިފެކްޗަރަށް އޭގެ އަސަރުކޮށްފި އެވެ. ނަމަވެސް، މީގެ ސަބަބުން ސުނާމީއެއްގެ ނުރައްކަލެއް ނެތްކަމަށް އެ ޤައުމުގެ މޫސުމާބެހޭ އިދާރާއިން ބުންޏެވެ.
ޖަޕާން މީޓިއޮރޮލޮޖިކަލް އޭޖެންސީއާ (ޖޭއެމްއޭ) ހަވާލާދީ ކިޔޯޑޯ ނޫސް އޭޖެންސީން ރިޕޯޓުކުރީ، ރިކްޓަރ މިންގަނޑުން 4.8 ގެ ބާރުމިނުގައި ފުރަތަމަ ބިންހެލުން އައިސްފައި ވަނީ ޗީބާ ޕްރިފެކްޗަރގެ އިރުއުތުރު ސަރަހައްދަށް، އެ ޤައުމުގެ ގަޑިން ފަތިހު 4:13 ގައި ކަމަށެވެ. މި ބިންހެލުން އުފެދިފައި ވަނީ ބިމުގެ ގާތްގަނޑަކަށް 50 ކިލޯމީޓަރު އަޑިން ކަމަށްވާއިރު، ހަތް ނުކުތާގެ މައްޗަށް އެކުލެވިގެންވާ ޖަޕާނުގެ ސީސްމިކް އިންޓެންސިޓީ ސްކޭލުން އަސާހީ ސިޓީއަށް މި ބިންހެލުމުގެ ބާރުމިން ރެކޯޑުކުރެވިފައިވަނީ ރިކްޓަރ މިންގަނޑުން 4 ގަ އެވެ.
އަދި، އިބަރާކީ ޕްރިފެކްޗަރ ހިމެނޭގޮތަށް، ކައިރީގައިވާ އެހެން ސަރަހައްދުތަކަށް ވެސް މި ބިންހެލުމުގެ އަސަރު ކޮށްފައިވެ އެވެ.
މޫސުމާބެހޭ އިދާރާއިން ބުނީ، އޭގެ ގާތްގަނޑަކަށް 3 ގަޑިއިރު ފަހުން ރިކްޓަރ މިންގަނޑުން 4.0 ގެ ދެވަނަ ބިންހެލުމެއް އިބަރާކީއަށް އައިސްފައިވާ ކަމަށާއި، ހިޓާޗިއޯމިޔާއަށް އޭގެ ބާރުމިން ރިކްޓަރ މިންގަނޑުން 3 ގައި ރެކޯޑުކުރެވިފައިވާ ކަމަށެވެ. މިއިން އެއްވެސް ބިންހެލުމަކާ ގުޅިގެން ސުނާމީއެއް އުފެދިފައިނުވާކަމަށް އެ އިދާރާއިން ބުނެ އެވެ. ދެވަނަ ބިންހެލުން އައިސްފައި ވަނީ ހެނދުނު 7:14 ގައި، ބިމުގެ ގާތްގަނޑަކަށް 60 ކިލޯމީޓަރު އަޑިންނެވެ.
ދާދި ފަހުން ޖަޕާނަށް ވަނީ އެކި ބިންހެލުންތަކާ ކުރިމަތިލާން ޖެހިފަ އެވެ. މި ގޮތުން، އޮކްޓޫބަރ 1 ވަނަ ދުވަހު ރިކްޓަރ މިންގަނޑުން 5.1 ގެ ބިންހެލުމެއް ޗީބާގެ އިރުއުތުރު ސަރަހައްދަށް އައިސްފައިވެ އެވެ. މިއީ ސެޕްޓެންބަރ 29 ވަނަ ދުވަހު ޖަޕާނުގެ އިރުމަތީ ސަރަހައްދަށް އައި ރިކްޓަރ މިންގަނޑުން 4.9 ގެ ބިންހެލުމަށް ފަހު އައި ބިންހެލުމެކެވެ. މީގެ ކުރިން، އޮގަސްޓު 23 ވަނަ ދުވަހު އެ ސަރަހައްދަށް ރިކްޓަރ މިންގަނޑުން 5.9 ގެ ބިންހެލުމެއް އައިސްފައިވާއިރު، ޓޯކިޔޯއިން 40 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފަ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











