ޖަޕާނަށް ބާރުގަދަ ތޫފާނެއް އަރައި 2 މީހުން މަރުވެ، 1.6 މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް
22 ސެޕްޓެމްބަރު 2026 | އަންގާރަ 02:56ޖަޕާނަށް އެރި ބާރުގަދަ ތޫފާން 'ދުޖުވާން' އާ ގުޅިގެން ފެންބޮޑުވެ ދެ މީހަކު މަރުވެފައިވާއިރު، ވައިގެ ދަތުރުފަތުރާއި ރޭލުގެ ޚިދުމަތްތަކަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައި. މި ތޫފާނުގެ ސަބަބުން ކަރަންޓުގެ ޚިދުމަތް މެދުކެނޑި ބައެއް އިވެންޓުތައް ކެންސަލްކުރަން ޖެހުނު ނަމަވެސް، މިހާރު ތޫފާން ވަނީ އައްސޭރިފަށާ ދުރަށް ޖެހިފައި. ނަމަވެސް، ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ބޯކޮށް ވާރޭވެހިދާނެތީ ކަމާބެހޭ އިދާރާތަކުން ދަނީ ސަމާލުވުމަށް އިލްތިމާސްކުރަމުން

ތޫފާން ދުޖުވާންއާ ގުޅިގެން ޖަޕާނުގެ ރަށެއްގައި ފެންބޮޑުވެފައިވާ މަގެއްގައި އެއްގަމު އުޅަނދު ދުއްވާ މަންޒަރާއި ކުޑައަޅައިގެން ތިބި ބަޔަކު ފައިމަގުގައި ދަތުރުކުރަނީ | އެކްސް
ޖަޕާނުގެ ވެރިރަށް ޓޯކިޔޯ ކައިރިއަށް އެރި ބާރުގަދަ ތޫފާނެއްގެ ސަބަބުން ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގައި، ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އަރައި، 1.6 މިލިއަނަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމުގެ އިރުޝާދު ނެރެފި އެވެ.
ޖަޕާނުގެ ވެރިރަށް ކައިރީގައި އޮންނަ ކަޓްސޫރާގެ ދެކުނުން ގާތްގަނޑަކަށް 130 ކިލޯމީޓަރު ބޭރުން ހޯމަ ދުވަހު ތޫފާން 'ދުޖުވާން' ދަތުރުކުރިއިރު، ވައިގެ ބާރުމިން ހުރީ ގަޑިއަކު ގާތްގަނޑަކަށް 144 ކިލޯމީޓަރުގަ އެވެ. މި ތޫފާނުގެ ސަބަބުން އެތައް ހާސް ގެއަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާއިރު، ހިނގި އެކި ހާދިސާތަކުގައި ދެ މީހަކު މަރުވެފައިވާކަން ކަށަވަރުވެފައިވާ ކަމަށް، އެ ސަރަހައްދުގެ ކަމާބެހޭ އިދާރާތަކާ ހަވާލާދީ ކިޔޯޑޯ ނޫހުން ވަނީ ރިޕޯޓުކޮށްފަ އެވެ.
އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ތޫފާނުގެ ވައިގެ ބާރުމިން ކޮންމެވެސް ވަރަކަށް މަޑުވެ، އައްސޭރިފަށާ ދުރަށް ޖެހި، ކަނޑުމަގުން އުތުރުއިރުމައްޗަށް އަލޫޝަން ޖަޒީރާއާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށް ޖަޕާން މީޓިއޮރޮލޮޖިކަލް އެޖެންސީން (ޖޭއެމްއޭ) ބުނެފައިވެ އެވެ. ނަމަވެސް، އިންޒާރު ނެރެފައިވާ ސަރަހައްދުތަކުގައި "ތޫފާން އުތުރަށް ދަތުރުކުރަމުންދާއިރު ވާރޭވެހުން ކުރިއަށްދިއުމުގެ ނުރައްކާ އެބައޮތް" ކަމަށް، ޖޭއެމްއޭގެ ތަކުޔާ ހޮސޯމީ ވިދާޅުވި އެވެ. ތޫފާން އެރުމުގެ ކުރިން ވެސް ވައިގަދަވެ، ވާރޭ ބޯކުރާނެ ކަމަށް އެ އޭޖެންސީން އާދީއްތަ ދުވަހު ވަނީ އިންޒާރު ދީފަ އެވެ. މި ގޮތުން، "އަންގާރަ ދުވަހާ ހަމައަށް ވެހޭނެ ކަމަށް ލަފާކުރެވޭ ވާރޭގެ ޖުމްލަ މިންވަރު ސެޕްޓެމްބަރު މަހުގެ އެވްރެޖް ވިއްސާރައަށް ވުރެ އިތުރުވެ، ރެކޯޑު އަދަދަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވޭ" ކަމަށް އެ އޭޖެންސީން ވަނީ ފާހަގަކޮށްފަ އެވެ.
ތޫފާނުގެ ސަބަބުން ޖަޕާން އެއާލައިންސްއިން 135 ފްލައިޓް އަދި އޯލް ނިޕޯން އެއާވޭޒްއިން 140 ފްލައިޓް ހޯމަ ދުވަހު ކެންސަލް ކުރުމާ ގުޅިގެން، ގިނަ އަދަދެއްގެ ދަތުރުވެރިން ވަނީ އެއާޕޯޓުތަކުގައި ތާށިވެފަ އެވެ. މިއާއެކު، ޓޯކިޔޯއާއި އޮސާކާ ގުޅުވައިދޭ ބުލެޓް ޓްރެއިންގެ ހިދުމަތް ހިމެނޭހެން ބައެއް ރޭލު ދަތުރުތައް ވެސް މެދުކަނޑާލާފައިވާ ކަމަށް ޖަޕާން ރެއިލްވޭޒްއިން ވަނީ ހާމަކޮށްފަ އެވެ.
ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށްވާ ކަމަކޫރާ ސްޓޭޝަން ކުރިމަތީގައިވާ މަގުތަކުގައި ފެންބޮޑުވެފައިވާ މަންޒަރު ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ. "ސިޓީގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާތީ، ކާރުގައި ދަތުރުފަތުރު ކުރުމަކީ ނުރައްކާތެރި ކަމެއް" ކަމަށް، ކަމަކޫރާގެ މޭޔަރު ތަކާޝީ މަޓްސޫއޯ ވިދާޅުވި އެވެ. މީގެ އިތުރުން، ޓޯކިޔޯގެ އިރުމަތީގައި އޮންނަ އިޗިކާވާގެ ބައެއް ހިސާބުތަކުގައި ވެސް ވަނީ ފެންބޮޑުވެފަ އެވެ.
ދުނިޔޭގެ އެންމެ ބޮޑެތި ވީޑިއޯ ގޭމް ފެއާތަކުގެ ތެރޭގައި ހިމެނޭ 'ޓޯކިޔޯ ގޭމް ޝޯ' ގެ އެންމެ ފަހު ދުވަސް ކަމަށްވާ ހޯމަ ދުވަހު، ތޫފާނުގެ ސަބަބުން އެ ފެއާ ވަނީ ކަނޑައެޅިފައިވާ ވަގުތަށް ވުރެ އަވަހަށް ނިންމާލަން މަޖުބޫރުވެފަ އެވެ. އަދި، ޗިބާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ބޮޑު މިއުޒިކް ފެސްޓިވަލަކާއި ބޭސްބޯލް މެޗެއް ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.
'ދުޖުވާން' އަކީ މި އަހަރު ޖަޕާނަށް އެރި 25 ވަނަ ތޫފާނެވެ. ހޫނުމޫސުމުގެ ފަހުކޮޅާއި ހަރީފުމޫސުމުގެ ކުރީކޮޅަކީ އާންމުކޮށް ޖަޕާނަށް ބާރުގަދަ ތޫފާންތައް އަރާ ދުވަސްވަރެކެވެ.
މަސްދަރު: އަލް ޖަޒީރާ











