ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު އެއްލައްކައަށް ވުރެ މައްޗަށް އަރައިފި
16 ސެޕްޓެމްބަރު 2026 | ބުދަ 15:29ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުންކަން އެ ގައުމުގެ ތަފާސްހިސާބުތަކުން ދައްކާ. ބޭސްވެރިކަމުގެ ކުރިއެރުންތަކާއެކު މީހުން ދިރިތިބޭ އުމުރު ދިގުވި ނަމަވެސް، ދަރިމައިވާ ނިސްބަތް ދަށްވުމުގެ ސަބަބުން މުޅި އާބާދީ ހަލުވިކަމާއެކު މަދުވަމުންދާތީ އެ ގައުމުގެ އިޖުތިމާއީ ނިޒާމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި

2024 އޮކްޓޫބަރު 1 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ޖަޕާނުގެ ޓޯކިޔޯގެ ޕާކެއްގައި އުމުރުން ދުވަސްވީ މީހުންތަކެއް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކަސްރަތު ކުރަނީ. | ގެޓީ އިމޭޖަސް
ޖަޕާނުގެ އާބާދީ ދަށަށް ދަމުންދިޔަ ނަމަވެސް، އެ ގައުމުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު އެއްލައްކައަށްވުރެ މައްޗަށް އަރާފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފި އެވެ.
މިދިޔަ އަންގާރަ ދުވަހު އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ޖަޕާނުގައި މިހާރު އުމުރުން 100 އަހަރުން މަތީގެ 107,677 މީހުން އެބަތިއްބެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 8,000 މީހުންގެ އިތުރުވުމެކެވެ. މިއާއެކު ޖަޕާން ވެފައިވަނީ ދުނިޔޭގައި އުމުރުން 100 އަހަރުން މަތީގެ މީހުން އެންމެ ގިނަ ގައުމަށެވެ.
ޖަޕާނުގެ ހެލްތު މިނިސްޓްރީން މި ތަފާސްހިސާބުތައް ބަލަހައްޓަން ފެށިތާ 56 އަހަރު ވެފައިވާއިރު، ކޮންމެ އަހަރަކުވެސް މި އަދަދު އަންނަނީ އިތުރުވަމުންނެވެ.
އުމުރުން 100 އަހަރުން މަތީގެ މީހުންގެ ތެރެއިން 88 އިންސައްތަ ނުވަތަ 94,298 މީހުންނަކީ އަންހެނުންނެވެ. ޖަޕާނުގައި މިހާރު ހުރި އެންމެ ދޮށީ އަންހެނަކީ ކިޔޯޓޯއަށް ނިސްބަތްވާ އުމުރުން 114 އަހަރުގެ ފުޔޯ ކިޝިމޯޓޯ އެވެ. އަދި އެންމެ ދޮށީ ފިރިހެނަކީ ކުމަމޯޓޯއަށް ނިސްބަތްވާ އުމުރުން 112 އަހަރުގެ ހިކާރު ކާޓޯ އެވެ.
ޖަޕާނުގެ ހެލްތު މިނިސްޓަރު ކެނީޗިރޯ އުއެނޯ ވިދާޅުވީ، ގިނަ އަދަދެއްގެ ބަޔަކު މިހާ ދިގު މުއްދަތަކަށް ދުޅަހެޔޮކަމާއެކު ތިބުމަކީ އުފާކުރައްވާ ކަމެއް ކަމަށާއި، މިއީ ބޭސްވެރިކަމާއި ޓެކްނޮލޮޖީގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކުގެ ނަތީޖާ ކަމަށެވެ. ނަމަވެސް، އާބާދީގެ މި ބަދަލުގެ ސަބަބުން ޖަޕާނުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.
ވޯލްޑް ބޭންކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖަޕާނަކީ ދުނިޔޭގައި އެންމެ ގިނަ ދުވަހު މީހުން ދިރިތިބޭ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެގޮތުން 2024 ވަނަ އަހަރު ޖަޕާނުގެ މީހުންގެ އެވްރެޖް އުމުރަކީ 84 އަހަރެވެ. މިއާ ހިލާފަށް އެމެރިކާގައި މީހުންގެ އެވްރެޖް އުމުރަކީ 79 އަހަރެވެ.
ޖަޕާނުން 1963 ވަނަ އަހަރު އުމުރުން 100 އަހަރުން މަތީގެ މީހުންގެ ސާވޭ ފެށިއިރު، އެ އަދަދު ހުރީ އެންމެ 153 ގައެވެ. ނަމަވެސް 1981 ވަނަ އަހަރު މި އަދަދު 1,000 އަށް އަރާފައިވާއިރު، 1998 ވަނަ އަހަރު ވަނީ 10,000 އަށްވުރެ މައްޗަށް ގޮސްފަ އެވެ.
އެންމެ ފަހުގެ މި ތަފާސްހިސާބުތައް އާންމުކޮށްފައިވަނީ ޖަޕާނުގައި ފާހަގަކުރާ "އުމުރުން ދުވަސްވީ މީހުންނަށް އިހުތިރާމްކުރުމުގެ" ގައުމީ ބަންދު ދުވަހާ ދިމާކޮށެވެ. މި ދުވަހުގެ މުނާސަބަތުގައި އުމުރުން 100 އަހަރު ފުރޭ ކޮންމެ ރައްޔިތަކަށް ސަރުކާރުން ހާއްސަ ސިޓީއަކާއި ސަގާފީ "ސާކޭ" ތަށްޓެއް ފޮނުވަ އެވެ. ނަމަވެސް، މީގެ ކުރިން ކުރެވުނު ބައެއް ދިރާސާތަކުން ވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ ހިސާބުތައް ބަލަހައްޓާ ގޮތާމެދު ސުވާލު އުފައްދާފަ އެވެ. އޭގެ ތެރޭގައި މައުލޫމާތުގެ ކުށްތަކާއި، އުފަންދުވަހުގެ ސެޓްފިކެޓް ނެތުން ފަދަ މައްސަލަތައް ފާހަގަކޮށްފައިވެ އެވެ.
2010 ވަނަ އަހަރު ޖަޕާނުގެ ސަރުކާރުން ކުރި އޮޑިޓަކުން ދެއްކި ގޮތުގައި، އުމުރުން 100 އަހަރުން މަތީގެ މީހުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ 230,000 އަށްވުރެ ގިނަ މީހުންގެ އެއްވެސް މައުލޫމާތެއް އެނގޭކަށް ނެތެވެ. ނުވަތަ އެއީ މީގެ އެތައް އަހަރެއް ކުރިން މަރުވެފައިވާ މީހުންނެވެ. މިކަން މިހެން ދިމާވީ ރެކޯޑްތައް ބެލެހެއްޓުމުގައި ހުރި ފަރުވާކުޑަކަމުގެ ސަބަބުންނާއި، ބައެއް އާއިލާތަކުން ޕެންޝަން ފައިސާ ހޯދުމުގެ ބޭނުމުގައި މަރުވާ މީހުންގެ މައުލޫމާތު ސިއްރުކުރުމުގެ ސަބަބުން ކަމަށް ބެލެވެ އެވެ.
އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ޖަޕާނުގެ ޖުމްލަ އާބާދީ ދަނީ ހަލުވިކަމާއެކު ދަށަށެވެ.
ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޕޮޕިއުލޭޝަން އެންޑް ސޯޝަލް ސެކިއުރިޓީ ރިސާޗުން ލަފާކުރާ ގޮތުގައި، މިހާރު 123 މިލިއަނުގައި ހުރި ޖަޕާނުގެ އާބާދީ 2070 ވަނަ އަހަރު އަންނައިރު 87 މިލިއަނަށް ދަށްވާނެ އެވެ. މިއީ 2008 ވަނަ އަހަރު އާބާދީ އެންމެ މަތީގައި ހުރި 128 މިލިއަނާ އަޅާބަލާއިރު 30 އިންސައްތައިގެ ދަށްވުމެކެވެ.
މިދިޔަ އަހަރު ޖަޕާނުގެ ދަރިމައިވުމުގެ ނިސްބަތް ވަނީ ރެކޯޑް މިންވަރަކަށް ދަށްވެ، 1.14 އަށް ވެއްޓިފަ އެވެ. އާބާދީއެއް އެއް މިންވަރެއްގައި ހިފެހެއްޓުމަށްޓަކައި މި ނިސްބަތް މަދުވެގެން 2.1 ގައި ހުންނަން ޖެހެ އެވެ.
ޖަޕާނުގެ އާބާދީގެ 30 އިންސައްތައަކީ މިހާރުވެސް އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ. އަދި 2070 ވަނަ އަހަރު އަންނައިރު މި އަދަދު 40 އިންސައްތައަށް އަރާނެ ކަމަށް ބެލެވެ އެވެ.
2025 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖަޕާނުގެ 47 ޕްރިފެކްޗާގެ ތެރެއިން 45 ސަރަހައްދެއްގެ އާބާދީ ވަނީ ދަށަށް ގޮސްފަ އެވެ. އަދި އާބާދީ މަދުވާ މިންވަރު ދަނީ އިތުރަށް ހަލުވިވަމުންނެވެ.
ބޮޑުވަޒީރު ސަނައޭ ޓަކީޗީ ވަނީ އާބާދީއަށް އަންނަމުންދާ މި ބަދަލަކީ "ހިމޭން ކުއްލި ނުރައްކަލުގެ ހާލަތެއް" ގޮތުގައި ސިފަކުރައްވާފަ އެވެ. ދަރިން ހޯދުމަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ދޭ އެހީތަކާއި ހިންގާ ޕްރޮގްރާމްތަކުން މިހާތަނަށް އެދެވޭ ނަތީޖާއެއް ފެނިފައެއް ނުވެ އެވެ.
މާހިރުން ފާހަގަކުރާ ގޮތުގައި މި މައްސަލަ ކުރިމަތިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ކައިވެނިކުރާ މިންވަރު މަދުވުމާއި، ވަޒީފާގެ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރުވުމުގެ އިތުރުން، ދަރިން ބޮޑުކުރުމަށް ހިނގާ ހަރަދު ބޮޑުވުން ހިމެނެ އެވެ.









