އުތުރު ކޮރެޔާއިން އަނެއްކާވެސް ބެލިސްޓިކް މިސައިލެއް ފޮނުވާލުމާއެކު ދެކުނު ކޮރެޔާއާއި ޖަޕާން އެލާޓަށް!
20 ސެޕްޓެމްބަރު 2026 | އާދީއްތަ 07:53އުތުރު ކޮރެޔާއިން ފޮނުވާލި މިސައިލް ވެއްޓިފައިވަނީ ޖަޕާނުގެ އިގްތިސާދީ ސަރަހައްދުން ބޭރަށް ކަމަށް އެ ގައުމުން ބުނެފައިވާއިރު، މި ހަރަކާތް ދެކުނު ކޮރެޔާގެ އަސްކަރިއްޔާއިން ވެސް ވަނީ ކަށަވަރުކޮށްދީފައި. މި ހަތިޔާރު ފޮނުވާލާފައި މި ވަނީ އެމެރިކާ އިސްވެ ދާދިފަހުން ކުރިއަށްގެންދިޔަ އަސްކަރީ ތަމްރީނުތައް ޕިޔޮންގޔަންގުން ކުށްވެރިކޮށްފައިވާ ދަނޑިވަޅެއްގައި


އުތުރު ކޮރެޔާއިން މިސައިލް ޓެސްޓެއް ހަދަނީ | އަނަދޮލޫ
އުތުރު ކޮރެޔާއިން އާދީއްތަ ދުވަހު އިރުމަތީ ކަނޑާ ދިމާއަށް ބެލިސްޓިކް މިސައިލެއް ކަމަށް ޝައްކުކުރެވޭ ހަތިޔާރެއް ފޮނުވާލާފައިވާ ކަމަށް، ދެކުނު ކޮރެޔާ އަދި ޖަޕާނުން ބުނެފި އެވެ. ޕިޔޮންގޔަންގުން އެ ކަނޑާ ދިމާއަށް ދެނެގަނެވިފައިވާ މަދުވެގެން އެއް ޕްރޮޖެކްޓައިލް ނުވަތަ މިސައިލް ފޮނުވާލާފައިވާ ކަމަށް ދެކުނު ކޮރެޔާގެ އަސްކަރިއްޔާއިން ބުނި ކަމަށް، ޔޮންހެޕް ނޫހުން ރިޕޯޓްކުރެ އެވެ. މި ހާދިސާއާ ގުޅިގެން ދެކުނު ކޮރެޔާއާއި ޖަޕާންގެ ދިފާއީ ނިޒާމުތަކާއި އަސްކަރިއްޔާ ވަނީ އެލާޓުކޮށް ތައްޔާރީ ހާލަތަކަށް ގެނެސްފަ އެވެ.
އިތުރު ތަފުސީލެއް ހާމަކުރުމެއް ނެތި މީޑިއާތަކަށް ފޮނުވި މެސެޖެއްގައި، މި މިސައިލް ފޮނުވާލި ހަރަކާތް ދެނެގަނެވިފައިވާ ކަމަށް އެ ޤައުމުގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފުން ވަނީ ހާމަކޮށްފަ އެވެ. މި މިސައިލް ވެއްޓިފައިވަނީ އެ ޤައުމުގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބޭރަށް ކަމަށް ބެލެވޭ ކަމަށް ޖަޕާނުން ބުނި ކަމަށް، ކިޔޯޑޯ ނޫހުން ވަނީ ރިޕޯޓްކޮށްފަ އެވެ.
އެމެރިކާ އިސްވެ، ދެކުނު ކޮރެޔާ އަދި ޖަޕާން ބައިވެރިވެގެން ގުއާމް ކައިރީގައި އޮގަސްޓް 29 އިން ސެޕްޓެމްބަރު 10 އަށް ކުރިއަށްގެންދިޔަ ކަނޑުގެ އަސްކަރީ ތަމްރީނުތައް، ފާއިތުވި ހަފުތާގައި ޕިޔޮންގޔަންގުން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި, އެންމެ ފަހުން ފެންމަތިވި މި ދައުވާތަކާ ގުޅިގެން އެ ޤައުމުން ވަގުތުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
މަސްދަރު: އަނަދޯލް އޭޖެންސީ











