ޖަޕާނުގެ އެންމެ ދުވަސްވީ މީހާ މަރުވެއްޖެ، އޭނާ ވަނީ އޭނާގެ ދިގު އުމުރުގެ ސިއްރުތައް ހިއްސާކޮށްފައި
4 ސެޕްޓެމްބަރު 2026 | ހުކުރު 09:24ޖަޕާނުގައި މިހާތަނަށް ދިރިހުރި އެންމެ ދުވަސްވީ މީހާގެ ލަގަބު އޮތް ޝިގެކޯ ކަގާވާ، އުމުރުން 115 އަހަރުގައި މަރުވެއްޖެ. ކުރިން ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ކަގާވާގެ ދިގު އުމުރުގެ ސިއްރަކީ ގިނައިން ހިނގުމާއި، ސިކުނޑި ހަރަކާތްތެރިކޮށް ބެހެއްޓުމުގެ އިތުރުން ދުވަހުގެ ތާވަލު ވަކި އުސޫލެއްގެ މަތިން ހިފެހެއްޓުން ކަމަށް އޭނާ ބުނެފައިވޭ. އޮލިމްޕިކްސްގެ ދަންމަރު އުފުލި އެންމެ ދުވަސްވީ މީހާގެ ޝަރަފުވެސް ހޯދާފައިވާ ކަގާވާ މަރުވިއިރު، އޭނާގެ އެއްވެސް ދާއިމީ ބައްޔެއް ނެތް

2025 ވަނަ އަހަރު، "114 އަހަރު" މިހެން ލިޔެފައިވާ އަތުލިޔުމަކާއެކު ޝިގެކޯ ކަގާވާ ފެންނަ ފޮޓޯއެއް | ޖޭމް ޕްރެސް
ޖަޕާނުގައި މިހާތަނަށް ދިރިހުރި އެންމެ ދުވަސްވީ މީހާގެ ލަގަބު އޮތް، އަދި ކުރިން ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި އަންހެނަކު، އުމުރުން 115 އަހަރުގައި މަރުވުމުގެ ކުރިން އޭނާގެ ދިގު އުމުރުގެ ސިއްރު ހިއްސާކޮށްފި އެވެ. އެއްވެސް ދާއިމީ ބައްޔެއް ނެތް މި އަންހެން މީހާ ބުނެފައިވަނީ އޭނާގެ ދިގު އުމުރުގެ ސިއްރަކީ ވަރަށް އާދައިގެ ކަންތައްތަކެއް ކަމަށެވެ.
ނާރާ ޕްރިފެކްޗަރގެ ޔަމަޓޯކޮރިޔާމާއަށް ނިސްބަތްވާ ޝިގެކޯ ކަގާވާ މަރުވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މަރުވިއިރު އޭނާގެ އުމުރަކީ 115 އަހަރާއި 91 ދުވަހެވެ.
އޭނާގެ ދިގު އުމުރާ ގުޅޭގޮތުން ކަގާވާ ބުނެފައިވަނީ، ހަށިގަނޑު ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް އެހީތެރިވެދިނީ "ހިނގުމާއި ސިކުނޑީގެ ބޭނުން ހިފުން" ކަމަށެވެ.
މީގެ އިތުރުން، ކަގާވާގެ އާއިލާއިން ބުނި ގޮތުގައި އޭނާއަކީ ކޮންމެ ދުވަހަކުވެސް ގަވާއިދުން ތިން އިރު ކައިބޮއި ހެދުމުގެ އިތުރުން، ދުވަހުގެ ތާވަލު ވަކި އުސޫލެއްގެ މަތިން ދަމަހައްޓަމުން އައި މީހެކެވެ.
ޖަޕާނުގައި ދިރިހުރި އެންމެ ދުވަސްވީ މީހާގެ ލަގަބު ކަގާވާއަށް ލިބުނީ، އޮއިޓާ ޕްރިފެކްޗަރގެ ނަކަޓްސޫއަށް ނިސްބަތްވާ 114 އަހަރުގެ އަންހެނަކު 2025 ވަނަ އަހަރުގެ ޖުލައި 29 ގައި މަރުވުމާ ގުޅިގެންނެވެ. 1911 ވަނަ އަހަރުގެ މެއި 28 ގައި އުފަންވި ކަގާވާ، އޯސާކާ ވިމެންސް މެޑިކަލް ކޮލެޖުން (މިހާރުގެ ކަންސާއީ މެޑިކަލް ޔުނިވަރސިޓީ) ބޭސްވެރިކަމުގެ ރޮނގުން ދަސްވެނިވީ 1934 ވަނަ އަހަރު އެވެ.
އޭނާ ވަނީ ޔަމަޓޯކޮރިޔާމާގައި އަމިއްލަ ކްލިނިކެއް ހުޅުވައި، އުމުރުން 80 ގެ އަހަރުތަކާ ހަމައަށް އަންހެނުންގެ ޚާއްސަ ބަލިތަކާ ބެހޭ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.
މީގެ އިތުރުން، ކޮލެރާ ބަލި ތަހައްމަލު ކުރަމުންދިޔަ މީހުންނަށް ފަރުވާ ދިނުމުގައިވެސް އޭނާ ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
ކަގާވާ ކައިވެނި ކުރީ 1947 ވަނަ އަހަރު އެވެ. އަދި އޭގެ ފަހު އަހަރު އޭނާއަށް އަންހެން ދަރިއަކު ލިބުނެވެ.
ބޭސްވެރިކަމުގެ ދާއިރާއިން ރިޓަޔަރ ކުރި ފަހުންވެސް ކަގާވާ ވަނީ ތާރީޚީ ކާމިޔާބީތަކެއް ހޯދާފަ އެވެ.
އެގޮތުން، 2021 ވަނަ އަހަރުގެ އޭޕްރިލް މަހު، އުމުރުން 109 އަހަރާއި 10 މަހުގައި، ޓޯކިޔޯ އޮލިމްޕިކްސްގެ ދަންމަރު އުފުލުމުގެ ރިލޭގައި ބައިވެރިވެ، އޭނާ ވަނީ އޮލިމްޕިކްސްގެ ތާރީޚުގައިވެސް ދަންމަރު އުފުލި އެންމެ ދުވަސްވީ މީހާގެ ޝަރަފު ހޯދާފަ އެވެ.
އެ ދުވަސްވަރު އޭނާ ބުނެފައިވަނީ، "މިހާ ގިނަ ބަޔަކު އަހަންނަށް ހިތްވަރުދޭނެ ކަމަކަށް އުންމީދެއް ނުކުރަން. މިއީ ލިބުނު ވަރަށް ބޮޑު އުފަލެއް،" ކަމަށެވެ.
ކަގާވާގެ އާދަޔާޚިލާފު ދުޅަހެޔޮ ސިއްހަތާއި ދިރިއުޅުމުގެ އާދަކާދަތަކާ ބެހޭ ރިޕޯޓެއް 2025 ވަނަ އަހަރު ވަނީ ޝާއިއުކޮށްފަ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން، އުމުރުން އެހާ ދުވަސްވީއިރުވެސް އޭނާގެ އެއްވެސް ދާއިމީ ބައްޔެއް ނެތްއިރު، އޭނާއަކީ އެއްވެސް ކަހަލަ ބޭހެއް ބޭނުންކުރި މީހެއް ނޫނެވެ.
އޭނާގެ އަޑުއިވުމުގެ ހިއްސަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައިސްފައިވީ ނަމަވެސް، މީހުންނާ ސާފުކޮށް ވާހަކަދައްކައި އުޅުނެވެ. އަދި ލޮލުގެ ފެނުން ރަނގަޅުވުމުގެ ސަބަބުން ޓީވީ ބެލުމާއި ނޫސް ކިޔުމުގައި އޭނާއަށް އެއްވެސް ދަތިކަމެއް ކުރިމައްޗެއް ނުވެ އެވެ.
ދިގު އުމުރެއްގެ ސިއްރަކީ ކޮބައިތޯ ސުވާލުކުރުމުން އޭނާ ދިން ޖަވާބަކީ "ގިނައިން ހިނގުމާއި ސިކުނޑީގެ ބޭނުން ހިފުން" ކަމަށެވެ.
ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި ދުވަސްވަރު، ކްލިނިކަށް ފޯނުކޮށްފައި ބަލިމީހުންގެ ގާތަށް ދިއުމަށް އެދުމުން، އެމީހުންގެ ގެއަށް ދިއުމަށްޓަކައި އޭނާ އެތައް މޭލަކަށް ހިނގާފައި ދެ އެވެ.
އޭނާ ކިޔައިދިން ގޮތުގައި، "އަހަރެން ލަކުޑިން ހަދާފައި ހުންނަ 'ގެޓާ' ފައިވާނަށް އަރައިގެން ޔަޓަޔާމާ ސަރަހައްދާ ހަމައަށް ހިނގާފައި ދަން. އެހެންވީމާ އަހަރެންގެ ފައިގެ މަސްތައް ވަރުގަދަ."
"އަހަރެން ގަބޫލުކުރާ ގޮތުގައި ޒުވާން އުމުރުން ފެށިގެން އެހާ ގިނައިން ހިނގުމަކީ މިއަދު އަހަރެންގެ ހަށިގަނޑުގައި ހުރި ވަރުގަދަކަމުގެ އަސްލު،" ކަގާވާ ބުނެފައިވެ އެވެ.
އުމުރުން ދުވަސްވީ ފަހުންވެސް ކަގާވާ އައީ ކެލިގްރަފީ ކުރެހުމާއި، ތަަސްވީރުތަކުގެ ތަފާތު ހޯދާ ފަދަ ސިކުނޑި ތޫނުކޮށްދޭ ގޭމްތައް ކުޅެ، ސިކުނޑި ހަރަކާތްތެރިކޮށް ބަހައްޓަމުންނެވެ.
އޭނާގެ އާއިލާއިންވެސް ގަބޫލުކުރާ ގޮތުގައި، ކަގާވާގެ ދިގު އުމުރުގެ ސިއްރަކީ އާދައިގެ ގޮތަކަށް އަދި އެއް ހަމައެއްގައި ދުވަހުގެ ކަންކަން ބެހެއްޓުމެވެ.
އެ ދުވަސްވަރު އާއިލާއިން ކިޔައިދިން ގޮތުގައި، "އޭނާގެ ދުވަހުގެ ތާވަލަށް މާބޮޑު ބަދަލެއް ނާދޭ."
"އޭނާ ކާ މިންވަރު މަދުވި ނަމަވެސް، ގަވާއިދުން ތިން އިރު ކައިބޮއި ހަދާ. އަދި ވަކި ވަގުތެއްގައި ނިދައި، ވަކި ވަގުތެއްގައި ހޭލައި، އާދައިގެ މަތިން އޭނާގެ ދުވަހުގެ ކަންކަން ކުރިއަށް ގެންދޭ،" އާއިލާއިން ބުންޏެވެ.
ކަގާވާ މަރުވުމާ ގުޅިގެން، ޖަޕާނުގައި މިހާރު ދިރިހުރި އެންމެ ދުވަސްވީ މީހަކީ ކިޔޯޓޯގައި ދިރިއުޅޭ އުމުރުން 114 އަހަރުގެ ފުޔޯ ކިޝިމޯޓޯ އެވެ.









