އިންޑިޔާގެ ޚާރިޖީ ވަޒީރު ގޮވާލެއްވީ އިސްރާއީލާ ޖެހިގެން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށްދޭން!
27 ސެޕްޓެމްބަރު 2026 | އާދީއްތަ 02:58އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން އިންޑިއާގެ ޚާރިޖީ ވަޒީރު ވަނީ މެދުއިރުމައްޗާއި ޔޫކްރެއިންގެ ހަމަނުޖެހުންތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށާއި، ކަނޑު ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލައްވާފައި. މީގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި، ބަދަލުވަމުންދާ ދުނިޔޭގެ ނިޒާމާ އެއްގޮތަށް ބައިނަލްއަގުވާމީ މުއައްސަސާތައް އިސްލާހުކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވި

އިންޑިޔާގެ ޚާރިޖީ ވަޒީރު ސުބްރަމަނިއަމް ޖައިޝަންކަރް އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަނީ | އެކްސް
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގެ ތެރެއިން މެދުއިރުމައްޗަށް ދެމެހެއްޓެނިވި ސުލްހައެއް ގެނައުމަށް ޓަކައި އިސްރާއީލާއި ފަލަސްތީނުގެ މިނިވަން ދެ ދައުލަތުގެ ހައްލެއް ބޭނުންވާ ކަމަށް އިންޑިޔާއިން ހޮނިހިރު ދުވަހު އދ. ގެ އާންމު މަޖިލީހުގައި ބުނެފި އެވެ.
ނިއު ޔޯކްގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން އިންޑިޔާގެ ޚާރިޖީ ވަޒީރު ސުބްރަމަނިއަމް ޖައިޝަންކަރު ވިދާޅުވީ، "މެދުއިރުމަތީގައި ނުތަނަވަސްކަމާއި ހަމަނުޖެހުންތައް ހިތާމައާއެކު އަދިވެސް ކުރިއަށްދާ" ކަމަށެވެ. "ދެމެހެއްޓެނިވި އަދި ދާއިމީ ސުލްހައަކަށް ދެ ދައުލަތުގެ ހައްލެއް ކޮންމެހެން ބޭނުންވާ ކަމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ގަބޫލުކުރަން،" އޭނާ ވިދާޅުވި އެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތަކުގައި އިންޑިޔާއިން ބައިވެރިވަމުން އަންނަ ކަން ވެސް ޖައިޝަންކަރު ފާހަގަކުރެއްވި އެވެ. "އެއްގަމުގައި ޒަމާނުއްސުރެ ހުރި ގޮންޖެހުންތަކުގެ މައްޗަށް ކަނޑުގެ ސަރަހައްދުގައި އާ ގޮންޖެހުންތަކެއް އިތުރުވެފައިވާ" ކަން ފާހަގަކުރައްވައި ޖައިޝަންކަރު ވިދާޅުވީ، ގަލްފު ސަރަހައްދުން ފެށިގެން ރަތް ކަނޑާއި ކަޅު ކަނޑާ ހަމައަށް، "ވިޔަފާރި އުޅަނދުފަހަރަށާއި ކަނޑު ދަތުރުވެރިންނަށް ހަމަލާތަކެއް އަމާޒުވެފައިވާ" ކަމަށެވެ.
"އެހެން ގައުމުތަކުގެ މީހުންނެކޭ އެއް ފަދައިން، އިންޑިޔާގެ ރައްޔިތުންގެ ފުރާނަ ވެސް ވަނީ ގެއްލިފައި. މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ. އަދި، "ކަނޑު ދަތުރުފަތުރާއި ކަނޑު ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އެއްވެސް އުނިކަމެއް ނާންނާނެކަން އަޅުގަނޑުމެން ކަށަވަރުކުރަންޖެހޭނެ" އޭނާ ވިދާޅުވި އެވެ.
ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައަށް އަލިއަޅުއްވާލައްވަމުން ޖައިޝަންކަރު ވިދާޅުވީ، ދިގުލައިގެން ގޮސްފައިވާ އެ ހަނގުރާމައަކީ ވެސް "އެހާމެ ކަންބޮޑުވާންޖެހޭ" މައްސަލައެއް ކަމަށެވެ. "[އިންޑިޔާގެ] ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެފައިވާ ފަދައިން، ނިމުމެއް ނެތް ހަނގުރާމައިން މިހާރު ޖެހޭނީ ހަނގުރާމަތައް ނިމުމަކަށް ގެނައުމަށް ޖާގަދޭން. ސުލްހަ ގެނައުމަށް ކުރިއަށްދާ މަސައްކަތްތަކަށް އިންޑިޔާއިން ތާއީދުކުރޭ... ހާއްސަކޮށް ކާބޯތަކެއްޗާއި ހަކަތައިގެ ރައްކާތެރިކަމާ ގުޅޭގޮތުން، މި ހާލަތު ރަނގަޅުކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަށް އިންޑިޔާ އޮތީ ތައްޔާރަށް،" ޖައިޝަންކަރު ވިދާޅުވި އެވެ.
އާޓިފިޝަލް އިންޓެލިޖެންސްއާ (އޭއައި) ގުޅޭގޮތުން ޖައިޝަންކަރު ވިދާޅުވީ، އިންޑިޔާއިން އޭއައި ދެކެނީ "އިންސާނުން ބާރުވެރިކުރުވުމަށާއި، އިގްތިސާދީ ތަނަވަސްކަމަށާއި، އަދި ބޮޑެތި އާބާދީތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް އަންނަ އިންގިލާބީ ބަދަލެއް" ގެ ގޮތުގައި ކަމަށެވެ. "ގައުމީ ލަނޑުދަނޑިތަކާއި އިސްކަންދޭ ކަންކަމާ އެއްގޮތްވާ ގޮތުގެ މަތިން، އަމިއްލަ މޮޑެލްތަކާއި އެކުލަވާލުމުގެ އިސްތިރާޖުތައް ތަރައްގީކޮށްގެން އެ ކަމުގެ ވެށި ބައްޓަންކުރުމުގެ ހައްގު ކޮންމެ ގައުމަކަށް ވެސް ލިބިގެންވާ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. އަޅުގަނޑުމެންނާއި ދެކުނުގެ ގައުމުތަކާއެކު [ގްލޯބަލް ސައުތު] އޮންނަ ގުޅުމުގެ އެޖެންޑާގައި އޭއައި ވަރަށް ބޮޑު ބައެއް ހިއްސާކުރާނެ،" އިންޑިޔާގެ އިސް ޑިޕްލޮމެޓް ވިދާޅުވި އެވެ.
ދުނިޔެ މިހާރު ދަތުރުކުރަމުން ދަނީ "ގިނަ ބާރުތަކެއް އެކުލެވޭ މަލްޓި-ޕޯލާ ދުނިޔެއަކާ ދިމާއަށް" ކަމަށާއި، 1945 ގެ ފަހުގެ ނިޒާމު "އާ ހަގީގަތްތަކަށް ޖާގަދެމުންދާ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "މި ބަދަލުތަކަށް ހޭނުމާއި، ތަންދިނުމާއި، އަދި ބަލައިގަތުމުގެ މި މަރުހަލާއަކީ ފަސޭހަ ކަމަކަށް ނުވާނެ. މިއަދު އަޅުގަނޑުމެންނަށް ފެންނަމުންދާ ހަލަބޮލިކަމުގެ ބޮޑު ބައެއް އުފެދިގެން އަންނަނީ ހަމަ އެ ދަތިތަކުގެ ސަބަބުން... ތަފާތު ބާރުތައް އެކުލެވޭ ނިޒާމެއްގައި ސުލްހަ ދެމެހެއްޓުމަށް ތަހުޒީބީ މަޝްވަރާތައް ބޭނުންވޭ... އިންސާނިއްޔަތުގެ ބޮޑު ބައެއް އެ މަރުހަލާއިން ބާކީއެއް ނުކުރެވޭނެ. އިސްލާހުކުރެވިފައިވާ ބައިނަލްއަގުވާމީ ނިޒާމަކަށް އޮތް ބޭނުންތެރިކަން ދުވަހެއް ދުވަހަކަށް ދަނީ ބޮޑުވަމުން،" ޖައިޝަންކަރު ވިދާޅުވި އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











