ދެ ދައުލަތުގެ ހައްލަށް އޮތް ތާއީދު ހަމައެކަނި ބަސްތަކަކުން ނިންމާލެވޭކަށް ނެތް: ގުޓެރޭޝް
23 ސެޕްޓެމްބަރު 2026 | ބުދަ 05:45ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް އޮތް ފުރުސަތުތައް ހަނިވަމުންދާތީ، ދެ ދައުލަތުގެ ހައްލަށް އޮތް ބައިނަލްއަގުވާމީ ތާއީދު އަމަލީ ގޮތުން ދެއްކުމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް ގޮވާލައްވައިފިއެވެ. އިސްރާއީލުން ހުޅަނގު އައްސޭރީގައި ހިންގާ މަޝްރޫއުތަކަކީ ސުލްހައިގެ އުންމީދުތައް ނައްތާލާ ކަމެއް ކަމަށާއި، މިކަމަށް ވަގުތުން ފިޔަވަޅު އަޅަންޖެހޭ ކަމަށް އދ. އާއި ޔޫރަޕިއަން ކައުންސިލުން ވަނީ ބާރުއަޅާފައެވެ.

ޣައްޒާގެ ސުލްހައިގެ މަޝްރޫއާއި، ފަލަސްތީނާއި އިސްރާއީލަކީ މިނިވަން ދެ ދައުލަތުގެ ގޮތުގައި އޮތުމާ ގުޅޭގޮތުން ބޭއްވި މަތީ ފަންތީގެ ވަޒީރުންގެ ބައްދަލުވުމެއްގައި، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޝް ވާހަކަފުޅު ދައްކަވަނީ. | އެކްސް
ޔަހޫދީން އިސްތިއުމާރު ކޮަށްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލްގެ ރައްޔިތުން ވަޒަންވެރިކުރުވުމާއި އެހެނިހެން ސިޔާސަތުތައް ހަލުވިކަމާއެކު އިތުރުވަމުންދާތީ، އިސްރާއީލް އަދި ފަލަސްތީނުގެ މެދުގައި ދެ ދައުލަތް ގާއިމުކުރުމުގެ ހައްލަށް އޮތް ބައިނަލްއަގުވާމީ ތާއީދަކީ ހަމައެކަނި ދައްކާ ވާހަކައެއްގެ ގޮތުގައި ދެމިއޮވެގެން ނުވާނެ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޝް އަންގާރަ ދުވަހު ވިދާޅުވެއްޖެ އެވެ.
"ފަލަސްތީނުގެ ރައްޔިތުންނަށާއި މެދުއިރުމަތީގެ ސުލްހައަށް އެދޭ އެންމެހައި ފަރާތްތަކަށް ޓަކައި، ދެ ދައުލަތުގެ ހައްލަށް ތާއީދުކުރުން ބަސްތަކުން އެކަނި ފުއްދާލުމުގެ ބަދަލުގައި އެއަށްވުރެ ފުޅާވާންޖެހޭ،" އދ. ގެ 81 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވުނު، ދެ ދައުލަތުގެ ހައްލާއި ޣައްޒާގެ ފުރިހަމަ ސުލްހައިގެ ޕްލޭނާ ގުޅޭ މަތީ ފަންތީގެ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގުޓެރޭޝް ވިދާޅުވި އެވެ.
ރަސްމީ ޑިޕްލޮމެޓިކް ތާއީދު އިތުރުވަމުން ދިޔަ ނަމަވެސް، އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރިއާއި ޣައްޒާގައި ބިމުގެ ހަގީގަތްތައް ހުރި ގޮތުން ދެ ދައުލަތުގެ ހައްލު ގާއިމުކުރުމުގެ ފުރުސަތު އަންނަނީ ވަރަށް ބޮޑަށް ހަނިވަމުން ކަން ގުޓެރޭޝް ފާހަގަކުރެއްވި އެވެ. "މިނިވަން، ޑިމޮކްރެޓިކް، ގުޅިފައިވާ، ދެމެހެއްޓެނިވި އަދި ސިޔާދަތީ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ބޭނުންވާ ޝަރުތުތައް ނައްތާލުމުގެ މަސައްކަތް ދަނީ ނިޒާމީ ގޮތެއްގައި ހިންގަމުން،" ހުޅަނގު އައްސޭރީގައި އިސްރާއީލްގެ ހަރުކަށި ފިޔަވަޅުތަކާއި އެ ގައުމުގެ ވަޒަންވެރިން ދެމުންދާ ނިރުބަވެރި ހަމަލާތަކަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވި އެވެ.
ހުޅަނގު އައްސޭރީ ބިންތައް ހިފުމަށް ގެންގުޅޭ މަޝްރޫއުތަކާމެދު އިންޒާރެއް
އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގައި އީ1 ގެ ނަމުގައި އިސްރާއީލުން ހިންގަން ރާވާފައިވާ އިމާރާތްކުރުމުގެ މަޝްރޫއުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން، އިސްރާއީލްގެ އިސްތިއުމާރު ފުޅާކުރުމަކީ ބައިނަލްއަގުވާމީ ގާނޫނާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަން ގުޓެރޭޝް ފާހަގަކުރެއްވި އެވެ. މި ގޮތުން، އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަކީ "ގުޅިފައިވާ އަދި ދެމެހެއްޓެނިވި ފަލަސްތީނުގެ ދައުލަތެއް އުފެދުމުގެ އުންމީދަށް ދެވޭނެ މަރުގެ އެތިފަހަރެއް" ކަމަށް އޭނާ އިންޒާރު ދެއްވި އެވެ.
ދެމެހެއްޓެނިވި ސުލްހައެއް ހާސިލުކުރެވޭނީ 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެވިފައިވާ ސަރަހައްދީ ރޮނގުތަކެއްގެ ތެރޭގައި ދެ ދައުލަތް ގާއިމުކުރުމުގެ އިތުރުން، ގުދުސްއަކީ ދެ ގައުމުގެ ވެސް ހިއްސާވާ ވެރިރަށުގެ ގޮތުގައި ހަމަޖައްސައިގެން ކަމަށް އޭނާ ތަކުރާރުކުރެއްވި އެވެ. "މިއަށްވުރެ އެހެން އެއްވެސް ބަދަލެއް ނެތް، އަދި ވަގުތު މި ދަނީ ފާއިތުވަމުން،" މިއީ މުޅި ސަރަހައްދުގެ ހަމަޖެހުމާ ސީދާ ގުޅިފައިވާ މުހިންމު ކަމެއްކަން ހާމަކުރައްވަމުން އޭނާ ވިދާޅުވި އެވެ.
އަމަލީ ގޮތުން ކުރިއެރުމެއް ނެތް: ކޮސްޓާ
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިލާތުގެ އިއްތިހާދުގެ (އީޔޫ) ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޮސްޓާ ވިދާޅުވީ، ބައިނަލްއަގުވާމީ ފެންވަރުގައި ފުޅާ ދާއިރާއެއްގައި އިއްތިފާގުވެވިފައި އޮތް ނަމަވެސް، އަމަލީ ގޮތުން ކުރިއަށް ދިއުމުގެ މަސައްކަތްތައް މިހާރު ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. ދެ ދައުލަތުގެ ހައްލާ ގުޅޭ ނިއު ޔޯކް ޑެކްލަރޭޝަނާއި އދ. ގެ ސަލާމަތީ މަޖިލީހުގެ 2803 ނަންބަރު ގަރާރަށް 142 ގައުމަކުން ތާއީދުކުރުމާ ގުޅިގެން ބޮޑު އުއްމީދެއް އުފެދުނު ކަން ކޮސްޓާ ހަނދާންކޮށްދެއްވި އެވެ. ނަމަވެސް، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ހަގީގަތްތަކަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޣައްޒާއަށް ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ މަގުޗާޓު ވަގުތުން ވަގުތަށް ތަންފީޒުކުރުމަށް ވެސް ކޮސްޓާ ބާރުއެޅުއްވި އެވެ. އަދި، އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްގައި ކޮންމެ ދުވަހަކު ވެސް މި އޮނިގަނޑަށް ނުރައްކާ ކުރިމަތިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ސުލްހައިގެ މަގު ހިމާޔަތްކުރުމަށް ޓަކައި، އިސްރާއީލާއެކު އަމާންކަމާއެކު ދެމިއޮންނާނެ މިނިވަން، ސިޔާދަތީ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް އެންމެން ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ ކަމަށް ކޮސްޓާ ވިދާޅުވި އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











