ޔަމަނުގެ އަހުލީހަނގުރާމަ ހުއްޓުވަން މެދުވެރިއެއްގެ ދައުރު އަދާކުރަން ފަލަސްތީނުގެ ހަމާސުން ހުށަހަޅައިފި
27 ސެޕްޓެމްބަރު 2026 | އާދީއްތަ 02:39ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށް އެމެރިކާގެ އޮފިޝަލުންނާއެކު މަޝްވަރާކުރަމުންދާކަން ހާމަކުރައްވައި، ޣައްޒާގެ މަގުޗާޓު ތަންފީޒުކުރުމަށް ހަމާސްގެ ލީޑަރު ޚަލީލް އަލް-ހައްޔަތު ގޮވާލެއްވި. ގައުމީ އެއްބައިވަންތަކަން ގާއިމުކުރުމަށް ރައީސް މަހްމޫދު ޢައްބާސްއާ ބައްދަލުކުރަން ތައްޔާރަށް އޮތްކަން ހާމަކުރައްވަމުން، ފަލަސްތީނުގެ މިނިވަންކަން ކަށަވަރުނުވެ ސަރަހައްދީ ހަމަޖެހުން ގާއިމުނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި


ހަމަސްގެ ސިޔާސީ ގޮފީގެ ވެރިޔާ ޚަލީލް އަލް-ހައްޔަތު ޓީވީ މެދުވެރިކޮށް ދެއްވި ފުރަތަމަ އިންޓަވިއުގައި ވާޙަކަފުޅު ދައްކަވަނީ | އަނަދޮލު އޭޖެންސީ
ޔަމަނުގައި ހަނގުރާމަކުރަމުންދާ ދެ ފަރާތުގެ ދެމެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރާ ހަމާސް ޖަމާއަތުން ހުށަހަޅާފައިވާ ކަމަށާއި، މި ކަން ބަލައިގަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ ޚަލީލް އަލް-ހައްޔަތު ހޮނިހިރު ދުވަހު ވިދާޅުވެއްޖެ އެވެ.
ޖުލައި މަހު އެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ޓީވީ މެދުވެރިކޮށް ދެއްވި ފުރަތަމަ އިންޓަވިއުގައި އަލް-ހައްޔަތު ވިދާޅުވީ، މެދުވެރިއެއްގެ ދައުރު އަދާކުރުމާ ގުޅޭ ހުށަހެޅުން ރަސްމީކޮށް ހުށަހަޅާފައިވާނެ ކަމަށެވެ. "ޔަމަނުގައި ދެބަސްވެ ހަނގުރާމަކުރަމުންދާ ފަރާތްތަކުގެ މެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް އަޅުގަނޑުމެން ވާނީ ހުށަހަޅާފައި، އަދި އުންމީދަކީ މި ހުށަހެޅުން ބަލައިގަތުން،” އޭނާ ވިދާޅުވި އެވެ.
ޔަމަނުގެ ވެރިރަށް ސަންޢާގެ ކޮންޓްރޯލް 2014 ވަނަ އަހަރު ހޯދި ހޫޘީން، ސައޫދީ އަރަބިއްޔާ އިސްވެ އޮންނަ އިއްތިހާދާ ދެކޮޅަށް ހަނގުރާމަކުރާތާ މިހާރު ދިހަ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. 2022 ވަނަ އަހަރު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފަހު ހަމަލާ ބަދަލުކުރުން މެދުކެނޑިފައި އޮތް މި ހަނގުރާމަ، ރަތް ކަނޑުގައި ސައޫދީގެ އާގުބޯޓުފަހަރު ދަތުރުކުރުން ހުއްޓުވާފައިވާކަން ހޫޘީން ޖުލައި މަހު އިއުލާނުކުރުމާ ގުޅިގެން ހަނގުރާމަ އަލުން ވަނީ ފެށިފަ އެވެ. އަދި، އޭގެ ފަހުން ހޫޘީން ވަނީ ޔަމަނުގެ އައްސޭރިފަށުގެ ބޮޑު ސަރަހައްދަކަށް އަތްގަދަކޮށްފަ އެވެ.
މިދިޔަ އަހަރުން ފެށިގެން އެމެރިކާގެ އޮފިޝަލުންނާ ހަމާސްގެ ލީޑަރުން ހަތަރު ވަރަކަށް ފަހަރު ބައްދަލުކުރައްވާފައިވާ ކަން އަލް-ހައްޔަތު ހާމަކުރެއްވި އެވެ. މި މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ފަލަސްތީނުގެ މައްސަލައަށާއި، ޣައްޒާގެ ހާލަތުގެ އިތުރުން ފަލަސްތީނު ރައްޔިތުންގެ ޑިމާންޑްތަކަށް ކަމަށް އޭނާ އޭނާ ވިދާޅުވި އެވެ.
"އެމެރިކާގެ ފަރާތުން ކަންކަން ދެނެގަތުމުގެ ވިސްނުން ހުރިކަން އަޅުގަނޑުމެންނަށް އިހުސާސްކުރެވުނު،" އޭނާ ވިދާޅުވި އެވެ. "ވަކިން ބޭއްވި ބައްދަލުވުންތަކުގައާއި ފާޅުގައި ވެސް ކަންކަން ދެނެގަތުމާއި ތައުރީފުގެ ބަސްތައް އަޅުގަނޑުމެން އަޑުއެހިން، ނަމަވެސް އަޅުގަނޑުމެން ބޭނުންވަނީ ހަގީގީ، އަމަލީ ފިޔަވަޅުތަކެއް."
ޣައްޒާއާ ގުޅޭގޮތުން އެކުލަވާލާފައިވާ މަގުޗާޓު ތަންފީޒުކުރުމަށް އަލް-ހައްޔަތު ގޮވާލެއްވި އެވެ. މިއާއެކު، ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަރަބި އަދި މުސްލިމް ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް އިސްރާއީލްގެ ފަރާތުން ހުރަސްއަޅަމުންދާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ފަލަސްތީނުގެ ދާޚިލީ ސުލްހައާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އަލް-ހައްޔަތު ވިދާޅުވީ، ގައުމީ ޕްރޮގްރާމަކާއި ސިޔާސީ އެއްބައިވަންތަކަމުގެ ބިންގާ އެޅުމަށް ޓަކައި، ފަލަސްތީނުގެ ރައީސް މަހްމޫދު ޢައްބާސްއާ ބައްދަލުކުރަން ހަމާސް އޮތީ ތައްޔާރަށް ކަމަށެވެ. އަދި، އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބަކީ ޣައްޒާއާއި، ޔަހޫދީން އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރި އަދި އިރުމަތީ ގުދުސްގެ ޖުޣުރާފީ އަދި ސިޔާސީ އެއްބައިވަންތަކަން އަލުން ގާއިމުކުރުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި، އިންތިޚާބު ފަސްކުރެވިއްޖެ ނަމަ، ފުޅާ ދާއިރާއެއްގައި ގައުމީ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން، މިހާރު އޮތް ސިޔާސީ އިއްތިހާދު އެހެން ޖަމާއަތްތަކަށް ވެސް ހުޅުވާލެވިފައި އޮންނާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމަތަކާއި ކާރިސާތަކުގެ ތެރޭގައި ފަލަސްތީނުގެ މައްސަލަ އެއްފަރާތް ކުރެވެމުންދާ ކަމުގެ އިންޒާރު އަލް-ހައްޔަތު ދެއްވި އެވެ. އަދި، މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ލިބުނު ފުރުސަތުތައް އިސްރާއީލްގެ ފަރާތުން ބޭކާރުކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އެ މީހުންގެ ހައްގުތައް ކަށަވަރުވެ، މިނިވަން ދައުލަތެއް ގާއިމުނުކުރެވެނީސް ސަރަހައްދީ ހަމަޖެހުން ހާސިލުނުކުރެވޭނެ ކަމަށް އަލް-ހައްޔަތު ވިދާޅުވި އެވެ. އަދި، ފަލަސްތީނުގެ ބިމުން އެ ގައުމުގެ ރައްޔިތުން ގަދަކަމުން ބޭރުކޮށްލުމަށް ކުރެވޭ ކޮންމެ މަސައްކަތަކާ ދެކޮޅަށް ތެދުވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











