އދ. ފޭލުވަނީތަ؟ މާހިރުން ވިދާޅުވީ އދ.ގެ ކުރިމަގާ މެދު ބޮޑެތި ސުވާލުތަކެއް ހުރިކަމަށް!
24 ސެޕްޓެމްބަރު 2026 | ބުރާސްފަތި 07:09ދުނިޔޭގެ ބޮޑެތި ބާރުތަކުން އަމިއްލަ މަސްލަހަތަށް ޓަކައި ވީޓޯގެ ބާރު ބޭނުންކުރުމުގެ ސަބަބުން، ހަނގުރާމަތައް ހުއްޓުވުމުގައި އދ. ގެ ސަލާމަތީ މަޖިލިސް ނުކުޅެދިފައިވާ ކަމަށް މާހިރުން ބުނޭ. މި ހުއްޓުންތަކާ ގުޅިގެން އާންމު މަޖިލީހުގެ ދައުރު ފުޅާކޮށް، އިދާރީ އަދި މާލީ ގޮންޖެހުންތަކުން އަރައިގަނެވޭނެ ފަދަ އާ ލީޑަރަކަށް މެންބަރު ގައުމުތަކުން ދަނީ އިންތިޒާރު ކުރަމުން


އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ ޖަލްސާގައި ބްރެޒިލްގެ ރައީސް ތަޤުރީރު ކުރައްވަނީ | އޭޕީ
އެކުވެރި ދައުލަތްތަކުގެ (އދ) 81 ވަނަ އާންމު މަޖިލީހުގެ ޖަލްސާތަކަށް ދުނިޔޭގެ ލީޑަރުން ނިއު ޔޯކަށް އެއްވެވަޑައިގަންނަވަމުން ގެންދަވާއިރު، މާލީ ދަތިކަމާއި، އިދާރާގެ މުހިންމުކަން ކުޑަވުމާއި، އަދި ސަލާމަތީ މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް އައުމުގެ ސަބަބުން އެ އިދާރާގެ ކުރިމަގަށް ނުރައްކާވާ ފަދަ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް މާހިރުން ވިދާޅުވެއްޖެ އެވެ.
ދުނިޔޭގައި ހިނގަމުންދާ ބޮޑެތި ހަނގުރާމަތަކަށް ހައްލެއް ހޯދުން އުނދަގޫ ކަމަކަށް ވެފައިވާއިރު، އެމެރިކާއާއި ރަޝިޔާ ފަދަ ބާރުގަދަ ގައުމުތަކުން ދަނީ އެ ގައުމުތަކުގެ އަމިއްލަ އެދުމަށް ޓަކައި އދ. ގެ ސަލާމަތީ މަޖިލިސް ބޭނުންކުރަމުންނެވެ. މިއާއެކު، ސަލާމަތީ މަޖިލިސް ޒިންމާދާރުކުރުވޭނެ އާ އުސޫލުތަކެއް ހޯދުމަށާއި، މެންބަރު ގައުމުތަކުގެ ކަންބޮޑުވުންތައް އިއްވައިދޭނެ އާ ސެކްރެޓަރީ ޖެނެރަލަކަށް އެ ގައުމުތަކުން ދަނީ އިންތިޒާރު ކުރަމުންނެވެ.އަދި، ޣައްޒާގައި ހިންގަމުންދަނީ ގަތުލުއާންމެއް ކަމަށް އދގެ އަމިއްލަ މާހިރުން ކަނޑައަޅާފައި ވީނަމަވެސް، އެ ކަން ހުއްޓުވުމުގައި އެ އިދާރާ ނުކުޅެދިފައިވާ ކަމުގެ ތުހުމަތު ވަނީ އަމާޒުވެފަ އެވެ.
އދގެ އާންމު މަޖިލީހުގެ ހާލަތު އޮތީ ދަށުގައިކަން ދުނިޔޭގެ ލީޑަރުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށް އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕްގެ އދ އެފެއާޒްގެ ވެރިޔާ ޑެނިއަލް ފޮރްޓީ ފާހަގަކުރެއްވި އެވެ. ނަމަވެސް، އެ މަޖިލީހުގެ ބާރާއި މުހިންމުކަން އަދިވެސް ގިނަ ގައުމުތަކަކަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. "ކުދި ގައުމުތަކާއި، މެދުފަންތީގެ ބާރުތަކާއި، އަދި ބޮޑެތި ބާރުތަކުގެ ތެރެއިން ވެސް މަދު ގައުމުތަކެއް ހިމެނޭހެން، ގިނަ ލީޑަރުން ބަލައިގަންނަނީ ދުނިޔޭގެ މަޝްވަރާތަކުގެ މައި މަންސައެއްގެ ގޮތުގައި އދ އޮތުމުގެ މުހިންމުކަން،" އޭމނާ ވިދާޅުވި އެވެ.
ސަލާމަތީ މަޖިލިސް ނުކުޅެދިފައިވާ ދަނޑިވަޅުގައި އާންމު މަޖިލީހުގެ ދައުރު
އދ. މި ވަގުތު އޮތީ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ގިނަ ހަނގުރާމަތަކެއްގެ ތެރޭގައި ތާށިވެފަ އެވެ. އޭގެ ތެރޭގައި އީރާނާ ގުޅިފައިވާ ބޮޑެތި ހަނގުރާމަތަކުން ފެށިގެން، މާބޮޑު ސަމާލުކަމެއް ނުލިބި ދޫކޮށްލެވިފައިވާ ސޫދާނާއި މިޔަންމާގެ އިންސާނީ ކާރިސާތައް ހިމެނެއެވެ.
ޔޫކްރެއިން ހަނގުރާމައަށް ބަލާއިރު، 2025 ވަނަ އަހަރުގެ އެހެން ހަމަނުޖެހުންތަކުގައި މުޅިއަކު މަރުވި އާންމުންނަށް ވުރެ ގިނަ އަދަދެއްގެ މީހުން 2026 ވަނަ އަހަރުގެ ފުރަތަމަ އަށް މަސްދުވަހުގެ ތެރޭގައި މަރުވެފައިވާ ކަމަށް އދ އިން ވަނީ ހާމަކޮށްފަ އެވެ. އަދި، ހަނގުރާމައިގެ ނުރައްކާ އެ ގައުމުތަކަށް ފެތުރިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ނޭޓޯގެ ބާރުތަކުން ވެސް މިހާރު ދަނީ ބުނަމުންނެވެ.
ސަލާމަތީ މަޖިލީހަށް ހުށަހެޅޭ ގަރާރުތައް ރަޝިޔާއިން ތަކުރާރުކޮށް ވީޓޯ ކުރަމުން ދިޔަ ނަމަވެސް، މޮސްކޯ ހުއްޓުވުމަށް އެހީތެރިވުމަށް އެދިވަޑައިގަންނަވައި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ގެންދަވަނީ އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުންނެވެ. ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ބުދަ ދުވަހު ޒެލެންސްކީ ވަނީ ފަސްވަނަ ފަހަރަށް އާންމު މަޖިލީހުގައި ތަގުރީރު ކުރައްވާފަ އެވެ. ސަލާމަތީ މަޖިލީހުގައި ރަޝިޔާއިން ވީޓޯގެ ބާރު ބޭނުންކުރި ނަމަވެސް، މޮސްކޯއަށް އަދަބު ދިނުމުގެ ގޮތުން އަޅާފައިވާ އިގުތިސާދީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް ޒެލެންސްކީ ވަނީ ދުނިޔޭގެ ލީޑަރުންނަށް ގޮވާލައްވާފަ އެވެ.
"އދ. ގައި ވީޓޯގެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރުމަކީ ދުނިޔެ ބަލިކަށިކޮށް، ސުލްހަ އިތުރަށް ދުރަށް ޖައްސާލާ ކަމެއްކަން މި ތަނުގައި ތިއްބެވި ގިނަ ބޭފުޅުން ވަނީ ތަކުރާރުކޮށް ދެކެވަޑައިގަންނަވާފައި،” ޒެލެންސްކީ ވިދާޅުވި އެވެ. އޭނާ މި މޭރުމުން ވިދާޅުފައިވާއިރު، ވީޓޯގެ ބާރު ބޭނުންކޮށް، ސަލާމަތީ މަޖިލީހުގެ ނިންމުންތަކަށް ހުރަސްއަޅަމުން ދަނީ ހަމައެކަނި ރަޝިޔާ އެކަންޏެއް ނޫނެވެ. އިސްރާއީލާ ދެކޮޅަށް ހުށަހަޅާ ހުރިހާ ގަރާރެއް ބޭރުކޮށްލުމަށް، އިސްރާއީލުގެ އެންމެ ބޮޑު މަދަދުގާރު ކަމަށްވާ އެމެރިކާއިން ވެސް ދަނީ ތަކުރާރުކޮށް ވީޓޯގެ ބާރު ބޭނުން ކުރަމުންނެވެ.

އދގެ ސަލާމަތީ މަޖިލީހުގެ މެންބަރުންގެ ބައްދަލުވުމެއްގެ ތެރެއިން | އަނަދޮލޫ
އިސްރާއީލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގައި އެ ގައުމުގެ އަމަލުތަކަކީ ނަސްލު ނައްތާލުން ކަމަށް އދ އިން ސިފަކޮށްފައި ވީނަމަވެސް، ހަގީގީ ފިޔަވަޅުތަކެއް އެޅުމުގައި އެ އިދާރާ އޮތީ ބޮޑު ނުކުޅެދުމެއްގެ ތެރޭގައެވެ. ސަލާމަތީ މަޖިލީހުގެ ގަރާރުތައް ތަކުރާރުކޮށް ވީޓޯ ކުރެވެމުންދާއިރު، އެއްވެސް ޒިންމާދާރުކަމެއް ނެތި އދ. ގެ އެހީދޭ އިދާރާތަކަށް އިސްރާއީލުން ހަމަލާތައް އަމާޒުކުރަމުން ދާކަން ރިޕޯޓުތަކުން ހާމަވެ އެވެ. ހަމަމިއާއެކު، އެމެރިކާއާއި އިސްރާއީލް އަދި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާއިރު، ޔަމަން އަލުން ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓުމުގެ ބިރު ވަނީ ހީވެފަ އެވެ.
"ޔޫކްރެއިނުން ފެށިގެން ޣައްޒާ އަދި ސޫދާނަށް ބެލިޔަސް، އަދި އީރާނުގައި މިހާރު ހިނގަމުންދާ ކަންކަމަށް ބެލިޔަސް، ވީޓޯގެ މައްސަލައިގެ ސަބަބުން އދ ވަނީ އަތްފައި ބަނދެވިފައި،” އިރާސްމަސް ޔުނިވަރސިޓީގެ ތާރީޚު ޑިޕާޓްމަންޓުގެ ވެރިޔާ އަދި ގްލޯބަލް ގަވަރނަންސް އެންޑް ވެލްތުގެ ޕްރޮފެސަރު އެލާނާ އޮމޭލީ ވިދާޅުވި އެވެ.
މި ހަނގުރާމަތަކުގެ ސަބަބުން ކާބޯތަކެތި ލިބުމަށް ދަތިވުމާއި، ތެލުގެ އަގު އުފުލުމާއި، އަދި ދުނިޔޭގެ އިންފްލޭޝަން މައްޗަށް ދިއުން ފަދަ ހަގީގީ އިންސާނީ ގެއްލުންތައް ދުނިޔެއަށް ފޯރަމުންދާ ކަމަށް، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޝް ވެސް ވަނީ ވިދާޅުވެފަ އެވެ. މި ފަދަ ހަނގުރާމަތަކުގައި ބައިވެރިވާ ފަރާތްތަކަށް މަޝްވަރާ ކުރުމުގެ ފުރުސަތު އާންމު މަޖިލީހުން ލިބިގެންދާނެ ކަމަށާއި، ނަމަވެސް ބޮޑެތި އެއްބަސްވުންތަކަކަށް އާދެވޭނެ ކަމަށް ނުބެލެވޭ ކަމަށް ފޮރްޓީ ފާހަގަކުރެއްވި އެވެ.
ނަމަވެސް، އދގެ މެންބަރު 193 ގައުމު ހަމަހަމަވާ ހަމައެކަނި މަންސައަކީ އާންމު މަޖިލިސް ކަމަށް ވުމާއެކު، ވީޓޯގެ ސަބަބުން ކުރިމަތިވާ ހުއްޓުންތަކަށް ހައްލެއް ހޯދުމަށް ގައުމުތަކުން އާ އުސޫލުތަކާއި ތާރީޚީ އުކުޅުތައް ބޭނުންކުރަން މަސައްކަތް ކުރަމުންދާ ކަމަށް އޮމޭލީ ވިދާޅުވި އެވެ. މި ގޮތުން، ކޮރެއާ ހަނގުރާމައިގެ ދުވަސްވަރު ސަލާމަތީ މަޖިލީހަށް ކުރިމަތިވި ހުއްޓުމަކާ ގުޅިގެން 1950 ވަނަ އަހަރު ފާސްކުރި ގަރާރެއްގެ ދަށުން، ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރެވޭ މައްސަލަތަކުގައި ބަހުސް ކުރުމުގެ ފުރުސަތު އާންމު މަޖިލީހަށް ލިބިދީފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި، ޔޫކްރެއިން މައްސަލައިގައި 2022 ވަނަ އަހަރު ކުރިމަތިވި ހުއްޓުމާ ގުޅިގެން އާ ނިޒާމެއް ވަނީ ގާއިމުކޮށްފަ އެވެ. މި ނިޒާމުގެ ދަށުން، ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުން ކަމަށްވާ ޗައިނާ، ފަރަންސޭސިވިލާތް، ރަޝިޔާ، އިނގިރޭސިވިލާތް އަދި އެމެރިކާގެ (ޕީ5) ތެރެއިން އެއްވެސް ގައުމަކުން ވީޓޯގެ ބާރު ބޭނުންކޮށްފިނަމަ، އާންމު މަޖިލީހަށް ހާޒިރުވެ އެ ކަން ކުރި ސަބަބު ބަޔާންކުރަން މަޖުބޫރުވެ އެވެ.
"މީގެ ބޭނުމަކީ ޕީ5 ގެ ގައުމުތައް ނިޒާމުގެ ތެރެއިން އިތުރަށް ޒިންމާދާރު ކުރުވުމާއި، ވީޓޯ ބޭނުންކުރުން ދަތި ކުރުމުގެ އިތުރުން، އެ ބާރުގެ ބޭނުން ހިފުމުން ބޮޑު ސިޔާސީ އަގެއް ދައްކަންޖެހޭނެ ކަން ކަށަވަރު ކުރުން،” އޮމޭލީ ފާހަގަކުރެއްވި އެވެ.
އިސްރާއީލުން 2023 ވަނަ އަހަރު ޣައްޒާއަށް ދޭން ފެށި ހަމަލާތަކަށް ފަހު އިސްލާހީ ބަދަލުތަކަށް ކުރާ ޑިމާންޑް އިތުރުވެފައިވާ ކަމަށާއި، ސަލާމަތީ މަޖިލީހުގެ ނިންމުންތަކަށް ގޮންޖަހައި އާންމު މަޖިލީހުން "މީގެ ކުރިން ނުފެންނަ ފަދަ" ބޮޑު އަޣުލަބިއްޔަތަކުން ވޯޓު ދީފައިވާ ކަން ވެސް އޮމޭލީ ފާހަގަކުރެއްވި އެވެ.
ބޮޑެތި ބާރުތަކުގެ އެއްބާރުލުން ހޯދުމުގެ ގޮންޖެހުން
ނަމަވެސް، ދުނިޔޭގެ ބޮޑެތި ބާރުތަކުން އަމިއްލަ މަގު އިޚްތިޔާރު ކުރަމުންދާ ދަނޑިވަޅެއްގައި، އާންމު މަޖިލީހުގެ މުހިންމުކަން ދެމެހެއްޓުމަކީ އެ މަޖިލީހަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް މާހިރުން ދެކެވަޑައިގަންނަވަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ "ބޯޑް އޮފް ޕީސް" ގެ ނަމުގައި އަމިއްލަ އިދާރާއެއް އުފައްދާފަ އެވެ. އެ އިދާރާގެ ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލުކުރެވުނީ މަދު ކަންތައްތަކެއް ނަމަވެސް، އެއީ ސަލާމަތީ މަޖިލީހުގެ ރުހުން ލިބިފައިވާ އަދި ކުރިން އދގެ އެޖެންސީތަކުން ކުރަމުން އައި އެހީ ބެހުމާއި ރެފިއުޖީން ބެލެހެއްޓުން ފަދަ ޒިންމާތަކާ ހަވާލުވާނެ ކަމަށް ބުނާ އިދާރާއެކެވެ. އދގެ މަސައްކަތްތަކާ މެދު ހިތްހަމަނުޖެހި، އެ އިދާރާގެ ޚާއްސަ ރެޕަޓުއާއިންނަށާއި، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ފަދަ އިދާރާތަކަށް ޓްރަމްޕް ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅުއްވާފަ އެވެ. ނަމަވެސް، އަމިއްލަ ވަކި މަގަކުން ހިނގަން މަސައްކަތްކުރާ ހަމައެކަނި ސަރުކާރަކީ ވޮޝިންގޓަން ކަމަށް ނުވެދާނެ އެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގ މި ހަފުތާގައި އެމެރިކާއަށް ވަޑައިގަންނަވާފައިވީ ނަމަވެސް، އޭނާ އާންމު މަޖިލީހުގައި ބައިވެރިވެވަޑައެއް ނުގަންނަވާނެ އެވެ. ޝީ އެންމެ ފަހުން މި މަޖިލީހުގައި ވާހަކަފުޅު ދެއްކެވީ 2021 ވަނަ އަހަރު ވީޑިއޯ މެދުވެރިކޮށެވެ. ނަމަވެސް، މި އަހަރުގެ ޖަލްސާތައް އެއްކޮށް ދޫކޮށްލައްވައި، އޭނާ އިޚްތިޔާރު ކުރެއްވީ އެމެރިކާގެ ރައީސް ޓްރަމްޕާއެކު ވަކިން ބާއްވަވާ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. އދއާ މެދު ޗައިނާއިން ހެޔޮކޮށް ދެކޭ ކަމަށާއި، ބައިނަލްއަގުވާމީ މައްސަލަތަކުގައި ބަސްބުނުމަށް އެ ގައުމުން ގިނަ ފަހަރަށް ސަލާމަތީ މަޖިލިސް ބޭނުންކުރާ ކަމަށް ފޮރްޓީ ވިދާޅުވި އެވެ. ނަމަވެސް، ބައިނަލްއަގުވާމީ ގުޅުންތައް ވަރުގަދަކުރުމަށް ޓަކައި ބްރިކްސްއާއި ޝަންގހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ) ފަދަ މަންސަތައް ބޭނުންކުރުމަށް ވެސް ޗައިނާ އިން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ބަޔާންކުރެއްވި އެވެ.
ދާއިމީ މެންބަރުންގެ އަމިއްލަ މަސްލަހަތުތަކަށް ޓަކައި ވީޓޯގެ ބާރު ބޭނުންކުރުމުގެ ސަބަބުން، އެންމެ ޚިޔާލުތަފާތުވުން ބޮޑެތި މައްސަލަތަކުގައި ތަންފީޒީ ބާރު ލިބިގެންވާ ގަރާރުތައް ފާސްކުރުމަށް ސަލާމަތީ މަޖިލިސް ނުކުޅެދިފައިވާ ކަމަށާއި، މިއީ އދ. ނޫން އެހެން ގޮތްތަކެއް ހޯދަން މަޖުބޫރުވާ ސަބަބެއް ކަމަށް ސެކްރެޓަރީ ޖެނެރަލް ގުޓެރޭޝް ވެސް ވަނީ އެއްބަސްވެވަޑައިގަންނަވާފަ އެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް. | ރޮއިޓާސް
ސަލާމަތީ މަޖިލީހުން މި ފަދައިން ފިޔަވަޅު ނޭޅުމުގެ ސަބަބުން "އަދަބެއް ނުލިބި ސަލާމަތްވެވޭ މާހައުލެއް" އުފެދެމުންދާ ކަމަށް ގުޓެރޭޝް ވަނީ ވިދާޅުވެފަ އެވެ. އަދި، ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މި އަމަލުތަކުގެ ސަބަބުން މެދުފަންތީގެ ބާރުތަކަށާއި އެހެން ގައުމުތަކަށް ވެސް "އެ ގައުމުތަކަކަށް އެއްވެސް އަދަބެއް ނުލިބޭނެ ކަމަށް ދެކި، ބޭނުން ކޮންމެ ކަމެއް ކުރެވިދާނެ ކަމުގެ ވިސްނުން" އުފެދިގެންދާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
އާ ސެކްރެޓަރީ ޖެނެރަލެއް ހޯދުމުގެ މަސައްކަތް
ސެކްރެޓަރީ ޖެނެރަލް ގުޓެރޭޝްގެ ދައުރު ޑިސެންބަރު 31 ގެ ނިޔަލަށް ހަމަވާއިރު، އޭނާގެ ބަދަލުގައި އެ މަގާމަށް އައްޔަންކުރާނެ ބޭފުޅެއްގެ ނަން ސަލާމަތީ މަޖިލީހުން ރެކޮމެންޑް ކުރާނެ ކަމަށް ބެލެވެ އެވެ. "އަޅުގަނޑުމެންނަށް މި ފެނުނީ މި ކާރިސާތައް ހައްލުކުރުމަށް ޓަކައި ހޭދަކުރާނެ ބޮޑު ސިޔާސީ ބާރެއް ނެތް ސެކްރެޓަރީ ޖެނެރަލެއް، އަދި، އެއިން ގިނަ މައްސަލަތަކެއްގައި އޭނާ ބޮޑެތި އިސްނެންގެވުންތަކެއް ވެސް ނުނަންގަވާ،” އޮމޭލީ ވިދާޅުވި އެވެ.
މިސާލަކަށް، 2023 ވަނަ އަހަރު ޣައްޒާގެ މައްސަލަ ސަލާމަތީ މަޖިލީހަށް ގެނައުމަށް ޓަކައި، ވަރަށް މަދުން ނޫނީ ބޭނުންނުކުރާ 99 ވަނަ މާއްދާގެ ބާރު ގުޓެރޭޝް ބޭނުންކުރެއްވި އެވެ. ނަމަވެސް، އެމެރިކާ ފަދަ ބާރުގަދަ ގައުމުތަކުން އެހީ މަދުކުރުމާ ގުޅިގެން އދ. އަށް ވަނީ މާލީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. މީގެ ސަބަބުން ހުޅަނގު އައްސޭރިއާއި ޣައްޒާ ފަދަ ސަރަހައްދުތަކަށް އެހީ ފޯރުކޮށްދިނުމަށް ވަނީ ހުރަސްއެޅިފަ އެވެ. "އެހެންކަމުން ހަގީގަތުގައި އޭނާ [ގުޓެރޭޝް] ގެ އަތުގައި މާލީ އެއްވެސް ބާރެއް ނެތް،” އޮމޭލީ ފާހަގަކުރެއްވި އެވެ.
ގުޓެރޭޝްގެ ބަދަލުގައި އައްޔަންކުރާ ކެންޑިޑޭޓަކު އާންމު މަޖިލީހުގެ ވޯޓަށް ހުށަހެޅުމުގެ ކުރިން، ސަލާމަތީ މަޖިލީހުގެ 15 ވޯޓުގެ ތެރެއިން މަދުވެގެން ނުވަ ވޯޓު ހޯދަން ޖެހޭނެ އެވެ. އަދި، ޕީ5 ގެ އެއްވެސް ގައުމަކުން އެ ކެންޑިޑޭޓަކާ ދެކޮޅަށް ވީޓޯގެ ބާރު ބޭނުންކޮށްފި ނަމަ، އެ ކެނޑިޑޭޓެއްގެ ނަން އާންމު މަޖިލީހަށް ހުށަނޭޅޭނެ އެވެ.
މެންބަރު ގައުމުތަކުން މިހާރު އެދެނީ ހަނގުރާމަތައް ހުއްޓުވުމަށް އަލުން އިސްކަންދޭނެ އަދި އދ. އަކީ ހިންގަން އުނދަގޫ އަދި ޚަރަދު ބޮޑު ތަނެއްގެ ގޮތުގައި ކުރެވޭ ފާޑުކިޔުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ލީޑަރެއް ކަމަށް ފޮރްޓީ ފާހަގަކުރެއްވި އެވެ. "އދ. ގެ ޑިޕްލޮމެޓިކް މަސައްކަތްތަކާއި އޭގެ ނަތީޖާ، ބަޖެޓުގެ އުނިކުރުންތަކާއި ދަށަށް ދާ ދިއުމާ ދެމެދު ހަމަހަމަކަން ހިފަހައްޓަން އެ ބޭފުޅަކަށް މަޖުބޫރުވާނެ،" އޭނާ ވިދާޅުވި އެވެ.
މަސްދަރު: އަލް ޖަޒީރާ











