ޖީ20 ސަމިޓަށް ރަޝިޔާގެ ޕުޓިންއަށް ޓްރަމްޕް ދައުވަތު އަރުވައިފި
24 ސެޕްޓެމްބަރު 2026 | ބުރާސްފަތި 02:07އެމެރިކާގެ މަޔާމީގައި ބާއްވާ ޖީ20 ސަމިޓަށް ރަޝިޔާގެ ރައީސް ޕުޓިންއަށް ދައުވަތު ދެއްވާފައިވާކަން އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ހާމަކުރެއްވި. މި ދައުވަތަކީ ދުނިޔޭގެ ލީޑަރުންނާ ގުޅުން ބަދަހިކުރުމަށް ލިބޭ ފުރުސަތެއް ކަމަށް ރޫބިއޯ ވިދާޅުވިއިރު، ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ ރަޝިޔާއަށް ކުރާ މާލީ ފިއްތުންތައް އިތުރުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވާފައި


ކުރިން ބޭއްވި ބައްދަލުވުމެއްގައި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލުކުރައްވަނީ | އެކްސް
އެމެރިކާގެ ފްލޮރިޑާގެ މަޔާމީގައި ބޭއްވުމަށް ތާވަލުކޮށްފައިވާ ޖީ20 ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންއަށް ދައުވަތު އަރުވައިފި އެވެ. މިއީ، ރަޝިޔާއިން ޔޫކްރެއިނަށް ސިފައިން ފޮނުވައި ކުރަމުންދާ ހަނގުރާމަ ކުރިއަށްދާ ދަނޑިވަޅެއްގައި، ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ މަގްސަދުގައި އެޅުއްވި އެންމެ ފަހުގެ ފިޔަވަޅެވެ.
ޑިސެންބަރު މަހު ބާއްވާ މި ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ޕުޓިންއަށް ދައުވަތު އަރުވާފައިވާ ކަން ހާމަކުރައްވާފައި ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ އެވެ. އަދި، ދުނިޔޭގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށް ލިބިވަޑައިގަންނަވާ ފުރުސަތުގެ ބޭނުން ރަޝިޔާގެ ރައީސް ހިއްޕަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ބުދަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރޫބިއޯ ވިދާޅުވި އެވެ.
"މައްސަލަތައް ހައްލުކުރުމަށް ޓަކައި، ތިމާއާ ހިޔާލު ތަފާތުވާ މީހުންނާ ނުވަތަ މައްސަލަތަކެއް އުޅޭ މީހުންނާ ވެސް ބައްދަލުކުރަން ޖެހޭނެ،" ރޫބިއޯ ވިދާޅުވި އެވެ. "އެހެންވެ އަޅުގަނޑުމެން ވާނީ ރައީސް ޕުޓިންއަށް ޖީ20 ސަމިޓަށް ދައުވަތު އަރުވާފައި."
“އަޅުގަނޑުމެން ދެކޭގޮތުގައި މިއީ ހަމައެކަނި ރައީސާ [ޓްރަމްޕް] އެކަންޏެއް ނޫން، ދުނިޔޭގެ އެހެން ލީޑަރުންނާ ވެސް އެބޭފުޅާ [ޕުޓިން] ގުޅުން ބަދަހިކުރައްވަން ލިބިވަޑައިގަންނަވާ ފުރުސަތެއް،” ރޫބިއޯ ވިދާޅުވި އެވެ. “އަޅުގަނޑުމެން އުއްމީދުކުރަނީ މިއީ އެބޭފުޅާ ގަބޫލުފުޅުކުރައްވާނެ ދައުވަތެއް ކަމަށް.”
ރޫބިއޯ މިހެން ވިދާޅުވީ، މިހާރު ނިއު ޔޯކް ސިޓީގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި، ރަޝިޔާގެ ހާރިޖީ ވަޒީރު ސެރްގިޔޭ ލަވްރޮފްއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމަކަށް ފަހުގަ އެވެ.
ރަޝިޔާއަށް މާލީ ފިއްތުންތައް އިތުރުކުރަން ޒެލެންސްކީގެ ގޮވާލެއްވުން
ބުދަ ދުވަހު އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން، ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ ރަޝިޔާއަށް ކުރިމަތިކުރާ މާލީ ފިއްތުންތައް އިތުރުކުރުމަށް ދުނިޔޭގެ ގައުމުތަކަށް ގޮވާލައްވާފަ އެވެ.
"ވިޔަފާރީގެ ތެރެއިން ރަޝިޔާއަށް އިތުރަށް ފައިސާ ދޭ ކޮންމެ ފަހަރަކު، އެ ދެވެނީ މި ހަނގުރާމަ ދިގުދެންމުމަށް އިތުރު ވަގުތު،" ޒެލެންސްކީ ވިދާޅުވި އެވެ. "އަދި، އިސްވެ ހަމަލާދިން ފަރާތާއެކު ކުރާ ވިޔަފާރި ހަނިކުރުމަށް އަޅުގަނޑުމެން ބާރުއަޅަނީ ވެސް، އަދި ރަޝިޔާއަށް އާމްދަނީ ލިބގޭ ވަސީލަތްތަކަށް ހަމަލާދެމުން މި ދަނީ ވެސް ހަމަ އެ ސަބަބަށް ޓަކައި."
މިއާއެކު، ހަނގުރާމަ ނިމުމަކަށް ގެނެވިދާނެ ފިޔަވަޅުތަކެއް އެޅުމަށް ރަޝިޔާއިން އިޚުލާސްތެރިކަމާއެކު ޝައުގުވެރިވާ ކަމާމެދު ޝައްކު އުފެދޭ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ. ރަޝިޔާއިން 2022 ވަނަ އަހަރު ފެށި އަސްކަރީ އޮޕަރޭޝަނާ ގުޅިގެން ފެށުނު ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި، ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު އެއްބަސްވުމެއް ގާއިމުކުރުމަށް ޓްރަމްޕް ކުރެއްވި މަސައްކަތްތަކުން އެއްވެސް ނަތީޖާއެއް ނުނިކުމެ އެވެ.
ހަމަލާތައް މެދުކަނޑާލުމުގެ މަޝްވަރާތަކާއި ކަޅު ކަނޑުގެ ރައްކާތެރިކަން
ހަކަތައިގެ ވަސީލަތްތަކަށް އަމާޒުކޮށްދޭ ހަމަލާތައް މެދުކަނޑާލުމަށާއި، ކަޅު ކަނޑުގެ ދަތުރުފަތުރަށް މަގުފަހިކޮށްދިނުމުގެ ފިޔަވަޅުތައް އެޅުމަށް ޔޫކްރެއިންގެ އޮފިޝަލުން ވަނީ ގޮވާލައްވާފަ އެވެ. ނަމަވެސް، މި ފަދަ އިންތިޒާމަކަށް ޝައުގުވެރިކަން ހުރި ކަމުގެ އެއްވެސް އިޝާރާތެއް ރަޝިޔާއިން ކޮށްފައެއް ނުވެ އެވެ.
“އަޅުގަނޑުމެންގެ ޚާއްސަ އަސްކަރީ އޮޕަރޭޝަން މެދުކަނޑައެއް ނުލާނަން،” ހަނގުރާމަ މެދުކަނޑާލަން ވިލާތުން ބޭނުންވަނީ “ކީވްގެ ވެރިކަމަށް ހަތިޔާރު ފޯރުކޮށްދިނުމަށް” ކަމަށް ތުހުމަތުކުރައްވަމުން، ބުދަ ދުވަހު އދ. ގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުން ލަވްރޮފް ވިދާޅުވި އެވެ.
ނަމަވެސް، ވަގުތީ ގޮތުން ހަމަލާތައް މެދުކަނޑާލުމުގެ ފުރުސަތު އޮތް ކަމާމެދު ރޫބިއޯ ވަނީ އުއްމީދު އާކުރައްވާފަ އެވެ. "އަޅުގަނޑު ދެކޭގޮތުގައި ދެ ފަރާތުން ވެސް ވަނީ ގޮވާމާއި ހަކަތަ ހިމެނޭ ގޮތަށް ވަކި ދާއިރާތަކެއްގައި ހަމަލާތައް މެދުކަނޑާލުމަށް ޝައުގުވެރިކަން ފާޅުކޮށްފައި،" ރޫބިއޯ ވިދާޅުވި އެވެ. "ހަމަޔަގީނުން ވެސް، އެކަން ވެސް ފަސޭހައެއް ނުވާނެ."
ކަޅު ކަނޑުގައި ބަދަލުކުރަމުންދާ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމަކަށް ކީވް އަދިވެސް އޮތީ ތައްޔާރަށް ކަމަށް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޒެލެންސްކީ ވިދާޅުވި އެވެ. "އަޅުގަނޑުމެން މި އިންތިޒާރުކުރަނީ ރަޝިޔާގެ ޖަވާބަކަށް،" މައްސަލަ ފިނިކުރުމަށް ރަޝިޔާއިން ވެސް ހަގީގީ ފިޔަވަޅުތަކެއް އަޅަން ތައްޔާރު ނަމަ، "ކަޅު ކަނޑުގައި ރައްކާތެރިކަމާއެކު އުޅަނދުފަހަރު ދަތުރުފަތުރުކުރުމާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް" ޔޫކްރެއިނުން ތައްޔާރަށް އޮތް ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ. "ކޮންމެވެސް ހިސާބަކުން އަޅުގަނޑުމެން ފަށަން އެބަޖެހޭ."
އައިސީސީގެ އަމުރާއި އެމެރިކާގެ މަގާމު
ޔޫކްރެއިންގެ ކުޑަކުދިން ގަދަބާރުން ރަޝިޔާގެ ސަރަހައްދަށް ގެންދިޔަ ކަމަށް ކުރާ ހަނގުރާމައިގެ ޖަރީމާގެ ތުހުމަތާއެކު، ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން (އައިސީސީ) 2023 ވަނަ އަހަރު ވަނީ ޕުޓިން ހައްޔަރު ކުރުމުގެ އަމުރެއް ނެރެފަ އެވެ. އެ ކޯޓުގެ މެންބަރު ގައުމަކަށް ޕުޓިން ވަޑައިގަންނަވައިފި ނަމަ އޭނާ ހައްޔަރުކުރުން އެ ގައުމުތަކަށް އެ އަމުރުން ލާޒިމުކުރި ނަމަވެސް، އެކަން ތަންފީޒުކުރުމުގެ ބާރެއް ނުވަތަ ނިޒާމެއް އައިސީސީގައި ނޯވެ އެވެ. އަދި، އެމެރިކާއަކީ އައިސީސީގެ މެންބަރެއް ނޫނެވެ.
މަސްދަރު: އަލް ޖަޒީރާ











