އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ: އެޖެންޑާއި އޮތް އެންމެ ބޮޑު މައްސަަލައަކީ ކޮބާ؟
22 ސެޕްޓެމްބަރު 2026 | އަންގާރަ 06:14އދ. ގެ އާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޓްރަމްޕާއި އީރާނުގެ ރައީސް ތަގުރީރު ކުރައްވާއިރު، މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި އީރާނުގެ ނިއުކްލިއާ މައްސަލައަށް ބޮޑު ސަމާލުކަމެއް ހުއްޓޭނެ. ބައެއް ބޮޑެތި ގައުމުތަކުގެ ލީޑަރުން ބައިވެރިވެވަޑައިނުގަންނަވާ މި ސަމިޓުގައި، ޣައްޒާގެ ގަތުލުއާންމާއި ސޫދާނުގެ ދާޚިލީ ހަނގުރާމައާ ގުޅޭގޮތުން ވެސް މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރިއަށްދާނެ

އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ހޯމަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންނެވުން | އެކްސް/އައިއާރްއެންއޭ ނޫސް
ދުނިޔޭގެ ލީޑަރުން މި ހަފުތާގައި ނިއު ޔޯކް ސިޓީއަށް ޖަމާވަމުން ދަނީ އދ. ގެ އާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ކަމަށް ވާއިރު، މި އަހަރުގެ ބައްދަލުވުމުގެ މައްޗަށް ވަނީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުގާނޫނީ ހަނގުރާމައިގެ ހިޔަނި ވަރަށް ބޮޑަށް އެޅިފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހުގެ ހެނދުނު އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް އެމެރިކާގެ ހަމަލާތަކުން ވަރުގަދަ އަދި ނިމުމެއް ގެނުވި ފަދަ ހަމަލާއެއް ދެވިފައިވާ ކަމަށް އޭނާ ވިދާޅުވިތާ އަހަރެއް ފަހުން، އދ. އަށް އެނބުރި ވަޑައިގަންނަވާ ފަހަރެވެ.
ނަމަވެސް، ހުރްމުޒް ކަނޑުއޮޅިން ކަނޑު ދަތުރުފަތުރު ކުރުން ހަނިކޮށް، އީރާނުން ވޮޝިންގޓަނަށް ގޮންޖަހަމުން ދިއުމާ ގުޅިގެން، މި ފަހަރު އޭނާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނީ ސުވާލުތަކާއި ޝައްކުން ފުރިގެންވާ ބައިނަލްއަގުވާމީ މާހައުލަކާ އެވެ. މި ފިޔަވަޅުގެ ސަބަބުން ދުނިޔެއަށް ހަކަތަ ފޯރުކޮށްދިނުމުގެ މައި ނާރަށް ނުރައްކާވެ، ދުނިޔޭގެ އިގުތިސާދަށް އިތުރު ލޮޅުންތަކެއް އަރާފާނެ ކަމުގެ ބިރުވެރިކަން ވަނީ ބޮޑުވެފަ އެވެ.
މި ފިއްތުންތައް ގަލްފުގެ ސަރަހައްދުން ބޭރަށް ވެސް ދަނީ ފުޅާވަމުންނެވެ. އދ. ގެ ބައްދަލުވުން ފެށުމުގެ މަދު ދުވަސްކޮޅެއް ކުރިން، ޔަމަނުގެ ހޫޘީ ޖަމާއަތުން ވަނީ ރަތް ކަނޑުގެ އައްސޭރިފަށުގައި އެ ގުރޫޕުގެ ބާރުތައް ވަރަށް ބާރަށް ފުޅާކޮށްފަ އެވެ. އަދި، ދުނިޔޭގެ ވިޔަފާރީގެ މުހިންމު ބޮޑު ހިއްސާއެއް ހިނގާ އިސްތިރާޖީ ގޮތުން މުހިންމު އަނެއް ސަރަހައްދު ކަމަށްވާ ބާބު އަލް-މަންދަބް ކަނޑުއޮޅި ކައިރީގައި ސަރަހައްދުތަކަށް ވެސް އަތްގަދަކޮށްފަ އެވެ. އަދި، ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދޭން ފަށާފަ އެވެ.
ޓްރަމްޕްގެ ތަގުރީރު މައިގަނޑު ގޮތެއްގައި ބިނާކުރައްވާނީ ބައިނަލްއަގުވާމީ ހަމަނުޖެހުންތައް އޭނާގެ ސަރުކާރުން ހައްލުކުރަމުންދާ ގޮތަށާއި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމުން ކުރިމަތިވާ ނުރައްކާތަކަށް ކަމަށް، އދ. އަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މައިކް ވޮލްޓްޒް ވިދާޅުވި އެވެ.
"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިމަތިވެފައިވާ އުނދަގޫ މައްސަލަތަކާ ޓްރަމްޕާއި އޭނާގެ ސަރުކާރުން ސީދާ ގޮތެއްގައި ކުރިމަތިލައްވާފައިވާ ގޮތް ރައީސް ފާހަގަކުރައްވާނެ،" ވޮލްޓްޒް ވިދާޅުވި އެވެ. "އީރާނަށް ދުވަހަކު ވެސް ނިއުކްލިއާ ހަތިޔާރެއް ނުއުފެއްދޭނެކަން ކަށަވަރުކުރުމުގެ މުހިންމުކަމުގެ މައްޗަށް ރައީސް ޓްރަމްޕް އަލިއަޅުއްވާލައްވާނެ."
އީރާނުގެ ރައްދާއި ބައިނަލްއަގުވާމީ ބޮޑެތި ބާރުތަކުގެ ނުފޫޒު
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން، އެ ގައުމުގެ ހާރިޖީ ވަޒީރު އައްބާސް އަރާގިޗީއާ އެކު، އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހު އެވެ. މި ފުރުސަތުގެ ސަބަބުން، ހަނގުރާމައާ މެދު ތެހެރާނުން ދެކޭ ގޮތް ހާމަކުރުމަށާއި، އޭގެ އެއް ދުވަސް ކުރިން ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކަށް އެއް މައިދާނެއްގައި ގޮންޖަހައި ރައްދު ދިނުމުގެ ފުރުސަތު ތެހެރާނަށް ލިބިގެންދާނެ އެވެ.
މިއާއެކު ވެސް، އެއް ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުން ފެށިގެން ދަނީ، އދ. ގެ ދައުރާއި މުހިންމުކަމާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. ސަބަބަކީ، ގިނަ ގައުމުތަކެއްގެ އިސްވެރިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަތުމަށް ނިންމަވާފައި ވާތީ އެވެ. އެންމެ ފަހުން 2021 ވަނަ އަހަރު އޮންލައިންކޮށް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޗައިނާގެ ރައީސް ޝީ ޖިންޕިންގ، މި ފަހަރު ނިއު ޔޯކް ސިޓީއަށް ވަޑައެއްނުގަންނަވާނެ އެވެ. އޭގެ ބަދަލުގައި، ބުރާސްފަތި ދުވަހު ވޮޝިންގޓަންގައި ޓްރަމްޕާއެކު ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައި ނުވާ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން، މި ފަހަރު ފޮނުއްވަން ހަމަޖެހިފައިވަނީ އެ ގައުމުގެ ޚާރިޖީ ވަޒީރު ސިރްގިޔޭ ލެވްރޮފް އެވެ. މީގެ އިތުރުން، އިންޑިޔާ، ޖަރުމަނުވިލާތް އަދި ދެކުނު އެފްރިކާގެ ލީޑަރުން ވެސް މި ބައްދަލުވުމަށް އެ ބޭފުޅުންގެ މަންދޫބުން ފޮނުއްވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޣައްޒާގެ ގަތުލުއާންމާއި ފަލަސްތީނުގެ މަސްރަހު
މި ސަމިޓުގެ ތެރޭގައި ޣައްޒާގެ ގަތުލުއާންމުގެ މައްޗަށް ބޮޑު ސަމާލުކަމެއް ހުއްޓިގެންދާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލުހޭދާއި ގަތުލުއާންމާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތަކާ ގުޅިގެން ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވީ ނަމަވެސް، އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުރާސްފަތި ދުވަހު އާންމު މަޖިލީހުގައި ތަގުރީރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ނަމަވެސް، ފަލަސްތީނުގެ އޮފިޝަލުންނަށް އެމެރިކާއިން އަޅާފައިވާ ދަތުރުފަތުރުގެ ހުރަސްތައް ދަމަހައްޓާފައި ވާތީ، ޖެހިޖެހިގެން ދެވަނަ އަހަރަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއަށް މި ބައްދަލުވުމުގައި އަމިއްލަފުޅަށް ބައިވެރިވެވަޑައެއް ނުގެންނެވޭނެ އެވެ. އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުދިން ސަބަބަކީ، ބައިނަލްއަގުވާމީ ކޯޓުތަކަށް އިސްރާއީލާ ދެކޮޅަށް މައްސަލަތައް ހުށަހެޅުން ހިމެނޭ ގޮތަށް، "އިސްރާއީލާއި ފަލަސްތީނުގެ މައްސަލަ ބައިނަލްއަގުވާމީ ކުރުމަށް" ފަލަސްތީނުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން ކަމަށް ޓްރަމްޕްގެ ސަރުކާރުން ބުނެފައިވެ އެވެ. ނަމަވެސް، ވީޑިއޯ މެދުވެރިކޮށް އައްބާސްއަށް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމުގެ ފުރުސަތު ދިނުމަށް އާންމު މަޖިލީހުން ބުރާސްފަތި ދުވަހު ވަނީ ވޯޓު ދީފަ އެވެ.
އިސްރާއީލާއި ފަލަސްތީނުގެ ދެމެދުގައި ދެ ދައުލަތް ގާއިމުކުރުމުގެ ހައްލަކަށް ވާސިލުވުމަށް ކުރެވޭ މަސައްކަތްތައް ކުރިއެރުވުމަށް ޓަކައި، އާންމު މަޖިލީހުގެ ހަވާސާގައި މަތީ ފެންވަރުގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޑިޕްލޮމެޓުން ވިދާޅުވި އެވެ. ނަމަވެސް، މި މަޝްވަރާތަކުން ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަކަށް ނުބެލެވެ އެވެ.
ސޫދާނުގެ ހާލަތާއި މެދުއިރުމަތީގެ މަޝްވަރާތައް
ސޫދާނުގެ އަހުލީހަނގުރާމައާ ގުޅޭ ގޮތުން ވެސް އާންމު މަޖިލީހުގެ ހަވާސާގައި މަތީ ފެންވަރުގެ ބައްދަލުވުމެއް ބޭއްވޭނެ ކަމަށް ޑިޕްލޮމެޓުން ލަފާކުރައްވަ އެވެ. ސޫދާނުގައި ހަނގުރާމަ ފެށިފައިވަނީ، އެ ގައުމުގެ އަސްކަރިއްޔާ އާއި ރެޕިޑް ސަޕޯޓް ފޯސަސްއާ (އާރްއެސްއެފް) ދެމެދު ބާރުގެ ވާދަވެރިކަމެއް އުފެދި 2023 އެޕްރީލުގައި ހަނގުރާމަ ފެށުމުންނެވެ.
މި ހަނގުރާމައިގެ ސަބަބުން 14 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފަ އެވެ. އަދި، ދުނިޔޭގައި މިހާތަނަށް ކުރިމަތިވި އެންމެ ނުރައްކާތެރި އެއް އިންސާނީ ކާރިސާ ވަނީ އުފެދިފަ އެވެ.
ސޫދާނުގެ ކުރީގެ ރައީސް އުމަރު އަލް-ބަޝީރު 2019 ވަނަ އަހަރު ވެރިކަމުން ދުރުކުރުމާ ގުޅިގެން އެ ގައުމުގެ ވެރިކަމާ އަމަލީ ގޮތުން ހަވާލުވެވަޑައިގެންނެވި ސޫދާނުގެ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް އަބްދުލް ފައްތާހް އަލް-ބުރްހާން، ބުރާސްފަތި ދުވަހު އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި، އދ. ގެ މި ބައްދަލުވުމުގެ ތެރޭގައި ކޮންމެވެސް ވަގުތެއްގައި އިރާގުގެ ބޮޑުވަޒީރު އަލީ އަލް-ޒައިދީއާއެކު ޓްރަމްޕް ބައްދަލުކުރައްވާނެ ކަމަށް އިރާގުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
މަސްދަރު: މިޑްލްއީސްޓް އައި











