ފަހަތުން އަރައި ސްޕެއިން އިން އިންގްލެންޑު ބަލިކޮށްފި
27 ސެޕްޓެމްބަރު 2026 | އާދީއްތަ 02:46އިންގްލެންޑު ބަލިކޮށް، ސްޕެއިން އިން ޔުއެފާ ނޭޝަންސް ލީގުގެ ފެށުން ރަނގަޅު ކޮށްފައިވާއިރު، ސްޕެއިން އެންމެ ފަހުން ކުޅުނު އަށް މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފައި


މެޗުގައި ލަނޑުޖެހުމަށް ފަހު ސްޕެއިންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ | ރޮއިޓާސް
ޔުއެފާ ނޭޝަންސް ލީގުގައި އިންގްލެންޑްއާ ދެކޮޅަށް ކުޅުނު މެޗުން، ފަހަތުން އަރައި ސްޕެއިން މޮޅުވެއްޖެ އެވެ.
އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗު ސްޕެއިން އިން ކާމިޔާބުކުރީ 3-2 އިންނެވެ. މެޗުގައި ސްޕެއިން އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، އިންގްލެންޑް އިން ފަހަތުން އަރައި ލީޑު ވެސް ނެގި އެވެ. ނަމަވެސް، ސްޕެއިން އިން ވަނީ ފަހަތުން އަރައި މެޗުން މޮޅުވެފަ އެވެ.
މެޗު ފަށައިގެން ދެވަނަ މިނެޓުގައި ސްޕެއިން އަށް ލީޑު ނަގައިދިނީ ޒުވާން ކުޅުންތެެރިޔާ ލަމީން ޔަމާލް އެވެ. ނަމަވެސް، މެޗުގެ 36 ވަނަ މިނެޓުގައި އެންތަނީ ގޯޑަން ވަނީ ލަނޑު ޖަަަހައި އިންގްލެންޑަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އޭގެ ހަތަރު މިނެޓު ފަހުން އިންގްލެންޑަށް ލީޑު ނަގައިދިނީ ކެޕްޓަން ހެރީ ކޭން އެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ކުރީ ކޮޅު އިންގްލެންޑަށް ލީޑު ފުޅާކޮށްދޭން ލިބުނު ފުރުސަތުގައި، ކޭން ޖެހި ޕެނަލްޓީ ވަނީ ގޯލުގެ ދަނޑިއާ އަމާޒުވެފަ އެވެ. އޭގެ ފަހުން ސްޕެއިން އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ އަލެކްސް ބައޭނާ އެވެ. މެޗުން ސްޕެއިން މޮޅުވެފައި ވަނީ 74 ވަނަ މިނެޓުގައި މިކޭލް އޮޔާޒަބަލް ޖެހި ލަނޑުންނެވެ.
އިންގްލެންޑު ބަލިކޮށް، ސްޕެއިން އިން ޔުއެފާ ނޭޝަންސް ލީގުގެ ފެށުން ރަނގަޅުކޮށްފައިވާއިރު، ސްޕެއިން އެންމެ ފަހުން ކުޅުނު 8 މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފަ އެވެ. މިއީ މިއަހަރުގެ ޖުލައި މަހު އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ނިމުނު ފީފާ ވޯލްޑް ކަޕަށް ފަހު، ސްޕެއިން އިން ކުޅުނު ފުރަތަމަ މެޗެވެ.










