ފައިނަލް މެޗަށް ފަހު ހިނގި މާރާމާރީގެ މައްސަލައިގައި ޕަރޭޑަސް 10 މެޗަށް ސަސްޕެންޑު ކުރުމާ އެކު، އާޖެންޓީނާ އަށް ބޮޑު ޖޫރިމަނާއެއް
22 އޯގަސްޓު 2026 | ހޮނިހިރު 04:52ފީފާ އިން ވަނީ އާޖެންޓީނާގެ ފުޓުބޯޅަ އެސޯސިއޭޝަން 321،000 އެމރިކާާ ޑޮލަރުން ޖޫރިމަނާ ކޮށްފައި. އަދި އާޖެންޓީނާ އިން ދެން އަމިއްލަ ޤައުމުގައި ކުޅޭ ފުރަތަމަ ދެ މެޗަށް ވެއްދޭނީ ވެސް 50 އިންސައްތަ ސަޕޯޓަރުން ކަމަށް ފީފާ އިން ވަނީ ނިންމާފައި


ފީފާ ވޯލްޑް ކަޕްގެ ފައިނަލަށް ފަހު އާޖެންޓީނާ އާއި ސްޕެއިންގެ ކުޅުންތެރިންގެ ދެ މެދުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން | ގެޓީ އިމޭޖަސް
މިދިޔަ ޖުލައި މަހު ނިމުނު ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި ސްޕެއިން އާއި އާޖެންޓީނާ ބައްދަލު ކުރި މެޗަށް ފަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ފީފާ އިން ބޮޑެތި ފިޔަވަޅުތަކެއް އަޅައިފި އެވެ.
އެގޮތުން ފީފާ އިން ވަނީ އާޖެންޓީނާގެ މިޑްފީލްޑަރު ލިއާންޑްރޯ ޕަރޭޑަސް 10 މެޗަށް ސަސްޕެންޑު ކޮށްފައި އެވެ. އަދި އޭގެ އިތުރުން އޭނާ ވަނީ 90،000 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކޮށްފައި އެވެ.
ފީފާ އިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، ވޯލްޑް ކަޕް ފައިނަލް ނިމުނު ފަހުން ހިނގި ހަމަނުޖެހުންތަކުގައި އާޖެންޓީނާގެ ކުޅުންތެރިންނާއި އޮފިޝަލުން ބައިވެރިވި މިންވަރަށް ބަލައި މި ފިޔަވަޅުތައް ވަނީ އަޅައިފައި އެވެ. ފީފާ އިން ވަނީ އާޖެންޓީނާގެ ފުޓުބޯޅަ އެސޯސިއޭޝަން 321،000 އެމރިކާާ ޑޮލަރުން ޖޫރިމަނާ ކޮށްފައި އެވެ. އަދި އާޖެންޓީނާ އިން ދެން އަމިއްލަ ޤައުމުގައި ކުޅޭ ފުރަތަމަ ދެ މެޗަށް ވެއްދޭނީ ވެސް 50 އިންސައްތަ ސަޕޯޓަރުން ކަމަށް ފީފާ އިން ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން އާޖެންޓީނާގެ ނަހުއެލް މޮލީނާ ހަތް މެޗަށް ސަސްޕެންޑު ކޮށްފައިވާއިރު، އޭނާ ވެސް ވަނީ 90،000 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކޮށްފައި އެވެ. ސްޕެއިންގެ ޕަބްލޯ ގަވީ އެއް މެޗަށް ސަސްޕެންޑު ކޮށްފައިވާއިރު، އޭނާ ވަނީ 30،000 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކޮށްފައި އެވެ. އާޖެންޓީނާގެ ތިއާގޯ އަލްމަޑާ އަށް ވެސް އެއް މެޗުގެ ސަސްޕެންޝަނާ އެކު، 30،000 އެމެރިކާ ޑޮލަރުން ވަނީ ޖޫރިމަނާ ކޮށްފައި އެވެ.
އާޖެންޓީނާގެ އޮފިޝަލެއް ކަމަށް ރޮބާޓޯ އަޔާލާ އަށް ވަނީ ތިން މެޗުގެ ސަސްޕެންޝަނެއް ދީފައި އެވެ.
ވޯލްޑް ކަޕްގެ ފައިނަލަށް ފަހު އާޖެންޓީނާ އާއި ސްޕެއިންގެ ކުޅުންތެރިންގެ ދެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައި ވަނީ މާރާމާރީ ހިންގައިފަ އެވެ. ފީފާ އިން ބުނެފައި ވަނީ މިފަދަ ހާދިސާތައް ތަކުރާރު ނުވާނެހެން، ޤަވާއިދުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އެ އިދާރާ އިން އަޅަމުން ގެންދާނެ ކަމަށެވެ.










