އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ކޯޗު ކެވިން ކީގަން މަރުވެއްޖެ
އިނގިރޭސި ގައުމީ ޓީމާއި ލިވަޕޫލްގެ ކުރީގެ ލެޖެންޑަރީ ކުޅުންތެރިޔާ އަދި ކޯޗު ކެވިން ކީގަން، ކެންސަރު ބަލީގައި އުމުރުން 75 އަހަރުގައި މަރުވުމާ ގުޅިގެން ފުޓްބޯޅަ އާއިލާއިން ދަނީ ހިތާމަ ފާޅުކުރަމުން. ދެ ފަހަރު ބެލޮންޑިއޯ އެވޯޑް ހޯދާފައިވާ ކީގަން އަކީ ނިއުކާސަލް ޔުނައިޓެޑާއި މެންޗެސްޓަރ ސިޓީ ފަދަ ކްލަބުތަކުގައި ކުޅުންތެރިއެއްގެ ގޮތުންނާއި ކޯޗެއްގެ ގޮތުން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ނުފޫޒުގަދަ ޝަޚުސިއްޔަތެއް

2004 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު މެންޗެސްޓަރގެ ސިޓީ އޮފް މެންޗެސްޓަރ ސްޓޭޑިއަމްގައި، އެފްއޭ ބާކްލޭސް ޕްރިމިއަރޝިޕްގައި މެންޗެސްޓަރ ސިޓީ އާއި ނޮރިޗް ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން، މެންޗެސްޓަރ ސިޓީގެ އޭރުގެ މެނޭޖަރު ކެވިން ކީގަން މެޗު ބަލަނީ | ގެޓީ އިމޭޖަސް
އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ކޯޗު ކެވިން ކީގަން، އުމުރުން 75 އަހަރުގައި މަރުވެއްޖެ ކަމަށް އޭނާގެ އާއިލާއިން ކަށަވަރުކޮށްދީފިއެވެ. ކީގަން މަރުވެފައި މިވަނީ، އޭނާގެ ހަށިގަނޑުން ހަތަރުވަނަ ސްޓޭޖުގެ ކެންސަރު ފެނިފައިވާކަން ހާމަކުރިތާ ހަތް ހަފުތާ ފަހުންނެވެ.
އިނގިރޭސި ފުޓްބޯޅައިގެ ތާރީޚުގައި އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ ކަމަށްވާ ކީގަން ވަނީ އޭނާގެ ފާހަގަކޮށްލެވޭ ކުޅިވަރު ކެރިއަރުގައި ސްކަންތޯޕް ޔުނައިޓެޑް، ލިވަޕޫލް، ހެމްބާގް، ސައުތެމްޕްޓަން އަދި ނިއުކާސަލް ޔުނައިޓެޑަށް ކުޅެފަ އެވެ.
ކުޅުން ހުއްޓާލުމަށްފަހު އޭނާ ވަނީ ނިއުކާސަލް ޔުނައިޓެޑާއި، ފުލަމް އަދި މެންޗެސްޓަރ ސިޓީގެ އިތުރުން އިނގިރޭސި ގައުމީ ޓީމަށް ވެސް ކޯޗުކަން ކޮށްދީފަ އެވެ.
ކީގަންގެ ހަށިގަނޑުން ހަތަރުވަނަ ސްޓޭޖުގެ ކެންސަރު ފެނިފައިވާކަން އޭނާ ހާމަކުރީ މިއަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. މިއީ ކެންސަރު ބަލީގެ އެންމެ ނުރައްކާތެރި މަރުހަލާ ކަމަށްވާއިރު، މީގެ މާނައަކީ ބަލި ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ފެތުރިފައިވުމެވެ.
ކީގަންގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބެލޮންޑިއޯ އެވޯޑް ދެ ފަހަރު ހޯދާފައިވާ ކެވިން އަކީ އާއިލާއިން ނުހަނު ލޯބިވާ ފިރިއެއްގެ އިތުރުން، ބަފައެއް އަދި ކާފައެއް،" އެ ބަޔާނުގައިވެ އެވެ.
"ކެވިންއަށް ފަރުވާދިން މެޑިކަލް ޓީމުން ފޯރުކޮށްދިން އެހީތެރިކަމަށް އާއިލާއިން ޝުކުރު އަދާކުރަން. މިއީ އާއިލާއަށް ކުރިމަތިވެފައިވާ ނުހަނު ދަތި ވަގުތެއް ކަމުން، އާއިލާގެ ޕްރައިވެސީ އަށް އިހުތިރާމް ކުރުމަށް އެދެން،" އާއިލާގެ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.
ނިއުކާސަލް ޔުނައިޓެޑުން ކީގަންގެ ހަނދާންތައް އާކުރަމުން ބުނެފައިވަނީ، އޭނާއަކީ އެ ކްލަބުގެ ތާރީޚުގައި ފެނިގެންދިޔަ އެންމެ ނުފޫޒުގަދަ އަދި ސަޕޯޓަރުންގެ ލޯބި އެންމެ ބޮޑަށް ލިބުނު އެއް ޝަޚުސިއްޔަތު ކަމަށެވެ.
އެ ކްލަބުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ކެވިން އަކީ ހަމައެކަނި ލެޖެންޑަރީ ކުޅުންތެރިއެއް ނުވަތަ ކޯޗެއް ނޫން ކަމަށާއި، އޭނާއަކީ އެތައް ޖީލެއްގެ ސަޕޯޓަރުންގެ މެދުގައި ނިއުކާސަލް ޔުނައިޓެޑުގެ ވިންދު ކަމަށެވެ.










