ވޯލްޑް ކަޕްގައި ޔަމާލް ޖެހި ފުރަތަމަ ލަނޑާ އެކު، ސްޕެއިން އިން ސައުދީ ބަލި ކޮށްފި
މިއީ އުމުރުން 18 އަހަރުގެ ޔަމާލް ކުޅޭ ފުރަތަމަ ވޯލްޑް ކަޕް. ސައުދީ ކޮޅަށް ޔަމާލް ޖެހި ލަނޑަކީ، ވޯލްޑް ކަޕްގައި އޭނާ ޖެހި ފުރަތަމަ ލަނޑު.


މެޗުގައި ލަނޑު ޖެހުމަށް ފަހު ސްޕެއިންގެ ލަމީން ޔަމާލް އުފާ ފާޅު ކުރަނީ. | ރޮއިޓާސް
ފީފާ ވޯލްޑް ކަޕްގެ ގުރޫޕު އެޗްގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުަޅުނު މެޗުން މޮޅުވެ، ސްޕެއިން އިން މުބާރާތުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.
އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ސްޕެއިން އިން ކާމިޔާބު ކުރީ 4-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ވެސް ސްޕެއިން އިން ވަނީ ތިން ލަނޑު ޖަހައިފައި އެވެ.
މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ސްޕެއިން އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ސްޕެއިން އަށް ޖަހައިދިނީ ލަމީން ޔަމާލް އެވެ. އެއީ މިކޭލް އޮޔާޒަބަލް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. މިއީ ޔަމާލް ކުޅޭ ފުރަތަމަ ވޯލްޑް ކަޕަށްވާއިރު، މިއީ ޔަމާލް ވޯލްޑް ކަޕްގައި ޖެހި ފުރަތަމަ ލަނޑެވެ.
އޭގެ ފަހުން މެޗުގެ 21 ވަނަ މިނެޓުގައި އޮޔާޒަބަލް ވަނީ ސްޕެއިންގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފައި އެވެ. އެ ލަނޑު ޖަހަން އޮޔާޒަބަލް އަށް ފުރުސަތު ތަނަވަސްކޮށްދިނީ އައިމެރިކް ލަޕޯޓް އެވެ. ދެ ވަނަ ލަނޑު ޖެހިތާ ތިން މިނެޓު ފަހުން، ސްޕެއިންގެ ތިން ވަނަ ލަނޑު ވެސް ޖެހީ އޮޔާޒަބަލް އެވެ.
މެޗުގެ ދެ ވަަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ސްޕެއިންގެ ހަތަރު ވަނަ ލަނޑަކީ، ސައުދީގެ ޙަސަން އަލް ޓަމްބަކްޓީ އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ސްޕެއިންގެ ފެރާން ޓޮރޭސް ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ.
މުބާރާތުގައި ސްޕެއިން އިން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ކޭޕް ވާޑްއާ އެއްވަރުވެފައި އެވެ. އެ މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. އެހެންކަމުން ސައުދީ އަތުން މި ހޯދި މޮޅަކީ މުބާރާތުގައި ސްޕެއިންގެ ފުރަތަމަ މޮޅެވެ.
މޮޅާ އެކު ސްޕެއިން އިން ގުރޫޕުގެ އެއް ވަަނައިގައި އޮތްއިރު، ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި ސްޕެއިން ނިކުންނާނީ އުރުގުއޭއާ ދެކޮޅަށެވެ.






