ވޯލްޑް ކަޕްގައި ސްޕެއިން ވަރަށް ކުރިއަށް ދާނެ، މި ހުރީ ހަމަޖެހިގެން: ފުއެންޓޭ
މުބާރާތް ކާމިޔާބު ކުރާނެ ޓީމުތަކުގެ ލިސްޓުގައި ވެސް ހިމެނޭ ސްޕެއިންގެ ކޯޗު ފުއެންޓޭ ބުނީ، ސްޕެއިން އޮތީ ވަރަށް ހަމަ ޖެހިގެން ކަމަށް. އޭނާ ބުނީ މުބާރާތުގައި ކުރިއަށް ވަރަށް ގިނަ މެޗުތަކެއް ހުރި ކަމަށާއި، ވޯލްޑް ކަޕް އަކީ ވަރަށް ދިގު މުބާރާތެއް ކަމަށް.


ސްޕެއިންގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ. | ރޮއިޓާސް
ފީފާ ވޯލްޑް ކަޕް އަކީ ވަރަށް ދިގު މުބާރާތެއް ކަމަށާއި، އޭނާ އާއި ޓީމު އޮތީ ހަމަޖެހިގެން ކަމަށް ސްޕެއިންގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ ބުނެފި އެވެ.
ފުއެންޓޭ މިހެން ބުނެފައި ވަނީ، މުބާރާތުގައި ސްޕެއިން އިން ކުޅުނު ފުރަތަމަ މެޗުގައި ކޭޕް ވާޑްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވުމާ ގުޅިގެންނެވެ. އެ މެޗުން ސްޕެއިން ބޮޑު މޮޅެއް ހޯދާނެ ކަމަށް ގިނަ ބަޔަކު ޤަބޫލު ކޮށްގެން ތިބި ނަމަވެސް، އެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެވެ.
މުބާރާތް ކާމިޔާބު ކުރާނެ ޓީމު ތަކުގެ ލިސްޓުގައި ވެސް ހިމެނޭ ސްޕެއިންގެ ކޯޗު ފުއެންޓޭ ބުނީ، ސްޕެއިން އޮތީ ވަރަށް ހަމަ ޖެހިގެން ކަމަށެވެ. އޭނާ ބުނީ މުބާރާތުގައި ކުރިއަށް ވަރަށް ގިނަ މެޗު ތަކެއް ހުރި ކަމަށާއި، ވޯލްޑް ކަޕް އަކީ ވަރަށް ދިގު މުބާރާތެއް ކަމަށެވެ.
މީގެ އިތުރުން ފުއެންޓޭ ބުނީ ސްޕެއިން އަށް ބައެއް ކަންކަން އުނިވީ ކަމަށެވެ. އެގޮތުން ވިސްނުންތެރިކަމާ އެކު، ހަމަ ޖެހިލައިގެން ކުޅުމުގެ ބައި ފެނުނީ ކުޑަކޮށް ކަމަށް އޭނާ ބުންޏެވެ. ފުއެންޓޭ ބުނީ ކުރިއަށް އޮތް ތަނުގައި ވިސްނަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަ ހުރި ކަމަށާއި، އެކަންކަމަށް ސަމާލުކަން ދިނުން މުހިންމު ކަމަށެވެ.
ފުރަތަމަ މެޗުން މޮޅު ނުވި ނަމަވެސް، ފުއެންޓޭ ޤަބޫލު ކުރާ ގޮތުގައި މިފަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިން ވަރަށް ކުރިއަށް ދާނެ އެވެ، ސްޕެއިންގެ މުޅި ޓީމު އޮތީ އެކަމަށް ކުރަން ޖެހޭ މަސައްކަތް ކުރުމާއި، އެކަމުގައި ދައްކަން ޖެހޭ ހިތްވަރު ދައްކަން އަޒުމު ކަނޑަ އަޅައިގެން ކަމަށް ފުއެންޓޭ ބުންޏެވެ. އޭނާ ބުނީ ފުޓުބޯޅައިގައި ކޮންމެ ޙާލަތެއް ދިމާވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
އިތުރަށް ފުއެންޓޭ ބުނީ ސްޕެއިން އިން ކުޅެމުން އަންނަ ވައްޓަފާޅި އާއި، އެ ޓީމުގެ އުސޫލުތައް ބަދަލު ކުރަން ނުޖެހޭ ކަމަށެވެ. ސްޕެއިންގެ ފިލޯސަފީ ބަދަލު ނުކޮށް ވެސް، ޓީމަށް އަންނަން ޖެހޭ މުހިންމު ކުޅުންތެރިންނާ އެކު ސްޕެއިން ކުރިއަށް ދާނެ ކަމަށް ފުއެންޓޭ ވަނީ ބުނެފައި އެވެ.
ފުއެންޓޭގެ އިރުޝާދުގެ ދަށުން ސްޕެއިން ޔުއެފާ ނޭޝަންސް ލީގު އަދި ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްފައިވާއިރު، އޭނާގެ އަމާޒަކީ ސްޕެއިން އަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދިނުމެވެ. ސްޕެއިން އިން ވަނީ އެ ޓީމުގެ ތާރީޚުގައި އެއް ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައި އެވެ. އެއީ 2010 ވަނަ އަހަރު އެވެ.
އެންމެ ފަހުން 2022 ވަނަ އަހަރު ޤަތަރުގައި އޮތް ވޯލްޑް ކަޕްގައި ސްޕެއިން އަށް ދެވުނީ ގަދަ 16 ވަނަ ބުރާ ހަމައަށެވެ. ގަދަ 16 ވަނަ ބުރުގައި މޮރޮކޯ އަތުން ބަލިވެ ސްޕެއިން ވަނީ މުބާރާތުން ކަޓައިފަ އެވެ. އޭގެ ކުރިން 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕް ވެސް ސްޕެއިން އިން ނިންމާލީ ގަދަ 16 ވަނަ ބުރާ ހަމައިންނެވެ.






