ޔަމަނުގައި ކުޑަކުދިންނަށް ކާޑުބަލި ޖެހުމުގެ ނުރައްކާ ބޮޑު: ޔުނިސެފް
26 ސެޕްޓެމްބަރު 2026 | ހޮނިހިރު 06:41ޔަމަނުގައި ހަނގުރާމަ ވަރުގަދަވެ އިންސާނީ ކާރިސާ ބޮޑުވަމުންދާއިރު، މި އަހަރު ފަސް އަހަރުން ދަށުގެ 2.2 މިލިއަން ކުދިންނަށް ކާޑުބަލި ޖެހުމުގެ ފުރުސަތު އޮތް ކަމަށް ޔުނިސެފުން ވަނީ އިންޒާރުދީފައި. ހަމަނުޖެހުންތަކާ ގުޅިގެން އެތައް ހާސް ބައެއްގެ ގެދޮރު ގެއްލި ތައުލީމީ ނިޒާމަށް ބުރޫއަރާފައިވާތީ، ކުޑަކުދިންނާއި އާންމުން ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ އިދާރާތަކުން ދަނީ ގޮވާލަމުން


ޔަމަނުގެ ރެފިއުޖީ ކޭމްޕެއްގައި ދިރިއުޅޭ ކުޑަކުދިންތަކެއް ފޭލިގެތަކެއް ކައިރީގައި ފުޓުބޯޅަ ކުޅެނީ | އޭއެފްޕީ
ޔަމަނުގައި ހިނގަމުންދާ އަހުލީހަނގުރާމައިގެ ސަބަބުން ސިއްހީ ޚިދުމަތްތަކާއި ފަރުވާދޭ މަރުކަޒުތަކަށް ދިއުމަށް ހުރަސްއެޅި، ކުޑަކުދިންނަށް ކާޑުބަލި ޖެހުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް އދ. ގެ ކުޑަކުދިންނާ ބެހޭ އިދާރާއިން (ޔުނިސެފް) ހާމަކޮށްފި އެވެ.
ހުކުރު ދުވަހު ޖެނީވާގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޔަމަނުގައި ހުންނަވާ ޔުނިސެފްގެ ކަންޓްރީ ރެޕްރެޒެންޓެޓިވް އަކީލް އިޔާރް ވިދާޅުވީ، ޔަމަނުގައި ހަމަނުޖެހުންތައް އިތުރުވަމުންދާ ވަރަކަށް ބަނޑުހައިހޫނުކަމާއި ހަށިގަނޑަށް ބޭނުންވާ މާއްދާތައް މަދުވުމުން ކާޑުބަލި ޖެހެމުންދާ ކުދިންގެ އަދަދު އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާ ކަމަށެވެ. ވޭތުވެދިޔަ ތިން ހަފުތާގެ ތެރޭގައި ޔަމަނުގައި ގެދޮރު ގެއްލުނު ގާތްގަނޑަކަށް 130,000 މީހުންގެ ތެރޭގައި 71,000 ކުޑަކުދިން ހިމެނޭ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ. އަދި، މީގެ ތެރެއިން ގިނަ މީހުންނަކީ ހުޅަނގު ދެކުނުގެ ތައީޒް ގަވަރުނަރޭޓުން ނުވަތަ އެ ސަރަހައްދުގެ އެތެރޭގައި ހާލުގައި ޖެހި ގެދޮރު ދޫކޮށް ދާންޖެހުނު މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަނގުރާމައިގެ ސަބަބުން ބަނޑުހައިހޫނުކަން އުފެދޭއިރު، ބަނޑުހައިހޫނުކަމުގެ ސަބަބުން ކުދިން ހަނގުރާމައިގެ ނުރައްކަލަށް ހުށަހެޅޭ މިންވަރު އިތުރުވެގެންދޭ،" އިޔާރް ވިދާޅުވި އެވެ. މިއާއެކު، ކުޑަކުދިންގެ މެދުގައި "ކުއްލިއަކަށް ހަށިގަނޑު އަނަރޫފަވެ ކާޑުބަލި ޖެހިފައިވާ ކުދިންގެ އަދަދު އިތުރުވަމުންދާތީ އެ ކަމާ މެދު ވަރަށް ކަންބޮޑުވާ" އޭނާ ވިދާޅުވި އެވެ.
ކާރިސާގެ ނުރައްކާ އަދި ހާލުގައި ޖެހިފައިވާ ކުދިންގެ އަދަދު
އެހީދޭ ޖަމާއަތްތަކަށް ވަދެވޭ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ޔުނިސެފްގެ ޓީމުތަކުން ފާއިތުވި ހަފުތާތަކުގައި ގާތްގަނޑަކަށް 2,900 ކުދިންގެ ސިއްހީ ހާލަތު ބަލާފައިވާ ކަމަށް އިޔާރް ވިދާޅުވި އެވެ. މި ގޮތުން، އޭގެ ތެރެއިން ހަތަރުބައިކުޅަ އެއްބަޔަށް ވުރެ ގިނަ ކުދިންގެ ފުށުން ކާޑުބަލީގެ އަލާމާތްތައް ފެނިފައިވާއިރު، އެންމެ ނުރައްކާތެރި ގިންތި ކަމަށްވާ "ސިވިއާ" ގެ ގޮތުގައި ފާހަގަކުރެވިފައިވާ 200 ކުދިން ތިބި ކަމަށް އޭނާ ހާމަކުރެއްވި އެވެ.
ޚިދުމަތް ފޯރުކޮށްދެވޭ ސަރަހައްދުތަކުގައި ކުޑަކުދިންނަށް ކާޑުބަލި ޖެހޭ މިންވަރު އިތުރުވަމުން ދިޔުމުގެ އިތުރުން، މިއީ މުޅި ގައުމުގައި ހިނގަމުންދާ ހަގީގީ ހާލަތުގެ ވަރަށް ކުޑަ މިންވަރެއް ކަމަށް ޔުނިސެފުން ބުނެފައިވެ އެވެ. އަދި، އެ އިދާރާއިން އަންދާޒާކުރާ ގޮތުގައި، މި އަހަރުގެ ތެރޭގައި ފަސް އަހަރުން ދަށުގެ 2.2 މިލިއަން ކުދިންނަށް ކާޑުބަލި ޖެހުމުގެ ފުރުސަތު އެބައޮތެވެ. ހަމަމިއާއެކު، ބައި މިލިއަނަށް ވުރެ ގިނަ ކުދިން ނުރައްކާތެރި މިންވަރަކަށް ބަނޑަށްޖެހި ހާލުގައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާއިން އިންޒާރުދެ އެވެ.
މި ސެޕްޓެންބަރު މަހުގެ ކުރީކޮޅުން ފެށިގެން މި ހަނގުރާމައިގައި ގާތްގަނޑަަކަށް 15 ކުޑަކުދިން މަރުވެ، 14 ކުދިން ޒަޚަމްވެފައިވާކަން ޔުނިސެފުން ކަށަވަރުކޮށްފައިވާ ކަމަށް އިޔާރް ވިދާޅުވި އެވެ. އަދި، ތިން ކުއްޖަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. "ގެދޮރު ގެއްލުމުގެ އިތުރުން، މި ހަނގުރާމައިގައި ގިނަ ކުދިންނެއް ވަނީ އެންމެ ބޮޑު އަގު އަދާކޮށްފައި،" އޭނާ ވިދާޅުވި އެވެ. "އެ ކޮންމެ ކުއްޖެއްގެ ފަހަތުގައި ވަނީ ތަސައްވުރު ވެސް ނުކުރެވޭ ފަދަ ހިތާމަޔާއި، ބިރުވެރިކަމާއި، ވީނުވީއެއް ނޭނގުމުގެ ވޭނުގައި ދިރިއުޅެމުންދާ މައިންބަފައިން."
ހަނގުރާމަ ވަރުގަދަވުމާއި ހޫޘީން ހޯދަމުންދާ ކުރިއެރުންތައް
ސައޫދީގެ ތާއީދު އޮންނަ ޔަމަނުގެ ސަރުކާރުގެ ސިފައިންނާއި ހޫޘީންގެ ދެމެދު ހިނގަމުންދާ ދާހިލީ ހަނގުރާމަ، 2022 ވަނަ އަހަރު ހެދި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެކު މަޑުޖެހިފައި އޮތުމަށް ފަހު، މި އަހަރު ވަނީ އަލުން ވަރުގަދަވެފަ އެވެ. ފާއިތުވި ހަފުތާތަކުގައި، ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަނުގެ ސަރުކާރުގެ ސިފައިންނާ ދެކޮޅަށް ހޫޘީން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައި، އިތުރު ބިންތަކަކަށް އަތްގަދަކޮށްފަ އެވެ. މި ގޮތުން، އިސްތިރާޖީ ގޮތުން މުހިންމު ބަނދަރުމަތީ ސިޓީއެއް ކަމަށްވާ މުޚާ ހިފުމަށް ފަހު، ރަތް ކަނޑުގެ އައްސޭރިފަށުގެ ގިނަ ރަށެއް ހޫޘީން ވަނީ އެ މީހުންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ.
މީގެ ސަބަބުން، ބާބު އަލް-މަންދަބު ކަނޑުއޮޅީގެ މައްޗަށް އެ ޖަމާއަތަށް އޮތް ބާރު ވަނީ އިތުރަށް ވަރުގަދަވެފަ އެވެ. އެ ކަނޑުއޮޅިއަކީ އެމެރިކާއާއި އީރާނުގެ ހަނގުރާމައިގެ ސަބަބުން ހުރްމުޒް ކަނޑުއޮޅި އެއްކޮށް ކަހަލަ ގޮތަކަށް ބަންދުވުމާ ގުޅިގެން، ތެޔޮ ބޭރުކުރުމަށް ސައޫދީ އަރަބިއްޔާއިން ބޭނުންކުރަމުން ދިޔަ މުހިންމު މަގެކެވެ. ސައޫދީގެ ތާއީދު އޮންނަ ސަރުކާރުގެ ސިފައިންނާއެކު ކުރިމަތިލުންތައް ވަރުގަދަވަމުން ދިޔަ ނަމަވެސް، މި ހަފުތާގެ ތެރޭގައި ހޫޘީން ވަނީ ޔަމަނުގެ އުސް ބިންތަކާ ދިމާލަށް ވެސް ކުރިއެރުންތައް ހޯދާފަ އެވެ.
އިންސާނީ ކާރިސާއާއި ތައުލީމަށް އެޅިފައިވާ ހުރަސްތައް
ރަތް ކަނޑުގެ އައްސޭރިފަށުން ދެކުނަށް ހޫޘީން ފެތުރިގަތުމާއެކު އިންސާނީ ބޮޑު ކާރިސާއެއް ވަނީ ކުރިމަތިވެފަ އެވެ. މި ހަމަނުޖެހުންތަކާހުރެ އެތައް ހާސް ބަޔަކު ގެދޮރު ގެއްލިފައިވާއިރު، ގިނަ ބަޔަކު ވަނީ ރަތް ކަނޑު ހުރަސްކޮށް އެފްރިކާގެ ގައުމުތަކަށް ހިޖުރަކޮށްފަ އެވެ. އަދި، މި ހަމަނުޖެހުންތައް އިތުރުވުމުގެ ސަބަބުން ޔަމަނުގެ ތައުލީމީ ނިޒާމަށް ވެސް ވަނީ ބުރޫއަރާފަ އެވެ. މި ގޮތުން، ވޭތުވެދިޔަ ތިން ހަފުތާގެ ތެރޭގައި 243 ސްކޫލެއް ބަންދުކޮށް ނުވަތަ ކިޔެވުން މެދުކަނޑާލަން ޖެހިފައިވާއިރު، އޭގެ އަސަރު ގާތްގަނޑަކަށް 140,000 ދަރިވަރުންނަށް ވަނީ ކޮށްފަ އެވެ.
"އެއްވެސް ހާލެއްގައި ކުރިމަތިލާން ނުޖެހޭ ފަދަ ކަންކަމުގެ ތެރޭގައި ކުޑަކުދިން ކެތްތެރިވެގެން ތިބުމަށް އަޅުގަނޑުމެންނަކަށް އަބަދަކު ނޭދެވޭނެ،" ކުޑަކުދިންނާއި އާންމުންނާއި އާންމު އުމްރާނީ ވަސީލަތްތައް ރައްކާތެރިކުރުމަށާއި، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ރައްކާތެރިކަމާ އެކު އެއްވެސް ހުރަހެއް ނެތި އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމަށް ހަނގުރާމައިގެ ހުރިހާ ބައިވެރިންނަށް ގޮވާލައްވަމުން އިޔާރް ވިދާޅުވި އެވެ.
މަސްދަރު: އަލް ޖަޒީރާ











