ބާބު އަލް-މަންދަބުގެ ނުތަނަވަސްކަމާއެކު މިސްރުގެ ސުވައިސް ކޯރަށް އޮތީ ކޮން ނުރައްކަލެއް؟
22 ސެޕްޓެމްބަރު 2026 | އަންގާރަ 09:43ޔަމަނުގެ ހޫޘީން ރަތް ކަނޑުގައި ދޭ ހަމަލާތަކާ ގުޅިގެން ސުވައިސް ކޯރުގެ އާމްދަނީން 11 ބިލިއަން ޑޮލަރުގެ ގެއްލުމެއް މިސްރަށް ލިބިފައިވާއިރު، ސަރަހައްދީ ނުތަނަވަސްކަން އިތުރުވުމުން ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި. މި ހާލަތުން އަރައިގަތުމަށް މިސްރާއި ސައޫދީން މަޝްވަރާކުރަމުންދާއިރު، ބައެއް ބޮޑެތި ކުންފުނިތަކުން އަލުން އެ ކޯރު ބޭނުންކުރަން ފެށުމަކީ އިގްތިސާދީ ގޮތުން ލިބޭ އުންމީދެއް


މިސްރުގެ ސުވައިސް ކޯރު (ސުއޭޒެ ކެނޭލް) ހުރަސްކޮށް މުދާ އުފުލާ އާގުބޯޓުފަހަރު ދަތުރުކުރަނީ | ބްރިޓޭނިކާ
ބާބު އަލް-މަންދަބު ކަނޑުއޮޅީގެ ނުތަނަވަސްކަމުގެ ސަބަބުން ރަތް ކަނޑުގެ ދަތުރުފަތުރަށް ބުރޫއަރައި، މިސްރުގެ ސުވައިސް ކޯރަށް (ސުއޭޒް ކެނޭލް) ބިލިއަނުން ޑޮލަރުގެ ގެއްލުން ލިބުނުތާ ގާތްގަނޑަކަށް ތިން އަހަރު ފަހުން، ސަރަހައްދީ ހަމަނުޖެހުންތައް އަލުން ބޮޑުވެ، އިސްތިރާޖީ ގޮތުން މުހިންމު މި މަގު އަނެއްކާވެސް އިމްތިހާނަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ރަތް ކަނޑުން ފެށިގެން މިސްރުގެ ސުވައިސް ކޯރާއި މެޑިޓެރޭނިއަން ކަނޑާ ގުޅުވައިދޭ މައި ކަނޑުއޮޅި ކަމަށްވާ ބާބު އަލް-މަންދަބު ހުރަސްކޮށް ކުރާ ދަތުރުފަތުރަށް ޔަމަނުގެ ހޫޘީ ޖަމާއަތުން އިންޒާރު ދޭން ފެށީ މީގެ ގާތްގަނޑަކަށް ތިން އަހަރު ކުރިންނެވެ. އެ ދުވަސްވަރު ރަތް ކަނޑުގައި ދަތުރުކުރި އުޅަނދުފަހަރަށް ހޫޘީން ދިން ހަމަލާތަކުގެ ސަބަބުން، މިސްރަށް ބޭރު ފައިސާ ލިބޭ މައިގަނޑު އެއް ވަސީލަތް ކަމަށްވާ ސުވައިސް ކޯރަށް ގާތްގަނޑަކަށް 11 ބިލިއަން ޑޮލަރުގެ ގެއްލުން ލިބުނު ކަމަށް އެ ގައުމުގެ އޮފިޝަލުން ހާމަކުރެއްވި އެވެ.
ރަތް ކަނޑުގެ ދަތުރުފަތުރަށް އަމާޒުކޮށް ހޫޘީން އަލުން ހަމަލާތައް ދޭން ފަށާފައި ވަނީ މީގެ ދެ މަހެއްހާ ދުވަސް ކުރިންނެވެ. މިއާ ގުޅިގެން، އޭޝިއާ އަދި ވިލާތުގެ ގައުމުތައް ގުޅުވައިދޭ ސުވައިސް ކޯރު ހިމެނޭހެން، ބައިނަލްއަގުވާމީ ކަނޑު ދަތުރުފަތުރުގެ މަގުތަކަށް އެއްވެސް ބުރޫއެރުމެއް އަތުވެއްޖެނަމަ ނުކުމެދާނެ ނަތީޖާތަކާ މެދު މިސްރުން ވަނީ އިންޒާރު ދީފަ އެވެ.
ޔަމަނުގެ ސަރަހައްދުތަކުގެ މައްޗަށް އޮތް ބާރުތަކަށް ވެސް ފަހަކަށް އައިސް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. މި ގޮތުން، ހޫޘީން ވަނީ ހުޅަނގު އައްސޭރިފަށުގެ ސަރަހައްދުތަކުން ކުރިއަރައި، ބާބު އަލް-މަންދަބު ކަނޑުއޮޅީގައި އޮންނަ މައްޔޫން ޖަޒީރާ ފަދަ ރަތް ކަނޑުގެ އިސްތިރާޖީ ރަށްތައް ހިމެނޭހެން މުހިންމު ސަރަހައްދުތަކެއްގެ ކޮންޓްރޯލް ހޯދައިފަ އެވެ.
ޔަމަނުގައި އެ ޖަމާއަތުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް ސައޫދީ އަރަބިއްޔާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ބުނެ، ޖުލައި 20 ގައި ސައޫދީއާ ގުޅުންހުރި އުޅަނދުފަހަރަށް ހޫޘީން "ކަނޑުގެ ހިސާރެއް" އިއުލާނުކުރި ފަހުން، ރަތް ކަނޑާއި އަދަން ކަނޑުއޮޅީގެ ނުތަނަވަސްކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ސަރަހައްދީ ކަނޑު ދަތުރުފަތުރުގެ މަގުތަކުން ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށާއި ސައޫދީ އުޅަނދުފަހަރަށް ހޫޘީން ހަމަލާތައް އަމާޒުކޮށްފައިވާއިރު، ޔަމަނުގެ މަދަނީ ވައިގެ ބަނދަރުތަކާއި ހަކަތަ އުފައްދާ މަރުކަޒުތައް ހިމެނޭހެން އެކި ތަންތަނަށް ސައުދީ އަރަބިއްޔާގެ އަސްކަރީ އިއްތިހާދުން ދިން ހަމަލާތަކުގައި އާންމުންގެ ފުރާނަ ގެއްލި، ބޮޑެތި މާއްދީ ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަނުގެ ސަރުކާރަށް ތާއީދުކުރާ އިއްތިހާދުގެ އިސް ދައުރެއް ސައޫދީ އަރަބިއްޔާއިން 2015 އިން ފެށިގެން އަދާކުރަމުން އަންނައިރު، ވެރިރަށް ސަންޢާ ހިމެނޭހެން މުހިންމު ޕްރޮވިންސްތަކާއި ސިޓީތައް 2014 އިން ފެށިގެން ކޮންޓްރޯލް ކުރަމުންދާ ހޫޘީންނަށް ވާގިވެރިވާ ކަމުގެ ތުހުމަތު އީރާނުގެ މައްޗަށް ވަނީ ކުރެވިފަ އެވެ.
މިދިޔަ ހަފުތާގައި، މިސްރުގެ ރައީސް ޢަބްދުލްފައްތާހް އަލް-ސީސީއާއި ސައޫދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ގާހިރާގައި ބޭއްވެވި މަޝްވަރާތަކަށް ފަހު، ހުރްމުޒް ކަނޑުއޮޅި އާއި ބާބު އަލް-މަންދަބު އަދި ރަތް ކަނޑު ހުރަސްކޮށް މިނިވަންކަމާއެކު ދަތުރުފަތުރު ކުރެވޭނެ މާހައުލެއް ކަށަވަރުކުރުމުގެ މުހިންމުކަން ދެ ބޭފުޅުން ވަނީ ފާހަގަކުރައްވާފަ އެވެ.
މީގެ ދުވަސްކޮޅެއް ކުރިން، އިންޑިއާގައި ބޭއްވުނު ބްރިކްސް ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސީސީ ވަނީ، ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި ބައިނަލްއަގުވާމީ ކަނޑުމަގުތަކުން މިނިވަންކަމާ އެކު ދަތުރުކުރުމުގެ ފުރުސަތު ހިމާޔަތްކުރުމަށް ގޮވާލައްވާފަ އެވެ. ހާއްސަކޮށް ދުނިޔޭގެ ވިޔަފާރީގެ ބޮޑު ހިއްސާއެއް ރަތް ކަނޑާއި ސުވައިސް ކޯރު މެދުވެރިކޮށް ދަތުރުކުރާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ރަތް ކަނޑުގެ ނުތަނަވަސްކަން އުފެދިފައި މި ވަނީ، ފެބުރުވަރީ މަހު އެމެރިކާ އަދި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން މުޅި ސަރަހައްދުގައި ހަމަނުޖެހުން ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެ ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ސަރަހައްދުގެ އެކި ކަންކޮޅުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދީފަ އެވެ. އަދި، ހަކަތަ ފޯރުކޮށްދިނުމުގެ އިސްތިރާޖީ މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ތެހެރާނުން އޮތީ އަމަލީ ގޮތުން ބަންދުވެސް ކޮށްފަ އެވެ.
އިސްތިރާޖީ ގޮތުން މުހިންމު ކަނޑުއޮޅިތައް ބަންދު
ބާބު އަލް-މަންދަބު ސުލްހަވެރިކަމާއި އަމާންކަމާއެކު ބޭއްވުމަށް މިސްރުން ގޮވާލާ ގޮވާލުމުގެ އަސްލަކީ، އެ ސަރަހައްދަކީ "އިސްތިރާޖީ ޗޯކްޕޮއިންޓެއް" ނުވަތަ މަގަކަށް ވުމާއި، ގައުމީ ސަލާމަތާ ސީދާ ގުޅިފައިވާ އިގްތިސާދީ އަދި އިސްތިރާޖީ ވިސްނުންތަކެއް ކަމަށް ލޮޖިސްޓިކްސް ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ނަސްރުއްދީން ބޫގަޝީޝް ވިދާޅުވި އެވެ.
"ބާބުލް މަންދަބަށް އަންނަ ކޮންމެ ބުރޫއެރުމެއްގެ އަސަރު، މިސްރުގެ މައި ނާރެއް ފަދަ ސުވައިސް ކޯރަށް ވަގުތުން ވަގުތަށް ސީދާ ގޮތެއްގައި ކުރާނެ. ސަބަބަކީ އުޅަނދުފަހަރުގެ މިސްރާބު އެ ކޯރާ ދުރަށް ބަދަލުކުރާތީ،" ބޫގަޝީޝް ވިދާޅުވި އެވެ. "މީގެ މާނައަކީ، ގައުމަށް ބޭރު ފައިސާ ވަންނަ މައިގަނޑު އެއް މަސްދަރު ކަމަށްވާ ކޯރުގެ އާމްދަނީއަށް ސީދާ ގޮތެއްގައި ބޮޑު ލޮޅުމެއް އެރުން،" އޭނާ ފާހަގަކުރެއްވި އެވެ.
"ބާބު އަލް-މަންދަބުގެ ހާލަތު އޮތީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ ފަދަ ގޮތަކަށް. އަދި، މި ކަނޑުއޮޅިއަށް ކުރިމަތިވަމުންދާ ފިއްތުންތަކުގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗެއިންތަކުގެ ހިންގުމަށް ބުރޫއަރައި، މިސްރު ހިމެނޭހެން ސަރަހައްދުގެ ގައުމުތަކުގެ އިގްތިސާދީ ވަސީލަތްތަކަށް ސީދާ ގޮތެއްގައި ބޮޑު ބުރައެއް އުފުލަން ޖެހޭނެ،" ބޫގަޝީޝް އިންޒާރު ދެއްވި އެވެ.
ބާބު އަލް-މަންދަބުގެ ނުތަނަވަސްކަމާ މެދު ދުނިޔޭގެ ކަންބޮޑުވުންތައް އިތުރުވަމުން ދިޔަ ނަމަވެސް، ސުވައިސް ކޯރުގެ ހާލަތާ މެދު އާންމުންނަށް ޔަގީންކަން ދިނުމަށް ގާހިރާއިން ވަނީ ފިޔަވަޅުތަކެއް އަޅައިފަ އެވެ. "ކޯރު އޮތީ ރައްކާތެރިކަމާއެކު. ދަތުރުފަތުރު ކުރިއަށްދަނީ ގަވާއިދުން. ހިދުމަތްތައް ދެމުންދަނީ އެންމެ ފުރިހަމަ ގޮތުގައި. އަދި، ޕައިލެޓުން ތިބީ އެންމެ މަތީ ފެންވަރުގެ ހުނަރާއި ތައްޔާރީ ހާލަތުގައި،" ސެޕްޓެމްބަރު 20 ގައި ބޭއްވުނު ވޯލްޑް މެރިޓައިމް ޑޭގެ ހަރަކާތެއްގައި ވާހަކަފުުޅު ދައްކަވަމުން ސުވައިސް ކޯރުގެ އޮތޯރިޓީގެ ޗެއާމަން އުސާމާ ރަބީޢު ވިދާޅުވި އެވެ.
އޮގަސްޓް މަހުގެ ތެރޭގައި އެ ކޯރު މެދުވެރިކޮށް 1،358 އުޅަނދު ދަތުރުކޮށްފައިވާ ކަމަށާއި، އުޅަނދުފަހަރުގެ ޖުމްލަ ނެޓް ޓަނޭޖަކީ 68.3 މިލިއަން ޓަނު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، އެ މަހު ލިބުނު އާމްދަނީ 567.1 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މީގެ ކުރިން ކުރިމަތިވި ގޮންޖެހުންތަކުގެ އަސަރު ދުނިޔޭގެ ސަޕްލައި ޗެއިންތަކަށް ސީދާ ގޮތެއްގައި ކޮށް، އޭގެ ނޭދެވޭ އަސަރުތައް ސުވައިސް ކޯރުގެ ދަތުރުފަތުރާ ހަމައަށް ފޯރި،" ރަބީޢު ވިދާޅުވި އެވެ. "ނަމަވެސް އެ ގޮންޖެހުންތަކުގެ ސަބަބުން ސާބިތުވެގެން ދިޔައީ ދުނިޔޭގެ ސަޕްލައި ޗެއިންތައް ރައްކާތެރިކުރުމުގައި މި ކޯރުގެ މުހިންމުކަން. އަދި، ދުނިޔޭގެ ފެންވަރުގައި ކޯރުން އަދާކުރާ އިސް ދައުރު އިތުރަށް ވަރުގަދަވެ، ކޯރަށް ބަރޯސާވެވޭނެ އެހެން ދެމެހެއްޓެނިވި ބަދަލު މަގެއް ނެތްކަން ހާމަވެގެން ދިޔަ،" އޭނާ ވިދާޅުވި އެވެ.
ރަބީޢު އިޝާރާތް ކުރެއްވީ 2023 އޮކްޓޫބަރުގައި ފެށުނު ޣައްޒާ ގަތުލުއާންމަށް ފަހު، ރަތް ކަނޑާއި ބާބު އަލް-މަންދަބުން ދަތުރުކުރި އިސްރާއީލާ ގުޅުންހުރި ވިޔަފާރި އުޅަނދުފަހަރަށް ހޫޘީން ދިން ހަމަލާތަކަށެވެ. އެ ހަމަލާތަކުގެ ސަބަބުން މައިގަނޑު ޝިޕިންގ ކުންފުނިތަކުން ވަނީ އެފްރިކާގެ ކޭޕް އޮފް ގުޑް ހޯޕް ވަށައިގެން ދަތުރުކުރަން ފަށައި، ސުވައިސް ކޯރަށް ގާތްގަނޑަކަށް 11 ބިލިއަން ޑޮލަރުގެ ގެއްލުން ކުރިމަތިކުރުވާފަ އެވެ.
"އެ ކާރިސާގެ ތެރޭގައި ކޯރުން ވަނީ ކަނޑު އުޅަނދުފަހަރު އަމިއްލަ ގައުމުގައި ބަނުމުގެ މަސައްކަތް ފަށައި، އަމިއްލަ ސެކްޓަރާއެކު ގުޅުން ގާއިމުކޮށް އަދި ކަނޑުދަތުރުފަތުރުގެ އައު ހިދުމަތްތައް ތައާރަފުކޮށްގެން އާމްދަނީ ލިބޭނެ ވަސީލަތްތައް އިތުރުކޮށްފައި،" ރަބީޢު ވިދާޅުވި އެވެ.
މި ޔަގީންކަން އޮތޯރިޓީން ހާމަކޮށްފައި މި ވަނީ، ދެކުނު އެފްރިކާގެ ކޭޕް އޮފް ގުޑް ހޯޕްގެ ބަދަލުގައި، ގުޅިފައިވާ ހަތަރު ކޮންޓެއިނާ ހިދުމަތެއް އަލުން ސުވައިސް ކޯރު މެދުވެރިކޮށް ކުރިއަށް ގެންދާނެ ކަމަށް ޑެންމާކުގެ ޝިޕިންގ ކުންފުނި މެޔާސްކް އަދި ޖަރުމަނުވިލާތުގެ ހާޕެގް-ލޮއިޑުން ސެޕްޓެންބަރު 14 ގައި ވަކިވަކިން ނެރުނު ބަޔާންތަކެއްގައި އިއުލާނުކޮށްފައި ވަނިކޮށެވެ.
އިގްތިސާދީ ލުއިފަސޭހަކަން
ކެޕިޓަލް ސެންޓަރ ފޯ އިކޮނޮމިކް ސްޓަޑީޒްގެ ވެރިޔާ ހާލިދު އަލް-ޝާފިޢީ ވިދާޅުވީ، 2023 ގެ ފަހުން ބާބު އަލް-މަންދަބު ވަށައިގެން އުފެދުނު ސަލާމަތީ ނުތަނަވަސްކަމުގެ ސަބަބުން ސުވައިސް ކޯރަށް މާލީ ފިއްތުންތައް ކުރިމަތިވި ނަމަވެސް، އޭގެ ހިންގުމުގެ އޮނިގަނޑަށް ބުރޫއަޅާފައި ނުވާ ކަމަށެވެ. "ކޯރުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަން ކަށަވަރުކޮށްދޭ ޖިއޮގްރަފިކް އަދި އިގްތިސާދީ ލުއިފަސޭހަކަން އެ ތަނުގައި އޮތުމުން، އެ ކާރިސާއާ ކޯރުން ކާމިޔާބުކަމާއެކު ކުރިމަތިލި. އަދި، ސަލާމަތީ ހާލަތު ހަމައަކަށް އެޅެންދެން ލިބުނު ގެއްލުންތައް ވަގުތީ މާލީ އަސަރުތަކެއްގެ ގޮތުގައި ހިފެހެއްޓުނު،" އަލް-ޝާފިޢީ ވިދާޅުވި އެވެ.
"އެ ދުވަސްވަރުގެ ކާރިސާއިން އަރައިގަތުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން، ދަތުރުކުރުމުގެ ފީތަކަށް ލުއިތަކާއި ޑިސްކައުންޓްތައް ދީ، ކަނޑުގެ ހިދުމަތްތައް ވެސް ކެނަލުން ތަފާތުކުރި،" އޭނާ ފާހަގަކުރެއްވި އެވެ. "ސުވައިސް ކޯރު އަލުން ބޭނުންކުރަން މެޔާސްކް އަދި ހާޕެގް-ލޮއިޑުން ނިންމި ނިންމުމުން ދައްކުވައިދެނީ މި ކަނޑުގެ މަގަށް ބަރޯސާވުމުގެ މުހިންމުކަން."
އާންމު ހާލަތުގައި ދުނިޔޭގެ ވިޔަފާރީގެ ގާތްގަނޑަކަށް 12 އިންސައްތަ އަދި ދުނިޔޭގެ ކޮންޓެއިނާ ދަތުރުފަތުރުގެ ގާތްގަނޑަކަށް 30 އިންސައްތަ ސުވައިސް ކޯރު މެދުވެރިކޮށް ހިނގާއިރު، ޖިއޮގްރަފިކް އަދި އިގްތިސާދީ ފައިދާތަކުގެ ސަބަބުން ކޯރަށް "އަނެއްކާ ވެސް މި ހާލަތުން އަރައިގަނެވޭނެ" ކަމަށް އޭނާ ލަފާކުރައްވަ އެވެ.
ކަނޑުގެ ނުތަނަވަސްކަން ނިމުމަކަށް ގެނައުމަށް މިސްރުން މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ ފުރުސަތު ނެތް ކަމަށް އަލް-ޝާފިޢީ ދެކެވަޑައިނުގަންނަވަ އެވެ. މިސްރާއި ސައޫދީ އަރަބިއްޔާ އަދި ރަތް ކަނޑުގެ އެހެން ގައުމުތަކަށް ކުރާ އިގްތިސާދީ އަސަރުތައް ހުއްޓުވުމަށް އެއީ އޮތް އެކަށީގެންވާ އިހުތިޔާރެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފަ އެވެ.
ބޮޑު ހަނގުރާމައެއް ފެށިގެން ދިޔުމުގެ ބިރު
ކަނޑު ދަތުރުފަތުރާއި ލޮޖިސްޓިކްސް ދާއިރާގެ އިގްތިސާދީ މާހިރެއް ކަމަށްވާ އަހުމަދު އަލް-ޝާމީ ވިދާޅުވީ، ބާބުލް މަންދަބަށް ނުރައްކާތައް އަދިވެސް ކުރިމަތިވަމުންދާ ކަމަށެވެ. "ސުވައިސް ކޯރު މެދުވެރިކޮށް ކުރާ ދަތުރުފަތުރު ކުރިއަރަމުން އަންނާތީ، އެ ކޯރަށް މީގެ ސީދާ އަސަރު އަދިވެސް އޮތީ ވަކި ހުދޫދެއްގެ ތެރޭގައި ހިފެހެއްޓިފައި،" އަލް ޝާމީ ވިދާޅުވި އެވެ.
"މި ފަހަރުގެ ނުރައްކާތައް ކުރީގެ ނުތަނަވަސްކަމާ ތަފާތު. ހާއްސަކޮށް ހޫޘީންގެ އަމާޒަކީ ސައޫދީ އުޅަނދުފަހަރު ކަމަށް އެ ޖަމާއަތުން މިފަހަރު ކަނޑައަޅާފައިވާތީ،" އަލް ޝާމީ ވިދާޅުވި އެވެ. "ނަމަވެސް އެ ނުރައްކާ އަދިވެސް އެބައޮތް. އަދި، ކުރިއަށް އޮތް ތަނުގައި ކަންކަން ބަދަލުވާ ގޮތަކުން ޝިޕިންގ ދާއިރާއަށް ކުރާނެ އަސަރުގެ މިންވަރު އެނގިގެންދާނެ."
"އުޅަނދުފަހަރަށް ހުއްޓުމެއް ނެތި ހަމަލާދެމުންދާނަމަ، ޝިޕިންގ ކުންފުނިތަކަށް މަޖުބޫރުވާނީ ދަތުރުކުރާ މަގުތައް ބަދަލުކުރަން،" އަލް-ޝާމީ އިންޒާރު ދެއްވި އެވެ. "މެޔާސްކުން ސުވައިސް ކޯރު އަލުން އިހުތިޔާރުކުރުމުން ހާމަވަނީ، ކޭޕް އޮފް ގުޑް ހޯޕް ވަށައިގެން ދަތުރުކުރުމަށް ވުރެ މި ކަނޑުއޮޅިން ދަތުރުކުރުން އިގްތިސާދީ ގޮތުން މާ ފައިދާހުރި ކަމަށް ބެލެވުނު އިގްތިސާދީ ވަޒަންކުރުން."
"އުޅަނދުފަހަރަށް ހޫޘީން ދޭ ހަމަލާތައް އިތުރަށް ފުޅާވެއްޖެނަމަ، ހަމައެކަނި ސުވައިސް ކޯރަށް ނޫން ގޮތަށް، ދުނިޔޭގެ ވިޔަފާރީގެ 20 އާއި 30 އިންސައްތައާ ދެމެދުގެ މިންވަރަކަށް އަސަރުކުރާނެ ފަދަ ފުރިހަމަ އަސްކަރީ ކުރިމަތިލުމަކަށް ކަންކަން ބަދަލުވެގެން ހިނގައިދާނެ،" އަލް-ޝާމީ އިންޒާރު ދެއްވި އެވެ. "ވޭތުވެދިޔަ ދެ އަހަރާ އަޅާބަލާއިރު ސުވައިސް ކޯރުގެ ކަނޑު ދަތުރުފަތުރު މިހާރު ދަނީ މަޑުމަޑުން އިތުރުވަމުން."
މިހާރު އުފެދިފައިވާ ކާރިސާ ހައްލުކުރުމަށް މިސްރުން މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ ފުރުސަތު ނެތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވަމުން، 2024 ވަނަ އަހަރު 4 ބިލިއަން ޑޮލަރަށް ވުރެ ކުޑަ އާމްދަނީއެއް ލިބުނު ނަމަވެސް، އަންނަ އަހަރުގެ މެދާ ހަމައަށް ދާއިރު ކޯރުން ލިބޭ އާމްދަނީ 7.5 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާނެ ކަމަށް އަލް-ޝާމީ ލަފާކުރެއްވި އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











