ހޫޘީންނަށް ރައްދު ދޭނެ ސާފު ރޭވުމެއް ސައޫދީއާއި އެމެރިކާގެ ނެތް، ހާލަތު އިތުރަށް ގޯސްވެދާނެ!
21 ސެޕްޓެމްބަރު 2026 | ހޯމަ 05:57ސައޫދީ އަރަބިއްޔާގެ އެކި ސަރަހައްދުތަކަށް ހޫޘީން ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައިވާއިރު، މި ހަމަލާތަކާ ދެކޮޅަށް ސީދާ އަސްކަރީ ފިޔަވަޅެއް އެޅުމަށް އެމެރިކާއިން ވަނީ އިންކާރުކޮށްފައި. އެމެރިކާގެ އެހީތެރިކަން ހަމައެކަނި ޖާސޫސީ މައުލޫމާތު ހިއްސާކުރުމަށް ހަނިކޮށްފައިވާއިރު، ހޫޘީންގެ ނުރައްކާ ބޮޑުވެ ސައޫދީގެ ދިފާއީ ގާބިލުކަމާ މެދު މިހާރު ވަނީ ސުވާލު އުފެދިފައި. މި ހާލަތުގެ ސަބަބުން ސަރަހައްދީ ހަމަނުޖެހުން އިތުރުވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވެސް ވަނީ ނޭދެވޭ އަސަރުތަކެއް ކުރަން ފަށާފައި

ސައުދީ ވައިގެ ސިފައިން ޔަމަނުގެ ހޫޘީންގެ ހަތިޔާރު ގުދަންކަމާއި އަސްކަރީ އަމާޒުތަކަށް ދެމުންދާ ކަމަށް ބުނާ ހަމަލާތަކެއްގެ ތެރެއިން އެއް ހަމަލާގައި ބޮޑު އަލިފާންގަނޑެއް ރޯވާ މަންޒަރު | އެކްސް
ރަތް ކަނޑުގައި އޮންނަ އިސްތިރާޖީ ގޮތުން މުހިންމު ޖަޒީރާއެއްގެ ކޮންޓްރޯލް ހޫޘީން ހޯދާފައިވީ ނަމަވެސް، އެ ޖަމާއަތާ ދެކޮޅަށް ރައްދު ހަމަލާދޭނެ ސާފު ޕްލޭނެއް ސައޫދީ އަރަބިއްޔާ އަދި އެމެރިކާގެ ވެސް ނެތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެމެރިކާއިން ސައޫދީ އަރަބިއްޔާއަށް އިތުރު ޖާސޫސީ މައުލޫމާތާއި ހަމަލާދޭނެ އަމާޒުތައް ކަނޑައެޅުމުގައި އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ނަމަވެސް، ހޫޘީންގެ ބާރުތައް ފަހަތަށް ޖެއްސުމަށް އެ ގައުމު އަދިވެސް ވަނީ ނުކުޅެދިފައި ކަމަށް، އާދީއްތަ ދުވަހު ސީއެންއެންއަށް މައުލޫމާތު ދިން އެކި މަސްދަރުތަކުން ވަނީ ބުނެފަ އެވެ. މި އަހަރުގެ ކުރީކޮޅު އީރާނުން އަމަލުކުރި ފަދައިން، ވިޔަފާރި އުޅަނދުފަހަރު ދަތުރުކުރާ މުހިންމު އެހެން ކަނޑުއޮޅިއެއް ބަންދުކުރުމަށް ހޫޘީން މަސައްކަތްކުރާނެ ކަން ވޭތުވެދިޔަ މަސްތަކުގައި އެމެރިކާގެ ޖާސޫސީ ރިޕޯޓްތަކުން ދައްކާފައިވާ ކަމަށް، ސީއެންއެންއަށް މައުލޫމާތު ދިން ނަން ހާމަކޮށްފައިނުވާ އޮފިޝަލުން ވިދާޅުވި އެވެ.
ނަމަވެސް، ހޫޘީންނާ ދެކޮޅަށް ހަނގުރާމަކުރުމަށް ޓަކައި ސައޫދީގެ އެހީތެރިކަން ލިބޭ ޔަމަނުގެ ސަރުކާރުގެ ސިފައިންނަށް ހަރުދަނާ ތަމްރީނު ދީފައިވާނެ ކަމަށް ވޭތުވެދިޔަ ދިހަ އަހަރު ދުވަހު ސައޫދީ އަރަބިއްޔާއިން ދެމުންދިޔަ ޔަގީންކަމާ އެކު ވެސް، ހޫޘީން ފަހަތަށް ޖެއްސުމުގެ ގާބިލުކަން ރިޔާޟުގެ ކިބައިގައި ނެތް ކަމަށް ވޮޝިންގޓަނުން އަދިވެސް ގަބޫލުކުރާ ކަމަށް އެމެރިކާގެ ދެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޭމްޕް ޑޭވިޑްގައި ހޭދަކުރައްވަމުން ގެންދެވި ޗުއްޓީ ކުއްލި ގޮތަކަށް ކުރުކޮށްލެެއްވުމަށް ފަހު ހޮނިހިރު ދުވަހު އަނބުރާ ވައިޓް ހައުސް އަށް ވަޑައިގެންނެވި ފަހުން، ސީއެންއެންއިން ވަނީ މި ރިޕޯޓް އާންމުކޮށްފަ އެވެ. ޓްރަމްޕް އަވަހަށް އެނބުރި ވަޑައިގެންނެވި ސަބަބާ ގުޅޭ ގޮތުން އެ ގައުމުގެ ސަރުކާރުން ރަސްމީ އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ. ތާވަލަށް މި ބަދަލު ގެންނެވީ މެރީލެންޑްގެ ރަށްފުށުގެ ހިސާބުތަކަށް ވިއްސާރަވެ ގުގުރާނެ ކަމަށް ލަފާކޮށްފައި އޮތުމުން ކަމަށް ވުން ގާތެވެ. ނަމަވެސް، މި ދަތުރުފުޅު ކުރުކޮށްލެއްވުން ސީދާ ދިމާވީ ސައޫދީ އަރަބިއްޔާއާ ދެކޮޅަށް ހޫޘީން ހިންގި ބޮޑު އަސްކަރީ ކުރިމަތިލުންތަކަކާ އެވެ.
އީރާނުގެ މަދަދު ލިބޭ އެ ޖަމާއަތުން ފަތިހުގެ ވަގުތެއްގައި ރިޔާޟަށް ބެލިސްޓިކް މިސައިލެއް ފޮނުވާލާފައިވާ ކަމަށް، ޔަމަނުގެ ހޫޘީންނާ ދެކޮޅަށް ހަނގުރާމަކުރާ ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހޮނިހިރު ދުވަހު ވަނީ ބުނެފަ އެވެ. ގޭތެރޭގައި ރައްކާތެރިކަން ހޯދައިގެން ތިބުމަށް އާންމުންނަށް އަންގައި، ފަތިހުގެ ވަގުތުގައި ސައޫދީގެ ކަމާބެހޭ އިދާރާތަކުން ކުރިން ދުވަހަކު ވެސް ނުނެރޭ ފަދަ ކުއްލި އިންޒާރެއް ނެރުނު ކަމަށް އެ ގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. މިއާއެކު، ވެރިރަށުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ކައިރީގައި ހުންނަ ތެޔޮ ގުދަނެއްގައި ރޯވި އަލިފާންގަނޑު ނިއްވުމަށް އަލިފާން ނިއްވާ ފަރާތްތަކުން ވަނީ ހަރަކާތްތެރިވެފަ އެވެ. އެ ތަނުގައި އަލިފާން ރޯވެފައި ވަނީ އަރާމްކޯގެ ލޯގޯ ޖަހާފައިވާ ތެޔޮ ތާނގީއެއްގަ އެވެ.
ކުޅެދުންތެރިކަން ހުރި މިންވަރު ހާމަވުން
ރިޔާޟުގެ ވައިގެ ސަރަހައްދުން އެ މިސައިލް ވައްޓާލާފައިވާ ކަން ކޯލިޝަންގެ ތަރުޖަމާނު މޭޖާ ޖެނެރަލް ތުރްކީ އަލް-މާލިކީ ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ. އަދި، ތާއިފް، ބައިޝް، ފުރްސާން އަދި އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ޔަންބުޢުއަށް އަމާޒުކޮށް ވަކިވަކިން ދޭން އުޅުނު ހަމަލާތައް، އަމާޒަށް ވާސިލުވުމުގެ ކުރިން ވައިގެ ދިފާއީ ބާރުތަކުން ނާކާމިޔާބުކޮށްލާފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ. މި ހަމަލާތަކުގެ ޒިންމާ ހޫޘީންގެ ތަރުޖަމާނު ޔަހްޔާ ސަރީއު ވަނީ އުފުލާފަ އެވެ. އަދި، މި ހަމަލާތަކަކީ "ވެރިރަށް ސަންޢާއަށް އަމާޒުކޮށް ސައޫދީ ދުޝްމަނުން ދޭން އުޅުނު ޖަރީމާތަކުގެ" ބަދަލުހިފުމެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ޔަމަނުގެ ހޫޘީން ދިންކަމަށް ބުނާ ހަމަލާއެއްގައި އިމާރާތެއްގައި ރޯވި އަލިފާންގަނޑު ނިއްވައިލަން އަލިފާން ނިއްވާ ޓީމުތަކުން މަސައްކަތް ކުރަނީ | އެކްސް
އެމެރިކާގެ ޚާރިޖީ ވުޒާރާއާއި އެ ސަރަހައްދުގައި ހުންނަ އެމެރިކާގެ ބައެއް އެމްބަސީތަކުން ވެސް ވަނީ އެ ގައުމުގެ ރައްޔިތުންނަށް ކުއްލި ސަލާމަތީ އިންޒާރުތައް ނެރެފަ އެވެ. އެ އިންޒާރުތަކުގައި ވަނީ، "ލަފާނުކުރެވޭ ފަދަ ގޮތަކަށް ކަންކަން ގޯސްވެގެން ހިނގައިދާނެ ކަމުގެ ފުރުސަތު އޮތް ކަމަށް" ބަޔާންކޮށްފަ އެވެ. އަދި، "އީރާނުގެ މަދަދު ލިބޭ ހޫޘީން ވަނީ އާންމުންގެ ވައިގެ ބަނދަރުތައް ވެސް ހިމެނޭ ގޮތަށް، ސައޫދީ އަރަބިއްޔާއާ ދެކޮޅަށް ދުޝްމަންކަމުގެ އަމަލުތައް ހިންގާފައި" ކަމަށް ވެސް އެ ފަރާތްތަކުން ވަނީ ފާހަގަކޮށްފަ އެވެ.
ހަފުތާ ބަންދުގައި ދިން މި ހަމަލާތަކަކީ، ޔަމަނުގެ ރަތް ކަނޑުގެ އައްސޭރިފަށާއި މުހިންމު ކަނޑުއޮޅިއެއް ކަމަށްވާ ބާބު އަލް-މަންދަބްގެ ފުރިހަމަ ކޮންޓްރޯލް ހޯދުމަށް އެ ޖަމާއަތުން ކުރިއަށްގެންދާ ފުޅާ އަދި ވަރުގަދަ ކެމްޕޭނުގެ ބައެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. މި ހަމަލާތަކާ އެކު، ސައޫދީ އަސްކަރިއްޔާގެ ކުޅެދުންތެރިކަން ހުރި މިންވަރު ވަނީ ހާމަވެފަ އެވެ. އެ ގައުމުގެ އެތެރޭގެ އުމްރާނީ ވަސީލަތްތައް ދިފާއުކުރުމަށް ބޭނުންކުރާ، އިންޓަސެޕްޓާ މިސައިލް ސައޫދީގައި މަދުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި، ފަރަންސޭސިވިލާތް، އިނގިރޭސިވިލާތް، ޕާކިސްތާން އަދި މިސްރުގެ ކިބައިން ވައިގެ ދިފާއީ އަވަސް އެހީތެރިކަމަށް ސައޫދީން ވަނީ އެދިފަ އެވެ.
އެމެރިކާއިން ބުނީ ނޫނެކޭ
ތުރުކީވިލާތާއި ޕާކިސްތާނާ އެކު ރިޔާޟުން ދާދި ފަހުން ސޮއިކުރި ދިފާއީ އެއްބަސްވުންތަކުގެ ދަށުން އަވަސް ފިޔަވަޅުތަކެއް އެޅިފައި ވަނީ ވަރަށް މަދުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ހާކާން ފިދާން އެ ހަމަލާތައް ކުށްވެރިކުރައްވައި، ތިން ގައުމުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް، އީރާނާއި އެމެރިކާއާ ދެމެދު ކުރަމުންދާ ހަނގުރާމައިގެ ތެރެއިން ސައޫދީ އަރަބިއްޔާ "އެކަހެރިކޮށް ބާއްވަން" ޖެހޭނެ ކަމަށް އޭނާ ވަނީ އިންޒާރު ދެއްވާފަ އެވެ. މި ފަދަ ގޮތަކަށް، އެ ގައުމުން ފިޔަވަޅު އަޅާނީ "އެ ކަމުގެ ވަގުތު ޖެހުމުން" ކަމަށް ޕާކިސްތާނުން ވެސް ވަނީ ބުނެފަ އެވެ.
މި ނުރައްކާތެރި ހާލަތު ކުރިމަތިވި ނަމަވެސް، މި ކުރިމަތިލުމުގެ ތެރެއަށް ސީދާ ގޮތެއްގައި ވަނުމުގެ އެއްވެސް ޝައުގުވެރިކަމެއް ވޮޝިންގޓަނުން ފާޅެއް ނުކުރެ އެވެ. ހޫޘީންނާ ދެކޮޅަށް ސީދާ އަސްކަރީ ހަމަލާތައް ދިނުމުގައި އެމެރިކާ ބައިވެރިވުމަކީ އެ ގައުމުން ފަހަނައަޅައި ނުދާނެ ރަތް ރޮނގު ކަމަށް ޓްރަމްޕްގެ ސަރުކާރުން ވަނީ އިޝާރާތްކޮށްފަ އެވެ. އަދި، އެމެރިކާގެ ބައިވެރިވުން ހަމައެކަނި ޖާސޫސީ މައުލޫމާތާއި އަމާޒުތަކާ ބެހޭ ޑޭޓާ ހިއްސާކުރުމަށް ވަނީ ހިފަހައްޓާފަ އެވެ. ނަމަވެސް، "މިހާރާއި މުސްތަގުބަލުގެ ނުރައްކާތަކުން ދިފާއުވުމަށް ޓަކައި" ސައޫދީ އަރަބިއްޔާއަށް 24.3 ބިލިއަން ޑޮލަރުގެ އެފް-35 މަރުކާގެ އަސްކަރީ މަތިންދާބޯޓު ވިއްކުމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ދާދި ފަހުން ވަނީ ހުއްދަ ދީފަ އެވެ.
ހޫޘީންނާ ދެކޮޅަށް އެމެރިކާއިން އަސްކަރީ ހަމަލާތަކެއް ދިނުމަށް އެދިވަޑައިގަންނަވައި، ސައޫދީގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ހުސްވި ހަފުތާގައި ދެ ފަހަރެއްގެ މަތިން ޓްރަމްޕާ ފޯނުން ގުޅުއްވައި ވާހަކަފުޅު ދެއްކެވި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް، އެ އެދިވަޑައިގަތުންތަކަށް ޓްރަމްޕް ވަނީ އިންކާރު ކުރައްވާފަ އެވެ. މި ހަނގުރާމައިގެ ތެރެއަށް އެމެރިކާގެ ސިފައިން ނުވެއްދުމަށް ބޭނުންފުޅުވާ ކަން ޓްރަމްޕް ވަނީ ފާޅުގައި ހާމަކުރައްވާފަ އެވެ. ދާދި ފަހުން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން، "ހޫޘީން އަހަރެމެންނަށް ގުޅި. އަދި، އެ މީހުން އަހަރެމެންނާ ހަނގުރާމަކުރާކަށް ބޭނުމެއް ނުވޭ... އެ މީހުން މާ ބޮޑަށް ހިތްހަމަނުޖެހިގެން އުޅެނީ އެންމެ ގައުމަކާ މެދު. އަދި، އަހަރެމެން އެ ކަން ހަމަޖައްސާނަން" ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާއިން ގެންގުޅޭ މި ދުރުހެލި ސިޔާސަތުގެ ސަބަބުން، ގަލްފުގެ ބައިވެރިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެފަ އެވެ. އަދި، މުޅި ސަރަހައްދަށް ފެތުރިފައިވާ ފުޅާ ހަމަނުޖެހުމުގެ ތެރެއިން ހުޅުވިގެންދިޔަ ނުރައްކާތެރި އައު މައިދާނެއްގެ ގޮތުގައި އެ ގައުމުތަކުން މި ހަމަލާތައް ސިފަކުރެ އެވެ. ހޫޘީން ހޯދަމުންދާ ކުރިއެރުންތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ކާރިސާ އިތުރަށް ގޯސްވެ، ތެޔޮ އެކްސްޕޯޓްކުރާ މިންވަރު މަދުކުރުމަށް ސައޫދީ އަރަބިއްޔާއަށް ވަނީ މަޖުބޫރުވެފަ އެވެ. މި ހާލަތާ އެކު، ރިޔާޟަށް މިހާރު ވަނީ އިންތިހާއަށް ހިތި ހަގީގަތަކާ ކުރިމަތިލާން ޖެހިފަ އެވެ. އޮމާންގައި ކުރިއަށްދިޔަ މަޝްވަރާތަކުގެ ތެރެއިން އެމެރިކާއިން އަމިއްލައަށް ހޫޘީންނާއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނާއިރު، ފުޅާވަމުންދާ މި ބޮޑު ހަނގުރާމަ އެކަނިމާއެކަނި މެނޭޖްކުރުމަށް ސައޫދީ އަރަބިއްޔާ އޮތީ ދޫކޮށްލާފަ އެވެ.
މަސްދަރު: މިޑްލްއީސްޓް އައި











