ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟
4 ސެޕްޓެމްބަރު 2026 | ހުކުރު 17:28ދުނިޔޭގެ މަސްރަހު ނުތަނަވަސްވެ، އެމެރިކާއާއި ކެނެޑާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން ގޯސްވެފައި ވަނިކޮށް، ނެދަލެންޑްސްގެ މަރުކަޒީ ބޭންކުން އެ ގައުމުތަކުގައި ހުރި އެތައް ބިލިއަން ޑޮލަރެއްގެ ރަން ރިޒާވް އިނގިރޭސިވިލާތަށް ބަދަލުކޮށްފި. ކުރިމަތިވެދާނެ ނިޒާމީ ނުރައްކާތަކަށް ތައްޔާރުވުމުގެ ގޮތުން ގެނައި މި ބަދަލާއެކު، ނެދަލެންޑްސްގެ ރަން ރިޒާވް ދުނިޔޭގެ އެކި ސަރަހައްދުތަކަށް ބެހިފައިވާ މިންވަރު މިހާރު ވަނީ ހަމަހަމަކުރެވިފައި

ނިއުޔޯކްގައި ހުންނަ ފެޑަރަލް ރިޒާވް ބޭންކް އޮފް ނިއުޔޯކް އިމާރާތުގެ ރައްކާތެރި ބިންގަރާހެއްގައި ހުރި ތިޖޫރީއެއްގައި، ބޭރު ގައުމުތަކުގެ މިލްކުވެރިކަމުގައިވާ ރަންތައް އެ ބޭންކުގެ މުވައްޒަފުން ގުނަނީ. މިއީ 1968 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ނަގާފައިވާ ފޮޓޯއެއް | ގެޓީ އިމޭޖަސް
ދުނިޔޭގެ ޖިއޯޕޮލިޓިކަލް މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، ނެދަލެންޑްސްއިން އެމެރިކާއާއި ކެނެޑާގައި ރައްކާކޮށްފައި ހުރި އެތައް ބިލިއަން ޑޮލަރެއްގެ ރަން ރިޒާވް އެ ގައުމުތަކުން ބޭރުކޮށް، އިނގިރޭސިވިިލާތަށް (ޔޫކޭ) ބަދަލުކޮށްފި އެވެ.
ނެދަލެންޑްސްގެ މަރުކަޒީ ބޭންކް، ޑަޗް ސެންޓްރަލް ބޭންކް (ޑީއެންބީ) އިން މިދިޔަ ހަފްތާގެ ބުދަ ދުވަހު ހާމަކުރި ގޮތުގައި، ރަން ރިޒާވް ބަދަލުކުރަން ނިންމީ "ކުރިމަތިވެދާނެ ނުރައްކާތެރި ކާރިސާތަކަށް އިތުރަށް ތައްޔާރުވުމުގެ" ގޮތުންނެވެ.
މިފަދަ ކާރިސާއެއްގެ ގޮތުގައި ޑީއެންބީން ވަކި ކަމެއް ފާހަގަކޮށްފައި ނުވި ނަމަވެސް، މިހާރު އެމެރިކާއިން ދަނީ ކެނެޑާއާއެކު ވިޔަފާރީގެ ވަރުގަދަ ކުރިމަތިލުމެއްގަ އެވެ. މީގެ އިތުރުން ވޮޝިންގްޓަނުން ދަނީ އީރާނާ ދެކޮޅަށް ހަނގުރާމަކުރަމުންނެވެ. އަދި ފާއިތުވި މަސްތަކުގައި ވެނެޒުއޭލާއާއި ކިއުބާ ސަރަހައްދުގައި ވެސް އެމެރިކާއިން ވަނީ އަސްކަރީ އޮޕަރޭޝަންތަކެއް ހިންގާފަ އެވެ.
މީގެ އިތުރުން، މިއަހަރުގެ ފެބްރުއަރީ މަހު އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން ޔޫރަޕާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެއީ މި ހަނގުރާމައިގައި ބައިވެރިވުމަށް ޔޫރަޕްގެ ގައުމުތަކުން ފަސްޖެހުމުން، އެކަމާ މެދު ރައީސް ޑޮނަލްޑް ޓްރަމްޕް ހިތްހަމަނުޖެހުން ފާޅުކުރައްވާފައިވާތީ އެވެ.
ޑީއެންބީގެ ރައީސް އޯލާފް ސްލައިޕެން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރަން ރިޒާވް ބަދަލުކުރުމުން އެ ރަން ބޭނުންކޮށްގެން މުއާލާތްތައް ކުރުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެ ކަމަށެވެ. އަދި މި ރަން ބޭނުންކުރަން ޖެހޭނެ ކަމަށް އުންމީދު ނުކުރި ނަމަވެސް، ގައުމުގެ ގާބިލުކަން އެކި ހާލަތަށް ވަރުގަދަކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ނެދަލެންޑްސްގެ ރަން ރިޒާވްގެ މިންވަރަކީ ކޮބާ؟
ނެދަލެންޑްސްގެ އަތުގައި 612.4 ޓަނުގެ ރަން އެބަހުއްޓެވެ. މީގެ އަގު ގާތްގަނޑަކަށް 72.2 ބިލިއަން ޔޫރޯ (83.8 ބިލިއަން ޑޮލަރު) އަށް އަރަ އެވެ. މިއީ އާންމު މާލީ ނިޒާމުތައް ފެއިލްވާ ފަދަ ކާރިސާގެ ވަގުތުތަކުގައި ރައްކާތެރިކަމެއްގެ ގޮތުގައި ބޭނުންކުރެވޭނެ އެސެޓެކެވެ.
އާންމުކޮށް ގައުމުތަކުން ގެންގުޅޭ ރިސްކް މެނޭޖްމަންޓް އުސޫލުތަކުގެ ދަށުން، އެންމެ ބޮޑު ރައްކާތެރިކަމެއް ކަށަވަރުކުރުމަށްޓަކައި ރަން ރިޒާވްތައް އެކި ސަރަހައްދުތަކަށް ބަހާލައިގެން ރައްކާކުރެ އެވެ.
ޑީއެންބީން މި ރަން ރިޒާވްތައް ބަހާލާފައިވަނީ ނެދަލެންޑްސްގެ ޒައިސްޓްގައި ހުންނަ އެ ބޭންކުގެ ކޭޝް ސެންޓަރުގެ އިތުރުން ޔޫކޭ، އެމެރިކާ އަދި ކެނެޑާގެ މަރުކަޒީ ބޭންކުތަކުގަ އެވެ.
މި ބަދަލު ގެނައުމުގެ ކުރިން، ޒައިސްޓްގައި ހުރީ ނެދަލެންޑްސްގެ ރަން ރިޒާވްގެ 30.8 އިންސައްތަ އެވެ. ލަންޑަނުގައި 18.1 އިންސައްތަ، ނިއު ޔޯކުގައި 31.3 އިންސައްތަ އަދި އޮޓާވާގައި 19.7 އިންސައްތަ ރަން ރައްކާކޮށްފައި ހުއްޓެވެ.
އުތުރު އެމެރިކާއިން ޔޫކޭއަށް ރަން ބަދަލުކުރުމަށްފަހު، މިހާރު ރަން ހުރި މިންވަރުތަކަކީ: ޒައިސްޓްގައި 30.8 އިންސައްތަ، ލަންޑަނުގައި 32.1 އިންސައްތަ، ނިއު ޔޯކުގައި 18.5 އިންސައްތަ އަދި އޮޓާވާގައި 18.5 އިންސައްތަ އެވެ.
ރަން ބަދަލުކުރީ ކިހިނެއް؟
ބަދަލުކުރި ރަނުގެ އަގު 2025 ވަނަ އަހަރުގެ ނިޔަލަށް ހުރީ ގާތްގަނޑަކަށް 10.11 ބިލިއަން ޔޫރޯ (11.73 ބިލިއަން ޑޮލަރު) ގަ އެވެ. ނެދަލެންޑްސްގެ ގަޑިން ބުދަ ދުވަހުގެ މެންދުރުފަހު 3:00 ޖެހިއިރު މި ރަނުގެ އަގު ހުރީ 10.34 ބިލިއަން ޔޫރޯގަ އެވެ.
މި ރަން ބަދަލުކޮށްފައިވަނީ ދެ ގޮތަކަށެވެ. އެއީ އެއް ތަނެއްގައި ހުރި ރަން ވިއްކާލުމަށްފަހު އަނެއް ތަނަކުން ރަން ގަނެގެންނާއި، ފިޒިކަލްކޮށް ގޯލްޑް ބާ އެއް ތަނުން އަނެއް ތަނަށް އުފުލައިގެންނެވެ.
ޑީއެންބީން ބުނި ގޮތުގައި، ރަން ބަދަލުކުރުމުގެ މަސައްކަތް ފެށީ ނިއު ޔޯކުގައި ހުރި ގާތްގަނޑަކަށް 59 ޓަނުގެ ރަން (ގާތްގަނޑަކަށް 8.3 ބިލިއަން ޑޮލަރުގެ ރަން) ވިއްކާލުމަށްފަހު ލަންޑަނުން ރަން ގަނެގެންނެވެ.
"މީގެ އިތުރުން 27 ޓަނަށްވުރެ ގިނަ ރަން (ގާތްގަނޑަކަށް 3.84 ބިލިއަން ޑޮލަރު) އެމެރިކާއާއި ކެނެޑާއިން ފިޒިކަލްކޮށް ޒައިސްޓަށް އުފުލި. އަދި ޒައިސްޓުން އެއާ އެއްވަރުގެ މިންވަރެއްގެ ރަން ލަންޑަނަށް ބަދަލުކުރި. މިއީ ގޯލްޑް ބާ ތައް އަލުން ވިރުވައިގެން ހަދަން ނުޖެހޭނެ ގޮތަށް ބައިނަލްއަގުވާމީ މާކެޓް މިންގަނޑުތަކަށް ފެތޭ ގޮތަށް ކުރި ކަމެއް،" ބޭންކުން ބުންޏެވެ.
ޖުމްލަކޮށް ބަލާއިރު، 2025 ގެ ޑިސެމްބަރު މަހުގެ އަގުތަކަށް ބަލައި، ނިއު ޔޯކުން 10.7 ބިލިއަން ޑޮލަރުގެ ރަން ބަދަލުކޮށްފައިވާއިރު، އޮޓާވާއިން ވަނީ 1 ބިލިއަން ޑޮލަރަށްވުރެ ގިނަ ރަން ބަދަލުކޮށްފަ އެވެ.
"މި ބަދަލާއެކު، ނެދަލެންޑްސްގެ ރަން ރިޒާވް ދުނިޔޭގެ އެކި ސަރަހައްދުތަކަށް ބެހިފައިވާ މިންވަރު މިހާރު ވަނީ ހަމަހަމަކުރެވިފައި. މިހާރު އެމެރިކާއާއި ކެނެޑާގެ ކޮންމެ ގައުމެއްގައި ހުންނާނީ 18.5 އިންސައްތަ ރަން،" ޑީއެންބީން އިތުރަށް ބުންޏެވެ.
ނެދަލެންޑްސްއިން މިގޮތަށް ރަން ބަދަލުކުރީ ކީއްވެ؟
ޑީއެންބީން ބުނާ ގޮތުގައި، ދެ ގޮތަކަށް ރަން ބަދަލުކުރަން ނިންމީ ރިސްކް މެނޭޖްކުރުމުގެ ސިޔާސަތުގެ ދަށުންނެވެ.
އެ ބޭންކުން ބުނީ: "ރަން ގަނެވިއްކުމާއި ފިޒިކަލްކޮށް އުފުލުން އެއްކޮށްލުމުން، މިފަދަ އުނދަގޫ އޮޕަރޭޝަނެއްގައި ކުރިމަތިވެދާނެ ނުރައްކާތައް ކުޑަކުރެވުނު. އަދި ހަރަދު ކުޑަކޮށް، އެންމެ އެދެވޭ ގޮތެއްގައި މިކަން ކުރެވުނު."
"މީގެ އިތުރުން، މި ދެ ގޮތަށް އަމަލުކުރުމުން ލިބުނު ތަޖުރިބާގެ ބޭނުން ކުރިމަތިވެދާނެ ކާރިސާއެއްގައި ހިފޭނެ. އެއީ އެފަދަ ހާލަތެއްގައި އެއް ގޮތަކަށް އަމަލުނުކުރެވޭ ހާލަތެއް މެދުވެރިވި ނަމަވެސް އަނެއް ގޮތް ބޭނުންކުރެވޭނެތީ. މިއީ ކާރިސާތަކަށް ތައްޔާރުވުމަށް ޑީއެންބީން ކުރާ މަސައްކަތުގެ ބައެއް،" ބޭންކުން ބުންޏެވެ.
އެމެރިކާއިން ރަން ބޭރުކުރަން ނެދަލެންޑްސްއަށް މަޖުބޫރުވީ ކީއްވެ؟
އަންގާރަ ދުވަހު ނެރުނު ބަޔާނުގައި ޑީއެންބީން ބުނީ، އެ ގައުމުގެ ރަނަކީ "ފަސޭހައިން މުއާމަލާތް ކުރެވޭ" އެއްޗަކަށް ހަދަން ބޭނުންވާ ކަމަށާއި، ލަންޑަނަކީ ރަން ބެހެއްޓުމަށް ރައްކާތެރި ތަނެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
"ލަންޑަނުގައި ގިނަ އަދަދެއްގެ ރަން ރިޒާވް ބެހެއްޓުމުން، އިތުބާރު ހުރި އެސެޓެއްގެ ގޮތުގައި ރަނުގެ ދައުރު ވަރުގަދަވޭ. ރަނަކީ ނިޒާމީ ބޮޑެތި ނުރައްކާތަކުން (systemic risks) ސަލާމަތްވުމަށް އެންމެ އެދެވޭ ރިޒާވް އެސެޓް،" ޑީއެންބީން ބުންޏެވެ.
"ނިއު ޔޯކާއި އޮޓާވާގައި ހުންނަ ރަން، މިފަދަ ހާލަތެއްގައި އެހާ އަވަހަށް އަދި ސީދާ ގޮތެއްގައި ބޭނުން ނުކުރެވިދާނެ،" ބޭންކުން ފާހަގަކުރި އެވެ.
ނަމަވެސް، އެ ބޭންކުން ސަލާމަތްވާން އުޅޭ "ނިޒާމީ ނުރައްކާތަކަކީ" ކޮބައިކަމެއް ސާފުކޮށްދީފައެއް ނުވެ އެވެ.
އެހެންނަމަވެސް، ކެނެޑާއަށްވުރެ މާ ގިނަ އަދަދެއްގެ ރަން އެމެރިކާއިން ނެދަލެންޑްސްއިން ބޭރުކޮށްފައިވާތީ، މިއީ އެޓްލާންޓިކް ސަރަހައްދުގެ ގުޅުންތަކަށް އަތުވެދާނެ ލޮޅުމަކަށް ބިރުން ކުރި ކަމެއް ކަމަށް މުހައްލިލުން ލަފާކުރެ އެވެ.
މިޑްލް އީސްޓް ކައުންސިލް އޮން ގްލޯބަލް އެފެއާޒްގެ ނޮން-ރެސިޑެންޓް ސީނިއާ ފެލޯ ފްރެޑްރިކް ޝްނައިޑާ ވިދާޅުވީ، ޖަރުމަނާއި، ފްރާންސާއި އިޓަލީ ފަދަ ގައުމުތަކުން ވޭތުވެދިޔަ 10 އަހަރު ރަން އަނބުރާ ގެންދިޔަ ސަބަބާ ނެދަލެންޑްސްގެ ނިންމުމާ އެއްގޮތް ކަމަށެވެ. އެއީ އަމިއްލަ ރަން ރިޒާވްގެ މައްޗަށް ފުރިހަމަ ކޮންޓްރޯލް ހޯދުމެވެ.
ޓްރަމްޕް ދެވަނަ ދައުރަކަށް ރައީސްކަމާ ހަވާލުވެވަޑައިގަތުމާއެކު މި ވިސްނުން ވަނީ އިތުރަށް ވަރުގަދަވެފަ އެވެ. "ޓްރަމްޕްގެ އަމަލުތައް ހުންނަ ގޮތުންނާއި، އެކުވެރި ގައުމުތަކާ މެދު ވެސް ގެންގުޅުއްވާ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން ގިނަ ގައުމުތަކެއް ވަނީ ކަންބޮޑުވެފައި. އަދި އެމެރިކާ ޑޮލަރާއި، ބައިނަލްއަގުވާމީ ވިޔަފާރީގެ ގުޅުންތަކާއި، ފައިސާ ދެއްކުމުގެ ނިޒާމުތައް ހަތިޔާރެއްގެ ގޮތުގައި އެމެރިކާއިން ބޭނުންކުރާތީ ގައުމުތަކުން ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައި،" ޝްނައިޑާ އިތުރަށް ވިދާޅުވި އެވެ.
މިކަމުގައި ހިމެނޭ ވަކިވަކި މައްސަލަތަކުގެ ތެރޭގައި:
ވިޔަފާރީގެ ހަނގުރާމަ
ފުރަތަމަ ކަމަކީ، 2025 ވަނަ އަހަރުން ފެށިގެން ކެނެޑާއާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ވިޔަފާރީގެ ހަނގުރާމަ އެވެ. ޓްރަމްޕްގެ ސަރުކާރުން ވަނީ މިދިޔަ އަހަރު ކެނެޑާގެ ދަގަނޑާއި، އެލުމިނިއަމް އަދި އޮޓޯމޮބައިލް ސިނާއަތަށް ޓެރިފްތަކެއް ކުރިމަތިކުރުވާފަ އެވެ. އަދި މިއަހަރުގެ އޮގަސްޓް މަހު، ދެ ގައުމުގެ ދެމެދުގައި ކުރެވުނު ވިޔަފާރީގެ މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން، ކެނެޑާގެ 20 ބިލިއަން ޑޮލަރުގެ މުދަލުން އިތުރު 50 އިންސައްތައިގެ ޓެރިފް ނަގަން ވޮޝިންގްޓަނުން ވަނީ ނިންމާފަ އެވެ.
މީގެ ރައްދުގައި ކެނެޑާއިން ވަނީ އެމެރިކާގެ 700 އަށްވުރެ ގިނަ އުފެއްދުމަކުން ޓެރިފް ނަގަން ނިންމާފަ އެވެ. މީގެ އަގުވެސް 20 ބިލިއަން ޑޮލަރަށް އަރާއިރު، މި ޓެރިފްތައް ހުރީ 15، 25 އަދި 50 އިންސައްތައިގަ އެވެ. މި ޓެކްސްތަކަށް އަމަލުކުރަން ފަށާނީ ސެޕްޓެމްބަރު 8 ގަ އެވެ.
އަސްކަރީ ހަނގުރާމަތައް
ދެވަނަ ކަމަކީ، ޓްރަމްޕްގެ ދެވަނަ ދައުރުގައި އެމެރިކާއިން ކުރަމުންދާ ވިޔަފާރީގެ ހަނގުރާމަތަކުގެ އިތުރުން، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓުމެއް ނެތި ކުރިއަށް ދިއުމެވެ. މީގެ އިތުރުން ވޮޝިންގްޓަނުން ވަނީ ކިއުބާ ސަރަހައްދުގައި އަސްކަރީ ހަރަކާތްތައް ވަރުގަދަކޮށްފަ އެވެ.
ޖެނުއަރީ މަހު އެމެރިކާގެ ސިފައިން ވަނީ ވެނެޒުއޭލާގެ އޭރުގެ ރައީސް ނިކޮލަސް މަދޫރޯ ކުއްލި އޮޕަރޭޝަނެއްގައި ހައްޔަރުކޮށް، މަސްތުވާތަކެއްޗާއި ހަތިޔާރުގެ މައްސަލައެއްގައި ޝަރީއަތް ކުރުމަށް އެމެރިކާއަށް ގެންގޮސްފަ އެވެ. އޭގެ ފަހުން އެމެރިކާއިން ވަނީ ވެނެޒުއޭލާގެ ތެލުގެ ސިނާއަތުގެ ބޮޑު ބައެއްގެ ކޮންޓްރޯލް ހޯދުމަށް އެއްބަސްވުންތަކެއް ހަދާފަ އެވެ.
ގުޅުންތައް ގޯސްވުން
ތިންވަނަ ކަމަކީ، އެމެރިކާގެ ވިޔަފާރީގެ ހަނގުރާމަތަކާއި، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ޔޫރަޕްގެ ގައުމުތަކުން ބައިވެރިނުވުމުން ޓްރަމްޕް ކޯފާވުމުގެ ސަބަބުން، ޔޫރަޕާއި އެމެރިކާގެ ސިޔާސީ ގުޅުންތައް ގޯސްވުމެވެ.
މިދިޔަ އަހަރު ގްރީންލޭންޑް މިލްކުކުރުމަށް ޓްރަމްޕް ގެންގުޅުއްވި ވިސްނުމާ ދެކޮޅު ހެދި ޔޫރަޕްގެ ގައުމުތަކަށް އިތުރު ޓެރިފްތަކުގެ އިންޒާރު ދެއްވުމުން މަސްރަހު ވަރަށް ބޮޑަށް ހޫނުވި އެވެ.
މިއަހަރުގެ އޭޕްރީލް މަހު ޓްރަމްޕް ވަނީ ޔޫރަޕްގެ ގައުމުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ގަލްފް ސަރަހައްދުން "އަމިއްލައަށް ތެޔޮ ހޯދުމަށް" ގޮވާލައްވާފަ އެވެ. ހަނގުރާމައިގެ ސަބަބުން ހުރްމުޒް ކަނޑުއޮޅި ބަންދުވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.
"ހުރްމުޒް ކަނޑުއޮޅީގެ މައްސަލައާ ހެދި ޖެޓް ފިއުލް ނުލިބޭ ހުރިހާ ގައުމުތަކެއް، މިސާލަކަށް އީރާނުގެ ވެރިކަން ވައްޓާލުމުގައި ބައިވެރިވާން ދެކޮޅު ހެދި ޔޫކޭ ފަދަ ގައުމުތަކުން، ޖެހޭނީ އެމެރިކާގެ ތެޔޮ ގަންނަން،" ޓްރަމްޕް ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެ އެވެ.
މި ވާހަކަތައް އައީ، ފްރާންސުން އެމެރިކާގެ ހަތިޔާރު އުފުލާ އިސްރާއީލުގެ ބޯޓުތަކަށް އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކުރުމާއި، އިޓަލީން އެމެރިކާގެ ބޮމްބަރު މަތިންދާބޯޓުތައް ސިސިލީއަށް ޖެއްސުމުގެ ހުއްދަ ނުދިނުމާ ގުޅިގެންނެވެ. ސްޕެއިނުން ވެސް ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ނުދީފަ އެވެ. ޔޫކޭއިން އެމެރިކާގެ ބޭސްތައް ބޭނުންކުރުމުގެ ހުއްދަ ދިން ނަމަވެސް، އޭރުގެ ބޮޑުވަޒީރު ކިއަރ ސްޓާމަރ ޕާލަމަންޓުގައި ވިދާޅުވީ ޔޫކޭއިން މި ހަނގުރާމައިގައި ބައިވެރިނުވާނެ ކަމަށެވެ. މީގެ ރައްދުގައި ޓްރަމްޕް ވިދާޅުވީ ޔޫކޭއާއި އެމެރިކާގެ ގުޅުން ކުރިން އޮތް ގޮތަށް މިހާރު ނެތް ކަމަށެވެ.
މުދާ ހިފެހެއްޓުމުގެ އާ އުސޫލެއް
ހަތަރުވަނަ ކަމަކީ، 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ޔޫކްރެއިނަށް އެރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރަޝިޔާގެ މަރުކަޒީ ބޭންކުގެ 300 ބިލިއަން ޑޮލަރުގެ އެސެޓްތައް ހިފެހެއްޓުމެވެ. މިއީ މީގެ ކުރިން ދުވަހަކުވެސް ކަން ހިނގާފައި ނުވާ ފަދަ ބޮޑު ނިންމުމެކެވެ.
މަރުކަޒީ ބޭންކުތަކަށް އެހެން ގައުމުތަކުގެ އެސެޓްތައް ހިފެހެއްޓުމުގެ ބާރު އޮތް ނަމަވެސް، މިހާ ބޮޑު މިންވަރަކަށް އެކަން ކޮށްފައެއް ނުވެ އެވެ. ހިފެހެއްޓި އެސެޓްތަކަކީ ރަޝިޔާގެ ޖުމްލަ 640 ބިލިއަން ޑޮލަރުގެ ރިޒާވްގެ ދެބައިކުޅަ އެއްބަ އެވެ. ޖީ20 ގެ ބޮޑު އިގްތިސާދަކަށް އަމާޒުކޮށް މިފަދަ ފިޔަވަޅެއް އެޅުމުން، ބައިނަލްއަގުވާމީ މާލީ އުސޫލުތަކުގެ ބޭރުން ކަންކަން ކުރެވިދާނެކަން އީޔޫއިން ދައްކައިދިނެވެ.
2024 ވަނަ އަހަރު އީޔޫއާއި ޖީ7 ގެ ގައުމުތަކުން ވަނީ މި ހިފެހެއްޓި އެސެޓްތަކުން ލިބޭ ފައިދާ ބޭނުންކޮށްގެން ޔޫކްރެއިނަށް 50 ބިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމާފަ އެވެ. އަދި 2025 ގެ ޑިސެމްބަރުގައި، ރަޝިޔާގެ އެސެޓްތައް ހިފެހެއްޓުން މުއްދަތެއް ނެތް ގޮތަށް ދަމަހައްޓަން ވަނީ އެއްބަސްވެފަ އެވެ.
މީގެ ނަތީޖާއެއްގެ ގޮތުން، އަމަލުތައް ހުންނާނެ ގޮތެއް ނޭނގޭ ލީޑަރުން ތިބި ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުގައި ރިޒާވް ބެހެއްޓުމަކީ ނުރައްކާތެރި ކަމެއްގެ ގޮތުގައި ގައުމުތަކުން މިހާރު ދެކެން ފަށާނެ އެވެ.
އެހެން ގައުމުތަކުން އެމެރިކާއިން ރަން ބަދަލުކުރިތަ؟
މިއަހަރު އެމެރިކާއިން ރަން ބަދަލުކުރި ހަމައެކަނި ގައުމަކީ ނެދަލެންޑްސްއެއް ނޫނެވެ.
ޖެނުއަރީ މަހު، ބޭންކް ޑި ފްރާންސް އިން ވަނީ ނިއު ޔޯކުގެ ފެޑަރަލް ރިޒާވް ބޭންކުގައި 2025 ގެ ޖުލައި މަހުން ފެށިގެން ހުރި 129 ޓަނުގެ ރަން (ގާތްގަނޑަކަށް 17 ބިލިއަން ޑޮލަރު) އަނބުރާ ފްރާންސަށް ގެންގޮސްފަ އެވެ. އެ ބޭންކުން ބުނީ މިއީ ޓެކްނިކަލް އަޕްގްރޭޑަކަށާއި ރަނގަޅު ފައިދާއެއް ހޯދުމަށް ކުރި ކަމެއް ކަމަށެވެ. މިކަން ކުރުމަށް އެ ބޭންކުން ވަނީ ނިއު ޔޯކުގައި ހުރި ރަން ވިއްކާލުމަށްފަހު ޕެރިހުން ރަން ގަނެފަ އެވެ.
މީގެ އިތުރުން، 2013 އާއި 2017 އާ ދެމެދު ޖަރުމަނުން ވަނީ ނިއު ޔޯކުގައި ހުރި 600 ޓަނަށްވުރެ ގިނަ ރަން (ގާތްގަނޑަކަށް 77.5 ބިލިއަން ޑޮލަރު) ފްރެންކްފާޓަށް ބަދަލުކޮށްފަ އެވެ. ޖަރުމަނުން ބުނީ މިއީ ގައުމީ ރިޒާވްގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރި ކަމެއް ކަމަށެވެ.









