ނެދަލެންޑްސްގައި ހަލުވިކަމާއެކު ވެސްޓް ނައިލް ވައިރަސް ފެތުރެނީ
11 ސެޕްޓެމްބަރު 2026 | ހުކުރު 04:15މަދިރީގެ ޒަރިއްޔާއިން ފެތުރޭ މި ބަލި ޖެހޭ ގިނަ މީހުންގެ ކިބައިން އަލާމާތްތައް ނުފެނުނު ނަމަވެސް، ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް މީގެ ނުރައްކާ ބޮޑު. އިންސާނުންގެ އިތުރުން އަހާއި ދޫނި ފަދަ ޖަނަވާރުތަކަށް ވެސް މި ވައިރަސް ޖެހިގެން ރިޕޯޓްކުރާ މިންވަރު މިހާރު ވަނީ އިތުރުވެފައި. ނެދަލެންޑްސްއިން ފުރަތަމަ ފެނުނު މި ބައްޔަކީ އިންސާނުންގެ ފުށުން އެކަކު އަނެކަކަށް ފެތުރޭ ބައްޔެއް ނޫންކަމަށް ސިއްހީ އިދާރާތަކުން ބުނޭ


ނުރައްކާތެރި ބަލިތައް ފަތުރާ މަދިރިއެއް، އިންސާނެއްގެ ހަމުގެ މަތީގައި އިށީނދެގެން އިން މަންޒަރު ފެންނަ ފޮޓޯއެއް. | އަނަދޮލޫ
ނެދަލެންސްއިން 'ވެސްޓް ނައިލް' ވައިރަސްގެ އާ 9 ވޭދަނައެއް ފެނިފައިވާ ކަން އެ ޤައުމުގެ ނޭޝަނަލް އިންސްޓިޓިއުޓް ފޯ ޕަބްލިކް ހެލްތު އެންޑް އެންވަޔަރަންމަންޓްއިން (އާރްއައިވީއެމް) ހާމަކޮށްފި އެވެ. މިއާއެކު، މި އަހަރުގެ މިހާތަނަށް އެ ގައުމުން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 18 އަށް އުފުލިފަ އެވެ. އާރްއައިވީއެމްއިން ބުނީ، ނެދަލެންޑްސްއިން މިހާތަނަށް މި ވައިރަސް ޖެހިގެން ތިން މީހަކު މަރުވެފައިވާ ކަމަށެވެ. މިއީ، މިދިޔަ ހަފުތާއާ ހަމައަށް އެކަކު މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައި ވަނިކޮށް، އިތުރު ދެ މަރުގެ ވޭދަނައަކާއެކު އިތުރުވި އަދަދެކެވެ.
އާރްއައިވީއެމްއިން ބުނީ، މި ބަލި ޖެހުނު މީހުންގެ ތެރެއިން އެކަކު ދެނެގަނެވިފައި ވަނީ ބްލަޑް ބޭންކް 'ސެންކުއިން ރިސާޗް' އިން ކުރިއަށްގެންދިޔަ ދިރާސާއެއްގެ ތެރެއިން ކަމަށެވެ. އަދި، ބާކީ ތިބި މީހުން ދެނެގަނެވިފައި ވަނީ ބަލީގެ އަލާމާތްތައް ފެނިގެން ހަސްފަތާލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނިކޮށް ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދިނެވެ. މީގެ އިތުރުން، މި އަހަރުގެ ކުރީކޮޅު ޑްރެންތޭއަށް ނިސްބަތްވާ އަންހެނަކު ވެސް ވެސްޓް ނައިލް ވައިރަސް ޖެހިގެން މަރުވެފައިވެ އެވެ. ނަމަވެސް، އޭނާގެ ހަށިގަނޑަށް ވައިރަސް ފެތުރިފައި ވަނީ ދެކުނު އިރުމަތީ ވިލާތުގެ ގައުމަކުން ކަމަށްވާތީ، ނެދަލެންޑްސްގައި ބަލިޖެހުނު މީހުންގެ ތަފާސްހިސާބުތަކުގައި އޭނާ ހިމަނާފައެއް ނުވެ އެވެ.
ވެސްޓް ނައިލް ވައިރަހަކީ މައިގަނޑު ގޮތެއްގައި ދޫނިސޫފާސޫފީގެ ކިބައިން ފެންނަ ވައިރަހެކެވެ. އަދި، އިންސާނުންގެ ހަށިގަނޑަށް މި ވައިރަސް އަރަނީ ބަލިޖެހިފައިވާ މަދިރީގެ ޒަރިއްޔާއިންނެވެ. އާންމުކޮށް ގޭގެއިން ފެންނަ މަދިރި، ބަލިޖެހިފައިވާ ދޫންޏެއްގެ ހަށިގަނޑުން ލޭ ބުއިމަށްފަހު، އެހެން އިންސާނުންނާއި ޖަނަވާރުންގެ ހަށިގަނޑަށް މި ވައިރަސް ފަތުރަ އެވެ. އާރްއައިވީއެމްއިން ހާމަކުރާ ގޮތުގައި، މި ވައިރަހަކީ އިންސާނުންގެ ފުށުން އެހެން އިންސާނުންގެ ހަށިގަނޑަށް ފެތުރޭ ބައްޔެއް ނޫނެވެ.
މި ބަލި ޖެހޭ މީހުންގެ ތެރެއިން ގާތްގަނޑަކަށް 80 އިންސައްތަ މީހުންގެ ކިބައިން އެއްވެސް އަލާމާތެއް ނުފެނެ އެވެ. ނަމަވެސް، ކޮންމެ ފަސް މީހަކުން އެކަކަށް އިންފްލުއެންޒާ ނުވަތަ ރޯގާގެ އަލާމާތްތައް ތަހައްމަލުކުރަން ޖެހެ އެވެ. ބަލިޖެހޭ މީހުންގެ ތެރެއިން ގާތްގަނޑަކަށް 1 އިންސައްތަ މީހުންނަށް ނާރުގެ ބަލިތަކުގެ އަލާމާތްތައް ފެންނައިރު، އުމުރުން ދުވަސްވީ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް މި ބަލީގައި ބޮޑުވަރުވެ، ނުރައްކާވެ އެވެ.
ނެދަލެންޑްސްއިން އެންމެ ފުރަތަމަ މި ވައިރަސް ފެނިފައި ވަނީ 2020 ވަނަ އަހަރުގެ އޮގަސްޓް މަހު، ސެންކުއިންއިން ލޭ ހަދިޔާކުރާ މީހުން ބޭނުންކޮށްގެން ހެދި ދިރާސާއެއްގެ ތެރެއިންނެވެ. ނެދަލެންޑްސްގެ ފުޑް އެންޑް ކޮންސިއުމާ ޕްރޮޑަކްޓް ސޭފްޓީ އޮތޯރިޓީއަށް ވެސް ވަނީ އެންމެ ފަހުގެ އަދާހަމައަށްފަހު، ވެސްޓް ނައިލް ވައިރަސް ޖެހިފައިވާ ޖަނަވާރާ ގުޅޭ އާ 53 ރިޕޯޓެއް ލިބިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އަހެވެ. މިއާއެކު، މި އަހަރުގެ މިހާތަނަށް ބަލިޖެހުނު އަސްތަކުގެ ޖުމްލަ އަދަދު ވަނީ 58 އަށް އުފުލިފަ އެވެ. މީގެ އިތުރުން، މަރުވެފައިވާ 23 ދޫންޏަކާއި ދިރިހުރި 10 ދޫންޏެއްގެ ހަށިގަނޑުން ވެސް މި ވައިރަސް ފެނިފައިވާ ކަމަށް އެ އިދާރާއިން ހާމަކުރެ އެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ބަލިޖެހިގެން ރިޕޯޓްކުރި ދޫނިތަކުގެ ޖުމްލަ އަދަދަކީ 39 އެެވެ.
މަސްދަރު: އަނަދޯލް އޭޖެންސީ









