ދެވަނަ ހާފުގައި ތިން ލަނޑު ޖަހައިގެން، ޗައިނާ އިން ރާއްޖެ ބަލިކޮށްފި
25 ސެޕްޓެމްބަރު 2026 | ހުކުރު 03:56ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު މެޗުގައި ޗައިނާ އިން ވަނީ 3-0 އިން ރާއްޖެ ބަލިކޮށްފައި. މެޗުގައި ޗައިނާ އިން އެ ޓީމުގެ ތިން ލަނޑު ވެސް ޖެހީ މެޗުގެ ދެ ވަނަ ހާފުގައި


ރާއްޖެއާ ދެކޮޅަށް ލަނޑު ޖެހުމަށް ފަހު ޗައިނާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ | ސޯޝަލް މީޑިއާ
ފީފާ ބްރޭކުގައި ރާއްޖެ އިން ކުޅޭ ބައިނަލްއަޤުވާމީ ރަހުމަތްތެރިކަމުގެ މެޗުތަކުގެ ތެރެއިން، ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެއްޖެ އެވެ.
ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު މެޗުގައި ޗައިނާ އިން ވަނީ 3-0 އިން ރާއްޖެ ބަލިކޮށްފަ އެވެ. މެޗުގައި ޗައިނާ އިން އެ ޓީމުގެ ތިން ލަނޑު ވެސް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.
ޗައިނާގެ ޗޮންގްޗުން ލޮންގްޝިން ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން ޗައިނާ އިން ވަނީ ރާއްޖެ ކޮޅަށް ލަނޑު ޖަހަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް، މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ގޯލަށް އަމާޒުކޮށް ލަނޑެއް ޖެހޭ ގޮތެއް ޗައިނާ އަށް ނުވި އެވެ.
މެޗު ދެ ވަނަ ހާފު ފަށައިގެން 51 ވަނަ މިނެޓުގައި ވަން ޒިމިން ވަނީ ލަނޑު ޖަހައި ޗައިނާ އަށް ކުރި ހޯދައިދީފަ އެވެ. ފުރަަތަމަ ލަނޑު ޖެހިތާ ފަސް މިނެޓު ފަހުން ވަން ޒިމިން ވަނީ ޗައިނާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފަ އެވެ. އޭގެ ފަހުން 63 ވަނަ މިނެޓުގައި ވަން ޒިމިން ވަނީ ޗައިނާގެ ތިން ވަނަ ލަނޑު ޖަހައި، މެޗުގައި އޭނާގެ ހެޓްރިކް ހަމަކޮށްފަ އެވެ.
ޗައިނާ އަތުން ރާއްޖެ ބަލިވެފައިވާއިރު، މިއީ އެ ޤައުމާ ދެކޮޅަށް ކުޅެ ރާއްޖެ ބަލިވީ ހަ ވަނަ ފަހަރެވެ. ޗައިނާ މެޗަށް ފަހު، ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ކިރްގިސްތާންއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި އޮކްޓޫބަރު މަހުގެ ފުރަތަމަ މެޗުގައި ނިކުންނާނީ ލުބުނާންއާ ދެކޮޅަށެވެ. މި ދެ މެޗު ވެސް އޮތީ ލުބުނާންގަ އެވެ.










