ޗައިނާއާ ދެކޮޅަށް މެޗެއް ކުޅުމަށް ރާއްޖެ އިން މަސައްކަތް ކުރަނީ
14 ސެޕްޓެމްބަރު 2026 | ހޯމަ 05:44މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ މެޗުގެ އިތުރުން، ޗައިނާއާ ދެކޮޅަށް އިތުރު މެޗެއް ކުޅުމަށް އަންނަނީ މަަސައްކަތް ކުރަމުން. ކިރްގިސްތާން އާއި ލުބުނާން މެޗުގެ ކުރިން، ޗައިނާގައި އެ ޤައުމާ ދެކޮޅަށް ކުޅުމަށް އަންނަނީ މަސައްކަތް ކުރަމުން


މީގެ ކުރިން ރާއްޖެ އާއި ޗައިނާ ބައްދަލު ކުރި މެޗެއްގެ ތެރެއިން | ސޯޝަލް މީޑިއާ
ރާއްޖޭގެ ސީނިއާ ޤައުމީ ފުޓުބޯޅަ ޓީމުން، ޗައިނާއާ ދެކޮޅަށް ބައިނަލްއަޤުވާމީ ރަހުމަތްތެރިކަމުގެ މެޗެއް ކުޅުމުގެ އިންތިޒާމު ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.
އެފްއޭއެމް އިން އެންމެ ފަހުން ހާމަކޮށްފައިވާ ކަލަންޑަރުގައި ޤައުމީ ޓީމުގެ ބްރޭކް އާއި، އިންޓަނޭޝަނަލް ފްރެންޑްލީ އަށް ކަނޑައަޅާފައި އޮތީ ސެޕްޓެމްބަރު މަހުގެ 21 އިން ފެށިގެން، އޮކްޓޫބަރު މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށެވެ.
މީގެ ކުރިން އެފްއޭއެމް އިން ވަނީ މި ބްރޭކުގައި ރާއްޖެ އިން ކިރްގިސްތާން އާއި ލުބުނާންއާ ދެކޮޅަށް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާ ކަމަށް އިއުލާނުކޮށްފަ އެވެ. އެގޮތުން ފުރަތަމަ މެޗުގައި ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ރާއްޖެ އިން ކިރްގިސްތާންއާ ދެކޮޅަށް ކުޅޭއިރު، ދެ ވަނަ މެޗުގައި ލުބުނާންއާ ދެކޮޅަށް ކުޅެން އޮތީ އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހު އެވެ.
ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ މެޗުގެ އިތުރުން، ޗައިނާއާ ދެކޮޅަށް އިތުރު މެޗެއް ކުޅުމަށް އަންނަނީ މަަސައްކަތް ކުރަމުންނެވެ. ކިރްގިސްތާން އާއި ލުބުނާން މެޗުގެ ކުރިން، ޗައިނާގައި އެ ޤައުމާ ދެކޮޅަށް ކުޅުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، މިކަމާ ގުޅޭ ގޮތުން އެފްއޭއެމް އިން މިހާތަނަށް ވަކި އެއްޗެއް ބުނެފައި ނުވެ އެވެ.
ރާއްޖެ އިން ވަނީ މިހާތަނަށް ހަ ފަހަރެއްގެ މަތިން ޗައިނާއާ ދެކޮޅަށް ކުޅެފައި އެވެ. އެ ހަ މެޗުގައި ވެސް ޗައިނާ އިން ވަނީ ރާއްޖެ ބަލިކޮށްފަ އެވެ.










