ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ސޮބާ ހަމަޖައްސައިފި
20 ސެޕްޓެމްބަރު 2026 | އާދީއްތަ 05:54އުރުބާނީ އާއެކު ޤައުމީ ސީނިއާ ޓީމުގެ ކޯޗިން ޓީމުގައި މަސައްކަތް ކުރަން ސޮބާާ ފަށާއިރު، އޭނާ ވަނީ މީގެ ކުރިން އުރުބާާނީގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ޤައުމީ ޓީމަށް ކުޅެފައި


ޤައުމީ ޓީމުގެ ކޯޗު އުރުބާނީ އަދި އެސިސްޓެންޓް ކޯޗަކަށް ހަމަޖެއްސި ސޮބާ | އަދަދު ސްޕޯޓްސް
ރާއްޖޭގެ ސީނިއާ ޤައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ތަޖުރިބާކާރު ކޯޗު ސޮބާހު މުޙައްމަދު (ސޮބާ) ހަމަޖައްސައިފި އެވެ.
ޤައުމީ ޓީމުގެ ފަރިތަކުރުންތައް ހޮނިހިރު ދުވަހުގެރޭ ގަލޮޅު ރަސްމީ ދަނޑުގައި ފެށިއިރު، އެސިސްޓެންޓް ކޯޗަކަށް ސޮބާ ހަމަޖެއްސިކަން އިއުލާނު ކުރީ ޤައުމީ ޓީމުގެ ކޯޗު އިސްތަވާން އުރުބާނީ އެވެ. އުރުބާނީ ބުނީ ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ސޮބާ ހަމަޖައްސަން ނިންމީ ވަރަށް ގިނަ ގޮތް ގޮތުން އެކަމާ މެދު ވިސްނުމަށް ފަހު ކަމަށެވެ.
ސޮބާގެ ކޯޗިން ކެރިއަރުގައި އޭނާ ވަނީ މީގެ ކުރިން ރާއްޖޭގެ ބޮޑެތި ކުލަބުތަކުގެ އިތުރުން، ޒުވާން އުމުރުފުރާގެ ޤައުމީ ޓީމަށް ވެސް އިރުޝާދު ދީފަ އެވެ. ސޮބާ ވަނީ ރާއްޖޭގެ އެންމެ ބޮޑު އެއް ކުލަބު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އިތުރުން، ވިކްޓަރީ ސްޕޯޓްސް ކުލަބާއި، ކުލަބު ވެލެންސިއާ އަދި ކުލަބު ގްރީން ސްޓްރީޓްސް އަށް ވެސް އިރުޝާދު ދީފަ އެވެ.
އުރުބާނީ އާއެކު ޤައުމީ ސީނިއާ ޓީމުގެ ކޯޗިން ޓީމުގައި މަސައްކަތް ކުރަން ސޮބާާ ފަށާއިރު، އޭނާ ވަނީ މީގެ ކުރިން އުރުބާާނީގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ޤައުމީ ޓީމަށް ކުޅެފަ އެވެ. އެގޮތުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ އިން އުރުބާނީގެ އިރުޝާދުގެ ދަށުން ކާމިޔާބު ކުރި ޓީމުގައި ސޮބާ ހިމެނެ އެވެ.
އުރުބާނީ ބުނީ ޤައުމީ ޓީމުގެ ކޯޗިން ސްޓާފުންގެ ތެރެއަށް ސޮބާ ގެނައުމަކީ، މީގެ ކުރިން ރާއްޖޭގެ ޤައުމީ ޓީމުގަައި އުރުބާނީ ކޮށްފައިވާ މަސައްކަތާއި، އެކަމުގެ ތަަޖުރިބާ ހުރި ފަރާތެއް މިހާރުގެ ކުޅުންތެރިންނަށް އެކަން ހިއްސާކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.
ކުރިއަށް އޮތް ބައިނަލްއަޤުވާމީ ބްރޭކުގައި ރާއްޖެ އިން ތިން މެޗު ކުޅޭނެ އެވެ. އެއީ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި، ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ކިރްގިސްތާންއާ ދެކޮޅަށް ކުޅޭ މެޗު އަދި އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހު ލުބުންނާއާ ދެކޮޅަށް ކުޅޭ މެޗެވެ.










