ރަހުމަތްތެރިކަމުގެ މެޗުތަކުގައި ކުޅުމަށް ޤައުމީ ޓީމު ފުރައިފި
21 ސެޕްޓެމްބަރު 2026 | ހޯމަ 02:44މި މެޗުތަކަށް ޤައުމީ ޓީމުގެ ކޯޗު އިސްތަވާާން އުރުބާނީ ވަނީ 23 ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ސްކޮޑެއް އެކުލަވާލާފައި. ސްކޮޑުގައި އެންމެ ގިނައިން ހިމެނުނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކުޅުންތެރިން


ޤައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން | އެފްއޭއެމް
ފީފާ ބްރޭކުގައި ރަހުމަތްތެރިކަމުގެ މެޗުތައް ކުޅުމަށް ރާއްޖޭގެ ސީނިއާ ޤައުމީ ޓީމު ފުރައިފި އެވެ.
އާދީއްތަ ދުވަހުގެ ހަވީރު ޤައުމީ ޓީމު ފުރާފައިވާއިރު، މިފަހަރުގެ ބްރޭކުގައި ރާއްޖެ އިން ތިން މެޗެއް ކުޅޭނެ އެވެ. އެއީ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި، ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ކިރްގިސްތާންއާ ދެކޮޅަށް ކުޅޭ މެޗު އަދި އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހު ލުބުނާންއާ ދެކޮޅަށް ކުޅޭ މެޗެވެ.
މި މެޗުތަކަށް ޤައުމީ ޓީމުގެ ކޯޗު އިސްތަވާާން އުރުބާނީ ވަނީ 23 ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ސްކޮޑެއް އެކުލަވާލައިފަ އެވެ. ސްކޮޑުގައި އެންމެ ގިނައިން ހިމެނުނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކުޅުންތެރިންނެވެ. އެ ޓީމުގެ ނުވަ ކުޅުންތެރިޔަކު ސްކޮޑުގައި ހިމެނިފައިވެ އެވެ.

ޤައުމީ ޓީމުގެ ސްކޮޑު | އެފްއޭއެމް
އެއީ ހުސެއިން ޝަރީފް، ސަމޫހު އަލީ، އިބްރާހީމް އައިސަމް، ހައިޝަމް ހަސަން، އިބްރާހީމް މަހުދީ ހުސެއިން، އަބްދުﷲ ލޫތު އިބްރާހީމް، އަހުމަދު އައިހަމް، ނިޝާމް މުހައްމަދު ރަޝީދު އަދި ނައްސާހް އިބްރާހީމް ނާސިރު އެވެ.
ދެން އެންމެ ގިނައިން ހިމެނުނީ އޮޑި ސްޕޯޓްސް ކުލަބުގެ ކުޅުންތެރިންނެވެ. އެ ޓީމުގެ ހަ ކުޅުންތެރިންނަކީ މުހައްމަދު އަޝްވާން، އިބްރާހީމް ވަހީދު ހުސެއިން، އަހުމަދު އައިހަމް، މުޒްދާން ހަސަން، އަހްޒަމް ރަޝީދު އަދި އަހުމަދު ނޫމާން އެވެ.
ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ތިން ކުޅުންތެރިން ހިމެނުނުއިރު، އެއީ މުހައްމަދު ޔާމީން، ހުސެއިން ޝިފާއު ޔޫސުފް އަދި އަހުމަދު މާއިޝް ރަޝީދު އެވެ. ބުރު ސްޕޯޓްސް ކުލަބުގެ ތޯއިފް ޤާސިމް އަދި އަރީން އަބްދުﷲ އިބްރާހީމް ހިމެނުނުއިރު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އަލީ ފާސިރު (ސެންޓޭ) އާއި އަމްދާން އަލީ ހިމެނުނެވެ. ދެން ހިމެނުނީ ޓީސީ ސްޕޯޓްސް ކުލަބުގެ ހުސެއިން އީނާޒް އެވެ.










