އިންފަންޓީނޯގެ ސަބަބުން ގެއްލިފައިވާ އިތުބާރު އަދިވެސް ނުލިބޭ: ޗެފެރިން
24 ސެޕްޓެމްބަރު 2026 | ބުރާސްފަތި 10:03ޗެފެރިން ވިދާޅުވީ، ފުޓުބޯޅައިގެ އިތުބާރު ދެމެހެއްޓުމަށް އެއްބައިވަންތަކަން، ހަމަޖެހުން އަދި ފުޓުބޯޅައިގެ ފުޅާ މަސްލަހަތަށް ޚިދުމަތްކުރާ ވެރިކަން ކުރުން މުހިންމު ކަމަށް


ޔުއެފާގެ ރައީސް ޗެފެރިން | ރޮއިޓާސް
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ސަބަބުން އެ އިދާރާ އާއި ފުޓުބޯޅަ އަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށާއި، އެ އިތުބާރު އަދިވެސް އަނބުރާ ނުލިބޭ ކަމަށް ޔުއެފާގެ ރައީސް އެލެކްސެންޑަރ ޗެފެރިން ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު ޕޯޗުގަލް ފުޓުބޯޅަ ސަމިޓަށް ވީޑިއޯ މެދުވެރިކޮށް ދިން ޚާއްސަ ބަޔާނުގައި ޗެފެރިން ދެއްކެވި މި ވާހަކަތަކަކީ، ފީފާގެ ރައީސް އިންފަންޓީނޯ އެ ޖަމާއަތުގެ ނިންމުންތައް ނިންމުމުގެ ނިޒާމު ރިވިއުކުރުމަށް ހުށަހަޅުއްވާނެކަމަށް ހާމަކޮށްފައި ވަނިކޮށް ދެއްކެވި ވާހަކަ ތަކެކެވެ.
ޗެފެރިން ވިދާޅުވީ، ފުޓުބޯޅައިގެ އިތުބާރު ދެމެހެއްޓުމަށް އެއްބައިވަންތަކަން، ހަމަޖެހުން އަދި ފުޓުބޯޅައިގެ ފުޅާ މަސްލަހަތަށް ޚިދުމަތްކުރާ ވެރިކަން ކުރުން މުހިންމު ކަމަށެވެ. އެކަމަކު ހުރިހާ މީހުން ވެސް ކުޅިވަރު އެމީހުންގެ އަމިއްލަ އަމާޒުތަކަށްވުރެ މައްޗަށް ނުބެހެއްޓޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުޅިވަރަށް އިތުބާރު ކުރުމަކީ ތިން ބައެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ކަމަށާއި އެއީ އެއްބައިވަންތަކަން، ހަމަޖެހުން އަދި މަދު ބަޔަކަށް ނޫން ގިނަ ބަޔަކަށް ޚިދުމަތްކުރާ ވެރިކަމެއް ކުރުން ކަމަށް ޗެފެރިން ވިދާޅުވި އެވެ. ނަމަވެސް، ނަމަވެސް މިހާރު ފެންނަނީ މި ތިން ކަންކަން ރައްކާތެރިކުރުމުގެ ބަދަލުގައި، ޒިންމާ ނަގަން ތިބި ފަރާތްތަކުން އެކަން ދޫކޮށްލައިގެން ތިބި މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.
ޗެފެރިންގެ ވާހަކައިގައި އިންފަންޓީނޯގެ ނަން ނުވަތަ ފީފާގެ ނަން ވިދާޅުނުވި ނަމަވެސް، އޭނާގެ ވާހަކަތަކަކީ ފީފާގެ ވިޔަފާރީގެ ހައްގުތަކުގެ 20 އިންސައްތަ ހިއްސާއެއް ޚާއްސަ އިންވެސްޓަރުންނަށް ވިއްކުމުގެ ހުށަހެޅުމަށް އިޝާރާތް ކުރައްވައިގެން ދެއްކެވި ވާހަކަތަކެއް ކަމަށް ބެލެވެ އެވެ. ޔުއެފާ އާއި އޭޝިއަން ފުޓުބޯޅަ ކޮންފެޑެރޭޝަން އަދި ކޮންކަކާފްގެ ހަރުކަށި ދެކޮޅުވެރިކަމާ ގުޅިގެން ޖުލައި މަހު އެ ޕްލޭން ވަނީ ބާތިލުކޮށްފަ އެވެ.
ޗެފެރިން ވިދާޅުވެފައި ވަނީ، ފުޓުބޯޅަ ވިއްކައިގެން ނުވާނެ ކަމަށާއި އެކަން ކުރުމުގެ ފުރުސަތެއް ވެސް ނޯންނާނެ ކަމަށެވެ.










