ފީފާގެ ރިޒާވް ފަންޑުގައި ހުރި ފައިސާ އިން، ކޮންމެ ޤައުމަކަށް މެދުވެގެން 10 މިލިއަން ޑޮލަރު ދިނުމަށް ޔުއެފާ އާއި ކޮންކާކަފް އިން ގޮވާލައިފި
19 ސެޕްޓެމްބަރު 2026 | ހޮނިހިރު 05:15މި ހުށަހެޅުމުގެ ދަށުން 2027 އިން 2030 އަށް ހިނގާ ދައުރުގެ ތެރޭގައި، ފީފާގެ 211 މެންބަރު އެސޯސިއޭޝަނުން ކުރެ ކޮންމެ ޤައުމަކަށް އެއްފަހަރާ ދޫކުރާ ފައިސާގެ ގޮތުގައި 10 މިލިއަން ޑޮލަރު ދިނުމަށް ވަނީ އެދިފައި


ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ | ރޮއިޓާސް
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރިޒާވް ފަންޑުގައި ހުރި ފައިސާގެ ތެރެއިން ކޮންމެ މެންބަރު އެސޯސިއޭޝަނަކަށް މަދުވެގެން 10 މިލިއަން ޑޮލަރު ނުވަތަ، (7.5 މިލިއަން ޕައުންޑް) ދިނުމަށް ޔުއެފާ އާއި ކޮންކާކަފް އިން ގޮވާލައިފި އެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ފޮނުއްވި ސިޓީއެއްގައި މި ދެ ކޮންފެޑަރޭޝަނުން ވަނީ ފީފާގެ ރިޒާވްގައި ހުރި ފައިސާ އަކީ މުޅި ފުޓުބޯޅަ އާއިލާގެ ހައްގަކަށް ވާއިރު، އެ ފައިސާ މެންބަރު ޤައުމުތަކުގެ އިންފްރާސްޓްރަކްޗާ އާއި ފުޓުބޯޅަ ކުރިއެރުވުމަށް ބޭނުން ކުރަންޖެހޭ ކަމަށް ބުނެފައި އެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ ފީފާގެ ވިޔަފާރި އާއި ޓިކެޓު ވިއްކުމުގެ ހައްގުތައް ބެލެހެއްޓުމަށް "ފީފާ ފޯވާޑް އެންޓަޕްރައިޒް" (އެފްއެފްއީ) ގެ ނަމުގައި އައު ކުންފުންޏެއް އުފައްދައި، އޭގެ 21 އިންސައްތަ އަމިއްލަ އިންވެސްޓްމަންޓް ކުންފުންޏަކަށް ވިއްކާލުމަށް އިންފަންޓީނޯ ހުށަހެޅުއްވި ހުށަހެޅުމާ ގުޅިގެން އުފެދުނު ދެބަސްވުންތަކުގެ ތެރެއިންނެވެ.
ގިނަ އެސޯސިއޭޝަންތަކުގެ ބޮޑު ދެކޮޅުވެރިކަމަކާ ހެދި އެ ހުށަހެޅުން މިހާރު ވަނީ ބާތިލުކޮށްފަ އެވެ. ޔުއެފާގެ ރައީސް އަލެކްސެންޑާ ޗެފެރިން އާއި ކޮންކާކަފްގެ ރައީސް ވިކްޓަރ މޮންޓަގްލިއާނީ ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ބުނެފައިވަނީ، 2023 އިން 2026 އަށް ހިނގާ ދައުރު ނިމޭއިރު ފީފާގެ ރިޒާވްގައި ގާތްގަނޑަކަށް ހަ ބިލިއަން ޑޮލަރު ހުންނާނެ ކަމަށާއި، މިއީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕްއާ ހަމައަށް ބޭނުންވާނެ މިންވަރަށް ވުރެ މާ އިތުރު އަދަދެއް ކަމަށެވެ.
މި ހުށަހެޅުމުގެ ދަށުން 2027 އިން 2030 އަށް ހިނގާ ދައުރުގެ ތެރޭގައި، ފީފާގެ 211 މެންބަރު އެސޯސިއޭޝަނުން ކުރެ ކޮންމެ ޤައުމަކަށް އެއްފަހަރާ ދޫކުރާ ފައިސާގެ ގޮތުގައި 10 މިލިއަން ޑޮލަރު ދިނުމަށް ވަނީ އެދިފަ އެވެ. މީގެ ސަބަބުން ފީފާގެ ރިޒާވް އިން 2.11 ބިލިއަން ޑޮލަރު ހޭދަވާނެ އެވެ. މިއީ މެންބަރު ޤައުމުތަކަށް އާންމުކޮށް ދޭ ފަންޑިންގެ އިތުރުން ދޭންޖެހޭ ފައިސާއެއް ކަމަށް ވެސް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
މީގެ ކުރިން އިންފަންޓީނޯގެ އައު ޕްލޭން އަށް ތާއީދުކޮށްފި ނަމަ، ކޮންމެ ޤައުމަކަށް 40 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ވިދާޅުވެފައިވާއިރު، އޭގެ ތެރެއިން ފުރަތަމަ 20 މިލިއަން ޑޮލަރު ހޯދުމަށް ސެޕްޓެމްބަރު 19 ގެ ކުރިން އެއްބަސްވުމަށް ފެޑަރޭޝަންތަކަށް މުހުލަތެއް ދީފައިވެ އެވެ.
ޗެފެރިން އާއި މޮންޓަގްލިއާނީ ވިދާޅުވި ގޮތުގައި، ފީފާގެ މާލީ ބަޔާންތަކުން އެނގޭ ގޮތުގައި އިތުރު ވަސީލަތްތައް ހޯދުމަށް އިންފަންޓީނޯ ހުށަހެޅުއްވި "އެފްއެފްއީ" ޕްލޭން އަކީ ކޮންމެހެން ބޭނުންތެރި ކަމެއް ނޫނެވެ. އަދި ފީފާގެ މާލީ ހާލަތާ ގުޅޭ ގޮތުން މިނިވަން ރިވިއުއެއް ހެދުމަށާއި، ހުރިހާ ހިސާބުތަކެއް ހާމަކުރުމަށް ވެސް ވަނީ ގޮވާލާފައި އެވެ. ފީފާގެ ރިޒާވްގައި ހުރި ބިލިއަނުން ގުނޭ ފައިސާ އަކީ ފުޓުބޯޅައިގެ މިލްކެއް ކަމަށާއި، އެ ފައިސާ ދޫކުރުމަކީ އިންފަންޓީނޯގެ އަމިއްލަ އިޚުތިޔާރުގައި އޮންނަން ޖެހޭ ކަމެއް ނޫން ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
މި ހުށަހެޅުމަށް ތާއީދު ހޯދުމަށް އޭޝިއާ، އެފްރިކާ، ދެކުނު އެމެރިކާ އަދި އޯޝޭނިއާގެ ކޮންފެޑަރޭޝަންތަކަށް ވެސް ވަނީ ސިޓީ ފޮނުވާފަ އެވެ. މީގެ އިތުރުން، އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަންގެ ޗެއާ ޑެބީ ހެވިޓް ވެސް ވަނީ އެފްއެފްއީ ޕްލޭންއާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް އޮކްޓޯބަރު 15 ގައި ބާއްވާ ފީފާ ކައުންސިލް ބައްދަލުވުމުގެ ކުރިން ހާމަކުރުމަށް ގޮވާލައްވާފަ އެވެ.
އުމުރުން 56 އަހަރުގެ އިންފަންޓީނޯ އަންނަ މާޗު މަހު ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާއިރު، އޭނާއާ ވާދަކުރާނެ ކެންޑިޑޭޓަކު ހޯދުމަށް ނޮވެމްބަރު 18 އާ ހަމައަށް ފުރުސަތު އޮންނާނެ އެވެ.










