އިންފަންޓީނޯ ހުންނެވީ ފަހަތަށް ޖެހޭ ގޮތަކަށް ނޫން، ހަތަރު ވަނަ ދައުރަކަށް ވާދަކުރައްވާނެ
8 ސެޕްޓެމްބަރު 2026 | އަންގާރަ 04:35ފީފާގެ ތަރުޖަމާނަކު އާދިއްތަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، 2027 ވަނަ އަހަރު ބާއްވާ އިންތިޚާބުގައި ވާދަކުރައްވާނެކަން އިންފަންޓީނޯ މިދިޔަ އޭޕްރީލް މަހު އިއުލާން ކުރައްވާފައިވާ ކަމަށާއި، އެ ނިންމުމަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް


ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ | ގެޓީ އިމޭޖަސް
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ލީޑާޝިޕަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ، ޤާނޫނީ ގޮތުން އޭނާއާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އަންނަ ދައުރަށް ވެސް އިންތިޚާބުގައި ވާދަކުރައްވާނެކަން އޭނާ ކަށަވަރު ކޮށްދެއްވައިފި އެވެ.
ފީފާ އިން ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި އިންފަންޓީނޯ ވާދަކުރައްވާނެ އެވެ.
ފީފާގެ ތަރުޖަމާނަކު އާދިއްތަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، 2027 ވަނަ އަހަރު ބާއްވާ އިންތިޚާބުގައި ވާދަކުރައްވާނެކަން އިންފަންޓީނޯ މިދިޔަ އޭޕްރީލް މަހު އިއުލާން ކުރައްވާފައިވާ ކަމަށާއި، އެ ނިންމުމަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. މި ބަޔާން ނެރެފައިވަނީ ޕޮލެންޑުގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ އަންހެން ވޯލްޑް ކަޕްގެ ތެރެއިން، އޭނާގެ މުސްތަގުބަލާ ގުޅޭ ގޮތުން ކުރިމަތިވި ސުވާލުތަކަށް ޖަވާބު ދެއްވުމަށް އިންފަންޓީނޯ އުޒުރުވެރިވެ ވަޑައިގެންފައި ވަނިކޮށެވެ.
އުމުރުން 56 އަހަރުގެ އިންފަންޓީނޯ އަށް މިވަގުތު އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިވެފައިވަނީ، ވޯލްޑް ކަޕްގެ ރައިޓްސް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް އޭނާ ގެންގުޅުއްވި ރޭވުން ނާކާމިޔާބުވުމާ ގުޅިގެންނެވެ. ހޮނިހިރު ދުވަހު މުބާރާތް ފެށުމުގެ މެޗަށް ވަޑައިގެންނެވި ވަގުތު، އޭނާގެ ލީޑާޝިޕަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އަދި އަލުން އިންތިޚާބަށް ކުރިމަތިލެއްވުމާ ގުޅޭ ގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް އޭނާ އެއްވެސް ޖަވާބެއް ދެއްވާފައި ނުވެ އެވެ.
ޕޮލެންޑާއި އާޖެންޓީނާ ބައްދަލުކުރި މެޗު ބައްލަވާލެއްވުމަށް އެރީނާ ކަޓޯވިޗްގެ ވީއައިޕީ ބޮކްސްގައި އިންފަންޓީނޯ އިންނެވީ، ޕޮލެންޑްގެ ފުޓުބޯޅަ ފެޑަރޭޝަންގެ ރައީސް ސެޒާރީ ކުލޭޝާއާ އެކުގަ އެވެ. ދަނޑުން ބޭރުގައި އިނގިރޭސި މީޑިއާއެއް ކަމަށްވާ ސްކައި ނިއުސްއާ ވާހަކަ ދައްކަވަމުން އިންފަންޓީނޯ ވިދާޅުވީ، ދައްކަންޖެހޭ ވަރަށް ގިނަ ވާހަކަތައް އެބަހުރި ކަމަށާއި، ނަމަވެސް އެ ވާހަކަތައް ދައްކަވާނެ ރަނގަޅު ވަގުތާއި ހާލަތު އަންނާނެ ކަމަށެވެ. މިއަދަކީ އެކަމަށް އޮތް ދުވަސް ނޫން ކަމަށާއި، މިއަދު އޮތީ ފުޓުބޯޅައިގެ އުފާ ލިބިގަތުން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އިންފަންޓީނޯ ވިދާޅުވީ، ދުނިޔޭގެ ކޮންމެ ކަންކޮޅެއްގައި ތިބި ފަރާތްތަކަށް ވެސް ފުރުސަތުތަކާއި ގަދަރުވެރިކަން ހޯދައި ދިނުމަށް ފީފާ އިން ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށެވެ. އަދި އެންމެން ލޯބިވާ ފުޓުބޯޅައިގައި ބައިވެރިވެ، އެކަން ފާހަގަ ކުރުމަށް މަގުތައް ފަހިކޮށްދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، މަޤާމުން އިސްތިއުފާ ދެއްވުމާ މެދު ވިސްނަވާފައިވޭތޯ، ނުވަތަ އަންނަ އަހަރު ހަތަރު ވަނަ ދައުރަކަށް ކުރިމަތިލެއްވުމުގެ ގަސްތު އަދިވެސް އެބަ އޮތްތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލު ދެންނެވުމުން ވެސް އިންފަންޓީނޯ އެކަމަށް ސީދާ ޖަވާބެއް ދެއްވާފައި ނުވެ އެވެ. އިންފަންޓީނޯގެ މައްޗަށް ޤާނޫނީ ގޮތުން ބޮޑެތި ތުހުމަތުތަކެއް ކުރެވެމުންދާއިރު، ފީފާގެ ތެރޭގައި އޭނާ އަށް އޮތް ތާއީދު ކުޑަވަމުންދާ ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ.










