ބަލޮގަންގެ ރަތް ކާޑު މައާފު ކުރި މައްސަލައިގައި، ބެލްޖިއަމް އިން އިންފަންޓީނޯ އަށް ތާއީދު ނުކުރަން ނިންމައިފި
8 ސެޕްޓެމްބަރު 2026 | އަންގާރަ 04:37ބެލްޖިއަމްގެ ފުޓުބޯޅަ އިދާރާ އިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ދެ މައްސަލައިގައި ވެސް އިންފަންޓީނޯގެ ފަރާތުން ފެނިގެން ދިޔައީ ދެފުށް ފެންނަ އުސޫލުތަކެއް ނޫން ކަމަށާއި އެހެންކަމުން އޭނާ އަށް ތާއީދު ކުރެވެން ނެތް ކަމަށް


ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ބެލްޖިއަމްގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސާ ޕާސްކޭލް ވަން ޑަމް | ރޮއިޓާސް
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ކަމުގެ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ޖިއާނީ އިންފަންޓީނޯ ނިންމަވާފައި ވަނިކޮށް، ބެލްޖިއަމްގެ ފުޓުބޯޅަ ފެޑެރޭޝަން އިން އޭނާ އަށް އޮތް ތާއީދު އަނބުރާ ގެންގޮސްފި އެވެ.
ރޯޔަލް ބެލްޖިއަމް ފުޓުބޯލް އެސޯސިއޭޝަން (އާރްބީއެފްއޭ) އިން މި ނިންމުން ނިންމާފައިވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ފަލޮރިން ބަލޯގަން އަށް ދެއްކި ރަތް ކާޑު ފީފާ އިން ބާތިލުކުރި މައްސަލައިގެ އިތުރުން، ފީފާގެ މުބާރާތްތަކުގެ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް އިންފަންޓީނޯ ގެންގުޅުއްވި ސިޔާސަތުތަކާ ގުޅިގެންނެވެ.
ބެލްޖިއަމްގެ ފުޓުބޯޅަ އިދާރާ އިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ދެ މައްސަލައިގައި ވެސް އިންފަންޓީނޯގެ ފަރާތުން ފެނިގެން ދިޔައީ ދެފުށް ފެންނަ އުސޫލުތަކެއް ނޫން ކަމަށާއި، އެހެންކަމުން އޭނާ އަށް ތާއީދު ކުރެވެން ނެތް ކަމަށެވެ. ފީފާ އިން އާދިއްތަ ދުވަހު ވަނީ 2027 ވަނަ އަހަރުގެ މާޗު މަހު ބާއްވާ އިންތިޚާބުގައި އިންފަންޓީނޯ ވާދަކުރައްވާނެކަން ކަށަވަރުކޮށްދީފައި އެވެ.
ނަމަވެސް، ފީފާގެ މުބާރާތްތައް އަމިއްލަ ފަރާތްތަކަށް ވިއްކާލުމުގެ މަޝްރޫއާ ގުޅިގެން ގިނަ ޤައުމުތަކެއްގެ ނުރުހުން އަމާޒުވުމުން، އިންފަންޓީނޯ ވަނީ ފަހުން އެ ނިންމުން ދޫކޮށްލައްވަން ނިންމަވައި، އެކަމާ މައާފަށް ވެސް އެދިވަޑައިގެންފަ އެވެ.
މި މައްސަލައިގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާކަމުގެ ތުހުމަތުތަކެއް ކުރެވުނީ، ވޯލްޑް ކަޕްގެ ގަދަ 16 ގައި ބެލްޖިއަމްއާ ދެކޮޅަށް އެމެރިކާ ކުޅެން އޮތް މުހިންމު މެޗުގެ ކުރިން ބަލޮގަންގެ ރަތް ކާޑު ބާތިލު ކުރުމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފީފާ އަށް ޝުކުރު އަދާކުރެއްވުމާ ގުޅިގެންނެވެ. ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރުތް ސޯޝަލް" ގައި އޭނާ ވަނީ އިންސާފު ޤާއިމުކޮށްދިނީތީ ފީފާ އަށް ތައުރީފު ކުރައްވާފަ އެވެ. އެމެރިކާގެ ފުޓުބޯޅަ އިދާރާއިން ވެސް ވަނީ އެމީހުންގެ އެންމެ މުހިންމު ފޯވާޑަށް ކުޅުމުގެ ފުރުސަތު ލިބުމުން އެކަމަށް މަރުހަބާ ކިޔާފައި އެވެ.
ބެލްޖިއަމް އިން ފީފާގެ އެ ނިންމުން އިސްތިއުނާފު ކުރި ނަމަވެސް، ފީފާގެ އެޕީލް ކޮމިޓީ އިން ވަނީ އެ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލާފަ އެވެ. ބެލްޖިއަމް އިން ތުހުމަތުކުރާ ގޮތުގައި ފީފާ އިން އެ ނިންމުން ނިންމި ސަބަބުތައް ހާމަނުކުރުމަކީ ޤަވާއިދުތަކާ ޚިލާފު ކަމެކެވެ. އާރްބީއެފްއޭ އިން ބުނީ މިކަމާ ގުޅޭ ގޮތުން އެދެވޭ ޖަވާބެއް އަދިވެސް ލިބިފައި ނުވާ ކަމަށާއި، އަންނަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ބާއްވާ ފީފާ ކައުންސިލްގެ ބައްދަލުވުމުގެ އެޖެންޑާގައި ބަލޮގަންގެ މައްސަލަ ހިމެނުމަށް އެދިފައިވާނެ ކަމަށެވެ.
މީގެ އިތުރުން، "ފީފާ ފޯވާޑް އެންޓަޕްރައިޒް" ގެ ނަމުގައި އަމިއްލަ އިންވެސްޓަރުންނަށް ވޯލްޑް ކަޕްގެ ތެރެއިން ފުރުސަތު ދިނުމަށް ހިންގާ މަޝްރޫއަކީ ވެސް ބެލްޖިއަމް އިން ކަންބޮޑުވުން ފާޅުކުރި ކަމެކެވެ. އެ އިދާރާ އިން ބުނީ ފުޓުބޯޅައިގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ކަންކަން ނިންމުމުގައި ދެފުށް ފެންނަ ހަރުދަނާ އުސޫލުތަކެއް އޮންނަން ޖެހޭނެ ކަމަށެވެ.
ބެލްޖިއަމްގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސާ ޕާސްކޭލް ވަން ޑަމް ވިދާޅުވީ، ޔޫރަޕުގެ ފުޓުބޯޅަ އިދާރާ (ޔުއެފާ)އާ ގުޅިގެން މި މައްސަލަތަކުގައި ފީފާ އަށް ޕްރެޝަރު ކުރަމުންދާނެ ކަމަށެވެ. އަދި ފީފާއާ މުއާމަލާތް ކުރި ނަމަވެސް، ގިނަ ސުވާލުތަކަކަށް އަދިވެސް ޖަވާބު ލިބިފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.










