ފީފާގެ ނިންމުންތަކުގެ އުސޫލުތަކަށް އިސްލާހު ގެނައުމަށް ފިފްޕްރޯ އިން ގޮވާލައިފި
15 ސެޕްޓެމްބަރު 2026 | އަންގާރަ 05:10ފިފްޕްރޯ އިން ބުނީ ކުދި ފެޑެރޭޝަންތަކަށް ދޭ އެހީ އިތުރު ކުރުމަށް ތާއީދުކުރާ ކަމަށް. ނަމަވެސް، އެފަދަ އެހީގެ ނިޒާމުތައް ބައްޓަން ކުރަންވާނީ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު އިތުބާރު ހުރި ހިންގުމެއްގެ ތެރެއިން ކަމަށާއި، އެއީ އެންމެ އިދާރާ އަކުން ނިންމާ ނިންމުމަކަށް ވެގެން ނުވާނެ ކަމަށް


ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ | ރޮއިޓާސް
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ނިންމުންތައް ނިންމާ އުސޫލުތަކަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ޔޫރަޕުގެ ފުޓުބޯޅަ ކުޅުންތެރިންގެ ޔޫނިއަން (ފިފްޕްރޯ ޔޫރަޕު) އިން ގޮވާލައިފި އެވެ.
ހޯމަ ދުވަހު އެ ޔޫނިއަން އިން ނެރުނު ދިރާސާ ރިޕޯޓެއްގައި ބުނެފައިވަނީ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުށަހެޅުއްވި އަދި ފަހުން ހުއްޓާލާފައިވާ އިންވެސްޓްމަންޓް ޕްރޮޕޯސަލްގެ ސަބަބުން، ދުނިޔޭގެ ފުޓުބޯޅަ ހިންގުމުގައި ނުރައްކާތެރި އުނި ކަންތައްތަކެއް ހުރިކަން ހާމަވެފައިވާ ކަމަށެވެ.
ފިފްޕްރޯ އިން ބުނާ ގޮތުގައި، ފީފާ އިން މަޑުޖައްސާލާފައިވާ "ފޯވާޑް އެންޓަޕްރައިޒް" (އެފްއެފްއީ) އިނީޝިއޭޓިވްގެ މަގުސަދަކީ ފުޓުބޯޅައިގެ މައި މުބާރާތްތަކަކީ އަމިއްލަ ކުންފުނިތަކަށް އިންވެސްޓްކޮށް ވިޔަފާރި ކުރެވޭނެ މުދަލަކަށް ބަދަލުކުރުމެވެ. މި މަޝްރޫއު ކުރިއަށް ގެންދަން އުޅުނީ ކަމާ ބެހޭ ފަރާތްތަކާ އެކަށީގެންވާ މަޝްވަރާ ކުރުމެއް ނެތި ކަމަށް ވެސް އެ ޔޫނިއަން އިން ތުހުމަތު ކުރެ އެވެ.
އިންފަންޓީނޯ މި ހުށަހެޅުން މީގެ ދުވަސްކޮޅެއް ކުރިން ހުށަހެޅުއްވި ނަމަވެސް، ގިނަ ބައެއްގެ ދެކޮޅުވެރިކަމާ ހުރެ ވަނީ އަނބުރާ ގެންގޮސްފަ އެވެ. ނަމަވެސް، މިފަދަ ހުށަހެޅުމެއް އުފަންވުމަށް މަގުފަހިވި ހިންގުމުގެ ނިޒާމުގެ މައްސަލަތައް އަދިވެސް ހައްލު ނުވާ ކަމަށް ފިފްޕްރޯ އިން ބުނެ އެވެ.
ޕްލޭޔާ އައިކިއު އަދި ފުޓުބޯޅަ ބެންޗްމާކްއާ ގުޅިގެން ތައްޔާރުކުރި މި ރިޕޯޓުގައި ބުނެފައިވަނީ، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ޔޫރަޕުގެ ކުލަބުތަކުން 856 ކުޅުންތެރިން ދޫކުރި ކަމަށެވެ. މި ކުޅުންތެރިންގެ އަގު ގާތްގަނޑަކަށް 16.9 ބިލިއަން ޔޫރޯ (19.8 ބިލިއަން ޑޮލަރު) އަށް އަރާއިރު، މިއީ މުޅި މުބާރާތުގައި ބައިވެރިވާ ކުޅުންތެރިންގެ ޖުމްލަ އަގުގެ 94 އިންސައްތަ އެވެ. މީގެ އިތުރުން، ފާއިތުވި ފަސް ވޯލްޑް ކަޕެއްގައި ދީފައިވާ ހުރިހާ އިންޑިވިޖުއަލް އެވޯޑްތަކެއް ހޯދި 20 ކުޅުންތެރިންނަކީ ވެސް ޔޫރަޕުގެ ކުލަބުތަކަށް ކުޅޭ ކުޅުންތެރިންކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ފިފްޕްރޯ އިން ބުނީ ކުދި ފެޑެރޭޝަންތަކަށް ދޭ އެހީ އިތުރު ކުރުމަށް ތާއީދުކުރާ ކަމަށެވެ. ނަމަވެސް، އެފަދަ އެހީގެ ނިޒާމުތައް ބައްޓަން ކުރަންވާނީ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު އިތުބާރު ހުރި ހިންގުމެއްގެ ތެރެއިން ކަމަށާއި، އެއީ އެންމެ އިދާރާ އަކުން ނިންމާ ނިންމުމަކަށް ވެގެން ނުވާނެ ކަމަށެވެ. މިގޮތުން ފީފާ ކައުންސިލްގެ ނިންމުންތައް މިނިވަން ފަރާތަކުން މުރާޖައާ ކުރަންޖެހޭ ކަމަށް ވެސް އެ ޔޫނިއަން އިން ގޮވާލާފައިވެ އެވެ.
މި ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި، ވޯލްޑް ކަޕް އިން ލިބޭ އާމްދަނީ ބޮޑު ތަނުން އިތުރުވަމުން ދިޔަ ނަމަވެސް، މުބާރާތުގައި ބައިވެރިވާ ޤައުމުތަކަށް އިނާމު ފައިސާގެ ގޮތުގައި ބަހާ މިންވަރު ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން 2006 ވަނަ އަހަރު އާމްދަނީގެ 10.5 އިންސައްތަ އިނާމު ފައިސާ އަށް ހޭދަކުރިއިރު، 2026 ވަނަ އަހަރު މި އަދަދު 7.7 އިންސައްތަ އަށް ދަށްވާނެ ކަމަށް ލަފާކުރެވެ އެވެ. ކުޅުންތެރިންނަށް ލިބެނީ މީގެ ވަރަށް ކުޑަ މިންވަރެއް ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
ފިފްޕްރޯ ޔޫރަޕް އިން ވަނީ ފުޓުބޯޅަ ހިންގުމުގެ އެންމެ މަތީ ފަންތީގައި ގައުމީ އެސޯސިއޭޝަންތަކުގެ އިތުރުން، ކުޅުންތެރިންނާއި ކުލަބުތަކާއި ލީގުތައް ރަސްމީކޮށް ބައިވެރިކުރުމަށް ގޮވާލާފަ އެވެ. މި ރިޕޯޓާ ގުޅޭ ގޮތުން ފީފާގެ ބަހެއް ހޯދުމަށް ރޮއިޓާސް އިން ކުރި މަސައްކަތުގައި މިހާތަނަށް ޖަވާބެއް ލިބިފައި ނުވެ އެވެ.










