އެންމެ ފަހުން ގޮތް ދޫކުރައްވައި، ފީފާގެ ނިންމުންތައް މިނިވަން ރިވިއުއަކަށް އިންފަންޓީނޯ ހުށަހަޅުއްވައިފި
22 ސެޕްޓެމްބަރު 2026 | އަންގާރަ 06:27ފީފާގެ ކައުންސިލާއި، 211 މެންބަރު އެސޯސިއޭޝަންތަކުގެ ރައީސުންނަށް އިންފަންޓީނޯ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ފީފާގެ މިހާރުގެ ހިންގުމުގެ އޮނިގަނޑު މުތާލިއާކޮށް، އިތުރަށް ރަނގަޅު ކުރެވޭނެ ގޮތްތަކެއް ހޯދުމަށް މިނިވަން ބޭރުގެ ފަރާތަކާ ހަވާލުކުރުމާ މެދު ކައުންސިލްގެ ލަފަޔަކަށް އެދިވަޑައިގަންނަވާނެ ކަމަށް


ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ | ގެޓީ އިމޭޖަސް
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ނިންމުންތައް ނިންމާ އުސޫލުތަކަށް މިނިވަން ރިވިއުއެއް ކުރުމަށް އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުށަހަޅުއްވައިފި އެވެ.
އިންފަންޓީނޯ މިގޮތަށް ހުށަހެޅުއްވީ ފީފާގެ ވިޔަފާރި ހައްގުތަކުގެ ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ކުރިން ގެންގުޅުއްވި، އަދި ފަހުން ދޫކޮށްލާފައިވާ ޕްލޭންއާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކަށް ފަހު، މެންބަރު ގައުމުތަކުގެ ތާއީދު އަލުން ހޯއްދެވުމުގެ މަގުސަދުގަ އެވެ.
ފީފާގެ ކައުންސިލާއި 211 މެންބަރު އެސޯސިއޭޝަންތަކުގެ ރައީސުންނަށް އިންފަންޓީނޯ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ފީފާގެ މިހާރުގެ ހިންގުމުގެ އޮނިގަނޑު މުތާލިއާކޮށް، އިތުރަށް ރަނގަޅު ކުރެވޭނެ ގޮތްތަކެއް ހޯދުމަށް މިނިވަން ބޭރުގެ ފަރާތަކާ ހަވާލުކުރުމާ މެދު ކައުންސިލްގެ ލަފަޔަކަށް އެދިވަޑައިގަންނަވާނެ ކަމަށެވެ. މީގެ އިތުރުން، ފީފާގެ ނިންމުންތައް ނިންމުމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ކޮންފެޑެރޭޝަންތަކާއި މެންބަރު އެސޯސިއޭޝަންތަކުގެ އިތުރުން ކަމާގުޅޭ އެހެން ފަރާތްތަކާއެކު މަޝްވަރާކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ހުށަހެޅުމުގެ ދަށުން ފީފާގެ މުހިންމު ނިންމުންތަކުގައި ބަސް ބުނުމުގެ އިޚުތިޔާރު އޮންނަ ފަރާތްތަކާއި ރައީސް އާއި ބިއުރޯ އަދި ކައުންސިލާއި ކޮންގްރެސްގެ ދައުރަކީ ކޮބައިކަން ބަލައި، ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމާއި، ޒިންމާދާރުކުރުވުން އިތުރު ކުރެވޭނެ ގޮތްތައް ދިރާސާކުރާނެ އެވެ.
އިންފަންޓީނޯ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވީ ފީފާ ވޯލްޑް ކަޕް ހިމެނޭހެން، ފީފާގެ ވިޔަފާރި ހައްގުތަކުގެ 20 އިންސައްތަ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ހުށަހެޅުއްވުމުންނެވެ. ޔުއެފާ އާއި އޭޝިއާގެ ފުޓުބޯޅަ ފެޑެރޭޝަންގެ އިތުރުން، ކޮންކާކަފް އިން އެކަމާ ދެކޮޅު ހަދައި، ފީފާގެ ލީޑަޝިޕަށް ބަދަލު ގެނައުމަށް ގޮވާލުމުން އެ ޕްލޭން ވަނީ މިދިޔަ ޖުލައި މަހު ދޫކޮށްލާފަ އެވެ.
އަންނަ މާޗު މަހު މަޮރޮކޯގެ ރަބާތުގައި ބާއްވާ ފީފާގެ އިންތިޚާބުގައި އިންފަންޓީނޯ އަލުން ވާދަކުރައްވާއިރު، އޭނާއާ ދެކޮޅަށް ނުކުންނާނެ ވަރުގަދަ ކެންޑިޑޭޓަކު ހޯދުމަށް އިދިކޮޅު ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އިންތިޚާބު ކާމިޔާބު ކުރެވޭ ވަރަށް އޭނާ އަށް ވޯޓު ލިބޭނެ ކަމަށް ބެލެވޭތީ، އިދިކޮޅު ފަރާތްތަކުން މިހާރު މަސައްކަތް ކުރަނީ ރައީސްގެ ބާރުތައް ކުޑަ ކުރުމަށެވެ. އިންފަންޓީނޯ ވިދާޅުވީ ކުރިން ހުށަހެޅި ޕްލޭން އަކީ ފުޓުބޯޅަ ތަރައްޤީ ކުރުމަށް އިތުރު ފައިސާ ހޯދުމަށް ކުރި ދިރާސާއެއް ކަމަށާއި އޭގެ ސަބަބުން ކުޅިވަރުގެ ނިންމުންތައް ނިންމުމުގެ ބާރު ފީފާ އަށް ނުގެއްލޭނެ ކަމަށެވެ.
ހޯމަ ދުވަހު ފޮނުއްވި ސިޓީގައި އިންފަންޓީނޯ ވަނީ އެ ޕްލޭންގެ ފުރިހަމަ މައުލޫމާތު ކައުންސިލަށް ނުލިބެނީސް އާންމުވުމުން، ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާކަން ޤަބޫލުކުރައްވާފަ އެވެ. އަދި އެއީ ހަމައެކަނި ހުށަހެޅުމެއް ކަމަށާއި، އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، މުހިންމު ނިންމުންތައް ނިންމުމުގައި ބިއުރޯގެ ހުރިހާ މެންބަރުން އެއްބަސްވާންޖެހޭ ގޮތަށް ހެދުމަށާއި، ނުވަތަ ސީދާ ކޮންގްރެސް އަށް ހުށަހަޅައިގެން ނިންމުމަށް ބައެއް ފަރާތްތަކުން ބޭނުންވާކަން ފާހަގަކުރައްވައި، އެކި މޮޑެލްތަކަށް ބަހުސް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮކްޓޯބަރު 15 ގައި ބާއްވާ ކައުންސިލް ބައްދަލުވުމަށް ލިބޭ ހުށަހެޅުންތަކާ މެދު އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވޭނެ އެވެ. ފީފާގެ ޤަވާއިދުތަކަށް އެއްވެސް ބަދަލެއް ގެނެވޭނީ ކޮންގްރެސްގެ ހުއްދަ ލިބިގެންނެވެ. އިންފަންޓީނޯ އިތުރަށް ވިދާޅުވީ، ވަކި ހުށަހެޅުމަކާ މެދު މެންބަރު ޤައުމަކުން ގެންގުޅޭ ވިސްނުމެއްގެ ސަބަބުން، ފީފާ އިން އެ ޤައުމަކަށް ދޭ އެހީތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. ފީފާގެ ލީޑަޝިޕާ މެދު ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.










