އަނެއްކާ ވެސް އިންފަންޓީނޯގެ ދިފާއުގައި ޓްރަމްޕް، ވިދާޅުވީ އެއީ ފީފާގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު ރައީސް ކަމަށް
3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 06:25ބުދަ ދުވަހު ޓްރަމްޕް ވިދާޅުވެފައި ވަނީ، އުތުރު އެމެރިކާގައި ބޭއްވި ވޯލްޑް ކަޕް އިން އެކަނިވެސް އެއް މަސް ދުވަހުގެ ތެރޭގައި 15 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް. މީގެ އިތުރުން، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ގިނަ ޓީމުތަކަކާއި، ގިނަ މެޗުތަކެއް ހިމެނޭ ގޮތަށް ބޭއްވި އެންމެ ކާމިޔާބު މުބާރާތަށް ވާނެ ކަމށް ވެސް ޓްރަމްޕް ވިދާޅުވެފައިވޭ


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ | ރޮއިޓާސް
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯގެ މަޤާމު ދިފާއުކުރައްވައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައި ފިއެވެ.
އިންފަންޓީނޯގެ އިސްތިއުފާ އަށް ގޮވާލާ އަޑުތައް ގަދަވެފައި ވަނިކޮށް، ޓްރަމްޕް ވަނީ އޭނާ އަކީ ފީފާ އަށް މިހާތަނަށް ލިބުނު އެންމެ ކާމިޔާބު ރައީސްގެ ގޮތުގައި ސިފަކުރައްވާފައި އެވެ.
އުމުރުން 56 އަހަރުގެ އިންފަންޓީނޯ އަށް ފާޑުކިޔުންތައް އަމާޒުވެފައިވަނީ، އަލަށް އުފެއްދި "ފީފާ ފޯވާޑް އެންޓަޕްރައިޒް"ގެ 20 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ ހިއްސާއެއް، 4.2 ބިލިއަން ޑޮލަރަށް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލަން އުޅުނު މައްސަލައިގައި އެވެ. މި ނިންމުމާ ގުޅިގެން ފީފާގެ މެންބަރު ޤައުމުތަކާއި، ޔުއެފާ އިން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރުމުން، އިންފަންޓީނޯ ވަނީ އެ ނިންމުން ފަހުން އަނބުރާ ގެންގޮސްފައި އެވެ. ނަމަވެސް، މި ހާދިސާއާ ގުޅިގެން އޭނާގެ ލީޑާޝިޕް އަށް އޮތް އިތުބާރު ވަނީ ވަރަށް ބޮޑަށް ގެއްލިފައި އެވެ.
މި މައްސަލައިގައި އިންފަންޓީނޯ ދިފާއުކުރައްވައި ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރުތު ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއްވެސް ސަބަބަކާ ހުރެ އިންފަންޓީނޯ މަޤާމުން ވަކިކުރުމަކީ ފީފާ އިން ހަދާނެ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އަދި އޭނާ އަކީ މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު ވޯލްޑް ކަޕް ބޭއްވުމުގެ މޭސްތިރިޔާ ކަމަށާއި، އޭނާ މަޤާމުން ވަކިވެއްޖެ ނަމަ ފީފާ އަށް ލިބޭ ފައިދާ އާއި ކާމިޔާބީ ދަށްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
މީގެ އިތުރުން ބުދަ ދުވަހު ޓްރަމްޕް ވިދާޅުވެފައި ވަނީ، އުތުރު އެމެރިކާގައި ބޭއްވި ވޯލްޑް ކަޕް އިން އެކަނިވެސް އެއް މަސް ދުވަހުގެ ތެރޭގައި 15 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ގިނަ ޓީމުތަކަކާއި، ގިނަ މެޗުތަކެއް ހިމެނޭ ގޮތަށް ބޭއްވި އެންމެ ކާމިޔާބު މުބާރާތަށް ވާނެ ކަމށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.
މިއީ އިންފަންޓީނޯގެ ދިފާއުގައި ޓްރަމްޕް ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ މަހެއްހާ ދުވަސް ކުރިން ވެސް ޓްރަމްޕް ވަނީ އިންފަންޓީނޯ އަށް ތާއީދުކުރައްވައި ވާހަކަފުޅު ދައްކަވާފައި އެވެ. ފީފާގެ އެތެރޭގެ މަސްލަހަތު ގޯސްވެ، އިންފަންޓީނޯގެ މަޤާމަށް ނުރައްކާވެފައިވާ މި ދަނޑިވަޅުގައި، އެމެރިކާގެ ރައީސްގެ ފަރާތުން ލިބެމުންދާ މި އެހީތެރިކަމަކީ އޭނާ އަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ.
ނަމަވެސް، ފީފާގެ އެހެން މެންބަރުންގެ އިތުބާރު އަލުން ހޯދުމުގައި އިންފަންޓީނޯ އަށް ކުރިއަށް އޮތީ އުނދަގޫ ދުވަސްތަކެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.










