ފީފާގައި އިންފަންޓީނޯ އަށް މުސްތަޤުބަލެއް ނެތް: ޔޫރަޕުގެ ލީގުތަކުގެ އިސްވެރިޔާ
27 އޯގަސްޓު 2026 | ބުރާސްފަތި 05:35ބުދަ ދުވަހު ދަ އެތުލެޓިކް އަށް ދެއްވި އިންޓަވިއުއެއްގައި ޝެފާ ވިދާޅުވީ، 53 ފުޓުބޯޅަ ލީގެއް ތަމްސީލުކުރާ ޔޫރަޕިއަން ލީގުން އިންފަންޓީނޯގެ ވެރިކަމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ ކަމަށް. އޭނާ ވިދާޅުވީ އިންފަންޓީނޯ އަކީ ރައީސް ކަމުގައި ދެމި ހުންނަވަން އެކަށީގެންވާ ބޭފުޅެއްތޯ ސުވާލު އުފެދޭ ކަމަށް


ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ޔޫރަޕިއަން ލީގުތަކުގެ ރައީސް ކްލޯޑިއުސް ޝެފާ | ރޮއިޓާސް
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް އެ އިދާރާގައި މުސްތަޤުބަލެއް ނެތް ކަމަށް ޔޫރަޕިއަން ލީގުތަކުގެ ރައީސް ކްލޯޑިއުސް ޝެފާ ވިދާޅުވެއްޖެ އެވެ.
މީގެ ކުރިން ވެސް އިންފަންޓީނޯ އަށް ފާޑު ވިދާޅުވެފައިވާ ޝެފާ ފާހަގަ ކުރެއްވި ގޮތުގައި، ދުނިޔޭގެ ފުޓުބޯޅަ ހިންގާ ފީފާ އަށް ބޮޑެތި ރިފޯމްތައް ގެނައުމަކީ މުހިންމު ކަމެކެވެ.
ބުދަ ދުވަހު ދަ އެތުލެޓިކް އަށް ދެއްވި އިންޓަވިއުއެއްގައި ޝެފާ ވިދާޅުވީ، 53 ފުޓުބޯޅަ ލީގެއް ތަމްސީލުކުރާ ޔޫރަޕިއަން ލީގުން އިންފަންޓީނޯގެ ވެރިކަމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އިންފަންޓީނޯ އަކީ ރައީސް ކަމުގައި ދެމިހުންނަވަން އެކަށީގެންވާ ބޭފުޅެއްތޯ ސުވާލު އުފެދޭ ކަމަށެވެ. ސްވިޒަލެންޑުގައި ފީފާއާ ގާތުން މަސައްކަތް ކުރާތީ، އެ އިދާރާގައި ރައީސްގެ ނުފޫޒު އަހަރުން އަހަރަށް ބޮޑުވަމުން އަންނަ މަންޒަރު ފެންނަމުންދާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
ޝެފާ ވިދާޅުވީ ބޮޑެތި ނިންމުންތައް ނިންމަނީ އެކަމުގެ އަސަރު ކުރާނެ ފަރާތްތަކާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ. ޝެފާ މިހެން ވިދާޅުވެފައި މި ވަނީ ފީފާ ވޯލްޑް ކަޕް ހިމެނޭހެން، ފީފާގެ މުބާރާތްތަކުގެ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް އިންފަންޓީނޯ ކުރެއްވި މަސައްކަތް ނާކާމިޔާބުވެފައި ވަނިކޮށެވެ.
މި މައްސަލައިގައި އިންފަންޓީނޯ މަޤާމުން އިސްތިއުފާ ދެއްވުމަށް، ދުނިޔޭގެ ތިން ކޮންފެޑަރޭޝަނަކުން އަންނަނީ ބާރު އަޅަމުންނެވެ. އޭގެ ތެރޭގައި ޔުއެފާ އާއި އޭއެފްސީ އަދި ކޮންކާކަފް ހިމެނެ އެވެ. މި ތިން އިދާރާ އިސްވެ އޮވެ، އިންފަންޓީނޯގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
މީގެ އިތުރުން ޝެފާ ވިދާޅުވެފައި ވަނީ، ފީފާ އަކީ ސްވިޒަލެންޑުގެ ޤާނޫނުގެ ދަށުން ހިނގާ ޖަމިއްޔާއެއް ކަމަށާއި، އެ ޖަމިއްޔާގައި ޤަވާއިދުތަކެއް ހުންނާނެ ކަމަށެވެ. ރައީސް އާއި ބޮޑު މެންބަރުން ވަރަށް ސަމާލުކަމާ އެކު މަޤާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާ ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެގޮތުން ޝެފާ ވަނީ ފީފާގެ ސުލްހައިގެ އިނާމު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ދޭން ނިންމި ނިންމުމަށް ފާޑު ވިދާޅުވެފައި އެވެ. އެއީ ކައުންސިލް އަށް އެންގުމެއް ނެތި ނިންމި ނިންމުމެއް ކަމަށް ޝެފާ ވިދާޅުވި އެވެ. އަދި ހަމަ އެހެންމެ، ވޯލްޑް ކަޕްގައި ރަތް ކާޑުގެ ސަސްޕެންޝަން މައާފު ކުރުމަށް ނިންމި ނިންމުން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
މިފަދަ ކަންކަމުން ކުޅިވަރުގެ ސާފުތާހިރުކަމާ މެދު ސުވާލު އުފެދޭ ކަމަށާއި، އެހެންކަމުން އިންފަންޓީނޯ އަށް ފީފާގައި މުސްތަޤުބަލެއް ނެތް ކަމަށް ޝެފާ ވިދާޅުވި އެވެ.










