ވައިޓް ހައުސްއަށް ވަނުން މަނާކޮށްފައިވާ ސީ.އެން.އެން، އެމް.އެސް ނައު އަދި ޕޮލިޓިކޯގެ ނޫސްވެރިންނަށް އަލުން އެ ފުރުސަތު ވަގުތުން ހަމަޖައްސައިދިނުމަށް އެމެރިކާގެ ކޯޓަކުން ޓްރަމްޕްގެ ސަރުކާރުގެ މައްޗަށް އަމުރުކޮށްފި
24 ސެޕްޓެމްބަރު 2026 | ބުރާސްފަތި 07:09ވައިޓް ހައުސްއަށް ވަނުން މަނާކުރި ނޫސްވެރިންގެ ފާސްތައް ބާތިލުކުރީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އިޖުރާއީ ހަމަތަކުގެ ބޭރުން ކަމަށް ފެޑަރަލް ފަނޑިޔާރު ވިދާޅުވި. ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ ސަރުކާރުން ދެއްކި އުޒުރުތަކަށް އެކަށީގެންވާ ހެކި ހުށަހެޅިފައި ނުވާތީ، އެ ނޫސްވެރިންނަށް އަލުން ހުއްދަ ދިނުމަށް ކޯޓުން ވަނީ 14 ދުވަހުގެ ވަގުތީ އަމުރެއް ނެރެފައި

ވޮޝިންގޓަން ޑީސީގައި ހުންނަ ވައިޓް ހައުސްގެ ބްރޭޑީ ޕްރެސް ބްރީފިންގ ރޫމަށް، 2026 ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ނޫސްވެރިން ޖަމާވެފައި | ގެޓީ އިމޭޖަސް
ވައިޓް ހައުސްއަށް ވަނުން މަނާކޮށްފައިވާ ސީ.އެން.އެން، އެމް.އެސް ނައު އަދި ޕޮލިޓިކޯގެ ނޫސްވެރިންނަށް އަލުން އެ ފުރުސަތު ވަގުތުން ހަމަޖައްސައިދިނުމަށް ފެޑަރަލް ފަނޑިޔާރު ޓިމޮތީ ކެލީ، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ މައްޗަށް އަމުރުކުރައްވައިފި އެވެ.
ފެޑަރަލް ފަނޑިޔާރު ޓިމޮތީ ކެލީ މި އަމުރު ނެރުއްވީ، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނިންމެވުމަކަށް ވައިޓް ހައުސްއަށް ވަނުން މަނާކޮށްފައިވާ ސީ.އެން.އެން، އެމް.އެސް ނައު އަދި ޕޮލިޓިކޯގެ ނޫސްވެރިންނަށް ވަގުތީ ގޮތުން އަލުން އެ ހުއްދަ ދިނުމަށެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ނެރުއްވި މި ހުކުމުގައި ފަނޑިޔާރު ކެލީ ވިދާޅުވީ، ނޫސްވެރިންގެ ފާސްތައް ބާތިލުކޮށްފައިވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ "އަދުލުވެރި އިޖުރާއީ ހަމަތަކުގެ" ބޭރުން ކަމަށެވެ.
މީގެ އިތުރުން، ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ ސަރުކާރުން ދެއްކި އުޒުރުތަކަށް ބާރުދޭ އެކަށީގެންވާ ހެކިތަކެއް ހުށަހެޅިފައި ނުވާ ކަމަށްވެސް ފަނޑިޔާރު ވިދާޅުވި އެވެ. ނޫސްވެރިންނަށް ވައިޓް ހައުސްއަށް ވަނުން މަނާކުރުމާ ގުޅިގެން، ޓްރަމްޕާއި އޭނާގެ ވަކީލުން ވިދާޅުވެފައިވަނީ އެ ނޫސް އިދާރާތަކުން މީގެ ކުރިން ގެނެސްދީފައިވާ ރިޕޯޓުތަކުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށެވެ.
ފަނޑިޔާރު ކެލީގެ ހުކުމުގައި ލިޔުއްވާފައިވަނީ، މި މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން ހުރި އެއްވެސް ލިޔެކިޔުމަކުން، ނޫސްވެރިންގެ ދާއިމީ ފާސްތައް އަތުލާފައިވަނީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލަކާ ގުޅިގެންކަން އެނގެން ނެތް ކަމަށެވެ. އަދި މި ނޫސް އިދާރާތައް ވައިޓް ހައުސްއިން "ބޭން" ކުރިކަން އިއުލާނު ކުރެއްވިއިރު، ރައީސް ޓްރަމްޕް ދެއްކެވި ވާހަކަފުޅުގައިވެސް އެކަމަށް އިޝާރާތް ކުރައްވާފައި ނުވާ ކަމަށާއި، އޭގެ ބަދަލުގައި އެމަނިކުފާނު ބޮޑަށް ފާހަގަކުރެއްވީ އެ ނޫސްތަކުން ގެނެސްދޭ ޚަބަރުތަކުގެ ތެދުވެރިކަމެއް ނެތް ކަމަށާއި އެއީ ނެގެޓިވް ރިޕޯޓުތަކެއް ކަމަށް ވިދާޅުވެފައިވާ ކަމަށް ފަނޑިޔާރު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ފަނޑިޔާރު ވިދާޅުވީ، މައްސަލަ ކޯޓަށް ހުށަހެޅުމަށްފަހު ސަރުކާރުން ދައްކާފައިވާ ސަބަބުތަކުގައިވެސް ފުށުއެރުންތަކެއް ހުރި ކަމަށެވެ. ސަރުކާރުގެ ފަރާތުން ނޫސް އިދާރާތަކަށް ފޮނުވި ސިޓީތަކުގައި ގައުމީ ސަލާމަތުގެ ވާހަކަ އޮތް ނަމަވެސް، އެ ސިޓީތަކުގައި ބުނެފައިވަނީ އެ ނޫސްތަކުން ގެނެސްދީފައިވަނީ "ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ނުވަތަ ދޮގު މައުލޫމާތު ހިމެނޭ" ރިޕޯޓުތަކެއް ކަމަށެވެ. އެހެންކަމުން، މިއީ ހަމައެކަނި ދޮގު ޚަބަރު ފަތުރާ ކަމަށް ބުނެ ނިންމި ނިންމުމަކަށް ވުމުގެ ފުރުސަތު ބޮޑުކަމަށް ފަނޑިޔާރު ފާހަގަކުރެއްވި އެވެ.
އަދުލުވެރި އިޖުރާއީ ހަމަތަކަށް ބަލާއިރު، ނޫސްވެރިންގެ ފާސްތައް އަތުލުމުގެ ކުރިން، އެ ނިންމުން އިސްތިއުނާފު ކުރުމުގެ ފުރުސަތެއް ޓްރަމްޕްގެ ސަރުކާރުން ދީފައި ނުވާކަން ފަނޑިޔާރު ފާހަގަކުރެއްވި އެވެ. ފަނޑިޔާރު ކެލީގެ ހުކުމުގައި ކުރީގެ ގާނޫނީ ނިންމުންތަކާ ހަވާލާދީ ލިޔުއްވާފައިވަނީ، އާންމު އުސޫލަކީ ގާނޫނުއަސާސީން ރައްކާތެރިކަން ލިބިދީފައިވާ ހައްގަކުން މީހަކު މަހުރޫމް ކުރުމުގެ ކުރިން، އެމީހަކަށް އެކަމުގެ ނޯޓިސް ދީ، ޖަވާބުދާރީވުމުގެ ފުރުސަތު ސަރުކާރުން ދޭންޖެހޭނެ ކަމަށެވެ.
ފަނޑިޔާރު ކެލީ ނެރުއްވި މި ވަގުތީ އަމުރުގެ މުއްދަތަކީ 14 ދުވަހެވެ.











