އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު، އީރާނުން ބަޣުދާދާއި މަސްޤަތަށް ކުރާ ދަތުރުތައް ކެންސަލްކޮށްފި
23 ސެޕްޓެމްބަރު 2026 | ބުދަ 06:56އެމެރިކާއިން އީރާނުގެ އެއާލައިންތަކާ ދެކޮޅަށް އެޅި ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން، އެ ގައުމުގެ ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއްޖެ. މި ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ ފްލައިޓްތަކަށް ޚިދުމަތްދޭ ބޭރުގެ ކުންފުނިތަކަށް ޑޮލަރުގެ ނިޒާމުން ބޭރުކޮށްލާނެ ކަމުގެ އިންޒާރު ދީފައިވާއިރު، އީރާނުން ބުނަނީ މި ފަދަ އިންޒާރުތަކަށް ދޫނުދީ ގައުމީ ސަލާމަތް ދިފާއުކުރާނެ ކަމަށް


އިރާގުގެ އިރުބިލްގައި ހުންނަ އީރާނުގެ މާހާން އެއާގެ އޮފީހެއްގައި މުވައްޒަފަކު މަސައްކަތް ކުރަނީ | ރޮއިޓާސް
އީރާނުގެ އެއާލައިންތަކާ ދެކޮޅަށް އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް އަމަލުކުރަން ފެށުމާ ގުޅިގެން، ވެރިރަށް ތެހެރާނުން އިރާގުގެ ބަޣުދާދަށާއި އޮމާންގެ މަސްޤަތަށް ކުރާ ދަތުރުތައް ކެންސަލްކޮށްފައިވާކަން އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން އިއުލާނުކޮށްފި އެވެ.
ބުދަ ދުވަހުގެ ރޭގަނޑު އެ ގައުމުތަކުގެ ގަޑިން މެންދަމު 12:00 އިން ފެށިގެން ބަޣުދާދާއި މަސްޤަތުގެ އެއާޕޯޓްތަކަށް އީރާނުގެ ފްލައިޓްތައް ބަލައިގަތުން ހުއްޓާލާނެ ކަމަށް، އެ ގައުމުގެ ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަންގެ ތަރުޖަމާނު މާޖިދު އަޚަވާން ވަނީ ވިދާޅުވެފަ އެވެ. އޭނާ މިހެން ވިދާޅުވީ އަންގާރަ ދުވަހު އީރާނުގެ ނޫސް އެޖެންސީއަށް ދެއްވި ބަސްދީގަތުމެއްގަ އެވެ. މި ބަދަލާ ގުޅިގެން އަޚަވާން ވިދާޅުވީ، "މި ސަބަބަށް ޓަކައި، ބަޣުދާދަށް ދަތުރުކުރާ ފްލައިޓްތައް ނަޖަފް އެއާޕޯޓަށް ބަދަލުކުރުމަށް އަޅުގަނޑުމެން މި ދަނީ ވިލަރެސްކޮށް މަޝްވަރާކުރަމުން."
ހަމަމިއާއެކު، އޮމާނާއެކު ވެސް މި ފަދަ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށާއި، ތުރުކީވިލާތުގެ އިސްތަންބޫލަށް ކުރާ ދަތުރުތައް ހިމެނޭހެން ބައިނަލްއަގުވާމީ އެހެން ހުރިހާ ދަތުރުތަކެއް ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް އީރާނުގެ އައިއެސްއެންއޭ ނޫސް އޭޖެންސީން ވަނީ ރިޕޯޓްކޮށްފަ އެވެ. ނަމަވެސް، މި ކަމާ ގުޅޭ ގޮތުން އިރާގާއި އޮމާންގެ ކަމާބެހޭ އިދާރާތަކުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.
އީރާނުގެ އެއާލައިންތަކަށް އޭވިއޭޝަން ޚިދުމަތްދޭ ކުންފުނިތަކަށް ދެވަނަ ދަރަޖައިގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރުދީ، ބުދަ ދުވަހުން ފެށިގެން އެ އެއާލައިންތަކުގެ ބައިނަލްއަގުވާމީ އޮޕަރޭޝަންތައް ހުއްޓުވާނެ ކަމަށް އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް ހޯމަ ދުވަހު ވަނީ ވިދާޅުވެފަ އެވެ. މި ފިޔަވަޅު އަޅާފައި މި ވަނީ، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުގާނޫނީ ހަނގުރާމައަށް ހަތް މަސް ފުރުނު ތަނާ އެވެ.
"އެ ފަރާތްތަކަށް [އީރާނުގެ އެއާލައިންތަކަށް] ތެޔޮ ފޯރުކޮށްދީގެން ނުވާނެ، އެ ފަރާތްތަކަށް ލޭންޑިންގގެ ޚިދުމަތް ދީގެން ނުވާނެ، އަދި އެ ފަރާތްތަކަށް ޓިކެޓް ވިއްކައިގެން ވެސް ނުވާނެ. އެހެން ނޫންނަމަ، ޑޮލަރުގެ ނިޒާމުން ތިޔަބައިމީހުން [އީރާނަށް އެހީވާ ގައުމުތަކާއި ކުންފުނިތައް] ބޭރުކޮށްލެވޭނެ،” ކަމަށް، ބެސެންޓް ވަނީ ވިދާޅުވެފަ އެވެ.
މި ފިޔަވަޅަކީ ތެހެރާނާ ދެކޮޅަށް ވޮޝިންގޓަނުން ފުޅާކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސިލްސިލާގެ ތެރެއިން އެޅި އެންމެ ފަހުގެ ފިޔަވަޅެވެ. ބޭރު ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމުގެ ބާރު އެމެރިކާއަށް ލިބިގެން ނުވި ނަމަވެސް، އެ ގައުމުތަކުގައި ތެޔޮ އަޅައިދޭ ފަރާތްތަކަށާއި ގްރައުންޑް ހޭންޑްލިންގ ޚިދުމަތްދޭ ފަރާތްތަކަށް އަމާޒުކޮށް ފިޔަވަޅު އެޅުމުން، ދަތުރުތަކަށް ބޭނުންވާ މުހިންމު އޮޕަރޭޝަނަލް އެހީތެރިކަން ކެނޑި، ހަމަ އެ ފަދަ ނަތީޖާއެއް ނެރެވޭނެ ކަމަށް އޭވިއޭޝަން ދާއިރާގެ ދާރިސުން ވިދާޅުވެ އެވެ.
މި މަހުގެ ކުރީކޮޅު ވެސް އެމެރިކާގެ މާލީ ވުޒާރާގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލުން (އޯއެފްއޭސީ) އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ. މި ގޮތުން ވިޔަފާރިއާއި، ހަކަތައާއި، މާލީ އިދާރާތަކަށް ވަނީ ހުރަސްތައް ކުރިމަތިކޮށްފަ އެވެ. މިއާއެކު، އޮގަސްޓް މަހުގެ ފަހުކޮޅު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ ދެވަނަ ދަރަޖައިގެ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ފުޅާކޮށްފަ އެވެ. އަދި، ކަނޑު ދަތުރުފަތުރާއި، ޓެކްނޮލޮޖީއާއި، ރަނާއި، ޑިޖިޓަލް އެސެޓްތަކުގެ ދާއިރާއިން އީރާނާއެކު މުއާމަލާތުކުރާ ބޭރުގެ ކުންފުނިތަކަށް ވެސް އަދަބުތަކާ ކުރިމަތިލާންޖެހޭނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.
ނަމަވެސް، ވޮޝިންގޓަނާ މެދު ހަރުކަށި ވިސްނުމެއް ގެންގުޅެމުން ދިޔަ ނަމަވެސް، ދިގު މުއްދަތުގެ ހައްލެއް ހޯދުމަށް ގަތަރު މެދުވެރިވެގެން ބާއްވާ މަޝްވަރާތަކަށް އަދިވެސް ތައްޔާރަށް އޮތް ކަމުގެ އިޝާރާތެއް އީރާނުން ހޮނިހިރު ދުވަހު ވަނީ ދީފަ އެވެ.
"މި ޝަރުތުތައް ގަބޫލުކުރުމަކީ ވޮޝިންގޓަންގެ މަސްލަހަތު އޮތް ގޮތް،” ކަމަށް، ނިމިދިޔަ ހަފުތާގައި އީރާނުގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ވެރިޔާ މުހުސިން ރިޒާއީ ވަނީ ވިދާޅުވެފަ އެވެ. އަދި، "ޓްރަމްޕްގެ އިންޒާރުތަކުން އެއްވެސް ނަތީޖާއެއް ހާސިލެއް ނުވާނެ. އަޅުގަނޑުމެން މި ތިބީ ފަހު ފައިސަލާގެ ހަނގުރާމައަކަށް ތައްޔާރަށް،” ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މަސްދަރު: އަލް ޖަޒީރާ











