ޣައްޒާ އާރާސްތުކުރުމަށް ބޯޑް އޮފް ޕީސްއިން 2.4 ބިލިއަން ޑޮލަރުގެ ޕްލޭނެއް!
24 ސެޕްޓެމްބަރު 2026 | ބުރާސްފަތި 01:41ޣައްޒާ އަލުން އާރާސްތުކުރުމަށް އެމެރިކާ އިސްވެ އޮވެ ބިލިއަން ޑޮލަރުގެ ޕްލޭނެއް ހުށަހަޅާފައިވާއިރު، އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު ބަޔަކު ވަނީ ޝަހީދުކޮށްލާފައި. އިސްރާއީލުގެ މި އުދުވާންތަކާ ގުޅިގެން ދުނިޔޭގެ ލީޑަރުން އދ. ގައި އެ ގައުމަށް ފާޑުކިޔުންތައް އަމާޒުކުރަމުންދާއިރު، ހަނގުރާމަ ހުއްޓާލައި ޣައްޒާ އާރާސްތުކުރުމުގެ މަސައްކަތް އަވަސްކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ގޮވާލަމުން

ޣައްޒާގައި ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ގާކުނޑިތަކުގެ ތެރެއިން ކުޑަކުދިންތަކެއް މަދަރުސާއަށް ދިޔުމަށް ހިނގާފައިދާ މަންޒަރު | އެކްސް
އިސްރާއީލްގެ ހަމަލާތަކުގައި ޣައްޒާގެ އެކި ކަންކޮޅުތަކުން ފަލަސްޠީނުގެ ހަތް މީހަކު ޝަހީދުކޮށްލާފައި ވަނިކޮށް، އެ ސަރަހައްދު އަލުން އާރާސްތުކުރުމުގެ މަސައްކަތް ފެށުމަށް ޓަކައި އެމެރިކާއިން އިސްވެ އެކުލަވާލި ބޯޑް އޮފް ޕީސްއިން 2.4 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހުށަހަޅައިފި އެވެ.
ގަތުލުއާންމު ހުއްޓާލުމުގެ އެއްބަސްވުމާއި ޣައްޒާ އަލުން އާރާސްތުކުރުމުގެ މަސައްކަތްތައް ވިލަރެސްކުރުމާ ހަވާލުވެފައިވާ މި އިދާރާއިން 66 މަޝްރޫއުގެ މައްޗަށް އެކުލެވޭ ޕްލޭން އިއުލާނުކުރީ، އދ. ގެ ޢާންމު މަޖިލީހުގެ ހަވާސާގައި ބުދަ ދުވަހު ބޭއްވި އެ ބޯޑުގެ ބައްދަލުވުމެއްގަ އެވެ. އިސްރާއީލް ގެ ހަމަލާތަކުގެ ސަބަބުން ޣައްޒާއަށް ލިބިފައިވާ ގެއްލުންތައް އަލުން އާރާސްތުކުރުމުގެ މުޅި ޚަރަދަށް، މެދު ރާސްތާގައި ގާތްގަނޑަކަށް 35 ބިލިއަން ޑޮލަރު އަދި ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި އިތުރު 71.4 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބޯޑް އޮފް ޕީސްގެ ޕްލޭނުގައި ބަޔާންކޮށްފައި ވެ އެވެ.
މި ޕްލޭން ބިނާވެފައި ވަނީ ހަމާސްގެ ހަތިޔާރު ބެހެއްޓުމުގެ މައްޗަށް ކަމަށް، ބޯޑް އޮފް ޕީސްގެ އިސް އޮފިޝަލް ނިކޮލައި މުއެލްދެނޮފް ވިދާޅުވި އެވެ. ހަތިޔާރު ބެހެއްޓުމަށް ހަމާސްގެ އިތުރުން ޣައްޒާގެ އެހެން މުޖާހިދުންގެ ޖަމާއަތްތަކުން މީގެ ކުރިން އެއްބަސްވެފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެއީ ސުލްހައާއި ސަލާމަތަށް އެޅުނު "ވަރަށް މުހިންމު ބޮޑު ފިޔަވަޅެއް" ގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
"އަޅުގަނޑުމެން ވަކި ކަލަންޑަރަކަށް ބަނދެވިފައި ނުވާކަން ވަރަށް ސާފުކޮށް ބަޔާންކޮށްދޭން ބޭނުން،" މުއެލްދެނޮފް ވިދާޅުވި އެވެ. "އަޅުގަނޑުމެން ބޭނުންވަނީ މިކަން ކާމިޔާބުވާނެކަން ކަށަވަރުކުރަން."
ނިއު ޔޯކުގައި ބޯޑް އޮފް ޕީސްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅޭ ގޮތުން، މި މަސްރަހު ދިރާސާކުރާ ނޫސްވެރިއެއް ކަމަށްވާ ކްރިސްޓިން ސަލޫމީ ބުނީ، ޣައްޒާ ގެ ބިމުގައި "ވަރަށް ކުޑަ ކުރިއެރުމެއް ނޫނީ ހޯދިފައެއް ނުވޭ،" ކަމަށެވެ. އަދި، "މި ބައްދަލުވުމުގައި ބައިވެރިވި މާހިރުންގެ ފަރާތުން އަޑުއިވެމުން ދަނީ ކުރިއަށް އޮތީ ކިހާ ބުރަ ބޮޑު މަސައްކަތެއް ކަމުގެ ވާހަކަ،" ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.
ޣައްޒާގެ ނިކަމެތިން ދިރިއުޅެމުންދާ ހާލަތު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބައިނަލްއަގްވާމީ މުޖުތަމައުން ޖުލައި މަހު ތާއީދުކޮށްފައި ވީނަމަވެސް، "އިސްރާއީލް އިން އެއްގަމު ސިފައިން ބޭލުމަށް ވެފައިވާ ވައުދާ އެއްގޮތަށް އަމަލުކޮށްފައެއް ނުވޭ، އެހެންކަމުން އަލުން އާރާސްތުކުރުމުގެ ހަގީގީ މަސައްކަތް އަދިވެސް ނުފެށޭ،" އޭނާ ބުންޏެވެ.
އިސްރާއީލްގެ ޖަރީމާތައް މެދުކެނޑުމެއްނެތި ކުރިއަށް
ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސް ކައިރީގައި އޮންނަ އަލް-މަވާސީ ސަރަހައްދުގައި ދަތުރުކުރި އުޅަނދަކަށް ބުދަ ދުވަހު އިސްރާއީލު ސިފައިން ވަނީ ޑްރޯން ހަމަލާއެއްދީ، ދެ މީހުން ޝަހީދު ކޮށްލާފަ އެވެ. އެ ހަމަލާގައި ޝަހީދުވީ އުސާމާ އަބޫ ޚާތިރާއި މުޙައްމަދު އަބޫ ޢިލްވާން ކަމަށް ޣައްޒާގެ ސިއްހީ އެހީތެރިން ކަށަވަރު ކޮށްދިނެވެ. އިސްރާއީލުން ބުނީ، ހަމަލާގައި ޝަހީދު ކޮށްލާފައި ވަނީ ހަމާސްގެ އިސް ލީޑަރެއް ކަމަށެވެ.
ޣައްޒާ ސިޓީން ރިޕޯޓުކުރަމުންދާ އަލް ޖަޒީރާގެ ނޫސްވެރިއަކު ބުނީ، "އިސްރާއީލް ގެ މި ހަމަލާތަކާ ގުޅިގެން ހާލަތުދަނީ ގޯހުން ގޯހަށް ބަދަލުވަމުން،" ކަމަށެވެ. އަދި، މި ހަމަލާތައް ދެމުންދަނީ "ހިޔާވަހިކަން ހޯދައިގެން ތިބި ޓެންޓުތަކުން އަމާންކަމާއި ރައްކާތެރިކަން ލިބޭނެ ކަމަށް ޤަބޫލުކޮށްގެން، ގެދޮރު ގެއްލިފައިވާ އެތައް ސަތޭކަ ހާސް ފަލަސްތީނު ރައްޔިތުން ހިމާޔަތް ހޯދި ކޭމްޕްތަކުގެ ކައިރިއަށް ކަމަށާއި، ނަމަވެސް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް ހިންގާ މި އުދުވާންތަކުގެ އަސަރު އެ މީހުންނަށް ކުރަމުންދާ" ކަމަށް ވެސް އޭނާ ބުންޏެވެ.
މެދުތެރޭ ޣައްޒާގެ ދަޔިރު އަލް-ބަލަހީގައި އެހެން އުޅަނދަކަށް ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ ދެ މީހަކު ޝަހީދުކޮށްލާފައިވާއިރު، ޣައްޒާ ސިޓީއަށް ދިން އިތުރު ހަމަލާއެއްގައި އިތުރު މީހަކު ވަނީ ޝަހީދުކޮށްލާފަ އެވެ. މީގެ އިތުރުން، ވޭތުވެދިޔަ ދުވަސްތަކުގައި އިސްރާއީލްގެ ބަޑީގެ ހަމަލާތަކުގައި ލިބުނު ޒަޚަމްތަކަށް ފަރުވާ ހޯދަމުން ދިޔަ ފިރިހެނަކާއި އަންހެނަކު ވަނީ ޝަހީދުވެފަ އެވެ. ޚާން ޔޫނިސްގައި ހިނގި ވަކިވަކި ދެ ހާދިސާއެއްގައި އިސްރާއީލްގެ ބަޑީގެ ހަމަލާތައް އަރައި، ތުއްތު ކުއްޖަކާއި ދުވަސްވީ އަންހެނަކު ވަނީ ޒަޚަމްވެފަ އެވެ.
ޑިޕްލޮމެޓިކް ގޮތުން އިސްރާއީލަށް އޮތް ފާޑުކިޔުންތައް އިތުރުވުން
ޣައްޒާ އަދި އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުން ތަކުރާރުކޮށް ހިންގަމުންދާ ޣައިރުގާނޫނާ ޖަރީމާތަކާ ގުޅިގެން، އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވާ ދުނިޔޭގެ ލީޑަރުންގެ ފާޑުކިޔުންތަކާއި ކުށްވެރިކުރުންތައް ވަނީ އަމާޒުވެފަ އެވެ.
ހުޅަނގު އައްސޭރީގައި ޣައިރުގާނޫނީ ގޮތުގައި ޔަހޫދީން ވަޒަންވެރިކުރުވުމުގެ ސިޔާސަތު މެދުވެރިކޮށް ދެ ދައުލަތުގެ ހައްލަށް އިސްރާއީލުން ހުރަސްއަޅަމުންދާ ކަމަށް ވިދާޅުވެ، އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތާއި ކެނެޑާގެ ވެރިން ވަނީ އަންގާރަ ދުވަހު އިސްރާއީލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި، ޣައްޒާގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ތަކުލީފުތަކަށް ލުޔެއް ހޯދައިދޭންޖެހޭ ކަމަށް ވެސް އެ ލީޑަރުން ވިދާޅުވި އެވެ.
ފަލަސްތީނުގެ މި ބިމުގައި އިސްރާއީލުން ހިންގަމުންދާ އަމަލުތައް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޝް ވެސް ވަނީ ކުށްވެރިކުރައްވާފަ އެވެ. އަދި، "ޣައްޒާގައި އދ. ގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ފުރުސތު އދ. އަށް ދޭންޖެހޭ،" ގުޓެރޭޝް ވިދާޅުވި އެވެ.
މިއާއެކު، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ޤައުމެއްގެ ހައިސިއްޔަތުން ތުރުކީވިލާތުން އެ އެއްބަސްވުމަށް ދެމިއޮތްކަން އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވަނީ ތަކުރާރު ކުރައްވާފަ އެވެ. ސުންނާފަތިކޮށްލާފައިވާ އެ ސަހަރު އަލުން އާރާސްތުކުރުމުގެ މަސައްކަތް "ވީ އެންމެ އަވަހަކަށް" ފެށުމަށް ވެސް އުރުދުޣާން ގޮވާލެއްވި އެވެ.
މަސްދަރު: އަލް ޖަޒީރާ











