ޓްރަމްޕާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން އެމެރިކާގެ ސެނެޓަރަކު ގޮވާލައްވައިފި
22 ސެޕްޓެމްބަރު 2026 | އަންގާރަ 04:52އިސްރާއީލުގެ އިސްވެރިން ހައްޔަރުކުރުމަށް އައިސީސީން ނެރުނު އަމުރާ ގުޅިގެން، އެ ކޯޓުގެ މަސައްކަތްތަކަށް ހުރަސްއެޅުމަށް އެމެރިކާ ސަރުކާރުން ދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ތައްޔާރުވަމުން. މި ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ މާލީ ނިޒާމުން އެ ކޯޓު އެކަހެރިވެދާނެތީ، އެމެރިކާގެ ބައެއް ސެނެޓަރުން ވަނީ ޓްރަމްޕާއި ރޫބިޔޯއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ވިލާތުގެ ގައުމުތަކަށް ގޮވާލައްވާފައި


އެމެރިކާގެ ސެނެޓުގެ މެންބަރު ކްރިސް ވެން ހޮލެން ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ | އަނަދޮލު އޭޖެންސީ
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ (އައިސީސީ) މަސައްކަތްތަކަށް ހުރަސްއެޅުމަށް އެމެރިކާ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން، ރައީސް ޑޮނަލްޑް ޓްރަމްޕާއި ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް، އެމެރިކާގެ ސެނެޓަރު ކްރިސް ވެން ހޮލެން ހޯމަ ދުވަހު ވިލާތުގެ ގައުމުތަކަށާއި އެ ކޯޓުގެ މުއާހަދާގައި ސޮއިކޮށްފައިވާ އެހެން ގައުމުތަކަށް ގޮވާލައްވައިފި އެވެ.
"ވިލާތުގެ ގައުމުތަކާއި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގައި ސޮއިކޮށްފައިވާ އެހެން ގައުމުތަކުގެ ކިބައިގައި އަމިއްލަ ނަފްސަށް އޮންނަންޖެހޭ އިހުތިރާމެއް އޮތް ނަމަ، [އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން] ނަތަންޔާހޫ ހިންގި ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގަށް ހުރަސްއެޅުމުގެ ސަބަބުން ރޫބިޔޯ އަދި ޓްރަމްޕާ ދެކޮޅަށް އެ ފަރާތްތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެން ހޮލެން ވިދާޅުވި އެވެ.
ސެނެޓަރުގެ މި ވާހަކަތައް އައިސްފައި މި ވަނީ، ނަތަންޔާހޫ ހައްޔަރުކުރުމަށް ނެރުނު އަމުރާ ގުޅިގެން އައިސީސީ ބަލިކަށިކޮށްލުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. މި ގޮތުން، އެ ކޯޓާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ޓްރަމްޕްގެ ސަރުކާރުން ތައްޔާރުވަމުންދާ ކަމަށް 'ދި ވޯލް ސްޓްރީޓް ޖާނަލް' އިން ވަނީ ރިޕޯޓުކޮށްފަ އެވެ.
އެމެރިކާގެ އޮފިޝަލުންނާއި ލިޔެކިޔުންތަކާ ހަވާލާދީ އެ ރިޕޯޓުގައި ބުނީ، ހުށަހަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ހައެއް ނުވަތަ ހަތް މަސް ދުވަހުގެ މުހުލަތަކަށް ފަހު އައިސީސީއާއެކު ކުރެވޭ ގިނަ މުއާމަލާތްތައް މަނާކުރާނެ އެވެ. އަދި، މި ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާ ޑޮލަރުން މުއާމަލާތްކުރުމަށް އެ ކޯޓަށް ހުރަސްއެޅި، ދުނިޔޭގެ މާލީ ނިޒާމުގެ ބޮޑު ބަޔަކުން އެ ކޯޓު އެކަހެރިވެގެން ހިނގައިދާނެ ކަމަށެވެ.
އެމެރިކާ ސަރުކާރުން މިހާރު ވެސް ވަނީ އައިސީސީގެ ބައެއް އިސް ވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅާފަ އެވެ. މީގެ ތެރޭގައި އެ ކޯޓުގެ ރައީސް ޓޮމޯކޯ އަކާނޭއާއި ފަނޑިޔާރުންނާއި ޑެޕިއުޓީ ޕްރޮސެކިއުޓަރުންގެ އިތުރުން، ނަތަންޔާހޫ އަދި އިސްރާއީލްގެ އެހެން އޮފިޝަލުންގެ މައްސަލައިގައި ހަރަކާތްތެރިވާ ޕްރޮސެކިއުޓަރު ވެސް ހިމެނެ އެވެ. އަލަށް ހުށަހަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކުރަނީ ހަމައެކަނި ވަކިވަކި އޮފިޝަލުންނަށް ނޫން ކަމަށާއި، ސީދާ އެ ކޯޓާއެކު ކުރެވޭ މުއާމަލާތްތަކަށް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. މުވާސަލާތީ ހިދުމަތްތަކާ ގުޅުންހުރި މުއާމަލާތްތައް މީގެ ތެރެއިން އިސްތިސްނާވާނެ އެވެ.
ޣައްޒާގައި ހިންގަމުންދާ ނަސްލުހާދާއި ގަތުލުއާންމު އަދި އިންސާނިއްޔަތާ ހިލާފު ޖަރީމާތަކުގެ ތުހުމަތުގައި، ނަތަންޔާހޫ އަދި އިސްރާއީލްގެ ކުރީގެ ދިފާއީ ވަޒީރު ޔޮއާވް ގަލަންތު ހައްޔަރުކުރުމުގެ އަމުރު އައިސީސީން ނެރުނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
މަސްދަރު: އަނަދޮލި އޭޖެންސީ











