Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

23 ސެޕްޓެމްބަރު 2026 | ބުދަ 04:26

އީރާނުގެ އެއާލައިންތަކަށް އެހީތެރިވާ ފަރާތްތަކާ ދެކޮޅަށް އެމެރިކާއިން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ނިންމުމާ ގުޅިގެން، އެ ގައުމުގެ ބައިނަލްއަގްވާމީ ވައިގެ އުދުހުންތަކަށް ބޮޑެތި ބުރޫތަކެއް އަރާނެ ކަމަށް ބެލެވޭ. މި ފިޔަވަޅުތަކުގެ ސަބަބުން ޓިކެޓްގެ އަގުތައް އުފުލި ދަތުރުވެރިންނަށް ދަތިތަކާ ކުރިމަތިވާއިރު، މިއީ އީރާނުގެ އިގްތިސާދު އިތުރަށް ބަލިކަށިކޮށްލުމަށް އެމެރިކާއިން ކުރާ މަސައްކަތުގެ ބައެއް. ނަމަވެސް، ޗައިނާއާއި ރަޝިޔާ ފަދަ ގައުމުތަކުން މި ނިންމުމަށް ތަބާނުވާނެ ކަމަށް މާހިރުން ލަފާކުރޭ

ނިއުސް ޓީމް
ނިއުސް ޓީމް | 23 ސެޕްޓެމްބަރު 2026 | ބުދަ 04:26
ފްރެންކްފަރޓުގެ އެއާޕޯޓެއްގައި އީރާން އެއާގެ އެއާބަސް 330-200 މަރުކާގެ މަތިންދާބޯޓެއް ޖައްސަނީ

ފްރެންކްފަރޓުގެ އެއާޕޯޓެއްގައި އީރާން އެއާގެ އެއާބަސް 330-200 މަރުކާގެ މަތިންދާބޯޓެއް ޖައްސަނީ | ގެޓީ އިމޭޖަސް

އީރާނުގެ ވައިގެ އުދުހުންތަކުގެ ޚިދުމަތްދޭ ކުންފުނިތަކަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ ވަރުގަދަ އިންޒާރެއް ދެއްވަމުން، ބުދަ ދުވަހުން ފެށިގެން އެ ގައުމުގެ ހުރިހާ އެއާލައިނެއްގެ ބައިނަލްއަގްވާމީ އޮޕަރޭޝަންތައް އަމަލީ ގޮތުން ހުއްޓުމަކަށް ގެންނާނެކަމަށް އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް ވަނީ އިއުލާނު ކުރައްވާފަ އެވެ. ހޯމަ ދުވަހު ބެސެންޓް ވިދާޅުވީ "ސެޕްޓެމްބަރު 23 ގައި، މުޅި ދުނިޔޭގައި ވެސް އީރާނުގެ ހުރިހާ އެއާލައިނެއް ހުއްޓުމަކަށް ގެނެވޭނެ،" ކަމަށެވެ.

މި ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކުރެވެނީ ހަމައެކަނި އެއާލައިންތަކަށް ނޫން ކަމަށާއި، މިއާއެކު އޮޕަރޭޝަންތަކުގެ މުޅި ޗޭނަށް ވެސް މި ފިޔަވަޅުތައް އަސަރުކުރާނެ ކަމަށް ވިދާޅުވެ އޭނާ ވަނީ އިންޒާރު ދެއްވާފަ އެވެ. ބެސެންޓް ވިދާޅުވީ "އެ ބޯޓުތައް ޖެއްސި ނަމަވެސް، އެ ތަކެއްޗަށް ތެޔޮ ފޯރުކޮށެއް ނުދެވޭނެ، ލޭންޑިންގގެ ޚިދުމަތްތަކެއް ނުދެވޭނެ، އަދި އެ މީހުންނަށް ޓިކެޓެއް ނުވިއްކޭނެ، ނޫންނަމަ ތިޔަބައިމީހުން ޑޮލަރުގެ ނިޒާމުން ބޭރުކޮށްލެވޭނެ،" ކަމަށެވެ.

Advertisement - worldAdvertisement

މި އިއުލާނަކީ، ތެހެރާނުގެ މިހާރު ވެސް ބަލިކަށިވެފައިވާ އިގްތިސާދު އިތުރަށް ހީނަރުކުރުމަށް ޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިއަށްގެންދަވާ 'އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް' އިތުރަށް ހަރުކަށިކުރިކަން ދައްކުވައިދޭ ނިންމުމެކެވެ. މިއާއެކު އުފެދޭ ސުވާލަކީ، އީރާނުގެ އެއާލައިންތައް ގަދަބާރުން ގްރައުންޑް ކުރުމުގެ ނުވަތަ އުދުހުންތައް ކެންސަލް ކުރަން މަޖުބޫރުކުރުމުގެ ބާރު އެމެރިކާއަށް އޮތީ ކިހާވަރަކަށް ހެއްޔެވެ؟ އަދި، މެދުއިރުމަތީގެ އެތައް މިލިއަން ދަތުރުވެރިންނަށް މީގެ ސަބަބުން ކުރާނެ އަސަރީ ކޮބާތޯއެވެ؟

އީރާނުގެ މައި އެއާލައިންތަކުގެ މިއަދުގެ ހާލަތު

އެމެރިކާއިން އެތައް އަހަރެއް ވަންދެން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، އީރާނުގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާ ވަނީ ވަރަށް ބޮޑަށް ބާވެ، ދުނިޔޭގެ މިންގަނޑުތަކަށް ވުރެ ފަހަތަށް ގޮސްފަ އެވެ. ސެޕްޓެންބަރު 8 ވަނަ ދުވަހު، އެމެރިކާއިން ވަނީ އީރާނުގެ 27 އެއާލައިނަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ. އެ ބޯޓުތަކަކީ "ހަތިޔާރާއި، ސިފައިންނާއި، އަދި ޤާނޫނާ ޚިލާފު މުދާ އުފުލުމަށް ސަރުކާރުން ބޭނުންކުރާ،" ވަސީލަތްތަކެއް ކަމަށް ވޮޝިންގޓަނުން ވަނީ ބުނެފަ އެވެ.

އީރާނުން ބޭރުގައި އޮޕަރޭޓްކުރާ މައިގަނޑު އެއާލައިންތަކަކީ މާހާން އެއާ، ސަރުކާރު ހިއްސާވާ އީރާން އެއާ އަދި ޤިޝްމް އެއާ އެވެ. އަދި، ކުދި އެއާލައިންތަކުން ވެސް ސަރަހައްދީ އެކި މަންޒިލްތަކަށް ދަތުރުތައް ބާއްވަ އެވެ.

އިންޒާރެއްގެ ގޮތުން "އީރާނުގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް އެހީތެރިވާ" ބޭރުގެ 36 ކުންފުންޏަކާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅުމާ ގުޅިގެން، އެ ގައުމުގެ އެންމެ މަގްބޫލު އެއާލައިން ކަމަށްވާ މާހާން އެއާއިން ވަނީ ތުރުކީވިލާތުގެ އިސްތަންބޫލާއި އަންކަރާއާ ދެމެދު އަދި ތެހެރާނާއި އޮމާންގެ މަސްގަތާ ދެމެދު ކުރާ ދަތުރުތައް ހުސްވި ހަފުތާގެ ފަހުކޮޅު މެދުކަނޑާލާފަ އެވެ. އީރާންގެ އެއާލައިންތަކަށް އެޅުމަށް ނިންމާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ބުދަ ދުވަހުން ފެށިގެން ތަންފީޒުކުރަން ފަށާނެ ކަމަށް ބެސެންޓް ވިދާޅުވި އެވެ.

އީރާނުގެ އެއާލައިންތަކުގެ ތެރެއިން ބައިނަލްއަގްވާމީ އެންމެ ފުޅާ ނެޓްވޯކެއް އޮންނަނީ މާހާން އެއާގަ އެވެ. މިހާރު ދަތުރުތައް މެދުކަނޑާލާފައިވާ ތުރުކީވިލާތާއި އޮމާންގެ އިތުރުން ޗައިނާ، އިންޑިއާ، އިރާޤު، ޕާކިސްތާން، ތައިލެންޑް އަދި ޔުނަޓެޑް އަރަބް އެމިރޭޓްސްގެ (ޔޫއޭއީ) މަންޒިލްތަކަށް އެ އެއާލައިނުން ދަތުރުކުރެ އެވެ.

ގައުމީ އެއާލައިން ކަމަށްވާ އީރާން އެއާއިން އެއްއިރެއްގައި ވިލާތުގެ ގިނަ ގައުމުތަކަކަށް ދަތުރުކުރި ނަމަވެސް، ދަތިކުރުމުގެ ފިޔަވަޅުތަކާއި، ބޯޓުތަކުގެ ދަތިކަމާއި، އަދި އިސްރާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މިހާރު އެ ނެޓްވޯކް ވަނީ އަމަލީ ގޮތުން ނެތިގޮސްފަ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ އެއާލައިންގެ ބައިނަލްއަގްވާމީ މަންޒިލްތަކުގެ ގޮތުގައި އޮތީ އެންމެ ތިން ތަނެކެވެ: އެއީ، އިރާގުގެ ނަޖަފާއި ބަޣުދާދު، އަދި އިސްތަންބޫލެވެ.

އީރާން އެއާގެ ޗީފް އެގްޒެކެޓިވް ތޯހިރު ޢަބްދުލްހައްޔު ވިދާޅުވީ، އެ ގައުމުގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ކުރިމަތިވެފައިވާ އިޤްތިސާދީ ޕްރެޝަރަކީ "ހަށިގަނޑުގެ އެކި ތަންތަނަށް ފެތުރެމުންދާ ކެންސަރެއް ފަދަ" އެއްޗެއް ކަމަށެވެ. ހަނގުރާމައިގެ ތެރޭގައި އެމެރިކާއިން ދިން ހަމަލާތަކުގައި އެކި އެއާލައިންތަކަށް ނިސްބަތްވާ 30 އެއްހާ މަތިންދާބޯޓަކަށް ގެއްލުން ލިބިފައިވާ ކަމަށް ޢަބްދުލްހައްޔު ފާހަގަކުރެއްވި އެވެ.

ޤިޝްމް އެއާއަކީ ވެސް ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ އެއާލައިނެކެވެ. އެ އެއާލައިނުން ދަތުރުކުރާ ބައިނަލްއަގްވާމީ މަންޒިލްތަކުގެ ތެރޭގައި ތުރުކީވިލާތް، އިރާގު، ޔޫއޭއީ އަދި ޖަރުމަނުވިލާތް ހިމެނެ އެވެ.

އަސަރުކުރާނީ ކޮން ގައުމުތަކާއި އެއާޕޯޓްތަކަކަށް؟

ފެބުރުވަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށި ފަހުން، ބައިނަލްއަގްވާމީ އެއާލައިންތަކުން ވަނީ ތެހެރާނަށް ދަތުރުކުރުމާ ދުރުހެލިވެފަ އެވެ. ނަމަވެސް ބައެއް ވަގުތުތަކުގައި މަދުމަދުން ދަތުރުތައް ބާއްވަ އެވެ.

އީރާނުގެ ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަނުން ބުނީ 2025 ވަނަ އަހަރު 46.2 މިލިއަން ފަސިންޖަރުން އީރާނަށް އެތެރެ އަދި ބޭރުވެފައިވާ ކަމަށާއި، އޭގެ ތެރެއިން 11.2 މިލިއަން މީހުން ދަތުރުކުރީ ބައިނަލްއަގްވާމީ ފްލައިޓްތަކުގައި ކަމަށެވެ. އެ ބައިނަލްއަގްވާމީ ދަތުރުވެރިންގެ ތެރެއިން ގާތްގަނޑަކަށް 7.2 މިލިއަން މީހުން ދަތުރުކުރީ އީރާނުގެ އެއާލައިންތަކުގަ އެވެ. އަދި، ބާކީ މީހުން ދަތުރުކުރީ ބޭރުގެ އެއާލައިންތަކުގަ އެވެ.

ވައިގެ ދަތުރުފަތުރުގެ މަޢުލޫމާތު ދިރާސާކުރާ ކުންފުންޏެއް ކަމަށްވާ ސީރިއަމް އިން ފާހަގަކުރި ގޮތުގައި، މި ހިނގާ ސެޕްޓެންބަރު މަހު އީރާނުން ދަތުރުކުރުމަށް ތާވާލުކޮށްފައިވާ ބައިނަލްއަގްވާމީ ވައިގެ އުދުހުުންތަކުގައި ވިއްކާފައި ވަނީ އެންމެ 70,000 ސީޓެވެ.

2025 ވަނަ އަހަރާ އަޅާބަލާއިރު، އޮގަސްޓް މަހު އީރާނުގެ ބައިނަލްއަގްވާމީ ދަތުރުތަކުގެ ޖާގަ ވަނީ 49 އިންސައްތަ ދަށަށް ގޮސްފަ އެވެ. މީގެ މައިގަނޑު ސަބަބަކީ ފްލައިދުބާއީ އަދި ޓާކިޝް އެއާލައިންސް ފަދަ ކުންފުނިތަކުގެ ދަތުރުތައް މުޅިން ހުއްޓިފައިވުމެވެ. މިދިޔަ އަހަރު އެ ދެ އެއާލައިނުން އެކަނި ވެސް ހަފުތާއަކު 20,000 މީހުން ދަތުރުކޮށްފައިވެ އެވެ.

މިހެންކަމުން، އެންމެ ސީދާ އަސަރެއް ކުރާނީ އީރާނުގެ އެއާލައިންތައް ދަތުރުކުރާ ބޭރުގެ އެއާޕޯޓްތަކަށެވެ. ޚާއްސަކޮށް އިސްތަންބޫލް، ނަޖަފް، ބަޣުދާދު، ދުބާއީ، ނިއު ދެއްލީ، ލާހޯރު، ބެއިޖިންގ، ޝަންހާއީ، ގުއާންގްޒޫ، ޝެންޒެން އަދި ފުކެޓް ހިމެނޭނެ އެވެ.

މި އަސަރުތައް ހަމައެކަނި އެ އެއާޕޯޓްތަކަށް ހަނިވެގެން ނުދާނެ އެވެ. އަދި، ތެޔޮ އެޅުމާއި، ޓްރާންސިޓްވުމާއި، ގްރައުންޑް ހޭންޑްލިންގ އަދި ޓިކެޓް ވިއްކުމުގެ އިންތިޒާމުތަކަށް އީރާނުގެ އެއާލައިންތަކުން ބަރޯސާވާ ހުރިހާ ދާއިރާއަކަށް ވެސް މީގެ އަސަރު ފޯރާނެ އެވެ.

އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް، 2026 ޖުލައި 30 ގައި ވޮޝިންގޓަން ޑީސީގައި ހުންނަ ވައިޓް ހައުސްގެ ބޭރުގައި މީޑިއާތަކާ ވާހަކަދައްކަވަނީ

އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް، 2026 ޖުލައި 30 ގައި ވޮޝިންގޓަން ޑީސީގައި ހުންނަ ވައިޓް ހައުސްގެ ބޭރުގައި މީޑިއާތަކާ ވާހަކަދައްކަވަނީ | ގެޓީ އިމޭޖަސް

އީރާނުގެ އެއާލައިންތަކަށް ބޭރު ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމުގެ ބާރު އެމެރިކާއަށް ލިބިގެން ނުވާތީ، އެ އެއާލައިންތަކުގެ އޮޕަރޭޝަންތަކަށް އެހީތެރިވާ ފަރާތްތަކަށް އަދަބު ދިނުމަކީ ތެހެރާނުގެ ނިކަމެތިވެފައިވާ މި ދާއިރާއަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

އެހެން ގައުމުތަކުން އެމެރިކާގެ އިންޒާރުތަކަށް ބޯލަނބާނެތަ؟

ސްޓްރެޓީޖިކް އެއިރޯ ރިސާޗް ކުންފުނީގެ ޗީފް އެނަލިސްޓް ސާޖް އަޙްމަދު ވިދާޅުވީ، އީރާނުން އިރާގަށް ކުރާ ފަތުރުވެރިކަމާއި ދަތުރުފަތުރަކީ ދެ ޤައުމަށް ވެސް މުހިންމު ކަމެއް ކަމަށެވެ. އަދި، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް ބަލާއިރު، "އިރާގުން އެމެރިކާގެ ކިބައިން އިސްތިސްނާއަކަށް އެދޭނެ، ސަބަބަކީ ފަތުރުވެރިކަމާއި ހޮޓާތަކުގައި ތިބުމުގެ ގޮތުން އެ ގައުމުގެ އިޤްތިސާދަށް މީގެ ސަބަބުން ބޮޑު އާމްދަނީއެއް ލިބޭތީ،" އަޙްމަދު ވިދާޅުވި އެވެ.

މީގެ އިތުރުން "އީރާނާއެކު ބޮޑު ބޯޑަރެއް ހިއްސާކުރާ ޕާކިސްތާނުން ވެސް، ދެ ގައުމުގެ ވިޔަފާރިއާއި ސަގާފީ ގުޅުންތަކަށް ބަލާއިރު، އެމެރިކާގެ އެދުންތަކަށް ދޫދޭނެ ކަމަކަށް ނުބެލެވޭ،" ކަމަށް އޭނާ ވިދާޅުވިއެވެ. "ރަޝިޔާ ފަދައިން ޗައިނާއިން ވެސް އީރާނަށް ސިޔާސީ އަދި އިޤްތިސާދީ އެހީތެރިކަން ފޯރުކޮށްދޭއިރު، އެމެރިކާއިން ކުރާ ކޮންމެ ޑިމާންޑަކާމެދު ވެސް ޗައިނާއިން ޖެހިލުންވާނެ. އެ ދެ ގައުމުން އެމެރިކާގެ ޑިމާންޑްތަކަށް މައިގަނޑު ގޮތެއްގައި ބޮލެއް ނުލަނބާނެ."

ބެއިޖިންގއިން ވަނީ އެމެރިކާގެ ފިޔަވަޅުތަކަކީ "ޣައިރުގާނޫނީ" ފިޔަވަޅުތަކެއް ކަމަށް ބުނެފަ އެވެ. ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ގުއޯ ޖައިކުން އަންގާރަ ދުވަހު ވިދާޅުވީ "ބައިނަލްއަގްވާމީ ޤާނޫނުގެ އެއްވެސް އަސާސެއް ނެތް ނުވަތަ އދ. ގެ ސަލާމަތީ މަޖިލީހުގެ ހުއްދައެއް ނެތް ޣައިރުގާނޫނީ ދަތިކުރުމުގެ ފިޔަވަޅުތަކާ ޗައިނާއިން އަބަދުވެސް ދެކޮޅުހަދާނެ،" ކަމަށެވެ.

ތުރުކީވިލާތުން ވެސް "އޮތް އިޤްތިސާދީ އަދި ފަތުރުވެރިކަމުގެ ވިޔަފާރީގެ ސަބަބުން އީރާނުގެ އެއާލައިންތަކާއި ޚިދުމަތްތައް މަނާކުރުމަށް ކުރާ ޑިމާންޑްތަކާ ދެކޮޅުހަދާނެ ކަމަށް ބެލެވޭ" ކަމަށާއި، މީގެ ސަބަބުން "ފަރުދާގެ ފުރަގަހުގައި ދެކޮޅުވެރިކަން އުފެދިގެންދާނެ" ކަމަށް އަޙްމަދު ފާހަގަކުރެއްވި އެވެ. "އީރާނާއެކު އޮތް ވިޔަފާރި ހުއްޓާލާފައިވާ ކަމަށް ޔޫއޭއީން ދާދިފަހުން ބުނެފައިވާތީ، އެ ގައުމުން އެމެރިކާގެ ނިންމުމަށް ތަބާވުމަށް އިޚްތިޔާރު ކޮށްފާނެ،" އެނަލިސްޓް ވިދާޅުވި އެވެ.

މި ހާލަތުގައި އީރާނުން ވެސް ހިމޭނުން ނޯންނާނެ ކަމަށް ތަޖުރިބާކާރުން ވަނީ އިންޒާރު ދެއްވާފަ އެވެ. މި ގޮތުން އެންމެ ފުރަތަމަ ކަމަކަށް ތެހެރާނުން ބޭރުގެ އެއާލައިންތަކަށް އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފާނެ ކަމަށް ބެލެވޭ ކަމުގައި މާހިރުން ވިދާޅުވެ އެވެ.

ހަނގުރާމަ ފެށުނީއްސުރެ ބޭރުގެ ގިނަ އެއާލައިންތަކުން އީރާންގެ ވައިގެ ސަރަހައްދު ބޭނުންކުރުން ހުއްޓާލާފައިވީ ނަމަވެސް، ފްލައިދުބާއީ ފަދަ މަދު އެއާލައިނަކުން ދަތުރުގެ ވަގުތު ކުޑަކުރުމަށް ޓަކައި އީރާނުގެ އިރުމަތީ ވައިގެ ސަރަހައްދުގެ ބައެއް ބޭނުންކުރަން ވަނީ ފަށާފަ އެވެ.

އީރާނުގެ ދަތުރުވެރިންނަށް ކުރާނެ އަސަރު

އީރާނާއި އެމެރިކާއަށް ނިސްބަތްވާ އިގްތިސާދީ މާހިރެއް ކަމަށްވާ ނާދިރު ޙަބީބީ ވިދާޅުވީ، "އީރާނަށް ދާ ނުވަތަ އެ ގައުމުން އަންނަ ފްލައިޓްތަކަށް ޚިދުމަތްދޭ ކޮންމެ އެއާޕޯޓަކަށް އިންޒާރު އޮތުމުން، އެމެރިކާގެ އާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ވަރަށް ފުޅާ ފިޔަވަޅުތަކެއް،" ކަމަށެވެ. މި ފިޔަވަޅުތަކުގެ ސަބަބުން "ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ގިނަ އޮޕަރޭޝަންތަކަށް" އަސަރުކޮށްފާނެ ކަމަށް ޙަބީބީ ވިދާޅުވި އެވެ.

އަދި، މި ކަމާ ދެކޮޅުހަދާނީ ހަމައެކަނި ޗައިނާއާއި ރަޝިޔާއިން ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އެއާލައިންތަކުގެ [ވައިގެ ދަތުރުފަތުރުގެ] އަގުތައް މިހާރު ވެސް އަންނަނީ އުފުލެމުން، އަދި ވޭތުވެދިޔަ ދެތިން ހަފުތާގެ ތެރޭގައި އިތުރުވި މިންވަރު ވަރަށް ބޮޑު،" ބައެއް ހާލަތްތަކުގައި އަގުތައް 100 އިންސައްތައަށް އުފުލިފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.

"ފަހަކަށް އައިސް އީރާނުގެ އިގްތިސާދަށް ކުރިމަތިވެފައިވާ ބޮޑު ހީނަރުކަމާއި، އީރާނުގެ ފައިސާގެ އަގު ވެއްޓުމުގެ ސަބަބުން ފާއިތުވި މަސްތަކުގައި ގޭބިސީތަކުގެ އާމްދަނީ 30 އިންސައްތައާ ހަމައަށް ދަށަށް ގޮސްފައިވާއިރު، އަގުތައް މި ގޮތަށް ހަލުވިކަމާއެކު އުފުލުމަކީ ގިނަ ދަތުރުވެރިންނަށް އުފުލަންޖެހޭނެ ބޮޑު ބުރައެއް،" ޙަބީބީ ވިދާޅުވި އެވެ.

ސްޓްރެޓީޖިކް އެއިރޯ ރިސާޗްގެ އަޙްމަދު ފާހަގަކުރެއްވި ގޮތުގައި، އީރާނުގެ އެއާލައިންތަކަށް ބަލާއިރު "ޚަރަދުތައް ބޮޑުވުމުގެ ސަބަބުން ޓިކެޓްގެ އަގުތައް އުފުލޭނެ ކަމަށް ބެލެވޭ، މިއީ ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ މައްޗަށް ނުވަތަ އެ ޚަރަދުތައް އެއާލައިންތަކަށް އަމިއްލައަށް ކެތްކުރެވޭ މިންވަރެއްގެ މައްޗަށް ބިނާވާނެ ކަމެއް،" ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި އީރާނުގެ ގިނަ ދަތުރުވެރިންނަކީ މިހާރު ވެސް "ބޭރުގެ އެތައް އެއާލައިނެއް ބޭނުންކުރުމަށް އަހުލުވެރިވެފައިވާ" ބައެކެވެ. އަދި، އީރާނަށް ދަތުރުކުރާ ބޭރުގެ އެއާލައިންތަކަށް ވެސް ފިޔަވަޅު އަޅާނެކަން ސީދާ ސާފުވެފައެއް ނުވެ އެވެ.

ލުބުނާނުގައި ހުންނަވާ އޭވިއޭޝަން ކޮންސަލްޓަންޓެއް ކަމަށްވާ މާޒިން ސައްމާކް ދެކެވަޑައިގަންނަވާ ގޮތުގައި މިއީ މުޅި މަސްރަހު ބަދަލުކޮށްލާނެ ފަދަ މުހިންމު ސުވާލެކެވެ. "ޑިމާންޑް މަތިވެގެންދާނެ، އަދި ބޭރުގެ މި އެއާލައިންތަކުގެ އަގުތައް ވެސް އުފުލޭނެ، ނަމަވެސް، މިއީ ދަތިކުރުމުގެ ފިޔަވަޅުތަކުން ލިބޭނެ ލުޔަކަށް ވާނެ،" ސައްމާކް ވިދާޅުވި އެވެ. "އެ ނޫން ގޮތަކަށް ވެއްޖެނަމަ މުޅި ވާހަކަ މުޅިން ބަދަލުވެގެންދާނެ."

ދަތިތައް ބޮޑުވަމުންދާ ވަރަކަށް، އީރާނުގެ ރައްޔިތުން ތަބީއީ ގޮތުން ވެސް ބަދަލުގައި ގޮތްތަކެއް ހޯދާނެ ކަމަށް ސައްމާކް ވިދާޅުވި އެވެ. "ދަތުރުފަތުރު ހުއްޓައެއް ނުލެވޭނެ، އެހެންކަމުން އެ މީހުން [އީރާނުގެ ރައްޔިތުން] ދަތުރުކުރާނީ ކަނޑުމަގުން ނުވަތަ އެއްގަމުމަގުން [އަވަށްޓެރި ގައުމުތައް ކަމަށްވާ] ތުރުކީވިލާތް، އިރާގު، އަރްމީނިއާ ނުވަތަ ޕާކިސްތާނަށް، އެ މީހުންގެ ބޭނުންތަކަށް ބަލައިގެން،" އޭނާ ވިދާޅުވި އެވެ.

ސައްމާކް ވިދާޅުވީ "ނަމަވެސް މައި ހަބްތަކަށާއި ގުޅުވައިދޭ ދަތުރުތަކަށް ބަދަލުވުމުން ޚަރަދު ވަރަށް ބޮޑަށް އުފުލިގެންދާނެ، އަދި ދަތިތައް އިތުރުވާނެ،" ކަމަށެވެ. އަދި، މި ހަމަނުޖެހުމުގެ ފައިދާ އިސްތަންބޫލް، ދޯހާ، މަސްގަތު އަދި ދުބާއީ ފަދަ ސަރަހައްދީ މައި މަރުކަޒުތަކަށް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި ދަނޑިވަޅުގައި، އީރާނުގެ އެއާލައިންތަކަށާއި އެއާޕޯޓްތަކަށް ހުރި ފުރުސަތުތައް އެއްކޮށް ގެއްލިގެން ހިނގައިދާނެ އެވެ.

މިހާރު ވެސް ބާ މަތިންދާބޯޓުތަކެއް ބޭނުންކުރަމުންދާ އީރާނުގެ އެއާލައިންތަކަށް، މިހާރު ހުރި ބޯޓުތައް މަރާމާތުކޮށް ބެލެހެއްޓުން އިތުރަށް އުނދަގޫވާނެ އެވެ. އަޙްމަދު ވިދާޅުވީ، މި ފަދަ ބުރޫއެރުންތަކުގެ ސަބަބުން އީރާނުގައި އޮޕަރޭޓްކުރާ ބޯޓުތަކުގެ ތިންބައިކުޅަ އެއްބައި ވަގުތުން އުދުހުން ހުއްޓާލަން ޖެހިދާނެ ކަމަށެވެ.

'ޑޮލަރުގެ ނިޒާމުން ބޭރުކޮށްލުމުގެ' މާނައަކީ ކޮބާ؟

ބެސެންޓް ދެއްވި އެންމެ ފަހުގެ ބަޔާނުގައި އިންޒާރު ދެއްވީ، އެއްވެސް އޮޕަރޭޝަނެއް މެދުވެރިކޮށް އީރާނުގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް އެހީތެރިވާ ކޮންމެ ކުންފުންޏެއް ވެސް "ޑޮލަރުގެ ނިޒާމުން ބޭރުކޮށްލެވޭނެ" ކަމަށެވެ. ސާދާ އިބާރާތުން ބުނާނަމަ، މީގެ މާނައަކީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އީރާނުގެ އެއާލައިންތަކަށް އެހީތެރިވާ ކޮންމެ ކުންފުންޏަކަށް ވެސް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހިދާނެ ކަމެވެ.

މި ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާގެ މާލީ ނިޒާމަށާއި ޑޮލަރުގެ މުއާމަލާތްތަކަށް އެ ފަރާތްތަކަށް އޮންނަ ފުރުސަތު ހަނިވެގެންދާނެ އެވެ. މި ކުންފުނިތަކުގެ ތެރޭގައި އެއާޕޯޓް އޮޕަރޭޓަރުންނާއި، ތެޔޮ ފޯރުކޮށްދޭ ފަރާތްތަކާއި، ގްރައުންޑް ހޭންޑްލިންގ ކުންފުނިތަކާއި ޓިކެޓް ވިއްކާ ކުންފުނިތައް ހިމެނިދާނެ އެވެ. މި ގޮތުން، ބައިނަލްއަގްވާމީ ވިޔަފާރީގެ މައިބަދަ ކަމުގައިވާ އެމެރިކާގެ މާލީ ނިޒާމަށް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ވަނުމުގެ ފުރުސަތު ވޮޝިންގޓަންއަށް ހަނިކުރެވިދާނެ އެވެ.

މިއީ ތެހެރާނާ ދެކޮޅަށް އެތައް އަހަރެއް ވަންދެން އަޅަމުން އަންނަ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅުވައިގެން އަޅާ އާ ފިޔަވަޅުތަކެކެވެ. މީގެ ކުރިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިރާނުގެ ފައިސާގެ އަގު ވެއްޓި، ކާބޯތަކެއްޗާއި ބޭހުގެ އަގުތައް އިންތިހާއަށް އުފުލި، އެ ގައުމުގެ ރައްޔިތުން ވަނީ އިތުރަށް ފަގީރުވެފަ އެވެ.

މީގެ އިތުރުން، ބޭންކް ޓްރާންސްފާތައް ހުއްޓުވުމާއި ސޮފްޓްވެއާތަކާއި ކްލައުޑް ޚިދުމަތްތައް އަދި އެކި ޕްލެޓްފޯމްތައް ބޭނުންކުރުން ހަނިކޮށް ޑިޖިޓަލް ގޮތުން އެކަހެރިކޮށްލުމުގެ ސަބަބުން އީރާނުގެ ރައްޔިތުން ވަނީ މާލީ ގޮތުން އެކަހެރިވެފަ އެވެ. އަދި، އީރާނަކީ މައިގަނޑު އަމާޒަކަށް ހަދައިގެން އެމެރިކާއިން އަޅާފައިވާ ދަތުރުފަތުރުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެތައް ބައެއްގެ އުއްމީދުތައް ވަނީ ފުނޑުފުނޑުވެފަ އެވެ.

މި މަހު، ޓްރަމްޕްގެ ސަރުކާރުން ވަނީ އާންމު ދިރިއުޅުމަށް އަސަރުކުރާ މުހިންމު ފަސް އިގްތިސާދީ ދާއިރާއަކަށް ސެކަންޑަރީ ދަތިކުރުމުގެ ފިޔަވަޅުތައް ފުޅާކޮށްފަ އެވެ. އެއީ ޑިޖިޓަލް އެސެޓްތަކާއި، ރަން، ކަނޑު ދަތުރުފަތުރު، ޓެކްނޮލޮޖީ އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާ އެވެ. މި ދާއިރާތައް އިތުރުކޮށްފައި ވަނީ މާލީ ދާއިރާއާއި، އިމާރާތްކުރުމާއި، އަދި އުފެއްދުންތެރިކަމުގެ ދާއިރާތައް ހިމެނޭ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ލިސްޓަށެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާންއެމެރިކާސްކޮޓް ބެސެންޓްޑޮނަލްޑް ޓްރަމްޕްއިސްތަންބޫލްޗައިނާ

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

3

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

4

ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަދި ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ

5

އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2026

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

22 ސެޕްޓެމްބަރު 2026
އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި
22 ސެޕްޓެމްބަރު 2026

ދެކުނު ކޮރެޔާގެ ރައީސް ގޮވާލެއްވީ އުތުރު ކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށްދޭން

22 ސެޕްޓެމްބަރު 2026
ދެކުނު ކޮރެޔާގެ ރައީސް ގޮވާލެއްވީ އުތުރު ކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށްދޭން
22 ސެޕްޓެމްބަރު 2026

އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ: އެޖެންޑާއި އޮތް އެންމެ ބޮޑު މައްސަަލައަކީ ކޮބާ؟

22 ސެޕްޓެމްބަރު 2026
އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ: އެޖެންޑާއި އޮތް އެންމެ ބޮޑު މައްސަަލައަކީ ކޮބާ؟
22 ސެޕްޓެމްބަރު 2026

ޓްރަމްޕާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން އެމެރިކާގެ ސެނެޓަރަކު ގޮވާލައްވައިފި

22 ސެޕްޓެމްބަރު 2026
ޓްރަމްޕާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން އެމެރިކާގެ ސެނެޓަރަކު ގޮވާލައްވައިފި
22 ސެޕްޓެމްބަރު 2026

ރަޝިޔާގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލާނެ ޝަރުތުތައް ޒެލެންސްކީ ހާމަކުރައްވައިފި

22 ސެޕްޓެމްބަރު 2026
ރަޝިޔާގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލާނެ ޝަރުތުތައް ޒެލެންސްކީ ހާމަކުރައްވައިފި
21 ސެޕްޓެމްބަރު 2026

އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން

21 ސެޕްޓެމްބަރު 2026
އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން
21 ސެޕްޓެމްބަރު 2026

މަޝްވަރާތަކަށް އެނބުރި އައުމުގެ "ދޮރު އީރާނަށް ހުޅުވިފައި": އެމެރިކާ

21 ސެޕްޓެމްބަރު 2026
މަޝްވަރާތަކަށް އެނބުރި އައުމުގެ "ދޮރު އީރާނަށް ހުޅުވިފައި": އެމެރިކާ
21 ސެޕްޓެމްބަރު 2026

އިރާނުން އެމެރިކާގެ އެމް.ކިއު-1 މަރުކާގެ ޑްރޯންއެއް އަނެއްކާވެސް ވައްޓާލައިފި

21 ސެޕްޓެމްބަރު 2026
އިރާނުން އެމެރިކާގެ އެމް.ކިއު-1 މަރުކާގެ ޑްރޯންއެއް އަނެއްކާވެސް ވައްޓާލައިފި
21 ސެޕްޓެމްބަރު 2026

ހޫޘީންނަށް ރައްދު ދޭނެ ސާފު ރޭވުމެއް ސައޫދީއާއި އެމެރިކާގެ ނެތް، ހާލަތު އިތުރަށް ގޯސްވެދާނެ!

21 ސެޕްޓެމްބަރު 2026
ހޫޘީންނަށް ރައްދު ދޭނެ ސާފު ރޭވުމެއް ސައޫދީއާއި އެމެރިކާގެ ނެތް، ހާލަތު އިތުރަށް ގޯސްވެދާނެ!
21 ސެޕްޓެމްބަރު 2026

ގަލްފުގެ ގައުމުތަކާއި އީރާން ގުޅުވައިދޭ ސަލާމަތީ އޮނިގަނޑެއް ގާއިމުކުރަން ޖެހޭ: ގަތަރުގެ ބޮޑުވަޒީރު

21 ސެޕްޓެމްބަރު 2026
ގަލްފުގެ ގައުމުތަކާއި އީރާން ގުޅުވައިދޭ ސަލާމަތީ އޮނިގަނޑެއް ގާއިމުކުރަން ޖެހޭ: ގަތަރުގެ ބޮޑުވަޒީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް