ރަޝިޔާގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލާނެ ޝަރުތުތައް ޒެލެންސްކީ ހާމަކުރައްވައިފި
22 ސެޕްޓެމްބަރު 2026 | އަންގާރަ 04:43ޔޫކްރެއިނުގެ ހަކަތައާއި ކާބޯތަކެތި ބޭރުކުރާ ނިޒާމުތަކަށް ރަޝިޔާއިން ދޭ ހަމަލާތައް ހުއްޓާލައިފި ނަމަ، ރަޝިޔާގެ ތެޔޮ ސާފުކުރާ ކާރުހާނާތަކަށް ހަމަލާދިނުން ހުއްޓާލުމަށް ތައްޔާރަށް ހުރި ކަމަށް ރައީސް ޒެލެންސްކީ ވިދާޅުވި. މި މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ މަޝްވަރާކުރައްވާފައިވާއިރު، އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ބައިނަލްއަގުވާމީ ބައިވެރިންނާއެކު މިކަމަށް ހައްލެއް ހޯދުމަށް ޔޫކްރެއިނުން ދަނީ މަސައްކަތް ކުރަމުން

ދުރު-ރާސްތާ ހަތިޔާރު ބޭނުންކޮށްގެން ޔޫކްރެއިންގެ ފައުޖުތަކުން ރަޝިޔާގެ ހަކަތައިގެ ސިނާއަތުގެ ބިނާރަށް ދީފައިވާ ހަަމަލާތަކާ ގުޅިގެން ލިބިފައިވާ ގެއްލުންތަކުގެ ތެރެއިން ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ޝާއިއުކުރައްވާފައިވާ ވީޑިއޯތަަކެއް | އެކްސް/ޒެލެންސްކީ
ރަޝިޔާގެ ހަކަތައާ ބެހޭ އުމްރާނީ ވަސީލަތްތަކަށް ދޭ ހަމަލާތައް ހުއްޓާލުމަށް ކީވްއިން ޝަރުތުކުރާ ކަންކަން، ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމިއާ ޒެލެންސްކީ ހޯމަ ދުވަހު ތަފުސީލުކޮށްދެއްވައިފި އެވެ. ރަޝިޔާއިން ޔޫކްރެއިނުގެ ހަކަތައިގެ ދާއިރާއަށާއި މުހިންމު އުމްރާނީ ވަސީލަތްތަކުގެ އިތުރުން ކާބޯތަކެތި ބޭރުކުރާ ނިޒާމުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް ހުއްޓާލައިފި ނަމަ، ރަޝިޔާގެ ހަކަތައިގެ މަރުކަޒުތަކަށް ދޭ ހަމަލާތައް ހުއްޓާލުމަށް ޔޫކްރެއިން ތައްޔާރަށް އޮތް ކަމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވި އެވެ.
"ޔޫކްރެއިނުގެ ހަކަތައިގެ ދާއިރާއަށާއި މުހިންމު އުމްރާނީ ވަސީލަތްތަކުގެ އިތުރުން އަޅުގަނޑުމެން ކާބޯތަކެތި ބޭރުކުރާ ނިޒާމުތަކަކީ ރަޝިޔާއިން އަމާޒުފަތްގަނޑަކަށް ހަދާ ތަންތަން ކަމުގައި ވުން ނިމުމަކަށް އަންނަންޖެހޭނެ. އަދި، މި ކަމުގެ ސަބަބުން އަޅުގަނޑުމެންގެ ފަރާތުން ވެސް އެއާ އެއްވަރުގެ ނުތަނަވަސްކަން ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް މަގުފަހިވާނެ،" ޒެލެންސްކީ ވިދާޅުވި އެވެ.
ނިއު ޔޯކުގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި، އެމެރިކާއާއި އެހެނިހެން ބައިވެރިންނާއެކު މި މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކީވް އޮތީ ތައްޔާރަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. މިއާއެކު، ސުލްހަ ގާއިމުކުރުމުގެ މަސައްކަތް އަވަސްކުރުމަށް ޓަކައި ހުށަހެޅިފައިވާ ހިޔާލުތަކާ އެކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އެމެރިކާ ސަރުކާރާ ދެމެދު މިހާރު ވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށް ޔޫކްރެއިނުގެ ރައީސް ހާމަކުރެއްވި އެވެ.
"ހައްލު ހޯދިދާނެ. މި ކަމުގައި މަސައްކަތް ކުރުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް. އަދި، ނިއު ޔޯކުގައި ބާއްވާ އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި އަޅުގަނޑުމެންގެ ބައިވެރިންނާއެކު މި ކަމާ މަޝްވަރާކުރާނަން،" ޒެލެންސްކީ ވިދާޅުވި އެވެ. އޭނާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މި ވަނީ، ސެޕްޓެމްބަރު 20 ގައި ފޯނުން ކުރެއްވި މަޝްވަރާތަކުގައި، ރަޝިޔާގެ ތެޔޮ ސާފުކުރާ ކާރުހާނާތަކަށް ޔޫކްރެއިނުން ދޭ ހަމަލާތަކުގެ މައްސަލަ ޓްރަމްޕް ތަކުރާރުކޮށް ފާހަގަކުރެއްވި ކަމަށް އެކްސިއޯއޮސް ނޫހަށް މައުލޫމާތުދިން އެމެރިކާ ސަރުކާރުގެ އޮފިޝަލަކު ހާމަކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
އދ. ގެ އާންމު މަޖިލީހުގެ ތެރެއިން ނިއު ޔޯކުގައި ބައްދަލުކުރެއްވުމަށް ޒެލެންސްކީ އަދި ޓްރަމްޕް ވަނީ އެއްބަސްވެވަޑައިގެންފަ އެވެ. އަދި، މި ބައްދަލުވުމުގެ ސަބަބުން މި ހަނގުރާމަ ހައްލުކުރުމަށް ކުރެވެމުންދާ ޑިޕްލޮމެޓިކް މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











