ހުޅަނގު އައްސޭރީގެ ދެ ޗެކްޕޮއިންޓެއް ބަންދުކޮށް، 100 އަށް ވުރެ ގިނަ މުދައްރިސުންނަށް ހުރަސްއަޅައިފި
20 ސެޕްޓެމްބަރު 2026 | އާދީއްތަ 09:36އިސްރާއީލުން ހުޅަނގު އައްސޭރީގެ އަލްމުޣައްޔިރު އަވަށަށް ވަދެގަނެ، މައި މަގުތައް ބަންދުކޮށް ގިނަ ބަޔަކު ހައްޔަރުކުރުމާ ގުޅިގެން ދަރިވަރުންނާއި މުވައްޒަފުންނަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއްޖެ. ޣައްޒާ ގަތުލުއާންމާއެކު ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގާ އަސްކަރީ ޖަރީމާތަކާއި ވަޒަންވެރިންގެ ހަމަލާތައް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި


ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިން އަޅާފައިވާ ޗެކްޕޮއިންޓެއް ހުރަސްކޮށް ފަލަސްތީނުގެ އަންހެނަކު ހިނގާފައި ދަނީ | އަނަދޮލު އޭޖެންސީ
އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގެ އުތުރުގައިވާ ދެ ޗެކްޕޮއިންޓެއް އިސްރާއީލްގެ އަސްކަރިއްޔާއިން ބަންދުކުރުމާ ގުޅިގެން، ފަލަސްތީނުގެ 100 އަށް ވުރެ ގިނަ މުދައްރިސުންނަށް މަދަރުސާތަކަށް ނުދެވި ހުރަސްއެޅިފައިވާ ކަމަށް ފަލަސްތީނުގެ ތަޢުލީމީ ދާއިރާގެ އޮފިޝަލުން ހާމަކޮށްފި އެވެ.
އުތުރު އުރުދުން ވާދީގައި ހުންނަ ތަޔާސީރު އަދި ޢައިން ޝިބްލީ ޗެކްޕޮއިންޓް އަސްކަރިއްޔާއިން ބަންދުކުރުމާ ގުޅިގެން 104 މުދައްރިސަކަށް މަދަރުސާތަކަށް ދިއުމަށް ހުރަސްއެޅިފައިވާ ކަމަށް، ތޫބާސް ގަވަރުނަރޭޓުގެ ތަޢުލީމާ ބެހޭ ޑިރެކްޓަރު ޢަޒްމީ ބަލާވްނާ ވިދާޅުވި އެވެ. މި ޗެކްޕޮއިންޓްތައް ބަންދުކުރުމުގެ ސަބަބުން ހަ މަދަރުސާއަކާއި ކިންޑަރގާޓަންއެއްގެ ކިޔެވުމަށް ބުރޫއަރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މި ތަންތަނުގައި ގާތްގަނޑަކަށް 1،100 ދަރިވަރުން ތައުލީމު ހާސިލުކުރަމުންދެ އެވެ. އިސްރާއީލްގެ އަސްކަރިއްޔާއިން މި ދެ ޗެކްޕޮއިންޓް ބަންދުކޮށްފައި ވަނީ، އިސްތިއުމާރު ކޮށްފައިވާ މުޅި ހުޅަނގު އައްސޭރީގައި އަސްކަރީ ހަރަކާތްތައް ފުޅާކުރުަމަށް ހިންގަމުންދާ ޖަރީމާތަކުގެ ބައެއްގެ ގޮތުގަ އެވެ.
މީގެ އިތުރުން، ހުޅަނގު އައްސޭރީގެ މެދުތެރޭގައި އޮންނަ ރާމަﷲގެ އިރުމަތީގައިވާ އަލްމުޣައްޔިރު އަވަށަށް އިސްރާއީލް ސިފައިން ވަދެގަނެ، އެ އަވަށަށް ވަންނަ މައި މަގު ވަނީ ބަންދުކޮށްފަ އެވެ. އަދި، އެ އަވަށުން ފަލަސްޠީނުގެ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ސަރަހައްދުގެ މަސްދަރުތަކުން ބުނެ އެވެ. އެ މަސްދަރުތަކުން އަނަދޮލު ނޫސް އޭޖެންސީއަށް މަޢުލޫމާތު ދެމުން ބުނީ، އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އިސްރާއީލްގެ ބޮޑު އަސްކަރީ ފައުޖަކުން އެ އަވަށަށް ވަދެގަތް ކަމަށެވެ. އަދި، ޚާއްސަ ސިފައިންގެ ޔުނިޓްތަކާއި އަސްކަރީ އުޅަނދުފަހަރުގެ އިތުރުން ޑްރޯން ބޭނުންކޮށްގެން، އަވަށުގެ އެކި ސަރަހައްދުތަކަށް ސިފައިން ފަތުރާލައި ފަލަސްޠީނު ރައްޔިތުންގެ ގެތައް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
އެ އަވަށަށް ވަންނަ މައި މަގު ބަންދުކުރުމުގެ ސަބަބުން ދަރިވަރުން ސްކޫލަށް ދިއުމަށް ބުރޫއެޅި ކަމަށް އެ މަސްދަރުތަކުން ވަނީ ބުނެފަ އެވެ. އަދި، މަސައްކަތްތެރިންނާއި މުވައްޒަފުންނަށް އެ މީހުންގެ ވަޒީފާތަކަށް ދިއުމަށް ވެސް ވަނީ ހުރަސްއެޅިފަ އެވެ. އެ ސަރަހައްދުގައި ފަލަސްތީނުގެ ރައްޔިތުންނާއި އެ މީހުންގެ މުދަލަށް އަމާޒުކޮށް އިސްތިޢުމާރީ ވަޒަންވެރިން ދޭ އަނިޔާވެރި ހަމަލާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، އަލްމުޣައްޔިރު އަވަށަށް އިސްރާއީލުން ދޭ ހަމަލާތައް ވަނީ ތަކުރާރުވެފަ އެވެ. 2023 އޮކްޓޫބަރުގައި ޣައްޒާގައި އިސްރާއީލު ސިފައިން ގަތުލުއާންމެއް ފެށި ފަހުން، އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނު ރައްޔިތުންނަށް އަމާޒުކޮށް އިސްރާއީލް ސިފައިންނާއި އިސްތިޢުމާރީ ވަޒަންވެރިން ދޭ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











